Support Us

ހީވާގި ހުނަރުވެރީންނޭވެ! ސަމާލު ވާށެވެ!

މިދަނޑިވަޅުގައި އާ ވަޒީފާޔަކާ ނުވަތަ މަސައްކަތަކާ ކުރިމަތިލާން ޤަޞްދުކުރާ ހީވާގި ހުނަރުވެރީންނަށް

މި ދުވަސްވަރު މިއީ ރާއްޖެޔަށާއި މުޅި ދުނިޔެއަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ކޯވިޑު-19 ގެ ސަބަބުން ކުރިމަތިވެފައިވާ ޞިއްޙީ ކާރިޘާގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އިންސާނީ ނަސްލަށް ކުރިމަތިވެފައިވާ ހައިހޫނުކަމާއި ހިތްދަތިކަމާއި، އިހު އުޅުނު ތަނަވަސްކަން ގެއްލުމުގެ ވޭނާއި އުދާސް، ދުނިޔޭގެ އެކި ހިސާބުގައި އުޅޭ އެކި މީހުންނަށް އެކި ވަރަށް ނަމަވެސް ކުރިމަތިވަމުންދާ ދުވަސްވަރެކެވެ. އެހެންކަމާއެކު، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިދެންނެވި ކަންކަމުގެ ކެކުޅުންތަކާ ކުރިމަތިލާން ޖެހިފައި މިވަނީ ހަމަ ގާތްގަނޑަކަށް އެންމެނަށެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ކޯވިޑު-19 ގެ ސަބަބުން އިޤްތިޞާދީ ގޮތުން ދަތިވެފައިވާ، އަދި ދުވަހެއް ދުވަހަކަށް ދަތިވަމުންދާ އެއް ބަޔަކީ، މިކާރިޘާ އަޅުގަނޑުމެންނާ ހަމަ ކުރިމަތިވުމާއެކު އެބައެއްގެ ވަޒީފާތައް ގެއްލުނު މީހުންނެވެ. ލިބޭ އުޖޫރަޔަކުން ދިރިއުޅުމުގެ އެންމެހައި ޟަރޫރަތްތައް މަހުން މަހަށް ހިމަ ކިރިޔާ ފުދޭ ވަރުން އުޅެމުން ގޮސްގޮސް ތިއްބައި، އެ އުޖޫރައިންވެސް މަޙުރޫމުވީ މީހުންނެވެ. އިޤްތިޞާދުގެ އެކި ދާއިރާޔަށް އަމިއްލަ މިނިވަންކަމާއެކު ނިކުމެ، މަސައްކަތް ހޯދައިގެން، އެ މަސައްކަތްތައް ކުރީމައި އެ ލިބޭ އެއްޗަކުން ހަމަޖެހިލައިގެން އުޅުނު މީހުންނެވެ. ރިސޯޓުތަކުގައި ނުލާހިކު މުރާލިކަމާއި އަމާނާތްތެރިކަމާއެކު އެކި ބާވަތްބާވަތްތަކުގެ ވަޒީފާ އަދާކުރަމުން ގެންދިޔަ މީހުންނެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދައިގެން އުޅުނު ރާނާ މީހުންނާއި ވަޑީންނެވެ. ކޮމްޕިޔުޓަރަށް ދިމާވާ އެކި މައްސަލަ ޙައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދީގެން އުޅުނު މީހުންނާއި، ކުރެހުންތެރީންނާއި، މުނިފޫހިފިލުވައިދިނުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅުނު މީހުންނެވެ. އަމިއްލަ ގޮތުން ކިޔަވައިދޭން ގޭގެޔަށް ހިނގައިއުޅުނު މީހުންނާއި އެދުރުންނެވެ. ފަހާ މީހުންނާއި ގެވެހި ސާމާނު މަރާމާތު ކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދިޔަ މީހުންނެވެ. ޖުމުލަ ގޮތެއްގައި ދަންނަވާނަމަ، ވާރުތަ ވެގެން، ނުވަތަ ސިޔާސީ ގޮތުން ގުޅިގެން، ނުވަތަ އެހެންވެސް ގޮތަކުން ޚާއްޞަކަމެއް ލިބިފައިވާތީ، މާލީ ބޮޑެތި ވިލާގަނޑުގަނޑުގެ މަތީގައި އުދުހުމުގެ ފުރުޞަތު ލިބިފައި ނުވާ، ހިންމަތާއި މިންނަތުން ތަފާތު އެކި ހުނަރުތައް ލިބިގަނެގެން، އެހުނަރު ތައް ވިއްކައިގެން ދިރިއުޅެމުން ގެންދިޔަ މީހުންނެވެ. އެޔަށް ވުރެވެސް ކުރުކޮށް ދަންނަވާނަމަ، ހީވާގި ހުނަރުވެރީންނެވެ.

ކޯވިޑު-19 ގެ އާފަތް އަޅުގަނޑުމެންނާ ކުރިމަތިވުމާ ގުޅިގެން، އަޅުގަނޑު މި ދެންނެވި ހީވާގި ހުނަރުވެރީންކުރެ ބައެއް މީހުން ވަރަށް ދަތި ޙާލުގައި އުޅެން ޖެހުނެވެ. އަދި ބައެއް މީހުން އަދިވެސް އެ ޙާލުގައި އުޅެމުން ގެންދާކަންވެސް އަޅުގަނޑަށް އެނގެއެވެ. ވަރަށް ގާތުންވެސް ފެންނަމުން އެބަ ދެއެވެ. ދިރިއުޅުމުގެ ޞަރޫރީ ބޭނުންތައް ކިރިޔާ ފުދެމުން، ނުފުދެމުން ދާތަންވެސް އެބަ ފެނެއެވެ. ކެތްތެރި، ހިތްތިރި، މިންވަރަށް އީމާންވާ ޒާތުގެ މީހުންނަށް ދިމާވާ ދަތިތައް ޢާންމުންގެ ކުރިމައްޗަށް ނުނެރެ، ކޮންމެވެސް ގޮތަކުން ފުއްދައިލެވޭތޯ ބަލަމުން ގެންދާ ޢިއްޒަތްތެރި މުރުއްވަތްތެރީންގެ ޢާއިލާތައް އަޅުގަނޑު ދަންނަމެވެ. އިހު ލިބި އުޅުނު ’އަގުމާތްވި ކާނާ، ބަނާނާ، ބަޓަރު ޖެހި ޕާނާ‘ ކޮންމެ ދުވަހަކު ނުލިބުނީމައި، ގެޔަށް ފައިސާ ފޮތި ވައްދައި އުޅޭ މީހާ އުލުބައިންދާ ޡާލިމުން އުޅޭ ތަންތަންވެސް އަޅުގަނޑަށް ފެންނަމުން އެބަދެއެވެ. މިކަހަލަ ޙާލެއްގައި އަޅުގަނޑުމެން އުޅެއުޅެ ތިއްބައި، ދެން މިހައިރު އަޅުގަނޑުމެންނަށް އަޑުއަހައިލާން މި ލިބެނީ، ނޫސްތަކުންވެސް ފެންނަނީ، ދެންމެ މި ދެންނެވި ދަތިތަކުން ދެން ވަރަށް އަވަހަށް އަރައިގަނެވިދާނެޔޭ ބުނާ ކަހަލަ އަޑު ތަކެކެވެ. ވަކީން ޚާއްޞަކޮށް، އެކި ކަހަލަ މަސައްކަތް ކޮށްގެން އެކަށީގެންވާ އުޖޫރަޔެއް ލިބިދާނޭ ކަހަލަ ފުރުޞަތުތަކެއް އެބަހުއްޓޭ، އަވަހަށް ކުރިމަތިލާށޭ، ވަރަށް ރަނގަޅުވާނެޔޭ، ފޮޅުވަތްތަކުގައްޔާއި ދެ ފޮޅުވަތް ދޭތެރޭގައި ލިޔެވިފައި ހުންނަހެން ހީވާ އިޢުލާނުތަކެވެ. ހީވާގި ހުނަރުވެރީން އެ ދިމަދިމާޔަށް ޝައުޤުވެރިކަމާއި އުފަލާއެކު ފުންމައިގެން ދާނެ ކަހަލަ ހުށައެޅުންތަކެވެ.

މިހިސާބުން އަޅުގަނޑުގެ މި ލިޔުމުގެ ބަހުރުވަ ބަދަލުކޮށްލާނަމެވެ. ލިޔުން އަތުރައިލާ ގޮތްވެސް ބަދަލުކޮށްލާނަމެވެ. ޢާންމުކޮށް އަޅުގަނޑުގެ ލިޔުންތަކުން ފެނިވަޑައިގަންނަވާ ’އާދެވަޑައިގަންނަވަން‘ ދޫކޮށްލައި، އެޔަށްވުރެ ’އާދައިގެ‘ ފެންވަރަކަށް އަނބުރައިލާނަމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުރިޔަށް ގެންދަވާށެވެ.

ހީވާގި ހުނަރުވެރީންނޭވެ! ސަމާލު ވާށެވެ! މަތީގައި މިބުނި ޒާތުގެ، ހީވާގި ހުނަރުވެރީން އެ ދިމަދިމާޔަށް ޝައުޤުވެރިކަމާއި އުފަލާއެކު ފުންމައިގެން ދާނެ  ގޮތަށް ފެންނަ ކޮންމެ ހުވަފެނަކީ ޙަޤީޤަތަކަށް ނުވެ ހިނގައިދާނެއެވެ. އެގޮތަށް ދައްކާ ބައެއް ހުވަފެނަކީ ދަހި އައިނެއްގައި ދުވާ ފަލަ ގޮދާ ބާނަން އެއްލާ ހުސްބުޅިޔަށްވެސް ވެދާނެއެވެ. އެހެންކަމާއެކު، އަހަރެން ތިރީގައި މި ދައްކާ ވާހަކަތަކަށް ކުޑަކޮށް ނަމަވެސް ނަޒަރު ހިންގައިލާށެވެ.

ހީވާގި ހުނަރުވެރީންނޭވެ! ސަމާލު ވާށެވެ! ކޯވިޑު-19 ގެ ސަބަބުން އިޤްތިޞާދީ ގޮތުން ދަތިވެފައިވާ އެންމެނަށް މަސައްކަތް ހޯދައިދީ، އުފެއްދުންތެރިކަން ކުރިއަރުވައިދީ، އުފާވެރިކަން ރުޖޫޢަ ކޮށްދީ، މިޒާތުގެ އުންމީދީ އެތައް ކަމެއް ޙާޞިލް ކޮށްދިނުމުގެ ނަމުގައި އެކި ފާޑުފާޑުގެ ވަޒީފާތަކާއި މަސައްކަތްތައް ލިބެން އެބަހުއްޓޭ، އަވަހަށް އަންނާށޭ ގޮވާ ލިޔުންތައް އަހަރުމެންގެ އެކި ނޫސް މަޖައްލާތަކުންނާއި އިންޓަނެޓުގެ އެކި ޖަގަހަތަކުން ފެންނަން ފަށައިފިއެވެ. މީގެ ތެރެއިން ބައެއް ދަޢުވަތުތަކަކީ ބާވަތުން ޞައްޙަ، ނިޔަތުގައި ތެދުވެރި، އުންމީދުގައި އަމާނާތްތެރި ދަޢުވަތުތަކެއްކަން ކަށަވަރެވެ. އެހެންނަމަވެސް، ހަމަ އެގޮތަށް ފެންނަ  ބައެއް ހުށައެޅުންތަކަކީ އެހައި މަޤްޞަދު ހެޔޮ ހުށައެޅުންތަކަކަށް ނުވެވެސް ހިނގައިދާނެކަން އަހަރުމެން ދަންނަން ވާނެއެވެ. ވަކީން ޚާއްޞަކޮށް، ކަންކަމަށް ނާޤާބިލް، ނުވަތަ ކަންނެތް، ނުވަތަ ކަންފަސޭހަ، ނުވަތަ ތަޖުރިބާއެއް ނެތް، ނުވަތަ ކަރުދާހު ސަނަދަކުން އެކަނި ތަޢުލީމު ލިބިގެން ތިބި،  ނުވަތަ ދެންވެސް އެކި ގޮތްގޮތުން އެ މީސްމީހުންގެ ޢަމަލީ ފޯރުންތެރިކަމާ ނުބައްދަލު އެކި މަސްއޫލިއްޔަތާއި މަސައްކަތް އެ ބަޔަކާ ޙަވާލުކުރެވުނީމާ، ލަދެއް ބޮލުގައި ނުއަޅައި ސަލާމަތްވާން ބަޔަކު ކުރާ މަސައްކަތެއްގެ ތެރެއިން ޖަހާ މަޅިތަކަކަށްވެސް ވެދާނެއެވެ. ކަންކަމަށް ޤާބިލް، ނުވަތަ މުރާލި، ނުވަތަ ފަރުވާތެރި، ނުވަތަ ތަޖުރިބާ ހުރި، ނުވަތަ ކަރުދާހު ސަނަދުގައި އެ ބުނާ  ތަޢުލީމު ތިމާމެންނަށް ލިބިގެންވާކަން އެމީހުން ކުރާ މަސައްކަތުން ސާބިތު ކޮށްދެވޭ،  ނުވަތަ ދެންވެސް އެކި ގޮތްގޮތުން އެ މީސްމީހުންގެ ޢަމަލީ ފޯރުންތެރިކަން ހުރި އެތައް ބައެއް، އުޖޫރަޔެއް ނުލިބި މަގުމަތިވެފައިވާކަން އެނގޭތީ، އެބަޔެއްގެ ނާޖާއިޒު ބޭނުން ހިފަން ކުރިން މިދެންނެވި ޒާތުގެ މީހުން ޖަހާ މަޅިތަކަކަށްވެސް ވެދާނެއެވެ.

ހީވާގި ހުނަރުވެރީންނޭވެ! ސަމާލު ވާށެވެ! އެކަހަލަ މަޅިތަކުގައި ނުބެދި ވޭތޯ ބަލާށެވެ. މިނިވަންކަމާއި އަމިއްލަ ނަފުސަށް ކުރާ އިޙްތިރާމް ނަގައިނުލާށެވެ. މިނިވަންކަމުގެ ހިކި ރޮށިކޮޅުގެ ވާހަކަ އަހަމު ނޫންހެވެ؟

ދެން އެންމެ ރަނގަޅެވެ. އެކަހަލަ މަޅިތަކުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަމަކީ ކޮބައިހެވެ؟ މިސުވާލަށް ދެވިދާނެ ޖަވާބުގެ މުހިންމު ބައިތަކެއް ތިރީގައި، ލިސްޓެއްގެ ސިފައިގައި، ބަޔާންކޮށްލާނަމަވެ:-

ވަޒީފާޔާ ބެހޭ އިޢުލާނު ވަރަށް ރަނގަޅަށް ކިޔުން:

އިޢުލާނު ކުރެވިފައިވާ ވަޒީފާޔަކަށް ކުރިމަތިލާނަމަ، އެ ވަޒީފާޔާ ބެހޭ އިޢުލާނު ވަރަށް ރަނގަޅަށް ކިޔާށެވެ. އެންމެ ފުރަތަމަ، އިޢުލާނު ކޮށްފައި އެ އޮތީ ވަޒީފާއެއްތޯ، ނުވަތަ ވަޒީފާއެއްގެ ނަމުގައި މަސައްކަތެއްތޯ ބަލައި ކަށަވަރުކުރާށެވެ. ވަޒީފާއެއް ވިއްޔާ، ވަޒީފާގެ މަޤާމުގެ ނަމާއި، ވަޒީފާގެ މަސްއޫލިއްޔަތު ތަކާއި، މަހުން މަހަށް ލިބޭނެ މުސާރަޔާއި، ލިބޭނޭ އެހެން ޢިނާޔަތްތަކާއި، މިހުރިހައި އެއްޗެއް ވަރަށް ސާފުކޮށް ބަޔާންކުރެވިފައި އޮންނަން ވާނެއެވެ. އެ ނޫން ގޮތަކަށް، މިއީ ވަޒީފާއެކޭ އިޢުލާނުގައި ލިޔެފައި އޮތަސް، މިދެންނެވި ބައިތައް ހަމަނުކޮށް، އިޢުލާނު ކޮށްފައި އޮތީ އެއްބަސްވުމެއްގެ ދަށުން ޙަވާލުކުރާ  މަސައްކަތެއް ކަމަށްވަންޏާ، އިހަށް މަޑުކޮށްލާށެވެ. މަސައްކަތް ޙަވާލުކުރާ ފަރާތް ހިތްހަމަޖެހޭ ފެންވަރަށް އެ މަސައްކަތް އޮތީ ނިމިފައޭ ކިޔައިފައި ލިޔުމެއް ދިނީމާ އެލިޔުމެއް ހިފައިގެން އެތައް ދުވަހަކު ހިނގާ ފަހުން އެއްޗެއް ދިނުން އެއީ ވަޒީފާއެއް ދިނުމެއް ނޫނެވެ. ނުވަތަ އެތައް ދުވަހަކު ގަނަތެޅިގެން ކޮށްފައި ދައްކާ މަސައްކަތުގެ މޭވާ ވަކި ބަޔަކު ކައިފައި، އެކަމަކު މަސައްކަތާ މެދު ހިތެއް ހަމައެއް ނުޖެހެޔޭ ކިޔައިފައި އެއްވެސް އެއްޗެއް ނުދޭ ގޮތަށް ނިންމީމައި، ދެން މާނަ ހުރި ގޮތެއްގައި ދާނެ ތަނެއްވެސް ނެތޭގޮތަށް އޮތުން އެއީ ވަޒީފާއެއް ނޫނެވެ. މަސައްކަތެކެވެ. އެ މަސައްކަތަކީ ކޮންމެވެސް ވަރެއްގެ ދާއިމީ ކަމަކާއި ގަރަންޓީއެއް އެކުލެވޭ ގޮތަށް އޮތް ވަޒީފާއެއްގެ ގޮތުގައި އިޢުލާނު ކުރުމަކީ ކޮންމެވެސް ވަރެއްގެ އޮޅުވައިލުމެކެވެ. ހީވާގި ހުނަރުވެރީންނަށް ދުނިޔެ ރައްކާތެރިވާނީ އެ ކަހަލަ ކަަންކަމާ ކުރިމަތިލުމަށްވުރެ ކުރިމަތި ނުލިއްޔާއެވެ.

އިނގިރޭސި ބަހުން ’ޑިޔު ޑިލިޖެންސް‘ އޭ ކިޔާ މަސައްކަތް ކުރުން:

ވަޒީފާ އިޢުލާނު ކުރި އޮފީސް، މުއައްސަސާ، ޖަމުޢިއްޔާ، ނުވަތަ ކުންފުންޏަކީ ޤަވާޢިދުން ރަޖިސްޓަރީ ކުރެވިގެން ހިނގާ ތަނެއްތޯ ބެލުމަކީވެސް މި ދުވަސްވަރު ވަކީން ޚާއްޞަ ކޮށް، އަދި ޢާންމު ކޮށް އަބަދުވެސް، ކޮންމެހެން ކުރަން ފެންނަ ކަމެކެވެ. އަދި އިޢުލާނު ކޮށްފައިވަނީ ހަމަ އެ ފަރާތުންތޯ ނުވަތަ އެ ފަރާތަށް ހެދިގެން އުޅޭ  ’ފޭކު‘ އެހެން ފަރާތަކުންތޯ ވެސް ބަލައިލާށެވެ. އަދި، މިބުނި ދެ ޓެސްޓުން ފާސްވާ ފަރާތެއްގެ ފަސްމަންޒަރުގެ ހާމަކަމާއި، ފަސްބައިގެ ސާފުތާހިރުކަމަށްވެސް ނަޒަރު ހިންގައިލާށެވެ. މީގެ ކުރިން އެ ފަރާތުގެ ވަޒީފާގައި އުޅެފައި ތިބި މީސްމީހުން، ނުވަތަ އެ ތަނަށް މަސައްކަތެއް ކޮށްދީފައިވާ މީހުން އެތަން ދެކޭ ގޮތް ބަަލައިލުންވެސް މުހިންމެވެ. ވަޒީފާޔަށް އެދޭ މީހުން ޕޮލިސް ރިޕޯޓު ހުށައަޅަށް ވަޒީފާ ދޭ ބައެއް ފަރާތްތަކުން އެދޭ ފަދައިން، ވަޒީފާ ދޭ ފަރާތުގެ ޕޮލިސް ރިޕޯޓަކަށް ޢާންމު ރައްޔިތަކަށް އަދި އެދެވެން ނެތަސް، އެ ރިޕޯޓުގައި އެހުންނަ ދާއިރާތަކަށް ބަލައިލައި، ވަޒީފާ ދޭ ފަރާތުގެ މާޒީ އޮތީ ކިހިނެއްތޯ ނުރަސްމީ ދުރުމިޔަކުންވެސް ބަލައިލެވިދާނެއެވެ. އެޔަށް ފަހު، މި ބުނި ކަންކަމަށް ބަލައިލާއިރު، ވަޒީފާ އިޢުލާނުކުރާ ފަރާތާ މެދު ހިތްހަމަ ނުޖެހޭ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، އެފަރާތުގެ ވަޒީފާޔަކަށް ކުރިމަތިލުމަށްވުރެ ރައްކާތެރިވާނީ ކުރިމަތި ނުލިއްޔާއެވެ. ހީވާގި ހުނަރުވެރީން ކުރާނެ ފައިދާ ހުރި އެހެން ކަންކަން ހުންނާނެއެވެ.

މިސާލެއް: ތިހިރީ ވަޒީފާޔަށް ހޮވިފައޭ ބުނެފައި، ވަޒީފާ ދިނުމުގެ އިޖުރާއާތު އަވަސްއަރައިގަނެގެން ނިންމައިލަން އުޅުމުގެ ވާހަކައެއް!

ދާދި ފަހުން އަހަރެންގެ ރައްޓެއްސަކަށް ދިމާވި ކަމެކެވެ. އޭނާޔަށް ފެނުނީ ކޮންމެވެސް ފަރާތަކުން ހިންގާ މަޝްރޫޢަކަށް ބޭނުންވާ، އެކި ކުރެހުން ތައްޔާރު ކޮށްދޭނޭ މީހަކު ވަގުތީ ވަޒީފާޔަކަށް ހޯދަން އިންޓަނެޓުގެ އޮޅިޔެއްގައި އިޢުލާނު ކޮށްފައި އޮއްވައެވެ. ވަޒީފާގެ ނަމަކަށް އޮތީ ’ކުރެހުންތެރިޔެއްގެ ވަޒީފާ‘ މިހެނެވެ. އެހެން ކަމާއެކު، މި ބުނާ މީހާ އެވަޒީފާޔަށް އެދޭކަމުގެ ލިޔުން އިންޓަނެޓުގެ ހަމަ އެ އޮޅިން އެ ބުނާ ތާކަށް ފޮނުވައިލައިފިއެވެ.

އަހަރެން މިބުނާ މީހާޔަކީ ކުރެހުންތެރިޔަކަށް ވުމުގެ އިތުރުން ކުޅަދާނަ ވަޑިޔެކެވެ. ވައިރު ކުރުމުގެ ހުއްދަވެސް އޮންނަ މީހެކެވެ. އަދި އެއްދުވަސްވަރެއްގައި މާލޭގެ ޓިޔުޝަން ކުލާހެއްގައި ކިޔަވައިދޭންވެސް އުޅުނު މީހެކެވެ. އަދި އޭގެ އިތުރުންވެސް އެކި ފަންނަށް ކުޅަދާނަ ތަޖުރިބާކާރެކެވެ. އެހެންކަމާއެކު، ވަޒީފާ އޭނާޔަށް ލިބޭނޭކަމުގެ ޔަޤީންކަން އޭނާޔަށް އޮތެވެ. ކަންވީވެސް އޭނާ ހީކުރި ގޮތަށެވެ. ވަޒީފާ ދޭ ފަރާތުން އޭނާޔާ ގުޅައިފިއެވެ. އަދި ވަޒީފާޔާ ބެހޭ ބަސްދީގަތުމަކަށް، އެމީހުންގެ ބަހުރުވައިންނަމަ ފައިނަލް އިންޓަރވިޔުއަށް، ކިޔައިފިއެވެ.

ބަސްދީގަތުން އޮތީ ގޫގްލް މީޓް މެދުވެރިކޮށެވެ. ވަޒީފާ ދޭ ފަރާތުން ބައިވެރިވީ ދެތިން ހަތަރު ފަސް ޒުވާނުންނެވެ. އެ މީހުން ބުނި ގޮތުގައި ކުރަން ޖެހޭ މަސައްކަތުގެ ތަފްޞީލު އިޢުލާނުގައި އެ އޮތީއެވެ. އެކަމަކު އެ ބުނާ ތަފްޞީލެއް އިޢުލާނަކު ނެތެވެ. އިޢުލާނުގައި އޮތީ ’އިތުރު ތަފްޞީލު މި ލިންކަށް ފިތައިލީމާއި ލިބޭނެ‘ ކަމަށް ޖަހައިފައި އޮތް ލިންކެކެވެ. އެ ލިންކަށް ފިތައިލީމައި އެ ފެންނަ ލިޔުމުގައި އޮތީ ވަރަށް ބޮޑު މަޝްރޫޢެއްގެ ވާހަކައެވެ. އެ މަޝްރޫޢު ގައި މަސައްކަތްކުރާ މީހަކު ނުވަތަ ބަޔަކު، ކުރެހުންތެރިޔަކަށް ކުރަން ނޭނގޭނެ ކަހަލަ އެތައް ކަމެއް ކުރަން ޖެހޭނެ ވާހަކައެވެ. ކުރެހުންތެރިޔާ ވަކިން ކުރަން ޖެހޭނެ މަސައްކަތެއްގެ ތަފްޞީލެއް ނެތެވެ. މި ވާހަކަ އެމީހުން ގާތު ބުނުމުން، ކުރެހުންތެރިޔާގެ ވަޒީފާގައި ހުންނަ މީހަކު އެ މަޝްރޫޢުގެ ތެރެއިން ކުރަންޖެހޭނެ ކަންކަން ކުރާނެ މަސައްކަތުގެ ތަފްޞީލު އީ މެއިލް މެދުވެރިކޮަށް ފޮނުވާނެ ވާހަކަ ބުންޏެވެ.

މަސައްކަތުގެ އުޖޫރަޔަކަށް ދެވެން އޮތީ ސާޅީސް ހާސް ރުފިޔާ ކަމާއި، ފުރަތަމަ ވަޒީފާ ދޭނީ ހަތަރު މަހުގެ މުއްދަތަށް ކަމާއި، އެހެންވީމާ، މަހަކަށް ޖެހޭނީ ދިހަހާސް ރުފިޔާ ކަމަށްވެސް އެ މީހުން ބުނެދިނެވެ. އެކަމަކު، މަސައްކަތުގެ ފެންވަރަށް ބަލައިފައި މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އެބަ އޮތް ކަމަށްވެސް ބުންޏެވެ. މަހަކު ދިހަ ހާސް ރުފިޔާޔަށް ދެވޭނީ ދުވާލަކު ގިނަވެގެން ދެ ގަޑި އިރު ކަމަށާއި، ހަފުތާ ބަންދުގައި މަސައްކަތް ނުކުރެވޭނޭ ކަމަށާއި، ރެޔާއި ދުވާލު ތާއަބަދު ’އޮން ކޯލް‘ ގައި ނުހުރެވޭނެކަން އަހަރެންގެ ރަޙުމަތްތެރިޔާ އެ މީހުން ގާތު  ވަރަށް ސާފުކޮށް ބުންޏެވެ. އެ މީހުން އެނާ ބުނި އެއްޗަކާ ދެކޮޅެއް ނަހަދައެވެ. ބޮޑަށް ވައްތަރީ އޭނާ ދެއްކި ވާހަކަ އަޑުއަހަން އެ މީހުންގެ ޝައުޤުވެރިކަމެއް ނެތީމާ އެ ވާހަަކަ ނުއިވުމާއެވެ. އެހެންނަމަވެސް، އަދި ދެ ދުވަސް ފަހުން އަނެއްކާވެސް އަނެއް ބަސްދީގަތުން އޮންނާނެ ވާހަކަ އެމީހުން އޭނާ ގާތު ބުންޏެވެ.

ދެވަނަ ބަސްދީގަތުމުގެ ތާރީޚު އިސާހިތަކު އަރައި ހަމަކޮށްފިއެވެ. ފޮނުވާނެ ކަމަށް ބުނި އީމެއިލް އައީ އެ ދުވަހު އެވެ. އައި އިރު އޭގައި އޮތީ ކުރެހުންތެރިޔާގެ ވަޒީފާގައި ހުންނަ މީހާ އެ ޙައިޘިއްޔަތުން ކުރަން ޖެހޭ ކަންކަމުގެ ތަފްޞީލެއް ނޫނެވެ.  ވަޒީފާޔަށް އޭނާާ ޢައްޔަން ކުރަން ޓީމުން ނިންމި ވާހަކަޔާއި ވީހާވެސް އަވަހަށް ދ.ރ.އ. ކާޑު ގެ ކޮޕީއެއް ފޮނުވުމަށެވެ. އަދި އީމެއިލް އާއެކު ފޮނުވައިވާ ’އެޕޮއިންޓްމަންޓް ލެޓަރ‘ (ވަޒީފާ ޙަވާލު ކުރި ކަމުގެ ސިޓީ) ލިބިއްޖެ ކަމަށް އޭގެ ކޮޕީއެއްގައި ސޮއިކޮށްލައިފައި އެ ދުވަހު އަވަހަށް އަނބުރައި ފޮނުވައިދިނުމަށެވެ.

ކުރިން މި ބުނި އީމެއިލް އަހަރެންގެ ރަޙުމަތްތެރިޔާއަށް ލިބުނީ ބަސްދީގަތުމުގެ ގަޑިޔެއްހައި އިރުގެ ކުރިން ކަމަށް ވިޔަސް، ބައްދަލުވުން ފެށުމުގެ ކުރީން އޭނާ އެ އީމެއިލް ކިޔައިލިއެވެ. އަދި އެ ބުނާ  ’އެޕޮއިންޓްމަންޓް ލެޓަރ‘ވެސް ރަނގަޅަށް ކިޔައިލިއެވެ. އަސްތާ ސަހަރޯއެވެ! ވަޒީފާ ޙަވާލުކުރި ކަމުގެ ސިޓީއަކަށް އެ ލިޔުން ވަނީ ހަމަ އެކަނި ސުރުޚީ ފެށިގެން ސުރުޚީ ނިމޭ ހިސާބަށެވެ. ސުރުޚީގެ ތިރީގައި އެއޮތީ ޤާނޫނީ ބަހުރުވައިން ކަމަށް ކޮންމެވެސް ބަޔަކަށް ޝަރަޙަވާ ބީދަޔަކުން ލިޔެފައިވާ އެއްބަސްވުމެކެވެ. އެއް ފަރާތުން ޙަވާލުކުރާ މަސައްކަތް، އަނެއް ފަރާތުން ކޮށް ނިންމަން ޖެހޭ ގޮތަށް ހަދައިފައި އޮތް އެއްބަސްވުމެކެވެ. މަސައްކަތާ ޙަވާލުވާ ފަރާތުން ރަނގަޅަށް ބަލައިނުލައި އެ ’ސިޓީ‘ ގައި ސޮއި ކުރިޔަސް، އޭނާގެ ފަރާތުން ސޮއިކުރާނޭ ހެއްކެއް ސޮއިކޮށްފައި ނެތަސް، އެއީވެސް އެއްބަސްވުމެކެވެ. ހަމަ ގައިމުވެސް، އެއީ ސިޓީއެއް ނޫނެވެ. އަހަރެންގެ ރަޙުމަތްތެރިޔާއަކީ ގަހުން ކަނޑައިލިގޮތަށް ރޮލައި ހުރި މީހަކަށް ނުވާތީ، މެންކަފާޅައިގައި އެކިދިހަމަތީގައި ނުރަވެސް ހުރީތީ، އޭނާ އަޅަންވީ ފިޔަވަޅު އަޅައިފިއެވެ. އެބުނާ  ’އެޕޮއިންޓްމަންޓް ލެޓަރ‘ ގައި އޭނާ ސޮއިކުރުމުގެ ކުރިން އެޔަށް ގެންނަން ފެންނަ ކަމަށް އޭނާޔަށް ފެންނަ އިޞްލާޙުތައް ގެނެސްފައި، ބަސްދީގަތުން ފަށަން ކަނޑައެޅިފައި އޮތް ވަގުތުގެ ފަސް މިނެޓު ކުރިން އަނބުރައި ފޮނުވައިލައިފިއެވެ.  ދ.ރ.އ.ކާޑުގެ ކޮޕީއަކާ ނުލައެވެ. ދެން އޭނާ ގުޅީ އަހަރެންނާއެވެ. ކަމެއް ހިނގަމުން ދާކަން އަންގައިލައި، އަހަރެންގެ ޚިޔާލެއްވެސް ހޯދައިލުމުގެ ގޮތުންނެވެ. އަހަރެންގެ ޚިޔާލު އަހަރެން އޭނާޔަށް ދިނީމެވެ. އެއީ އަވަހަށް  އިހު މިބުނި ’ޑިޔު ޑިލިޖެންސް‘ ހެދުމަށެވެ.

ބަސްދީގަތުން ގަޑިޔަށް ފެށުނެވެ. އެފަރާތުގައި ތިބީ މަސައްކަތް ޙަވާލުކުރާ ފަރާތުގެ ވަރަށް ހީވާގި ތިން ހަތަރު ފަސް ޒުވާނުންނެވެ. ދުނިޔޭގެ ތަޖުރިބާ މަދަސް، ވަރަށް ބޮޑެތި ފާސްތައް ދުނިޔޭގެ އެތަން މިތަނުން ނަގައިގެން ތިބި، ކުޅަދާނަ ކުދިންކޮޅެކެވެ. ތިން ހަތަރު ފަސް ޒުވާނުންނޭ މިބުނީ، އެފަރާތުގައި ތިބި މީހުންގެ ފުރިހަމަ ޢަދަދާއި، އެމީސްމީހުންގެ ފުރިހަމަ ނަންތަކާއި،  މަޤާމު ތަކާއި، އެކަހަލަ އެތައް ތަފްޞީލެއް އެފަރާތުން ނުދޭތީއެވެ. ބައްދަލުވުމުގެ އަނެއް ފަރާތުގައި އިނީ، ހަލިމަގުން ސައިކަލުގައި ދުއްވައިފައި ދަނިކޮށް، ހެޔޮ ތަރުބިއްޔަތާ ތަންކޮޅެއް ދުރުގައި ބޮޑެތިވާން ޖެހުނު ވަކި ޒާތެއްގެ ބަޔަކަށް ފެނުނީމައި ’އޭ މުސްކުޅި ބޭގަނޑާ، ކަލޭ ދެން ސައިކަލު ދުއްވާނެ ކަމެއް ނެތޭ‘ ގޮވާ ޢުމުރަށް ގޮސްފައި އިން، އަހަރެންގެ ރަޙުމަތްތެރިޔާއެވެ. އިހުގައި ވަރުގަދަ ވަޒީފާ ތަކުގައި އުޅުނުއިރު ’ކައްވައިލަން‘ ނޭނގުނު، އެމަގުގައި ބޮލެއް ޢަމުދުން ނެތްކަމަށް މިހައިރު ބުނެވޭ، ބައެއް މީހުންގެ ނަޒަރުގައި ކޯވިޑު-19 ގެ ސަބަބުން އަތްމަތި ދަތިވެ، ކުރާނޭ މަސައްކަތެއްވެސް ނެތް، އެކަމަކު ހައްލައިލައިގެން ގުލާނުކުރުވަން ގެންގުޅެވިދާނެ ކަމަށް ބައެއް ކަހަލަ މީހުންނަށް ސިފަވާނޭ ބޭގަނޑެކެވެ. މިބުނާ ކަހަލަ ބައެއް ކަހަލަ މީހުން، ދޯއެވެ! ތޯއްޗެކެވެ.

ކޮންމެޔަކަސް، އަހަރެންގެ ރަޙުމަތްތެރިޔާ ހަލިމަގުގައި ފިނިހަކުގެ ދުވެލީގައި ސައިކަލު ދުއްވިޔަސް ނުދުއްވިޔަސް، އެ ބަސްދީގަތުމުގައި ބައިވެރިވީ  ވަޒީފާގެ ނަމުގައި ބޮލުގައި އަޅުވަން އުޅުނު އަޅުވެތިކަން ބޭނުންވެގެނެއް ނޫނެވެ. އޭނާ އިޞްލާޙު ކޮށްލައިފައި ފޮނުވި  ’އެޕޮއިންޓްމަންޓް ލެޓަރ‘ އެމީހުންނަށް ފެންނަ ހިސާބުން އެ މީހުން އެހައިތަނަށް ކުރަހައިގެން ގެންގުޅުނު އޭނާގެ ސޫރަ ބަދަލުވާނެ ކަމާއި، އެމީހުން މަޅިފައްޗާ ދިމާޔަށް ލަވާނެ އެހެން ’ދޫނިގަނޑެއް‘ ހޯދަން އަލުން ނިކުންނާނެކަން އޭނާޔަށް އެނގެއެވެ. އެހެނެއް ކަމަކު، ބަސްދީގަތުމައިގެން އޭނާ ކުރިޔަށް ދިޔައެވެ.

އަހަރެންގެ ރަޙުމަތްތެރިޔާއަށް އޭނާގެ ވާންއުޅޭ ވެރީންގެ ފަރާތުން ދެވަނަ ބަސްދީގަތުމުގައި އެނގުނު ދެތިން ކަމެއް މިތާނގައި ފާހަގަކޮށްލާނަމަވެ. އެތަނުން އެއް ކަމަކީ، މަސައްކަތް ކުރިޔަށް ދާއިރު އޭނާ އެބަޔަކަށް އެއްފަހަރާ ޖަވާބުދާރީ ވާން ޖެހޭ މީހުންގެ ޢަދަދެވެ. އަދި އެ މީސްމީހުންގެ މަޤާމު ތަކެވެ. ވަޒީފާދޭ ކުންފުނީގެ އިސްތިހާރުމެނޭޖަރަށް އޭނާ ކިޔަމަން ވާން ޖެހެޔޯލައެވެ. ކުރަހައި ކުލަޖެއްސުމުގެ އިތުރުން ތަނުގައި ލަކުޑިން ޖަހާ ހުރިހައި އެއްޗެއް ޖަހަން ޖެހޭނީ އޭނާޔަށޯލައެވެ. އައިޓީ ހެޑުގެ ބަސްއަހަންވެސް ޖެހެއެވެ. ތަނުގައި ވައިރުކުރުމުގެ ކަމެއް އޮތިއްޔާ ކުރަން ޖެހޭނީވެސްް ހަމަ އޭނާޔަށޯލައެވެ. މީހުން ތަމްރީނުކުރާ ކުއްޖާ ބުނާ ހުރިހާ ކަމެއްވެސް  އޭނާ ކުރަން ޖެހެޔޯލައެވެ. ތަނުގައި އުޅޭ މުވައްޒަފުންނަށް ތަފާތު އެކި ދާއިރާތަކުން ކިޔަވައިދީ، ތިކިޖެހިތާނަ އުނގައިންނައިދީ، މިހުރިހައި ކަމެއްވެސް ކުރަން ޖެހޭނެޔޯލައެވެ. އެކަމަކު އިޢުލާނުގައި އޮތީ ކުރެހުންތެރިޔެއް ބޭނުންވި ވާހަކައެވެ!

ދެން އޮތީ އުޖޫރައިގެ ވާހަކައެވެ. އެވާހަކަ އޮތީ ’އެޕޮއިންޓްމަންޓް ލެޓަރ‘ ގައެވެ. މަސައްކަތުގެ އަގު އޮތީ މަހުން މަހަށް ލިބޭ މުސާރައެއްގެ ގޮތަކު ނޫނެވެ. ހަތަރު މަސްދުވަސް ވަންދެން އެމީހުން ދައްކާހާ މަސައްކަތެއް ކޮށްގެން އުޅެފައި، އެމުއްދަތު ނިމުނީމައި މަސައްކަތުގެ ފެންވަރު ބަަލަން ތިބި އެންމެން އޭނާގެ މަސައްކަތް ފުރިހަމަ ކަމަށް ނިންމައިފިއްޔާ، ސާޅީސް ހާސް ރުފިޔާ އެއް ފަހަރާ ދޭ ގޮތަށެވެ. މަސައްކަތުން ކިިރިޔާވެސް އުނި ކަމެއް ފެނިއްޖިއްޔާ އުޖޫރައެއް ނުދޭނެ ތާނގައި ކުޅިޔަކާއި ކަޅުސައި ތައްޓެއްހައި ހިސާބުވެސް ނުދޭނެއެވެ. ދޭނޭ ހަމަ އެކައްޗެއްވެސް ނެތެވެ!

އަޅުގަނޑުގެ ރަޙުމަތްތެރިޔާ އައި ހިނިގަނޑު ފޮރުވަމުން ބަސްދީގަތުން ނިންމައިލިއެވެ. އަދި އެއްކަލަ ’އެޕޮއިންޓްމަންޓް ލެޓަރ‘ އަށް އޭނާ ހުށައެޅި އިޞްލާޙުތައް އެމީހުން ކިޔައިފައި އެތަނުން އެކި މީހުންގެ މޫނުމައްޗަށް އަރާނެ އެކި ކުލަ ހިތަށް އަރައިފައި، އެވަގުތު އޭނާ ގާތަށް އައި ހިނި ބައިގަނޑަށް ޝެލްޓޮކްސް ޖަހައިފައި، ބައްދަލުވުން ނިންމައިލީއެވެ. އަދި އެމަސައްކަތް ނުލިބޭނޭ ކަމުގެ އުންމީދުގައި އޭނާ ކުރަން ހުރި އެހެން ކަންކަމަށް އެނބުރުނީ، މިވާހަކައިން ކޮންމެވެސް ބަޔަކަށް ފިލާވަޅެއް ޙާޞިލްވާނެކަމުގެ އުންމީދުގައޭ އޭނާ ބުންޏެވެ. ވަކީން ޚާއްޞަކޮށް ހީވާގި ހުނަރުވެރީންނަށެވެ.

24/7 އަށް ދެމިގެންވާ ޚިދުމަތް ދޭންޖެހުން

މިއީވެސް މިހައިރު ވަޒީފާޔާ ކުރިމަތިލާ މީހުން ބަލަން ޖެހޭ ކަމެކެވެ. ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނުގެ އަކުރާއި ފިލި އެނގޭނީ ޤާނޫނީ ވަކީލުންނަށެވެ. އެކަމަކު އާދައިގެ ރައްޔިތުންވެސް ޤާނޫނު ދަންނާނެއެވެ. އެހެންނަމަވެސް، ވަޒީފާގައި އުޅޭ މީހުން ލައްވައި ހަމަ މުސާރައިގައި އަދި އިތުރު ގަޑީގައި ދުވާލަކު މަސައްކަތް ކުރުވޭނެ އިންތަކާއި މިންތައް ޤާނޫނުގައި ބަޔާން ކުރެވިފައި އޮތަސް، އޮފީހުން ގުޅައިލައިފިއްޔާ ހަމަ ކޮންމެ ގަޑިއެއްގައިވެސް އޮފީހުގެ މަސައްކަތަށް ސަމާލުކަން ހުއްޓައިލަން މަޖުބޫރު ކުރާ ’ވެރިން‘ މިހައިރަކަށް އައިސް އިތުރުވަމުން އެބަ ދެއެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާޓްފޯނާއި، އެ ފޯނުގައި ވައިބަރާއި، ޓެލެގުރާމާއި، ޓުވިޓަރާއި، ވަޓްސްއެޕާއި، ތަރައްޤީގެ މިކަހަލަ ފަސޭހަތައް ގިނަ ވާވަރަކަށް، ބޮޑު މުސާރައިގައި ތިބޭ ބައެއް ޒާތުގެ ވެރީން އާދައިގެ މުވައްޒަފުންގެ މައްޗަށް 24/7، ނުވަތަ 24/365 ހަމަވާގޮތަށް ކުރިމަތިކުރާ މަޖުބޫރުތައް ވަނީ ބޮޑެވެ. ދިރިއުޅުން ފަސޭހަ ކުރުމުގެ ނިޔަތުގައި ހަދައިފައި ހުންނަ އެޕް ތަކުގެ ސަބަބުން ބައެއް ކަހަލަ މާޙައުލު ތަކުގައި އުޅޭ، ބައެއް ޒާތުގެ މީހުންގެ ދިރިއުޅުމަށް ކުރިމަތިވަނީ ދައްޗާއި ތުރާލާއި  އަޅުވެތިކަމެވެ.

އަހަރެންގެ ކޮށި ޚިޔާލަށް ފެންނަ ގޮތުގައި، މި ކަހަލަ ދަތި ދުވަސްވަރެއްގައި، ވަޒީފާވެސް ނުލިބޭ ދުވަސްވަރެއްގައި، މި ކަހަލަ އަޅުވެތިކަމަށްވެސް ’ދެން އޯކޭ‘ ކިޔާނޭ ބަޔަކު ތިބިކަން އެހެން ބަޔަކު ދަންނާނެއެވެ. އެހެނެއް ކަމަކު، އެކަހަލަ މަޅީގައި ނުބެދި، ގޭގައި ކިއްލި ތަޅައިގެން، ބަޖިޔާ ހަދައިގެން އުޅުންވެސް ހިތަށް މާ ފަސޭހަ ވާނެކަމަށް އަހަރެންނަށް ފެނެއެވެ. ހީވާގި ހުނަރުވެރީންގެ އުފެއްދުންތެރި ސިކުނޑިތައް އެކަހަލަ ’ދެން އޯކޭ‘އަކަށް ވުރެ އެގޮތް މާރަނގަޅުވާނެއެވެ.

ތިމާގައި ހުރި ހުރިހައި ހުނަރެއް ’ފެލައިލުން‘

މަތީގައި މިސާލެއްގެ ގޮތުން ކިޔައިދީފައިވާ ވާހަކަޔަށް ވިސްނާށެވެ. ވަޒީފާގެ ނަމުގައި އިޢުލާނު ކުރީ މަސައްކަތެކެވެ. އިޢުލާނު ކޮށްފައި އޮތީ ކުރަހާ މީހަކު ހޯދާށެވެ. އެކަމަކު އެ ’ވަޒީފާ‘ޔަށް ކުރިމަތިލީ މީހާގައި ހުރި ބައެއް ހުނަރު ވަކި ބަޔަކަށް އެނގުނު ހިސާބުން، ދޭން ބުނި އުޖޫރަޔަށް ކުޑަވެސް ބަދަލެއް ނުގެނެސް، އެބުނާ ކަމަކާ ޙަވާލުވާ މީހާ ކުރަން ޖެހޭނެ ކަމަށް ބުނާ މަސައްކަތްތައް އިތުރު ވެއްޖެއެވެ. އިޢުލާނު ކުރެވުނު ދާއިރާޔާ ކުޑަބޭރުވެސް އަރައިނުލާ ހިސާބުންނެވެ. އޭނާޔަކީ ވަޑާން ކުރަން ދަންނަ މީހެއްކަން ހަމަ އެނގުމާއެކު، ތަނުގައި ކުރަން ޖެހިފައި ހުރި ލަކުޑީގެ ހުރިހައި ކަމެއް އޭނާޔާ ޙަވާލުކުރަން ނިންމައިފިއެވެ. ވައިރު ކުރުމުގެ ހުއްދަވެސް އޮންނަ މީހެއްކަން ހަމަ އެނގުމާ، ތަނުގައި ހުރި އެންމެހައި ވައިރުކުރުމެއް އޭނާގެ ބޮލަށް ޖަހަން ނިމުމާ އެދިޔައީ އެކުއެކީގައެވެ. އަދި އެންމެ ހެއްވާ ކަމަކީ، އޭނާޔަކީ އެއް ދުވަސްވަރެއްގައި މާލޭގެ ޓިޔުޝަން ކުލާހެއްގައި ކިޔަވައިދޭންވެސް އުޅުނު މީހެއްކަން އެނގުނީމައި، އެކި މަގުމަގުން ތަނަށް ލައްވައިފައި ތިބި މުވައްޒަފުން ރޯފިލުވައި، ތަމްރީނު ކުރުންވެސް އޭނާޔަށެވެ! މިއުޅެނީ އެ މީހުންނަށް އަދި މީހާޔާ ބައްދަލު ނުވެވިގެނެވެ. އޭނާޔަކީ  ތާކުން ތާކު ނުޖެހޭ މީހަކަށް ވެގެން އެ ބުނާ މަސައްކަތްތަކާ ޙަވާލުވިޔަސް، އޭނާޔަކީ 1983 ވަނަ އަހަރު އޭނާގެ ރަށު މަދުރަސާއިން ބޭއްވި ފެތުމުގެ މުބާރާތަކުން އެއް ވަނަޔަށް އައީ ކުއްޖާކަން އެމީހުންނަށް އެނގޭ ހިސާބުން ތަނުގެ އެންމެހައި މުވައްޒަފުންނަށް ފަތަން ދަސްކޮށްދިނުވެސް އޭނާގެ ’ބޮލަށް ކަނޑައިލީމާ‘ އޭނާޔަށް ހުންނާނީ ބޯވަދިލަމަސް ފިހެގެން ކެވިފައެވެ. ހަތަރުމަސް ދުވަސް ވަންދެން ގުދުބިންދައިގެން އެމީހުން ބުނާހައި ކަމެއް ކޮށްގެން ގުލާނުކޮށްގެން އުޅެފައި، އޮފީހުގެ ރިސެޕްޝަނިސްޓަށް ފަތަން ދަހެއް ކޮށެއް ނުދެވުނެއް ނޫންހޭ، އެހެންވީމާ ޙަވާލުކުރެވުނު ކަންކަން ފުރިހަމައެއް ނުކުރަމެއް ނޫންހޭ، އެއްބަސްވުމުގައި އޮތް ގޮތަށް އުޖޫރައެއް ނުލިބޭނޭ ބުނީމައި، އޭނާޔަށް އެންމެ ފަހުން ޖެހޭނީ ދެ އަތް ތަަޅައިލައިފައި ހުސްއަތާ ގެޔަށް ދާށެވެ.

ކުދީންނޭ، އަޑު އަހާށޭ، މި ބުނަނީ އެއްޗެކެވެ. ވަކި މަސައްކަތެއް ކުރަން ދާ ތަނަކުން އޭގެ ބޭރުން ތިމާގައި ހުރި ހުރިހައި ހުނަރަކާއި، ޤާބިލިއްޔަތަކާއި، ދެންވެސް ލިބި ހުރި އެހެން ކަމެއް، އެކީ އެކައްޗަކަށް ފެލައިލައިގެން ބޭނުން ކޮށްލަން ހިފާ ބަޔެއްގެ  މަޅީގައި އެއް ގޮތަކަށްވެސް ނުޖެހޭށެވެ! ހީވާގި ހުނަރުވެރީންނޭ، އެހެން މަގުތައް ކޮށައި އަލިކުރާށެވެ!

ދެންވެސް ހުރި ބައެއް ވާހަކަ

އަޅުގަނޑު އަނެއްކާވެސް ރާގާއި ބަހުރުވަ ބަދަލުކޮށްލައި، އަޅުގަނޑު މިކަހަލަ އެއްޗިހި ޢާންމުކޮށް ލިޔެއުޅޭ ބަހުރުވަޔަށް ބަދަލުކޮށްލާނަމެވެ. އެއީ، މި ލިޔުން މިހައިރު ތަންކޮޅެއް ދިގު ވުމާއެކު، ކުރުކޮށްލުމުގެ ގޮތުންނެވެ. މި މައުޞޫޢުގައި ދަންނަވަން ހުރި ވާހަކަތައް ހުސްވެގެންނެއް ނޫނެވެ. މުޖުތަމަޢަށް ފައިދާހުރި ބޮޑު ކަމެއް ކުރުމަށް ނަމުލައިގެން، ކުންފުނިތަކުން، ނުވަތަ ޖަމުޢިއްޔާ ތަކުން، ނުވަތަ އޮފީސް ތަކުން، އެތަންތަނުގެ އަހަރީ ބަޖެޓުންނާއި ތަނުންވެސް ބޭރުން، ދީލަތި ކޮންމެވެސް ފަރާތެއްގެ ހިތްހެޔޮކަމުގެ އެހީއެއް ފަހަރުގައި ހޯދަފާނެ ދެއްތޯއެވެ؟ އެކަމަކު އެ އެހީގެ ބޭނުން ހިފައިގެން ކުރަން ވަޢުދުވި ކަމެއް ނުވެ، ހޯދި އެހީ ވަޔަށް އަރައިގެން ގޮސް، އެކަމުގެ ބަދުނާމުު ބޮލުގައި އަޅަން ބޭނުން ނުވާ ބަޔަކުވެސް އެ ތަނެއްގައި ތިބެދާނެ ދެއްތޯއެވެ؟ މިހެން ކުރާ ކަންކަމާ، ބައެއް ކަހަލަ މަޤާމުތަކުގައި ތިބޭ މީހުން އެ މަޤާމުތަކަށް ކުފޫ ހަމަނުވީމައި، ކަމުން ރެކެން ޖަހާ މަޅިފަތި ތަކާ މިކަހަލަ ކަންކަމާ މެކިގެން ހިނގައިދާނެ ގޮތްތަކާއި، މީޑިޔާޔާ ކުރިމަތިލާން ޖެހިލުންވާ ބައެއް މީހުން އެކަމުން ދަފަރާވާން ހަދާ ސިހުރު ހާހޫރަޔާއި، މިކަހަލަ މިކަހަލަ އެތައް އެތައް ވާހަކައެއް އަދި ދައްކަން އެބަހުއްޓެވެ. އެކަމަކު އެހެން ފަހަރަކުން ދެއްތޯއެވެ؟

އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ، ގޮންޖެހުންތައް ގިނަ މި ދުވަސްވަރުގައި، އެކި ކަންކަމުގެ ހުންގާނުގައި ފިސާރި ސާބިތުކަމާއެކު ހިއްޕަވައިގެން، އެބޭފުޅަކު އެބޭފުޅެއްގެ އޮޑިކޮޅު ޞައްޙަ ސީދާ މިސްރާބަށް ހިފަހައްޓަވައިގެން ދުއްވަވާ އެކި ވަކި ބޭބޭފުޅުންގެ ނަންފުޅު މިތާނގައި އަދި ނުދެންނެވިޔަސް، ރާއްޖޭގެ އިޤްތިޞާދާއި, އަމަން އަމާންކަމާއި, ދުސްތޫރީ ވެރިކަމާއި, މިނިވަންކަމާއި, އިސްތިޤްލާލާއި, ރައްޔިތުންގެ ދުޅަހެއުކަމާއި މަޞްލަޙަތުތައް ވަރަށް ކެރިވަޑައިގެން ތިއްބަވައިގެން ޙިމާޔަތް ކުރައްވައި، ބަލަހައްޓަަވައި، ކަށަވަރުކޮށްދެއްވާ އެންމެ ބޭފުޅުންނަށް އަޅުގަނޑު އައްސަރިބަހުން ސާބަސް އަރިސްކުރަމެވެ. އަޅުގަނޑުމެން އިހު ހިނގި މަގުތައް އަލުން އާރާސްތު ކޮށްދެއްވޭތޯ ބައްލަވަމުން، އައު ހަމަތަކުގައި އައު މަގުތައް ޖަންގަލި ކޮށްޓަވައިގެން ވިއްޔާ އެކަން ކުރައްވައިގެން ނަމަވެސް ދައްކަވައިދެއްވޭތޯ ބައްލަވަމުން، އެންމެންގެ ޙާޖަތްތަކައިގެން ކުރިޔަށް ވަޑައިގެންނެވޭތޯ ބައްލަވަމުން ގެންދަވާ ހިއްމަތްތެރީންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ކުރިޔަށް، ހީވާގި ދިވެހި ހުނަރުވެރީން! ކުރިޔަށް ދިވެހި ޤައުމު!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. ނުހަނު ޗާލޫކޮށް ތިޔަ ހުށައެޅުއްވީ ނިކަން ގިނަ ނަސޭހަތް. ވަޙީދުގެ ލިޔުއްވުންތައް ވަރަށް ހިތްގައިމު. ޝުކުރިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *