މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައިވެއެވެ. އޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަންޖެހުމާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ނަމަވެސް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަން އެ މަނިކުފާނުގެ ބަސްފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި ޤައުމުތަކަށް މި ބަލިމަޑުކަމުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމާއި ދިރުން ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.