Support Us

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން... -ފޮޓޯ: ރައީސް އޮފީސް

ދެ ގާނޫނަކަށް އިޞްލާޙު ގެނައުމުގެ ދެ ބިލެއް ތަޞްދީޤުކުރައްވައިފި

ދެ ގާނޫނަކަށް އިޞްލާޙު ގެނައުމުގެ ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.

މިއަދު ތަސްދީގު ކުރެއްވި ދެ ބިލަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2006/2) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) އަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާރކެޓް ފުޅާކުރުމަށްޓަކައި، މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެ ފަދަ އައު ވަސީލަތްތަކަކީ މާރކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުޞަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ޙާލަތުގައި އެ ފަދަ ކަންކަން މާރކެޓަށް ތަޢާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. އަދި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުން ހުރި ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މަޢުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އަދި އެ ކަންކަމާމެދު ޢާންމުން އަހުލުވެރިކުރުވުން ވެސް، އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ހަމަ އެއާއެކު، މި ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ސަރުކާރުގެ ސެކިއުރިޓީޒްއާގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސްފައެވެ. މީގެ އިތުރުން، ހިއްސާގެ ބާޒާރެއް ޤާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން ޢަމަލުކުރުމަށް ޤާނޫނީ ގޮތުން ހުއްދަކުރާގޮތް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގައި ސްޓޮކް އެކްސްޗޭންޖް ޤާއިމްކޮށް ހިންގަންވާނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި މި އިޞްލާޙުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ކަނޑައެޅުމާއި ތަންފީޛުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މަޢުލޫމާތުތައް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރާ ޤަވާޢިދު ހަދަން ވާނީ މި ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި އިޞްލާޙާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މާއްދާތަކާ ތަޢާރުޟުވާ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން މި ޤާނޫނާއި މި ޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ދެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، އެ ދެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައި ޢަމަލުކުރައްވަން ފައްޓަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *