Support Us

ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟ – 2

ސޫފިއްޔަތާ ބެހޭ ގޮތުން ލިޔާ މިލިޔުމުގެ ދެވަނަ ބައިގައި ބަލައިލާން ގަސްދުކުރަނީ 'ސޫފިއްޔަތު' މި ލަފްޒުގެ އަސްލުގެ މައްޗަށެވެ. މި ލަފްޒު އުފެދިގެން އައި ގޮތާއި އޭގެ މާނައިގެ މައްޗަށެވެ. މީގެ އިތުރުން މިބައިގައި ސޫފިއްޔަތުގެ އިލްމުގެ ބައެއް ތައާރުފު ވެސް ގެނެސްދެވޭނެއެވެ.

ސޫފިއްޔަތުގެ އަސްލީ ލަފްޒާ ބެހޭ ގޮތުން މައިގަނޑު ދެ ގޮތަކަށް ވާހަކަދެކެވެއެވެ. ފުރަތަމަ ގޮތަކީ ސޫފިއްޔަތުގެ އަސްލީ ލަފްޒު ސޫފު ނުވަތަ ކެހެރި ފޭރާމާ ގުޅުވާލުމެވެ. ދެވަނަ ގޮތަކީ ސޫފިއްޔަތުގެ އަސްލީ ލަފްޒު ޔޫނާނީ ސޯފިޔާ ނުވަތަ ހިކުމަތް މި ލަފްޒާ ގުޅުވާލުމެވެ. މިދެ ގޮތުގެ މައްޗަށް ތަފްސީލީ ނަޒަރެއް ހިންގާލާނަމެވެ.

ދެންމެ ނަންގަތް ހެން، އެންމެ އާންމު ގޮތެއްގައި ސޫފީއްޔަތުގެ ލަފްޒުގެ އަސްލު ގުޅުވާލަނީ 'ސޫފީ ފޭރާމު’ގެ ހެދުންލުމާއެވެ. މިތާގައި 'ސޫފީ ފޭރާމޭ' ބުނެ އިޝާރަތްކުރެވެނީ ބަކަރި ފަދަ ޖަނަވާރުގެ ކެހެރިން ވިޔެފައި ހުންނަ ކުރަކި ފޭރާމުގެ ހެދުމެވެ. މިފަދަ ފޭރާންލުން ރަމްޒުކޮށްދެނީ 'ސޫފީން’ނަކީ ދުނިޔެވީ އެދުންތަކުގެ އަޅުންނަށްނުވެ ތިބި ޒާހިދު ބަޔެއްކަމުގައެވެ. ފަގީރުކަން އަމިއްލައަށް އިޚްތިޔާރުކޮށް، އެކަމާ ރުހި ގަބޫލުވެ، މަދު އެތިކޮޅަކުން ފުއްދާލައިގެން ތިބުމެވެ.

މިފަދަ ފޭރާންލައްވައި، އަޅުކަމުގައި މަޝްޣޫލުވެ، ޒުހުދުވެރި ގޮތުގައި އުޅުއްވި ބަޔަކު އެންމެ ފުރަތަމަ ފެނިގެން ދިޔައީ، ހިޖުރައިން ދެވަނަ ގަރުނުގެ ކުރީކޮޅުގައި އަވަހާރަވި އިމާމު ހަސަން އަލްބަސްރީގެ ދަރިވަރުންގެ ތެރޭގައި ހިމެނުނު އަބްދުލް ވާހިދު ބިން ޒައިދުގެ ބައެއް އަސްހާބުގެން ތެރެއިން ކަމުގައި އިބްނު ތައިމިއްޔާ އޭނާގެ ފިޤްހުއް ތަސައްވުފި، މި ފޮތުގައި، ލިޔުއްވައެވެ. މީގެ މާނައަކީ ދުނިޔެއަށް ފުރަގަސްދީ އަޅުވެރިކަމާއި ޒުހުދުވެރިކަން އިސްކުރި، އެބަޔަކަށް، ސޫފީންނޭ ކިޔުނު ޖަމާއަތެއްގެ ބަޔެއް ހިޖުރައިން ދެވަނަ ގަރުނުގެ މެދެއްހާ ހިސާބުގައި ފާޅުވިކަވެ. ނަމަވެސް، އެމީހުން އަމިއްލައަށް ތިމަންމެންނީ ސޫފީންނޭ ކިޔައި ނޫޅުނަސް، ސޫފީންނޭ ކިޔައި މިސިފަ، ފަހުގެ ތާރީޚެއްގައި އެމީހުންނަށް ދެވުނުކަން ވެސް އިބްނު ތައިމިއްޔާ އޭނާގެ މިނަންގަތް ފޮތުގައި ފާހަގަކުރައްވައެވެ. މިއިން ދޭހަވަނީ ސޫފީންގެ ޖަމާއަތްތައް ދެވަނަ ގަރުނުގައި އުޅުނު ކަމުގައި ވިޔަސް، އެނަން އޭރު އަދި ނުކިޔޭ ކަމެވެ. މިއީ މައްސަލައެއް ނޫނެވެ. އިސްލާމީ އެހެން އިލްމުތަކުގެ ނަންވެސް އިލްމުތައް ތަރައްގީވުމަށް ފަހު ކިޔިފައި އެބަ ހުއްޓެވެ. މިސާލަކަށް ފިގުހުގެ އިލްމަށް އަބޫ ހަނީފާ (އަވަހާރަވީ ހިޖުރައިން 150ވަނަ އަހަރު) ދެއްވާފައިވާ ނަމަކީ ހަލާލުކަންކަމާއި ހަރާންކަންކަން ދެނެގަތުމުގެ އިލްމެވެ. ނަމަވެސް، ފަހުން މިނަން ބަދަލުވެގެން ދިޔައީ ފިގުހުގެ އިލްމަށެވެ. އެހެންވެ، ސޫފިއްޔަތުގެ ލަފްޒު ފަހުން ނަމަވެސް ސޫފީގެ އެބަހީ ކެހެރީގެ ފޭރާމާ ގުޅުވާލުމަކީ އެ ދެލަފްޒުގެ ގުޅުމެއް ނެތްކަން ލާޒިމުކުރާ ކަމަކަށް ކޮންމެހެން ނުވެއެވެ.

މީގެ އިތުރުން ބައެއް އިލްމުވެރިން ވިދާޅުވަނީ ސޫފިއްޔަތުގެ އަސްލަކީ އަރަބި ބަހެއް ނޫންކަމެވެ. މިސާލަކަށް، ހިޖުރައިން ހަތަރުވަނަ ގަރުނާއި ފަސްވަނަ ގަރުނެގެ ތެރޭގައި އުޅުއްވި، އަބޫ އަލްޤާސިމް އަލްޤުޝައިރީ، ސޫފިއްޔަތުގެ އެންމެ މަޝްހޫރު އެއް ފޮތް ކަމުގައިވާ އޭނާގެ އައްރިސާލައިގައި ބަޔާންކުރައްވަނީ މި ލަފްޒުގެ އަސްލު ގުޅެނީ ޔޫނާނީ ބަހުގެ 'ސޯފިއާ’އާ (Sophia) ކަމެވެ. މާނައަކީ 'ހިކުމަތެވެ'. މި ވާހަކަ އެންމެ ފުރަތަމަ ލިޔުއްވީ ބައިރޫނީ ކަމުގައި ބެލެވެއެވެ. އަދި، އޭނާ ދެކެލައްވާ ގޮތުގައި މިބަސް އަރަބި ބަހަށް އައީ ހިންދީންގެ ބަހެއް މެދުވެރިކޮށެވެ. އެބަސް އަރަބި ބަހަށް ވަނީ ސީދާ ޔޫނާނީ ބަހުން ކަމުގައި ވިޔަސް ނޫނީ ހިންދުކަރައިގެ ބަހެއް މެދުވެރިކޮށް ކަމުގައި ވިޔަސް، އަލްގުޝައިރީގެ ނަޒަރުގައި ސޫފިއްޔަތުގެ އަސްލު ގުޅެނީ ޔޫނާނީ ސޯފިއާއާއެވެ. (އަލްގުޝައިރީއާއި އަދި އޭނާގެ ރިސާލަތުގެ ޚުލާސާއެއް ސޫފީ ލިޔުންތަކުގެ ވާހަކަ ގެނެސްދޭއިރު ގެނެވޭނެއެވެ.)

ވޮލް ހޯމަރާއި މާސިނިޔޫނ ފަދަ މުސްތަޝްރިގުން ސޫފިއްޔަތުގެ އަސްލު 'ތިއޮސޮފީ’އާ ވެސް ގުޅުވާލައެވެ. ތިޔޯސޮފީގެ މާނައަކީ 'އިލާހީ ހިކުމަތެވެ'. ތިޔޯސޮފިސްޓުންނަކީ މާތްރަސްކަލާނގެ ދެކެ ލޯބިވާ އިލާހީ ހިކުމަތުގެ އަހުލުވެރިންނެވެ. ތިއޯސޮފީގެ މާނަތަކަށް ބަލާލާއިރު، އިހުގައި ތިއޮލޮޖީގެ މުރާދިފެއްގެ (ސިނޮނިމެއްގެ) ގޮތުގައި ބޭނުންކުރެވުނެވެ. މީގެ އިތުރުން، ތަޖުރިބާގެތައް ކުރުމުގެ މައްޗަށް ބުރަވެ މާވަރާއި ދުނިޔެ ދެނެގަތުމާއި އަދި، އެފަދަ ތަޖުރިބާތަކާއި ނުލައި، މައުރިފާގެ މައްޗަށް، ހިތަށް އެނގޭ އެނގުމުގެ މައްޗަށް، ބިނާކޮށް މާވަރާއީ ކަންކަން ދެނެގަތުން ވެސް ތިއޯސޮފީގެ މާނަތަކުގެ ތެރޭގައި ހިމެނެއެވެ.

ސޫފިއްޔަތުގެ އަސްލީ ލަފްޒު ކަމުގައި ސޯފިޔާ ނުވަތަ ތިޔޮސޯފިޔާ ބެލިކަމުގައި ވިޔަސް ނިކުންނަ މައްސަލައެއް އެބައޮތެވެ. ކުރިން ނަންގަތްހެން، ސޫފިއްޔަތާ ސޯފިޔާ ގުޅުވާލަދިން ފުރަތަމަ އިލްމުވެރިޔަކީ ބައިރޫނީއެވެ. މިކަމަށް އިޝާރަތްކުރެވޭ އޭނާގެ ލިޔުމުގައި 'ސޯފިއާ' ލިޔެފައިވަނީ ސީނެއް ބޭނުންކޮށްގެންނެވެ. ނަމަވެސް ސޫފިއްޔަތުގައި މި އޮންނަނީ ސޯދެކެވެ. އަދި ސޯފިއާއަކީ ކުރިން ވެސް އަރަބި ބަހަށް ވަދެފައި ސީނަކުން ލިޔެވިފައި އޮތް ލަފްޒެކެވެ. ޔޫނާނުގެ 'ފިލޯސޮފީ' (ހިކުމަތަށް ލޯބިކުރުން) އަރަބި ބަހަށް ވަތްއިރު ފަލްސަފާއަށް ވެއެވެ. ނަމަވެސް، ސޫފިއްޔަތު އެއީ ސޯފިޔާއާ ގުޅުވާލާއިރު، ބައިރޫނީގެ ވާހަކައިގައި ސޫފިއްޔަތު މި ލަފްޒު ގެނެވުނު އިރު، އެލަފްޒު ލިޔެފައިވަނީ ސީނެއް ބޭނުންކޮށްގެންނެވެ. އެ ވާހަކައިގައި ބައިރޫނީ ބަޔާންކުރައްވަނީ ހަގީގަތުގައި ވުޖޫދުގައި ވުމަކީ ވުޖޫދުގައި ވުމަށް އެހެން އެއްވެސް ފަރާތަކަށް ބޭނުން ނުވާ ވުޖޫދުވުމެވެ. ވުޖޫދުގައި ވުމަށް އެހެން ފަރާތެއްގެ ބޭނުން ޖެހޭ އެއްޗެހީގެ ވުޖޫދުވުމަކީ ހަގީގީ ވުޖޫދުވުން ނޫންކަމާއި އެއީ ޚިޔާލީ ވުޖޫދުވުމެއް ކަމުގައެވެ. މީގެ މާނަ އިންސާނެއް ވުޖޫދުގައި ވުމުގެ މައްޗަށް ބަލާލުމުން ފެންނާނެއެވެ. އޭނާ ދިރިހުރުމުގެ އެކިއެކި މަރުހަލާތަކުގައި އޭނާގެ ސޫރައަށް ބަދަލުތަކެއް އައިސް، އޭނާއަށް ތަފާތު ސިފަތައް ލިބެއެވެ. ތުއްތުއިރުގެ ސިފައެވެ. ކުޑައިރުގެ ސިފައެވެ. ޒުވާން އިރުގެ ސިފައެވެ. އަދި މުސްކުޅިއިރުގެ ސިފައެވެ. އަދި އެންމެފަހުން މަރުވެދިޔުމުން ލިބޭ ސިފައެވެ. މީގެ މާނައަކީ އިންސާނީ ވުޖޫދަކީ ހަގީގީ ވުޖޫދަކަށް ނުވުމެވެ. އަދި އެއީ ޚިޔާލީ ވުޖޫދަކަށް ވުމެވެ. ހަގީގީ ވުޖޫދަކީ ކޮބައިކަމާއި އަދި ޚިޔާލީ ވުޖޫދަކީ ކޮބައިކަން ބަޔާންކުރެއް ވުމަށް ފަހު، ބައިރޫނީ ވިދާޅުވަނީ މިއީ 'ސޫފީންގެ' ރައުޔުކަމަށެވެ. މިތަނުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ބައިރޫނީ ސޫފީން މިތާ މިބޭނުންކުރަނީ ޔޫނާނީ 'ސޮފިސްޓުންގެ' މާނައިގައެވެ. ހިކުމަތުގެ މީހުންގެ މާނައިގައެވެ. މި ސޮފިސްޓުންނަކީ މީލާދުގެ ކުރީގެ ފަސްވަނަ ގަރުނުގައި، އެތަންސުގައި، އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް، އެކިތަންތަނުގައި، އަމިއްލަ ބުއްދިއާއި ހިކުމަތް ބޭނުންކޮށްގެން، ކިޔަވައިދޭން އުޅުނު އެދުރުންގެ ބައެކެވެ. ކޮންމެ އަކަސް ބައިރޫނީގެ 'ސޫފީއްޔަތުގެ' ލަފްޒު އަލްޤުޝައިރީ އިސްލާމީ ސޫފިއްޔަތާ މި ހިސާބުން ގުޅުވާލެއްވީއެވެ. އިސްލާމީ ސޫފީންނަކީ ވެސް، ދުނިޔޭގެ ދަޅަތަކަށް ހެއްލުންތެރިނުވެ އަޅުވެރި ޒުހުދުވެރިންނަށްވެ، އެގޮތުން ބުއްދިވެރި ހިކުމަތުގެ އަހުލުވެރި ބަޔަކަށްވީތީއެވެ.

މި ހިސާބުން ހިކުމަތާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ. އޭގެ މާނަ ފަހުމުވެ ދިޔުމަށްޓަކައެވެ. ހިކުމަތުގެ މާނަ އެތައް ކަމަކާ ގުޅެއެވެ. އިލްމުވެރިކަމެވެ. ހަޔާތުގެ ތަޖުރިބާއެވެ. ބުއްދިވެރިކަމެވެ. މިކަންކަމުގެ އަލީގައި ކަންކަމުގެ ހަގީގަތް ދެނެގަތުމެވެ. އަދި، މިހުރިހާ ކަންކަމެއްގެ މައްޗަށް ބިނާކޮށް ނަސޭހަތްދީ ކަންކަމުގެ ހެޔޮގޮތް ބުނެދިނުމެވެ. އަދި، މިކަންކަމާ ގުޅިފައި އޮންނަ މާތް އަޚުލާގީ ސިފަތަކެވެ. ހިކުމަތުގެ ހިއްސީ މާނައެއް ލިބުގަތުމަށްޓަކައި ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ހިކުމަތްތެރި ބޭކަލެއްގެ ވާހަކައާއި އޭނާ ހިކުމަތްތެރި ވާހަކަކޮޅަކަށް ބަލައިލުން އެންމެ ރަނގަޅު ކަމަށް ދެކެމެވެ.

ކީރިތި ޤުރުއާނުގައި ލުޤުމާނުގެފާނުގެ ވާހަކަ ނަންގަނެވިފައިވެއެވެ. ހިކުމަތްތެރި ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ނަމުން ނަންދެވިފައި އޮންނަ ލުޤުމާނު ސޫރަތުގައެވެ. އެކަލޭގެފާނުގެ ދަރިކަލުން ދެއްވި ހިކުމަތްތެރި ނަސޭހަތުގެ ބަސްކޮޅަށް ބަލާލުމުން ހިކުމަތުގެ ހިއްސީ މާނައެއް ލިބެއެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް، ނަސޭހަތްދެއްވައި ވިދާޅުވަނީ ޝިރުކުނުކުރުމަށެވެ. އަދި މިއީ ބޮޑުވެގެންވާ ކުށެއް ކަމެވެ.

ލުޤުމާނުގެފާނު މިހެން ވިދާޅުވުމުގެ ހިކުމަތަކީ ކޮބައި ހެއްޔެވެ؟ ޝިރުކުކުރުމުގެ މަގުސަދަކަށް ވެފައި އޮންނަނީ ބުދެއް ފަދަ ކޮންމެވެސް އެއްޗެއް މެދުވެރިކޮށް މާތްރަސްކަލާނގެ ރަސްކަންފުޅާ ބުދަށް އަޅުކަންކުރާ މީހާގެ ނަފްސު ގުޅުވާލުމެވެ. ކީރިތި ޤުރުއާނުގެ ޒުމަރު ސޫރަތުގެ ތިންވަނަ އާޔަތުގައި ބަޔާންކޮށްދީފައިވާ ފަދައިންނެވެ. ނަމަވެސް، އިސްލާމީ ދީނީ ނަޒަރަކުން ބަލާއިރު، އަޅުކަންކުރުމަކީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެއް ނޫނެވެ. އަޅުކަން ކުރުމުގެ މަގުސަދުކަމުގައި ބެލެވޭ އަޅުވެރިޔާގެ އަމަލުތައް އިސްލާހުކޮށް، އަޚުލާގީ ގޮތުން ހެޔޮލަފާ މީހަކަށްވުމަށްޓަކައި ކުރަން އޮންނަ ކަމެކެވެ. އާދެ، އެއީ އިސްލާހުވުމަށް އޮންނަ ވަސީލަތެކެވެ. މިއާ ޚިލާފަށް، ބުދަށް އަޅުކަންކުރުން ނިމިގެންދަނީ އެކަމުގެ ޒާތަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައެވެ.

ޝިރުކުކުރުމަކީ އެންމެ ބޮޑު ފާފައިގެ ތެރޭގައި ހިމެނިފައި އޮންނަނީ މިހެން ވެގެންނެވެ. އެކަމުގެ ސަބަބުން، ދީނުގެއާއި އަދި އަޅުކަމުގެ އެންމެ ބޮޑު މަގުސަދު – އަޅުވެރިޔާގެ ނަފްސު އިސްލާހުކުރުން – ގެއްލިގެންދާތީއެވެ. އެހެންވެ، މާތްރަސްކަލާނގެ މަތިން ހަނދުމަކޮށް، ހެޔޮލަފާ މީހަކަށް މުއުމިނާވުމުގެ މައި މަގުކަމުގައި، ވަސީލަތްކަމުގައި، އިސްލާމް ދީނުގައި، ނަމާދުކުރުން ޝަރުއުކުރެވުނެވެ. ނަމަވެސް، ނަމާދަކީ ވެސް، އަދި އެއަޅުކަން ރަމްޒުކޮށްދޭ މާތްރަސްކަލާނގެއަށް އީމާންވާ އީމާންވުމަކީ ވެސް، އެކަންކަމުގެ ޒާތަށްޓަކައި ކުރުމަށް ޝަރުއުކުރެވިފައި އޮންނަ ކަމެއް ނޫނެވެ. މިކަމަށް އިޝާރަތްކޮށް، އަންޢާމު ސޫރަތުގެ 158ވަނަ އާޔަތުގައި އަންގަވަނީ އީމާންކަމުގެ މަތީގައި ތިބެ އެއްވެސް ހެޔޮ އަމަލެއް ނުކުރެވޭ ނަމަ އެކަމުގެ ފައިދާއެއް އާޚިރަތް ދުވަހުން ނުކުރާނޭ ކަމެވެ. އީމާންކަމުގެ ފައިދާކުރާނީ އީމާންކަމުގެ މަގުސަދު ހާސިލުވެގެންނެވެ. މުއުމިނާއަކީ އަޚުލާގީ ގޮތުން ހެޔޮލަފާ މީހަކަށް ވެވިގެންނެވެ. ޢަންކަބޫތު ސޫރަތުގެ ސާޅީސް ފަސްވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވާ ފަދައިންނެވެ. މާތްރަސްކަލާނގެ މަތިން ހަނދުމަކޮށް، ފާހިޝްކަންތައްތަކާއި މުންކަރާތްތަކާއި އަނިޔާވެރިވުމުން ދުރުހެލިވެގެންނެވެ. މިއާޔަތަކީ ކީރިތި ޤުރުއާނުގެ ދީނީ ތައުލީމާތުތަކުގެ މަގުސަދުތައް ބަޔާންކޮށްދޭ އެންމެ މުހިއްމު އާޔަތަށް ވުމުން، ކޮންމެ ހުކުރު ދުވަހަކު ހުކުރު ޚުތުބާގައި މުސްލިމުންނަށް މި އާޔަތް އިއްވައި އެ މަގުސަދުތަކުގެ މަތިން ހަނދާންކޮށްދެވެއެވެ.

ޝިރުކުކުރުމުން ދުރުހެލިވުމަށް ނަސޭހަތްތެރިވުމަށް ފަހު، މި ނަންގަތް ދީނީ އިއުތިގާދުތަކުގެ މަގުސަދުތައް މަތިން، ލުޤުމާނުގެފާނު އޭނާގެ ދަރިކަލުންނަށް ހަނދާންކޮށްދެއްވިއެވެ. ނަމާދުކޮށް މާތްރަސްކަލާނގެ މަތިން ހަނދާކުރުމަށާއި ހެޔޮކަންތައްތައްކޮށް މުންކަރާތްތަކުން ދުރުވެ، މިފަދައިން ކަންތައްތައް ކުރުމަށް އެހެން މީހުންނަށް ވެސް ނަސޭހަތްތެރިވެ ބާރުއެޅުމަށާއި ދުނިޔަވީ އިމްތިހާނުތަކަށް ކެތްތެރިވުމަށެވެ. އަދި، މީގެ އިތުރުން، ބޮޑާވެ ނުގަތުމަށާއި މަޑުމޮޅިވެރި ވުމަށް ވެސް މެއެވެ. އަދި، މީހުންނާ ވާހަކަދައްކާ ހެދުމުގައި އަޑުއުފުލައި ވާހަކަ ނުދެއްކުމާއި އަދަބުވެރިކަމާއެކު މަދަނީ ސިފައެއްގައި މުއާމަލާތްކުރުމަށް ވެސް ނަސާހަތަތެރިވިއެވެ.

މަތީގައި ނަންގަނެވިދިޔަ ލުޤުމާނުގެފާނުގެ ނަސޭހަތުގެ ވާހަކަކޮޅުން ހިކުމަތުގެ މާނަ ފެނިގެންދެއެވެ. އިލްމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަމުގެ ހަގީގަތް ދެނެގަނެ، ނަސޭހަތްދީ ހެޔޮގޮތް ކަނޑައަޅައި ބުނެދިނުމެވެ. މިކަމުން ސޫފިއްޔަތުގެ ނަން ހިކުމަތާ ގުޅާލެވޭ ގޮތް ފެނެއެވެ. ބުއްދިވެރިވެ، ހެޔޮއަޚުލާގެއްގެ ވެރިޔަކަށްވެ، ހެޔޮލަފާ މީހަކަށް ވުމަށް ސޫފިއްޔަތުގެ އިލްމު އެހީވެދޭތީއެވެ.

މި ނަންގަތް ދެ ގޮތުގެ އިތުރުން ވެސް، ސޫފިއްޔަތު، މި ލަފްޒުގެ އަސްލު އޮޅުންފިލުވައިދިނުމުގެ ގޮތުން ވާހަކަތައް ދެކެވެއެވެ. ސޫފިއްޔަތުގެ ލަފްޒުގެ އަސްލު އެއް ބަޔަކު، 'އަހުލުއް ސުއްފާއޭ' އޮންނަ އިބާރާތާ ވެސް ގުޅުވާލައެވެ. އަހުލުއް ސުއްފާއަކީ އެންމެ ފުރަތަމަ މައްކާއިން މަދިނާއަށް ހިޖުރަކުރެއްވި މުހާޖިރިއްޔަ ބޭކަލުންގެ (މައްކާގެ މުސްލިމު ބޭކަލުންގެ) ތެރެއިން މަދީނާގައި ތިއްބެވޭނޭ ތަނެއް ނެތުމުން، ވަގުތީ ގޮތުން މަދީނާގެ ނަބަވީ މިސްކިތުގައި ބޭތިއްބުނު ބޭކަލުންނެވެ. މިބޭކަލުން ފާހަގަކުރެވިފައިވަނީ އޭރު މަދީނާގައި ތިބި މުސްލިމުންގެ ތެރެއިން މާލީ ގޮތުން އެންމެ ނިކަމެތި ބޭކަލުންގެ ގޮތުގައެވެ. ސޫފީންނަކީ ވެސް، ޚާއްސަ ގޮތެއްގައި މި ތަހުރީކުގެ ކުރީކޮޅުގައި، ފަގީރުކަން އެބޭކަލުންގެ ދިރިއުޅުއްވުމުގެ ގޮތް ކަމުގައި ޚިޔާރުކުރެއްވި ބޭކަލުންނަށްވާތީ 'އަހުލުއް ސުއްފާއާއި' ސޫފިއްޔަތުގެ ލަފްޒުގެ އަސްލު ގުޅުވާލެވެނީއެވެ. ނަމަވެސް، އިބްނު ތައިމިއްޔާ ވެސް ފާހަގަކުރައްވާފަދައިން، އަރަބި ބަހުގެ ހަމަތަކުގެ މައްޗަށް ބަލާއިރު، ސޫފިޔައްތު ނެގިފައިވަނީ ސުއްފާއިން ކަމަށްވާ ނަމަ ކިޔަން ޖެހޭނީ ސުއްފީ އެވެ ސޫފީ އެއް ނޫނެވެ.

ސޫފިއްޔަތުގެ ލަފްޒުގެ އަސްލު 'އައްސައްފު’، އާދެ، 'ސަފު' އާވެސް ގުޅުވާލެވެއެވެ. މާނައަކީ ސޫފީންނަކީ އަޅުވެރިކަމާއި ޒުހުދުވެރިކަމާއި އަދި އަޚުލާގީ ގޮތުން ހެޔޮލަފާ ބަޔަކަށް ވުމުން، އެ މީހުންނަކީ މިކަމުގައި އެންމެ ކުރީ ސަފުގައި ތިބި ބަޔަކުކަމުގައި ބުނުމެވެ. މިގޮތުން މި ދެލަފްޒު ގުޅުވާލާއިރު ވެސް ބަހުގެ މައްސަލަ ނިކުމެއެވެ. ލަފްޒީ ގޮތުން ސޫފިއްޔަތުގެ އަސްލު ގުޅެނީ 'އައްސައްފު’އާކަމަށް ވާނަމަ، އަރަބި ބަހުގެ ހަމަ ނިޔާކުރަނީ ސައްފީއޭ ކިޔުމުވެ. ސޫފީއޭ ކިޔުމެއް ނޫނެވެ.

މީގެ އިތުރުން ސޫފިއްޔަތުގެ އަސްލު 'އައްސަފާ’އާ، – ސާފުކަމާ – ވެސް ގުޅުވާލައެވެ. ސޫފީންނަކީ ހިތް ތޯހިރު، ސާފު، ބަޔެއްކަމަށް އިޝާރަތްކުރަމުންނެވެ. މިގޮތުން ގުޅެމެއް އޮތް ނަމަ، އަރަބި ބަހުގެ ހަމަތައް ނިޔާކުރަނީ ސޫފީގެ ބަދަލުގައި ސައްފީއޭ ކިޔުމެވެ. މީގެ އިތުރުން ލަފްޒީ ގޮތުން ސޫފިއްޔަތުގެ އަސްލު އައްސިފަ -ސިފަ ނުވަތަ ނަންއިތުރު- އާ ވެސް ގުޅުވާލެވެއެވެ. ސޫފީންނަކީ ޚުލްގު ހެޔޮ ސިފަތައް ލިބިގެންވާ ބަޔެއްކަމަށް އިޝާރަތްކޮށެވެ. މިހެން ކަމަށްވާނަމަ އަރަބި ބަހުގެ ހަމަ ނިޔާކުރަނީ ސިފީއޭ ކިޔުމެވެ.

ލަފްޒީ ގޮތުން ސޫފިއްޔަތުގެ އަސްލަކީ ކޮބައިކަމާ މެދު ބަޔާންކުރެވި ދިޔަ ވާހަކަތަކުގެ ތެރެއިން، ސޫފިއްޔަތުގެ އަސްލީ ލަފްޒު ކަމުގައި އެންމެ ބޮޑަށް މަޝްހޫރުވެ މަގުބޫލުކަން ލިބިފައިވަނީ އައްސޫފު، ކެހެރި ފޭރާން، މިއލަފްޒެވެ. ނަމަވެސް، ކުރިން ވެސް ބަޔާންކުރެވިދިޔަ ފަދައިން، އިބްނު ތައިމިއްޔާ ފާހަގަކުރައްވާ ގޮތުގައި މިފަދަ ފޭރާން ލައިގެން އުޅުނު ބަޔަކު، ހިޖުރީ ދެވަނަ ގަރުނުގެ މެދެއްހާ ހިސާބުން، ބަސަރާއިން، ފާޅުވި ކަމުގައި ވިޔަސް، އެމީހުން އަމިއްލައަކަށް އެމީހުންނީ ސޫފީންނޭ ކިޔައެއް ނޫޅެއެވެ. ނަމަވެސް، މިއީ އެމީހުންނަށް ފަހުން ދެވުނު ނަމަކެވެ. މިއިން ދޭހަވަނީ މިއީ ސޫފިއްޔަތުގެ އަސްލާ ބެހޭ ގޮތުން، ފަހުން، ބަހުސްތައް ކުރެވި، ފާޅުކުރެވި ދިޔަ ޚިޔާލެއް ކަމެވެ. އެއީ އެކަމުގެ ހަގީގަތްކަމަށް ވެގެން ބުނެވުނު ބުނުމެއް ނޫންކަމެވެ.

އަނެއްކޮޅުން ސޫފިއްޔަތުގެ ލަފްޒީ އަސްލެއް ކަމުގައި، އަލްޤުޝައިރީ ވިދާޅުވެފައިވާ ވިދާޅުވުމުގައި ވެސް މައްސަލަ އެބަހުއްޓެވެ. އާދެ، އެ ލަފްޒު ނެގިފައިވަނީ ޔޫނާނީ 'ސޯފިއާ' މިލަފްޒުން ކަމުގައި ވިދާޅުވާ ވިދާޅުވުމުގައެވެ. ކުރިން މި ލަފްޒު އަރަބި ބަހުން ލިޔުމުގައި ސީނު ބޭނުން ކުރެވިފައި ފަހުން ސޯދަށް ބަދަލުވީ ގޮތް ސާފުނުވާތީއެވެ.

ނަމަވެސް، ސޫފިއްޔަތުގެ އަސްލު މަގުސަދަކީ ދުނިޔެވީ އަވައިގައި ނުޖެހި ބުއްދިވެރިވެ، އަދި މިކަން ނިޔާކުރާ، ރިވެތި އަޚުލާގެއް ލިބިގަނެ މާތްރަސްކަލާނގެ މައުރިފާކޮށް އެކަލާނގެއާ ކުއްތަންވުން ކަމުގައި ވާތީ، އެއީ ހިކުމަތުގެ އަހުލުވެރިން ކަމުގައި ބެލެވި 'ސޯފިޔާ’އާ ގުޅުވާލެވިދާނެއެވެ. އަދި، އެފަދަ ބައެއް ބޭކަލުން، ކެހެރީގެ ކުރަކި ފޭރާމުގެ ހެދުން ތުރުކުރައްވައި އުޅުއްވުމުން، ސޫފު، ކެހެރި، މިލަފްޒާ ވެސް ސޫފިއްޔަތު ގުޅުވާލެވެނީއެވެ. ހަމައެކަނި ލަފްޒަށް ރިއާޔަތްކުރާ ނަމަ ޔޫނާނީ ސޯފިޔާއަށް ވުރެ، ސޫފިއްޔަތުގެ ލަފްޒީ އަސްލު، އަރަބި ސޫފު، ކެހެރި، މި ލަފްޒާ ގުޅުން ބޮޑުކަމަށް ބެލިދާނެއެވެ. އެއީ ސޫފު މި ލަފްޒާއި ސޫފިއްޔަތާއި ދެ ލަފްޒު ވެސް އެއްގޮތް ވުމުންނެވެ. ނަމަވެސް ކަމުގެ ހަގީގަތަށް ރިއާޔަތްކޮށް ދެބައި މީހުންނަކީވެސް – ސޮފިސްޓުންނާއި ސޫފީންނަކީ ވެސް – ހިކުމަތުގެ އަހުލުވެރިންނަށް ވުމުން، މި ދެލަފުޒު ގުޅުވާލެވިދާނެއެވެ.

ދެން، ސޫފިއްޔަތުގެ އިލްމުގެ ދެތިން ތައާރުފެއްގެ މައްޗަށް ބަލައިލާނަމެވެ. ހިޖުރީ ގޮތުން ތިންވަނަ ގަރުނުގެ އިލްމުވެރިޔެއް ކަމަށްވާ އަލްޖުނައިދު އަލްބަޣްދާދީ ސޫފިއްޔަތުގެ އިލްމު ތައާރުފުކޮށްދެއްވަމުން ވިދާޅުވަނީ އެއީ ރީތިވެގެންވާ ހުރިހާ އަޚުލާގީ ސިފަތަކެއް ބޭނުންކުރުމާއި އަޚުލާގީ ގޮތުން ދަށްވެގެންވާ ހުރިހާ ސިފަތަށް ދޫކޮށްލުން އުނގަންނައިދޭ އިލްމެވެ. ހިޖުރައިން ހަތްވަނަ ގަރުނުގެ އިލްމުވެރިޔެއް ކަމަށްވާ އަބުލް ހަސަން އައްޝާޛުލީ ސޫފިއްޔަތުގެ އިލްމު ތައާރަފުކޮށްދެއްވަމުން ވިދާޅުވަނީ އެއީ އަޅުކަމުގެ މައްޗަށް ނަފްސު ހޭނުވުމާއި ސާހިބުވަންތަ ރަސްކަލާނގެ ހުކުމުފުޅުތަކުގެ މައްޗަށް ނަފްސު އަނބުރާ ގެންދިޔުމުގެ އިލްމުކަމުގައެވެ. ހިޖުރައިން ނުވަވަނަ ގަރުނުގެ އިލްމުވެރިއެއް ކަމަށްވާ ޒަކަރިއްޔާ އަލްއަންސާރީ ސޫފިއްޔަތުގެ އިލްމު ތައާރަފުކުރައްވަނީ މިފަދައިންނެވެ. އެއީ އަބަދީ ސައާދަތު ލިބިގަތުމަށްޓަކައި ނަފްސުގެ ހާލަތްތައް ތޯހިރުކުރާނޭ ގޮތާއި، ރިވެތި އަޚުލާގު ލިބިގަންނާނޭ ގޮތާއި އަދި އިންސާނާގެ ބޭރުފުށާއި އެތެރެ ފުށް ބިނާކުރާނޭ ގޮތް ދެނެގަންނަ އިލްމެވެ. އަދިވެސް ހިޖުރީ ގޮތުން ނުވަވަނަ ގަރުނުގެ އިލްމުވެރިޔެއް ކަމުގައިވާ ޝައިޚު ޒައްރޫގު ސޫފިއްޔަތުގެ އިލްމު ތައާރުފުކޮށްދެއްވަމުން ވިދާޅުވަނީ ސޫފިއްޔަތުގެ އިލްމަކީ ހިތްތައް އިސްލާހުކޮށް، ހަމައެކަނި މާތްރަސްކަލާނގެއަށް އެހިތްތައް ޚާއްސަކުރާނޭ ގޮތް އުނގަންނައިދޭ އިލްމެވެ.

މަތީގައި ބަޔާންކުރެވިދިޔަ ތައާރުފުތަކުން ސޫފިޔައްތުގެ އިލްމުގެ ހަގީގަތަކީ ކޮބައިކަން ފާހަގަކުރެވެއެވެ. އެއީ އަޅުކަމުގެ މައްޗަށް ނަފްސުތައް ހާނުވައި ރިވެތި އަޚުލާގުގެ މަތީގައި އެ ނަފްސުތައް ތަރުބިއްޔަތުކުރުމުގެ އިލްމެވެ. އަދި، މިގޮތުގައި ދެމިތިބެ، ހިތްތަކުގެ ލޯބި މާތްރަސްކަލާނގެއަށް ޚަލާސްކޮށް އެކަލާނގެ މައުރިފާކޮށް، އެކަލާނގެއާ ކުއްތަންވުމުގެ މަގު ފަހިކޮށްދޭ އިލްމެވެ.

މިހިސާބުން ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟ މިލިޔުމުގެ ދެވަނަ ބައި ނިމުނީއެވެ. ތިންވަނަ ބައިގައި ބަލާލެވޭނީ ސޫފިއްޔަތުގެ ތަހުރީކުގެ ފެށުމުގެ މައްޗަށެވެ. އާދެ ސޫފިއްޔަތުގެ ތަހުރީކުގެ ފުރަތަމަ މަރުހަލާކަމުގައިވާ 'އަޅުވެރި ޒުހުދުވެރިންގެ' މަރުހަލާގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *