Support Us

ނުމީހާ

(ކުރު ވާހަކައެއްގެ ތެރެޔަށް ލައި ފޮރުވައިފައިވާ ނަސޭހަތެއް)

ރާއްޖެ ފުށެތިކާލުންގެ އަތްދޮށުގައި އޮތް ދުވަސްތަކުގެ ތެރެއިން ދުވަހެކޭ، އެއްޔެއެކޭ، މާދަމައެކޭ، ދެތިން އަހަރު ފަހެކޭ ތަފާތު ނުވެ ހިގައިދާނޭ ގޮތްތަކެއްވެސް ބަލާ މީހަކަށް ފެނުމަކީ ވެދާނެ ކަމެކެވެ. ބައެއް ޙާލަތްތަކުގައި ވާން ޖެހޭވެސް ކަމެކެވެ. ދިރިއުޅުމާ އަލަށް ކުރިމަތިލާން ނިކުންނަ ބަޔަކަށް މިކަހަލަ ގޮތްގޮތް ފެނުމަކީ ފަހަރުގައި އެމީހުންނަށް ފައިދާހުރި ކަމަކަށްވެސް ވެދާނެއެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ޖުލައި މަހުން 18 ވީ ހޯމަ ދުވަހުގެ އިރު، އިރުމަތީ ފަރާތު އުދަރެހުން ފެނުން ތޮޅިލީ އަނދުން ކުލައިގެ ބޯ ވިލާގަނޑެއްގެ ފުރަގަހުންނެވެ. އެހެން ކަމާއެކު، ހެނދުނުގެ އެ ގަޑީގައި ކޮޓަރިގެ ހުޅަނގު ފަރާތު ފާރަށް އެގަޑީގައި ޢާންމުކޮށް އެޅޭ ރަންކުލައިގެ އައްޔަކީ ދެތިން ދުވަސް ކުރީގެ ހަނދާނެކޭ، މާޒީގެ ހަނދާނެކޭ ބުންޏަސް، އެއީ ދޮގަކަށް ނުވާނެއެވެ. ސޯނާގަޑި ކިތަންމެ ބާރަށް ގޮވިޔަސް، އިހަށް އަދި ނުތެދުވެ އެނދުގައި މަޑުކޮށްލާށޭ، ތި އޮތް ރަޖައިގެ ދަށަށް ތަންކޮޅެއް ރަނގަޅަށް ޖެހިލައިގެން އޮވެ އަދި ކުޑައިރުކޮޅަކު ނިދައިލާށޭ, ޖައްވުގައި ހިފައިފައިވާ ތެތްފިނިކަން ސާޢިދާ ގާތު ބުނަމުން ގެންދާ ކަހަލައެވެ. އެހެން ވިޔަސް، މިއަދަކީ ސާޢިދާޔަށް ހައުދަހައި މުހިންމު ދުވަހެކެވެ. ޙާލަތު މަޖުބޫރު ކުރާތީ ވަޒީފާއެއް ހޯދަން ޖެހިފައިވުމާއި، ދެއަހަރެއްހައި ދުވަސް ކުރީގެ ޢާލަމީ ބަލިމަޑުކަމުގެ ސަބަބުން އައި ޒަމާނުގެ ދަތިކަމަކީ އެ މުހިންމު ކަމުގެ ސަބަބެކެވެ. ބައެއް ފަހަރު ބައެއް ދޮރު ހުޅުވުމާއި، ހުޅުވޭ ދޮރަކުން އަވަހަށް ވަނުމުގެ ހަނި ފުރުޞަތެއް ނަމަވެސް ލިބިއްޖިއްޔާ… އެކަހަލަ މިއަދު ލިބޭނެކަން ޔަޤީން ވުމުގެ ގުރުސް ފެންމަތިވުން މިއަދު އެބައޮތްކަން ޔަޤީންވާތީ، މިއަދަކީ އަވަހަށް އެނދުން ތެދުވުމުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވޭވެސް ދުވަހެކެވެ.

ދިރިއުޅުމަކީ އެހެން މީހުންގެ ތިލަފަތުން ނުކިރައި، އަމިއްލަ ޟަމީރަށް ޖަވާބުދާރީ ވެގެން މިނިވަންކަމާއެކު ހޭދަކުރީމައި އެކަމުގެ  އުފާ ލިބޭ އެއްޗެކޭ އެބުނާ މީހާ އެބުނަނީ ތެދެއް ބާވައެވެ؟

އެނދުން ތެދުވެ، ފާޚާނާޔަށް ވަދެލައި، ކުރަންޖެހޭ ޟަރޫރީ އެކި ކަންކަން ކޮށްލައި ނިންމައިގެން، ވަޒީފާޔަކާ ބެހޭ ފުރަތަމަ ބަސްދީގަތުމާ އެކަށީގެންވާހެން ހީވާ ޒާތުގެ ހެދުމެއްވެސް އަޅައިގެން ސާޢިދާ އޭނާގެ ކޮޓަރިން ނިކުމެއްޖެއެވެ. އަދި ސަޔަކީ އިއްޔެވެސް ލިބުނު އެއްޗެކޭ، މާދަމާވެސް ލިބޭނޭ އެއްޗެއްކަން ޔަޤީނޭ، މިއަދު މިދަނީ ވަރަށް މުހިންމު ތާކަށޭ، އެހެންވީމާ ސައެއް ނުބޯނަމޭ މަންމަ ގާތު ބުނެފައި އޭނާ އެނިކުތީ މަގުމައްޗަށެވެ. މިއަދު ވާރޭގައި ޖެހިދާނެތީ، ޓެކްސީއެއްވެސް ނުލިބިދާނެތީ، އިއްޔެ ގަތް، މަޑުފިޔާތޮށިކުލައިގެ ވިއްސާރަކޯޓެއް ހިފައިގެން، ފެންޖެހުނަސް ހަލާކު ނުވާޒާތުގެ، ލޭރަތްކުލައިގެ ރީތި ފައިވާނަކަށްވެސް އަރައިގެނެވެ. އަދި ކޯޓާ ގުޅޭޒާތުގެ ފިޔާތޮށިކުލައިގެ މަލެއް އޭގެ ފޮތިގަނޑުގައި ޖަހައިފައިހުރި ނަލަނަލަ ކުޑަޔެއްވެސް ހިފައިގެނެވެ.

ސާޢިދާޔަށް ހީވީ ހަމަ ރަނގަޅަށެވެ. މާލޭގައި ދުއްވާ ޓެކްސީތަކުގެ ކަންކަން ހަމަޔަކަށް އަޅުވަން ހަދައިފައި ހުރި ބައެއް ޤަވާޢިދުތަކަށް މިއަދު ކުޑަލުޔެއް ލިބިފައި އޮތް ކަހަލައެވެ. ޓެކްސީތައް އެ ދުއްވަނީ ބަސްދަތުރުގެ އުޞޫލުން، ޑުރައިވަރު ދާން ބޭނުންވާތަން ބުނީމާ އެދިމާޔަށް ދާން ބޭނުން މީހުންގެ ތެރެއިން އެޔަށް އަރަން ކެރުނު ވަރަކަށް މީހުން އަރުވައިގެންނެވެ. މީގެ ދެއަހަރު ކުރީގެ ހަނދާންތަކާއި އިންޒާރުތަކުގެ ބާރު ނެތިއްޖެ ކަހަލައެވެ. މަގުމަތީގައި ފަނަރަވަރަކަށް މިނެޓު މަޑުކުރި އިރުވެސް ސާޢިދާ ބޭނުން ދިމާޔަށް ދާ ”ޓެކްސީބަހަކާ“ ދިމާވާ ގޮތެއް ނުވިއެވެ. އެހެން ކަމާއެކު، އޭނާ ދާން ބޭނުން މިސްރާބަށް ހިނގައިފައި ދާން ނިންމައިފިއެވެ.

މާލޭގެ ބޮޑު މަގެއްގެ މަތިން ހިނގައިފައި ގޮސް ސާޢިދާ އެ ލަނބައިލީ އޭނާގެ މަންޒިލް މަޤްޞޫދު ކަމަށްވާ ޢިމާރާތް ހުންނަ ގޯޅިޔަށެވެ. އޭނާޔަށް އެހިސާބަށް ސަލާމަތުން އެ އާދެވުނީ ވެހެމުން ދިޔަ ހިމަފޮދު ވާރެއިން ހިޔާވުމުގެ އިތުރުން، އެތައް އެތައް ކަމަކުން ސަލާމަތް ވެގެންނެވެ. ދުވާރުތައް މަތީގައި އަތުރައިފައި އެހުންނަ ގާތައް އެކިފަހަރު އެކި ކަންކަމު ނަމުލައިގެން ނަގައި، އަލުން އަތުރައި ހެދުމުގައި ބައެއް މީހުންގެ ކިބައިން އެ ފެންނަ ފަރުވާކުޑަ ކަމުގެ ސަބަބުން، އެކި އުސްމިނުގައި އުފުލިފައި އެހުންނަ ގާތަކުން ގަލެއްގައި އަޅައިނުގަނެއެވެ. އެތަނުން ގަލެއްގައި އަޅައިގެންފައި އަނގަ ވަތަށްލާ ވެއްޓުމުން ސަލާމަތް ވެގެނެވެ. މަގުމަތިން ދުއްވައިފައިދާ އެއްޗިހިން ދެފަރާތަށް ބުރުވަމުން އެ ދާ ފެނުގެ ފައްވާރާތަކުން ރެކެމުންނެވެ. ނަންބަރުބޯޑުގައި އެހުންނަ ނަންބަރުގެ ލޮލަށް ފަސޭހަ ކަމާއި, އެ އެއްޗިހި ދުއްވައިފައިދާ ބާރުމިނާ ދެމެދު ޚާއްޞަ ގުޅުމެއް ވާކަން ފާހަގަކުރަމުންނެވެ.  އަދި އެ ބާވަތުގެ އެއްޗިހި ދުއްވަން ތިބޭ މީހުން އެހެން މީހުންގެ މަޞްލަޙަތަށް ނުބެލުމަކީ ނުލިޔެވި އޮންނަ ހަމައެއް ކަމަށް ބަލަމުންމެއެވެ. ވިއްސާރަކޯޓަކުން ދަފަރާކޮށްދޭނީ ވާރޭ ފެންކަން ދަންނާތީ، ބޯމަތިން ބައެއް ފަހަރު އަންނަ ހުސް ދަޅާއި ފުޅިޔާއި ޕެކެޓާއި ސިނިގިރޭޓު ބުރިބުރިން ޙިމާޔަތްވާން ބޯމައްޗަށް ނެގި ކުޑަޔަށް ޝުކުރުވެރިވެސް ވަމުންނެވެ.

ދުނިޔެއަކީވެސް އެކަހަލަ އެއްޗެކެވެ. އަރައިގެންދާ ސަވާރީގެ އުސްމިނުން ތިރިބަލައިލަން ނުރުހޭ މީހުންނަކީ އަބަދުވެސް އުޅުނު ބައެކެވެ. ތިމާ ބުއި ކުރުނބާގެ އުނބުގަނޑު އެއްލައިލާއިރު އަނެކާގެ ބޮލަށް ނުބެލުމަކީވެސް ބައެއް ކަހަލަ މީހުންގެ އާދަކާދައިގައި ހިމެނޭ ކަމެކެވެ. އަނެކާގެ ޢައިބަށް އެންމެ ފުރަތަމަ އިނގިލި ދިއްކުރާނީވެސް އެބާވަތުގެ މީހުން ކަމަށް ވުމަކީވެސް ފަހުގެ އެކަނި ކަމެއް ނޫނެވެ.

ސާޢިދާ ޢިމާރާތާ އަރައި ހަމަކޮށް، އެތަނުގެ ބޭރު ދޮރުން އެތެރެޔަށް ވަންއިރު އޭނާޔާ އެކީގައި ކަހަލަ ގޮތަކަށް ދެވަންފުރައިގެ ފިރިހެނަކު އެތަނަށް ވަންކަން އޭނާޔަށް ފާހަގަކުރެވުނެވެ. އަދި، އެހެންކަމާއެކު، މީހުންނާއި ނުމީހުން ވަކިކޮށް ދެނެގަންނަން އޭނާ ގެންގުޅޭ މިންގަނޑުން އެ މީހާ ކިރައިލިއެވެ.

އެ މީހާ އެންމެ ބޭރުން ލައިގެން ހުރީ އޭގެ ދިހަވަރަކަށް އަހަރު ކުރީގައި އަގު ބޮޑުކަމަށް ބުނެވުނަސް، މިހައިރު ވަރަށް ބައުވެފައިވާ ވިއްސާރަކޯޓެެކެވެ. ގެރިހަމުން ހަދައި، ލެދަރުފާލީހުން ފާލީސް ކޮށް އޮފުކުރީމައި ފެންނަ ނުވަންނަ ގޮތް ހަދައިފައި ހުންނަ ޒާތުގެ، ގަދަ މުށިކުލައިގެ ކޯޓެކެވެ. އެ މީހާ އަރައިގެން ހުރި ބޫޓަކީވެސް ހަމަ އެހައި ދުވަސްވީ، ހަމަ އެގިންތީގެ ބައު ބޫޓެކެވެ. މި ދެކަންތަކަށް ބަލައިފައި، ސާޢިދާ ނިންމީ އެ މީހާޔަކީ މުހިންމު މީހެއް ނޫން ކަމަށެވެ. ނުމީހެއް ކަމަށެވެ. އެހެންކަމާއެކު ސާޢިދާގެ އަހުމިއްޔަތުގެ ނަޒަރުން އެ މީހާ ފޮހެލައިފިއެވެ.

ވަކި ބާވަތަކުން ހެދުން އަޅައި، ވަކި ބާވަތެއްގެ މަވަންތަ ކަމެއް ފައުޅުކޮށްގެން، ހެދުމުގެ ދާވަނި ބިންމަތީގައި ދަމަމުން ހިނގައި އުޅުނު މީހުންގެ ވާހަކަޔަކީވެސް ފަހުޒަމާނުގެ ވާހަކައެއް ނޫނެވެ.

ސާޢިދާގެ އަހުމިއްޔަތުގެ ނަޒަރުން އެ މީހާ ފޮހެލެވުނީ ހަމަ ކުޑަ އިރުކޮޅަކަށެވެ. ސާޢިދާ ދާން ޖެހެނީ ޢިމާރާތުގެ ފަސްވަނަ ބުރިޔަށް ކަމަށް ވުމާއެކު، އޭނާ އެތަނުގައި ހުރި ލިފްޓާއި ދިމާޔަށް އޭނާ ހިނގައިގެންފިއެވެ. ސާޢިދާޔަށް މީހަކަށްނުވި މީހާވެސް ހަމަ އެ ލިފްޓަށް އަރަން އުޅޭގޮތް ދައްކައިލައިފައި އެ ދިމާޔަށް ހިނގައިގެންފި އެވެ.

ސާޢިދާ އާއި އެ މީހާޔާ ދެ މީހުންނަށްމެ ލިފްޓާ ހަމަޔަށް ދެވުނީ އެކުއެކީގައެވެ. ލިފްޓު ތިރިޔަށް ގެންނަން އެދޭ ފިތަށް އޮބައިލީވެސް އެ މީހާއެވެ. ކަން އަދި އެހެން އޮތަސް، އޭނާޔާ އެކު ލިފްޓަށް އަރާކަށް ސާޢިދާ ބޭނުމެއް ނުވިއެވެ. ނުމީހަކާ އެއްހަމައިގައި އެހައި ކުޑަ އިރުކޮޅަކުވެސް މަޑުނުކުރާން ވެގެނެވެ.

”އޭ، ކަލޭ އިހަށް މަޑުކުރޭ! އަހަރެން މިދަނީ ވަރަށް މުހިންމު ބައްދަލުވުމަކަށް. ކަލޭ މަޑުކުރޭ ދެން ފަހަރަކަށް!“ ސާޢިދާ  ވަރަށް އަމުރުވެރި ޒާތަކަށް މިހެން ބުނެފައި ކުރިޔަށް ދެމިގަތެވެ. އަދި ލިފްޓަށް އަރަފިއެވެ. އަދި ލިފްޓަށް އަރަން އެއް ފައި ކުރިޔަށް އަޅައަޅައި ހުރި އެއްކަލަ މީހާގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބަށް އޭނާގެ އަތްތިލަ ދިއްކޮށްލިއެވެ. ވަރަށް އަމުރުވެރި ފާޑަކަށެވެ.

ސާޢިދާގެ ކުރިމަތީގައި ހުރި މީހާގެ މޫނުމަތިން ފުރަތަމަ ފެނުނު ޙައިރާން ކަމުގެ ތެރެޔަށް ނަފުރަތުގެ އަސަރެއް ކުޑަކޮށް ފޭދުނުހެންވެސް ހީވިއެވެ. ނަމަވެސް، އެ މީހާ ހަމަ ކުއްލިޔަކަށް ހިނިތުންވެލައިފައި ފަހަތަށް ޖެހިލިއެވެ. ސާޢިދާޔަށް ޔަޤީންވީ، ސާޢީދާޔާ އޭނާޔާ ދެމެދު ހުރި ޙައިޘިއްޔަތުގެ ތަފާތު އޭނާޔަށް ވިސްނިގެން އެކަން ޤަބޫލުކުރުމާކު ފަހަތަށް ޖެހުނީ ކަމެވެ.

”ލައްބަ! ކަމަނާ ވަޑައިގަންނަވާ! އަޅުގަނޑު މަޑުކޮށްލާނަން.“ އެ މީހާ ބުނެލިއެވެ.

މިދެންނެވި ގޮތަށް ފަަހަށް ޖެހިލާ ކޮންމެ މީހަކީ ތިމާޔަށް ވުރެ ދެރަ، ނިކަމެއްޗެއް ކަމަށް ދުށުމަކީ ހައުދަހައި ނުބައި ކަމެކޭ ބުނާ ބައެއް އެދުރުން މިހައިރުވެސް އެބަ އުޅެއެވެ. އެކަމަކު ހެއުލަފާ އެދުރުންގެ ބަސް އަހައިއުޅޭ ޒާތުގެ މީހުން މިހައިރު އުޅުމާއި ނޫޅުމާ ދެމެދު ކުރެވޭ ބަޙުޘަކަށް މިތާކު ޖާގައެއް ނެތެވެ.

ޢިމާރާތުގެ ފަސްވަނަ ބުރީގައި ހުރި، އޭނާ ދާންޖެހޭ ކުންފުނީގެ މައި އޮފީހާ ހަމަޔަށް ސާޢިދާޔަށް ދެވުނުއިރު އޭނާގެ ބަސްދީގަތުން އޮންނަން ކަނޑައެޅިފައިވާ ގަޑިޖެހެން ދިހަވަރަކަށް މިނެޓު އަދި ބާކީ އޮތެވެ. އެހެން ކަމާއެކު، އެ އޮފީހުގެ އިންތިޒާރީ ކޮޓަރިޔަށް އޭނާ ގެންދެވުނެވެ. އަދި އިންތިޒާރުގެ އެ މިނެޓުކޮޅުގެ ސިކުންތުތައް ހިނގާލެއް ލަސްކަމުން ކެތްމަދުވެފައި އިންދައި، އޭނާ ބަލައި ހަމަ އޭނާޔާ ގާތްގަނޑަކަށް އެއް ޢުމުރުގެ ޒުވާން އަންހެންކުއްޖަކު އަތުވެއްޖެއެވެ.

”މިއަދު ސާޢީދާޔާ ބައްދަލު ކުރައްވާނީ ކުންފުނީގެ ހިންގުމާ އިސްކޮށް ޙަވާލުވެވަޑައިގެން އުޅުއްވާ ޑިރެކްޓަރު“ އެ ކުއްޖާ ބުނެލިއެވެ. އަދި ކޮޓަރިޔެއްގެ ދޮރު ހުޅުވައިލައިފައި ސާޢިދާ އެތެރެޔަށް ވަންނަން އަތުން އިޝާރާތް ކޮށްލިއެވެ.

ކޮޓަރީގެ އެތެރެޔަށް ނަޒަރެއް ހިންގައިލުމާއެކު ސާޢިދާޔަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. ބޮޑު ޝޮކެކެވެ. ޙާލަތު މަޖުބޫރު ކުރާތީ ވަޒީފާއެއް ހޯދަން ޖެހިގެން ބަލަބަލައި ހުއްޓައި ލިބުނު ހަނި ފުރުޞަތު އޭނާގެ އަތުން ނުފެންނަ މީހަކު ޖަހައިގެން ކަހަލައެވެ. ޒަމާނުގެ ދަތިކަމާއި ވަޒީފާޔަށް ބޭނުންވެފައި ހުރި ވަރު އޭނާޔަށް މިދުވަސްވަރު ލިބެމުންދާ ނުތަނަވަސްކަން ގުނަކުރަމުން ގެންދިޔަޔަސް، ބައެއް ފަހަރު ބައެއް ދޮރު ހުޅުވުމާއި، އަނެއްބައި ދޮރު ބަންދުކުރުމުގެ އިޚްތިޔާރަކީ އަމިއްލަ އަތުގައިވެސް ބައެއް ފަހަރު އޮންނަ އެއްޗެއްކަން އެ ވަގުތު އޭނާޔަށް އެނގިގެން ދިޔައެވެ. ހަނި ނަމަވެސް ފުރުޞަތެއް މިއަދު ލިބޭނެކަމަށް ބަލައިގެން ހުއްޓައި، އޭނާ ކުރަމުން ގެންދިޔަ އުންމީދުތައް ވަޔަށް ބުރައިގެން ދިޔަހެން ސާޢިދާޔަށް ހީވިއެވެ. އޭނާގެ މޫނުމައްޗަށް ފިނިފިނި ހިމަފޮދު ކެރިކޮޅެއް ވެހެން ފެށިހެންވެސް ހީވިއެވެ.

އެހެން ނުވާނީ ކީއްވެތޯއެވެ؟ ކޮޓަރީގެ މެދެއްހައި ތާނގައި އެ ހުރި، ހައިބަތުން ފުރިގެންވާ މޭޒުގެ އަނެއް ފަރާތުގައި އެ އިނީ.. ނޫން، ވަޑައިގެން އެ އިންނެވީ.. .. ހަމަ އޭގެ މިނެޓުކޮޅެއް ކުރިން އެމީހާޔާ ދިމާޔަށް ކަލޭ އިހަށް މަޑުކުރާށޭ  އޭނާ ބުނި ”ނުމީހާ“ އެވެ!