ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި މއ. ދޭދަރުގޭ އިސްމާޢީލް ފިރާޤު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އިސްމާޢީލް ފިރާޤަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓް އެންޑް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި، ރައީސް ޞާލިޙުުގެ ކޮއްކޯފުޅު، ފާޠިމަތު މުޙައްމަދު ޞާލިޙު (ފާތޭ)ގެ ފިރިކަލުންނެވެ.
އިސްމާޢީލް ފިރާޤު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރަކީ 59 އަހަރެވެ.
އަލްމަރްޙޫމް އިސްމާޢީލް ފިރާޤަކީ، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސެކްރެޓަރީކަމެވެ. އޭގެފަހުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު ކަމާއި، ޕްރޮގްރާމް އެނަލިސްޓްކަން ކުރައްވާފައިވެއެވެ. އޭގެފަހުން ޚިދުމަތް ކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމު އަދާކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
އަލްމަރްޙޫމް އިސްމާޢީލް ފިރާޤުގެ ތިއްބެވީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.
އިސްމާޢީލް ފިރާޤުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައެވެ. ކަށުނަމާދުގައްޔާއި ޖަނާޒާގައި ރައިސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކުވެސް ބައިވެރިވިއެވެ.



advertisment