ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ޕެކެޓާއެކު، އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ 12 ބާވަތެއްގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތަކުގެ ތެރެއިން ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ، ޑިސެންބަރު 22 ވަނަ ދުވަހު އެ މަނިކުފާނު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު: 31/79) އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ރާއްޖެ އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު، އެ ކަން އިޢުލާނުކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ތާރީޚުތަކުން ފެށިގެން، އެ ތަކެތި ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ބައެއް ބާވަތްތައް އެތެރެކުރުން މަނާވާނެ ތާރީޚެއް ކަމުގައި ކަނޑައަޅުއްވާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހެވެ. އަދި އިތުރު ބާވަތްތަކެއް ރާއްޖެއަށް އެތެރެކުރުން، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހާއި، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
1 ޖޫން 2021ގެ ފަހުން ރާއްޖެ އެތެރެކުރުން މަނާތަކެތި
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
2- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
3- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
5- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
6- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
8- 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި
9- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު
1 ޑިސެމްބަރު 2022ގެ ފަހުން ރާއްޖެ އެތެރެކުރުން މަނާތަކެތި
10- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު
11- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި
1 ޑިސެމްބަރު 2023ގެ ފަހުން ރާއްޖެ އެތެރެކުރުން މަނާތަކެތި
12- ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި 1 ލިޓަރަށްވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އެ ކަން އިޢުލާނުކުރައްވާފައި ވަނީ 2019 ވަނަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ. އަދި އެއާއެކު، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭނެއް އެކަށައަޅުއްވައި، ކެބިނެޓުގެ މަޝްވަރާއާއެކު އެ ޕްލޭން ތަންފީޒުކުރުމަށް ނިންމަވާފައެވެ. މި ޕްލޭނަކީ ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދުމަށްފަހު އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment