Support Us

"އޭބާއީ! ތިކޮތަޅު ދޭންވީނު؟"

”އޭބާއީ! ތިކޮތަޅު ދޭންވީނު؟ ވިހި ރުފިޔާ ދޭނަން.“

އަޑު އައި ދިމާޔަށް އަޅުގަނޑު ބަލައިލީމެވެ. އަޅުގަނޑުގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ގަމީހެކެވެ. ހަމަ ދެންމެ އިސްތިރިކޮށްލައިގެން ލައިގެން އައިސް އިންހެން ހީވާ، ނޫކުލައެއްގެ ރޮނގެއް ދަމައިފައިވާ ގަމީހެކެވެ. ވަކި ބައެއްގެ ބަހުރުވައިން ދަންނަވާނަމަ، ވަރަށް ’ޑީސަންޓު ކޮށް ބެގީ‘ ވެސް ކޮށްލެވިފައިވާ ގަމީހެކެވެ. ގަމީހުގެ ނިވަލުގައި އިން މީހާ އަރައިގެން އިނީ މާލޭގެ މަގުމަތިން އެންމެ ގިނައިން ފެންނަ އެއް މަރުކާގެ ސައިކަލަކަށެވެ. ބޮލުގައި ގިނައީ އިސްތަށިކަމެއް ނުރަކަމެއް ދަންނަވާކަށް ނޭނގެއެވެ. މީހާޔަކީ ދިވެއްސެއްކަން، އަޑާއި މަޚުރަޖަޔަށް ވިސްނައިފި މީހަކަށް ވަރަށް ސާފުކޮށް އެނގޭނެއެވެ.

އަޅުގަނޑު މިދެންނެވި މީހާގެ އަތުގެ އިނގިލީގެ އިޝާރާތް އަމާޒު ވެފައި ހުރީ އޭގެ ހަމަ ދިހަ ވަރަކަށް މިނެޓު ކުރިން ކަނޑައިލައިފައި، އެއިން މާ ގިނަ އެއްޗެއް އަދި ނުވެސް ނަގައި ހުރި ސިމެންތި ކޮތަޅަކާ ދިމާޔަށެވެ. އޭނާ އެ ބުނި އެތި އަމާޒު ކުރީ އެތާ މަސައްކަތް ކުރަން ތިބި ދެ ބިދޭސީޔަކަށެވެ. އެ މީހުން ކުރަން ތިބި މަސައްކަތަކީ، ވަރަށް އާދައިގެ މީހެއްގެ، ވަރަށް އާދައިގެ ޢިމާރާތެއްގެ، ވަރަށް އާދައިގެ މަރާމާތެއްގެ މަސައްކަތެކެވެ. އަތުން ސިމެންތި ގަށައިގެން، ހަންޖާއި އަތްފިލައިން އެކަކު ދެ މީހަކު ކުރާ ޒާތުގެ، ވަރަށް އާދައިގެ މަސައްކަތެކެވެ. އަދި އެ ބުނި ސިމެންތި ކޮތަޅު ނޫން އެހެން ކޮތަޅެއް އެތާކު ނުވެސް ނެތެވެ.

މަސައްކަތް ކުރަން ތިބި ދެ ބިދޭސީންނަކީ ވެހޭތާ ފެން ނަގާ ޒާތުގެ ދެ މީހުންނަށް ވީނަމަ، ނުވަތަ އެ ދެ މީހުންނަކީ އެ ގޮތަށް އަންނަ ކޮންމެ މީހަކަށް ހެއްލޭ ޒާތުގެ ދެ މީހުންނަށް ވީނަމަ، ސިމެންތި ކޮތަޅު ވަގުތުން ފުންމައިގެން އެރީހީ އެއްކަލަ ’ޑީސަންޓު‘ މީހާގެ ސައިކަލަށެވެ. ބިދޭސީ ދެ މީހުންގެ ޖީބަށް ވިއްސަކަށް ރުފިޔާ ވަނުމާ، ގެނައި ސިމެންތިން ނުވި ވާހަކަ ތަނުގެ ވެރިމީހާ ގާތު ބުނަން ނިމުމާ ދިޔައިހީ އެކު އެކީގައެވެ. އެހެން ނަމަވެސް، މަސައްކަތް ކުރަން ތިބީ އެޔަށް ވުރެ އަމާނާތްތެރި ބައެކެވެ.

’ޑީސަންޓު‘ މީހާ އެ ފަހަރު އެ ތަނުން ދާން ޖެހުނީ ހުސްއަތާއެވެ. އަދި ކުޑަކޮށް ލަދުގަންނަ ޒާތުގެ ކަމެއްވެސް ދިމާވެގެންނެވެ. އެއީ، އެ މީހާ އެ ކޮތަޅު ’ކައްވައިލަން‘ އުޅުނު އިރު، ޢިމާރާތުގެ ވެރިމީހާ އެ ތާނގައި ހުރި ކަން ފުރަތަމަ އޭނާޔަށް ނޭނގުނަސް، ފަހުން އެކަން އޭނާޔަށް އެނގެން ޖެހުނީމައެވެ. ނަސޭހަތަކީ ބައެއް މީހުންނަށް ލަދަކަށް ވާކަން ސާބިތުވާ ކަހަލަ ގޮތެއް ވީމައެވެ.

އަޅުގަނޑު ހަމަ ޙައިރާން ވީމެވެ. އަޅުގަނޑު ފަށަމުންވެސް ދެންނެވި ފަދައިން، ވަރަށް އާދައިގެ މީހެއްގެ ކުޑަކުޑަ މަސައްކަތެއް ކޮށްލަން ގެންގޮސްފައި ހުރި އެންމެ ސިމެންތި ކޮތަޅެއް ނާޖާއިޒު ގޮތަކަށް އަތުއަޅުވައިލަން މަސައްކަތް މި ކުރީ އެ ކަހަލަ ކަންތައް ކޮށްފާނެ ކަމަށް އެންމެން ވިސްނާ ޒާތުގެ ’ޕާޓޭއެއް‘ ނޫނެވެ. ހެޔޮލަފާ ސިފައެއް ޖައްސައިގެން އިން، ހެޔޮލަފާ ގޮތަކަށް ހެދުންވެސް އަޅައިގެން އިން، ދެވަންފުރަޔެއްގެ ދިވެއްސެކެވެ. އޭނާ އައި ސައިކަލުގައި، އޭނާގެ ފަހަތުގައި އިނީވެސް ހަމަ އެ ސިފަ ޖެހިގެން އިން މީހެކެވެ. އެ މީހާވެސް އިނީ އެ ސިމެންތި ކޮތަޅު ގެންދަން ހަމަ ’އޯކޭ‘ ވެގެންކަން އޭނާގެ މޫނުމަތިން ދައްކަދައްކައި އިން މީހެކެވެ.

އަޅުގަނޑުގެ ކުރިމަތީގައި ހިނގައި ދިޔަ ޙާދިޘާ ފެނިފައި އަޅުގަނޑުގެ ޚިޔާލު އުދުއްސައިގަތީ ރާއްޖޭގެ އެކި ހިސާބު ތަކުގައި މިހައިރުވެސް ހިނގަހިނގައި ހުރި ބޮޑެތި އެކި މަޝްރޫޢުތަކާ ދިމާޔަށެވެ. ހާމަ މަގަކުން ހިނގާ މީހުން ނުލާހިކު ގާތުން ހިނގަހިނގައި ތިއްބައި، ރޯމާ ދުވާލު، އެއްވެސް ކަހަލަ ލަދެއް، ފޮރުވުމެއް، ޖެހިލުމެއް ނެތި، މަސައްކަތް ހިނގަމުން ދިޔަ ތަނުގައި ތަނުގެ ވެރިމީހާވެސް ހުއްޓައި، ”އޭބާއީ! ތިކޮތަޅު ދޭންވީނު؟ ވިހި ރުފިޔާ ދޭނަން.“ މިހެން ބުނެލަން ކެރޭ ’ޑީސަންޓު‘ މީހުން އުޅޭ ތަނެއްގައި، ބޮޑެތި އެކި މަޝްރޫޢުތައް ހިނގާ ތަންތާނގައި ހިނގުން އެކަށީގެންވާ ކަންކަމާ ދިމާޔަށެވެ. ހާމަ މަގުމަގުގައި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ނުފެންނަ ހިސާބުތަކުގައި، ނުވަތަ ކޮށި ކޮށި ހުރި ގޮތަށް ޓިނުޖަހައި ބަންދުކޮށްގެން އެތެރޭގައި މަސައްކަތް ހިނގާ ތަންތަނަށެވެ. މަސައްކަތަށް ބޭނުންވާ ހިލަޔާއި ހިލަވެއްޔާއި ސިމެންތިޔާއި ދަގަނޑު، ފުނިޖަހައިފައި ރެޔާއި ދުވާލު ހުންނަ ތަންތަނަށެވެ. އެ ތަންތަނުގައިި މަސައްކަތް ކުރަން އުޅޭ އެންމެންނަކީ އަމާނާތްތެރި ކަމުގެ މަގުން އެކި ގޮތްގޮތަށް ގިންތި ކުރެވޭނޭ ބަޔަކު އުޅޭނޭ ތަންތަނަށެވެ. ތަނުގެ ވެރީން މަދުމަދުން ނޫނީ އެއިން ތާކަށް ޒިޔާރަތެއްވެސް ނުކުރެވޭ ބާވަތުގެ ތަންތަނަށެވެ. އަނހާ ސަހަރޯއޭ، އެތަންތަނުގައި ހާދަހައި ކަމެއް ހިނގާނެޔޭ އަޅުގަނޑު ހިތަށް އެރިއެވެ.

މިހެން މިދެންނެވީ، އަޅުގަނޑު މިދެންނެވި ޒާތުގެ ’ޑީސަންޓު‘ މީހަކު ފަހުން މިދެންނެވި ކަހަލަ ތާކަށް ގާތްކޮށްލައިފައި ބުނާނީ އެންމެ ސިމެންތިކޮތަޅެއްގެ ވާހަކައެއް ނޫނެވެ. އެ ޒާތުގެ މީހަކު އެ ކަހަލަ ތާކަށް ދާނީ ސައިކަލަކުވެސް ނޫނެވެ. ހައެއްކަ ލޯރި ހިފައިގެނެވެ. ސަޔަކަށް ދޭން ހުށައަޅާނީ ވިހި ރުފިޔާއެއްވެސް ނޫނެވެ.

”އޭބާއީ! ތިކޮތަޅު ދޭންވީނު؟ ވިހި ރުފިޔާ ދޭނަން.“ އަޅުގަނޑުގެ ކަންފަތް ދޮށުގައި މިހައިރުވެސް އެކި މީހުންގެ އަޑުން އިރުއިރުކޮޅާ މިހެން ބުނެލާ ކަހަލައެވެ. މިކަން ނަފްސާނީ މައްސަލަޔަކަށް ނުވަނީސް އެ އަޑު ކަނޑުވައިލަން އަޅުގަނޑު ދާނީވެސް ވަކި ކޮންތާކަށް ތޯއެވެ؟ މަގުމަތީގައި ގިނަވެގެން މިއުޅޭ ބުޅާތަކުގެ ތެރެއިން ވިހައިގެން އަދި ފެންނާޅާ އޮތް ބުޅަލެއް ހޯދައިގެން މައްސަލަ ޙައްލު ކުރެވޭ ކަހަލަ މާޙައުލަކަށް ތޯއެވެ؟