Support Us

ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟- 1

ސޫފީންގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންގެ ތެރޭގައި ފެންމަތިވާ ވާހަކައެކެވެ. ނަމަވެސް، ސޫފީންގެ ވާހަކަދެކެވޭ އިރު، ފެންނަނީ ދެފަރާތެއްގެ ދިމާ އިދިކޮޅު ދެކޮޅެވެ. އެއްކޮޅުން ފެންނަނީ 'ސޫފީ' މި ލަފްޒު އިވޭ އިރަށް އެކަން ކުފުރާ ގުޅުވާލެވޭ ތަނެވެ. ބިދުއަތާ، އެބަހީ، ދީނީ ކަންކަމުގެ ގޮތުގައި ދީނީ ކަންކަމަށް ނުހިމެނޭ، މުޅިން އާކަންކަމާއި، އަދި ބާތިލު އަގީދާތަކައި، ދީނީ ގޮތުން އެއްގޮތަކަށް ވެސް ހުއްދަނޫން، މުޅިން ހަރާން އަމަލުތަކާ ގުޅުވާލެވިގެންނެވެ. އަނެއް ކޮޅުން ފެންނަނީ މުސްލިމުންގެ ތެރެއިން ހަމަ އެކަނި ކަމުހިނގައިދާނޭ ބަޔަކީ ސޫފީން ނުވަތަ ސޫފީންނާ ގުޅުން އޮންނަ ބައެއްކަން ދެކޭ ތަނެވެ. މިއިން އެއްވެސް ކޮޅަކުން ސޫފިންނާއި ސޫފިއްޔަތު ހަގީގަތަކީ ކޮބައިކަމާއި އިސްލާމީ ތާރީޚުގައި ސޫފިއްޔަތުގެ ތަހުރީކު އުފެދި، އެހަރަކާތް އިލްމަކަށްވެ، އިސްލާމީ ޝަރުއީ އިލްމުތަކުގެ ބައެއްގެ ގޮތުގައި ސޫފިއްޔަތު ހިމެނިގެން ދިޔައީ ކިހިނެއް ކަމެއް އެނގޭނޭ ގޮތެއް ނުވެއެވެ. އަދި، ފަހުން، ސޫފިއްޔަތުގެ ކަންތައްތައް ފަސާދަވެ ގޮސް، މުސްލިމުންގެ ތެރޭގައި ސޫފީންގެ މަގުބޫލުކަން ކުޑަވެގެން ދިޔައީ ކީއްވެގެން ކަމުގެ މައްޗަށް ވެސް ބަލާނުލެވެއެވެ.

މި ނަންގަތް ސިފައިގައި، ކަމުގެ ދެ ފަރާތުގެ މިޔަމަތީ ތިބެ، ވާހަކަދެއްކުމުގެ ފުރުސަތު އޮންނަނީ އާންމުންގެ ހޭލުންތެރިކަން ކުޑަވީމައެވެ. މައްސަލައާ ބެހޭ ގޮތުން، އާންމުންގެ އެނގުން ކުޑަވެ، އެކަމާ މެދު، މުސްތަގިއްލު ގޮތެއްގައި، އެބަހީ އެއްވެސް ކޮޅަކަށް ބުރަ ނުވެ، ހަގީގަތް ހޯދުމުގެ އެދުމުގައި، މައްސަލައާ ދޭތެރޭ އަމިއްލައަށް ވިސްނާލުމުގެ އެކަށޭނަކަން ނެތީމައެވެ. އެހެންވެ، އާންމުންނަށް މިފަދަ ގޮތެއްގައި އަމިއްލައަށް ވިސްނުމުގެ މަގެއް ކޮށައިދެވޭތޯ ސޫފިއްޔަތުގެ ވާހަކަ، ކޮންމެވެސް ވަރަކަށް ނަމަވެސް، ތަފްސީލުކޮށް ގެނެސްދެވޭތޯ މަސައްކަތްކޮށްލަން ގަސްދުކޮށް، މި ލިޔުން ލިޔަމެވެ. މި ލިޔުމުގައި ސޫފިއްޔަތުގެ ތަހުރީކު ފެށުނު ގޮތާއި އަދި އެކަން ޝަރުއީ އިލްމަކަށް ވެގެން ދިޔަ ގޮތާއި، އަދި ފަހުން، އެކަމުގެ ތެރެއަށް ބާތިލު އަގީދާތަކާއި ތާކުންތާކު ނުޖެހޭ ބިދުއަތުގެ އަމަލުތައް ވަދެގެން ދިޔަ ގޮތުގެ މައްޗަށް ބަލާލަން ގަސްދުކުރަމެވެ.

ތަސައްވުފު ނުވަތަ ސޫފިއްޔަތުގެ އިލްމުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައިލުމުގެ ކުރިން އިސްލާމީ ޝަރީއަތުގެ އިލްމުތަކުގެ މައިގަނޑު ބައިތަށް މަތިން ހަނދާންކޮށްލުން މުހިއްމެވެ. ސޫފިއްޔަތުގެ އިލްމާއި އެ އިލްމުތަކާ ފުށުނާރާ ދިޔުމަށްޓަކައެވެ.

ޝަރީއަތުގެ އިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް އިލްމަކީ އީމާންކަމާ ބެހޭ އިލްމެވެ. އާދެ، އަގީދާ ނުވަތަ ހިތުގެ އަޑިން ގަބޫލުކުރާ ދީނީ ގަބޫލުކުރުންތަކުގެ އިލްމެވެ. މި އިލްމަށް ތަފާތު ނަންތައް ކިޔެއެވެ. އިސްލާމް ދީނުގެ އުސޫލުތަކާ ބެހޭ އިލްމެވެ. އިސްލާމް ދީން ބިނާވަނީ މާތްރަސްކަލާނގެއަށާއި އާޚިރަތް ދުވަހަށް އީމާންވުން ފަދަ އީމާންވުންތަކެއްގެ އަސާސުގެ މައްޗަށް ކަމަށްވުމުން މިއިލްމަށް ދީނުގެ އުސޫލުތަކުގެ އިލްމޭ ކިޔެނީއެވެ. މީގެ އިތުރުން، މިއިލްމަށް އަގީދާތަކުގެ އިލްމޭވެސް ކިޔެއެވެ. އަގީދާއަކީ ހިތުގެ އަޑިން ވަރުގަދައަށް ގަބޫލުކުރާ ކުރުމަކަށް ވެފައި، މި އިލްމުގެ ވާހަކަތަކަކީ، ދެންމެ ނަންގަތް ފަދަ ގަބޫލުކުރުންތަކެއް ކަމަށް ވުމުން، އެއިލްމަށް އަގީދާތަކުގެ އިލްމޭ ކިޔެނީއެވެ. މީގެ އިތުރުން، މި އިލްމަށް އިސްލާމީ އުލޫހިއްޔާތުގެ އިލްމޭ (އިސްލާމިކް ތިއޮލޮޖީއޭ) ވެސް ކިޔެއެވެ. އެއީ އެއިލްމުގައި މާތްރަސްކަލާގެއާއި އާޚިރަތް ދުވަހާއި މަލާއިކަތުންނާއި ވަހީބާވާލެއްވުން ފަދަ، މާވަރާއީ (މެޓަފިޒިކަލް) – އޭގެ ފުރިހަމަ ވާގިއު (ރިއަލިޓީ) ނުވަތަ ހަގީގަތް އަޅުގަނޑުމެންނަށް ނޭނގޭ ކަންކަމަމާ ބެހޭ ގޮތުން ވާހަކަދައްކާ އިލްމުކަމަށްވާތީއެވެ. މިކަންކަން ބަހުސްކުރުމުގައި މަންތިގާއި (ލޮގިކް) އަދި އިންސާނާގެ ބުއްދީގެ އަލީގައި ޒުވާބުތައް، ހުއްޖަތްތައް، (އާގިޔުމެންޓުތައް) ބިނާކުރެވޭތީ، ބައެއް ފަހަރު، މިއިލްމަށް އިލްމުލްކަލާމޭ ވެސް ކިޔެއެވެ. މީގެ އިތުރުން ވެސް އެހެން ނަންނަން މިއިލްމަށް ކިޔެއެވެ. ތައުހީދުގެ އިލްމެވެ. މާތްރަސްކަލާނގެއީ އެއްކައުވަންތަ އިލާހުކަން ދެނެގަތުމުގެ އިލްމެވެ. އަލްފިޤްހުލް އަކްބަރުގެ އިލްމެވެ. އެންމެ މަތިވެރި ކަންތައްތައް ފަހުމުކޮށް ދެނެގަތުމުގެ އިލްމެވެ. އިލްމުލްއީމާނެވެ. އީމާންކަމުގެ އިލްމެވެ. އިލްމުލް އަސްމާއި ވައްސިފާތިއެވެ. މާތްރަސްކަލާންގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ދެނެގަތުމުގެ އިލްމެވެ.

ޝަރީއަތުގެ އިލްމުތަކުގެ ތެރޭގައި ހިމެނޭ އަނެއް އިލްމަކީ ފިގުހުގެ (އިސްލާމިކް ލޯ) އިލްމެވެ. ބައެއް ފަހަރު މިއީ ފަރުއުތަކުގެ އިލްމޭ ވެސް ކިޔެއެވެ. އިސްލާމީ އިލްމުތަކަކީ ގަހެއްގެ ގޮތުގައި ބަލައި އޭގެ މުލަކީ، އަސްލަކީ، ގަބޫލުކުރުންތަކެއް ކަމަށްވެފައި އެ ގަހުގެ ގޮފިތައް، އާދެ ފަރުއުތައް، އެއީ ފިގުހުގެ އިލްމު ކަމުގައި ބަލެވެގިންނެވެ. ގަހުގެ މޫތައް، އާދެ އަސްލު، ގުޅެނީ މުއުމިނާގެ ހިތުގެ ގަބޫލުކުރުންތަކާ ކަމަށްވާއިރު، ގަހުގެ ގޮފިތަށް ގުޅެނީ އޭނާގެ ގުނަވަންތަކުގެ ކުރުމާއި ނުކުރުންތަކާއެވެ. އާދެ، އޭނާގެ އަމަލުތަކާއެވެ. އަޅުކަމުގެ އަމަލުތަކެވެ. އެކަކު އަނެކަކާ މުއާމަލާތުކުރުމުގެ އަމަލުތަކެވެ. ވަރިއާއި ކައިވެނީގެ މައްސަލަތަކެވެ. ހަލާލުކަންތައްތަކާއި ހަރާންކަންތައްތަކާ ބެހޭ މައްސަލަތަކެވެ. ވައްކަމާއި ޒިނޭކުރުމާއި ރާބުއިމާއި މީހުން މެރުން ފަދަ އިސްލާމް ދީނުގައި އެކަންކަމީ ކުށްތައް ކަމަށް ކަނޑައަޅާލައިފައިވާ ކުށްތަކާއި އެކަމާ ގުޅޭ އަދަބުތަކުގެ ވާހަކައެވެ. މިއީ ޖުމްލަ ގޮތެއްގައި ފިގުހުގެ ދާއިރާގައި ހިމެނޭ ކަންކަމެވެ.

ދެން ޝަރީއަތުގެ އިލްމުގައި ހިމެނެނީ ތަސައްވުފުގެ ނުވަތަ ސޫފިއްޔަތުގެ އިލްމެވެ. މިއިލްމުގެ ފެށުން ގުޅެނީ މުއުމިނާގެ ނަފްސު ތޯހިރުކުރުމާއެވެ. ނަފްސުގައި ހިމެނޭ 'ދަމިލަވީ ސިފަތައް' ނެތިކޮށްލުމާއެވެ. އާޚިރަތް މަތިން ހަނދާންނައްތާލައި، ތަކާޘުރުގެ ދިރިއުޅުމާ –މުދަލާއި ފައިސާ ގިނަކޮށް ޖަމާކުރުމަކީ ދުނިޔަވީ ހަޔާތުގެ ހަމައެކަނި މަގުސަދު ކަމަށް ހަދާލާ ދިރުއުޅުމާ – ދުރުވުމެވެ. އަނެކުންނާ މެދު ހަސަދަވެރިވުމާއި ހިތް ނުބައިކުރުމާއި ހެޔޮ ނޭދުމުގެ ސިފަތައް ނައްތާލުމެވެ. ޝަހުވާނީ އެދުންތަކުގެ – ޖިންސީއެދުމާއި ކެއުން ބުއިންތަކުގެ – އަޅަކަށް ވިޔަނުދިނުމުގެ މަސައްކަތްކުރުމެވެ. ނަފްސުގެ މިފަދަ ދަމިލަވީ ސިފަތަކުން ދުރުވެ، މާތްރަސްކަލާނގެ ޒާތުފުޅު ދެނެގަތުމުގެ މަސައްކަތްކޮށް އެކަލާނގެއާ ކުއްތަންވުމުވެ. ސޫފިއްޔަތުގެ އިލްމުގެ އެހެން ނަންތަކަށް ބަލައިލުމުން ވެސް މިނަންގަތް ކަންކަން ފެނިގެންދާނެއެވެ. އެފަދަ އެހެން ނަންތަކުގެ ތެރޭގައި އަޚުލާގުގެ އިލްމު، ސުލޫކުގެ އިލްމު، މާތްރަސްކަލާނގެއަށް ވާސިލުވުން އެދޭ މީހާ ހިނގާނީ ކިހިނެއްކަން ބުނެދޭ އިލްމު (އިލްމު އައްސާލިކީން އިލާﷲ)، ނަފްސު ތޯހިރުކުރުމުގެ އިލްމް (އިލްމު އައްތަޒްކިޔާ) ފަދަ ނަންނަން ހިމެނެއެވެ. މިނަންތަކުން ވެސް ހާމަވެ، ސާފުވަނީ، ސޫފިއްޔަތުގެ ތަހުރީކާއި އަދި އެ އެއިލްމުގެ ފެށުން ގުޅިފައި އޮތީ މުއުމިނާގެ ހިތް ތޯހިރުކުރުމާއި އޭނާ މާތްރަސްކަލާނގެ މައުރިފާކޮށް އެކަލާނގެއަށް ވާސިލުވުމާއެވެ. މިކަމުގެ ތަފްސީލު ފަހުން ގެނެވޭނެއެވެ.

މަތީގައި ބަޔާންކުރެވި ދިޔަ އިސްލާމީ ޝަރީއަތުގެ އިލްމުތައް – އަގީދާއާ ބެހޭ އިލްމާއި ފިގުހާއި އަދި ސޫފިއްޔަތުގެ އިލްމު – މިކަންކަމުގެ މަސްދަރަކީ ކީރިތި ގުރުއާނާއި ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ސުންނަތެވެ. މިގޮތުން، މި އިލްމުތަކަށް އެހީވެދޭ ޝަރީއަތުގެ އެހެން އިލްމުތައް ވެސް އޮވެއެވެ. މިސާލަކަށް ކީރިތި ގުރުއާން ދެނެގަތުމަށްޓަކައި ތަފްސީރުގެ އިލްމުވެއެވެ. އަދި، ތަފްސީރު އޭގެ މައްޗަށް ބިނާވާ، އާދެ، ކީރިތި ގުރުއާން މާނަކުރުމުގައި ދެނެގަންނަން ޖެހޭ ކަންތައްތައް ބަޔާންކުރާ އުސޫލުއްތަފްސީރުވެސް އޮވެއެވެ. މީގެ އިތުރުން، ސުންނަތް ދެނެގަނެވޭ ހަދީސްގެ އިލްމާއި ހަދީސްގެ ސައްހަކަން ދެނެގަތުމަށް އެހީވެދޭ ހަދީސްގެ މުސްތަލަހުތަކުގެ އިލްމެވެ. މިތަނުގައި ސުންނަތާއި ހަދީސްގެ ތަފާތު ލިޔެލަން ޖެހެއެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސުންނަތޭ ބުނުމުން އިޝާރަތްކުރެވެނީ އަމަލީ ކަންތައްތަކަކަށެވެ. އެކަލޭގެފާނު ކަންތައް ކުރައްވައި މަގުދެއްކެވި ގޮތްތަކަށެވެ. އަދި އެއަމަލުފުޅުތަކުގެ މައްޗަށް ބިނާވެގެން ކަންތައްތައް ކުރެވެމުން އައިގޮތެވެ. މިކަންކަން ފޮތްފޮތުގައި ލިޔެވި ތަސްޖީލުކުރެވުމުން، ސުންނަތްތައް ހަދީސްއަށް ބަދަލުވެގެންދިޔައީއެވެ.

މި އިލްމުތައް ބިނާވީ މި ނަންގަތް މަސްދަރުތައް މާނަކޮށް އަދިވެސް އެހެން އިލްމީ މަންހަޖީ އުސޫލުތަކެއް މައްޗަށް ވުމުން، އިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެ ތަފާތު މަޒުހަބުތައް އުފެދުނެވެ. މިސާލަކަށް އަގީދާގެ އިލްމުގައި، އަޝްއަރީންނާއި މާތުރީދީންނާއި މުއުތަޒިލީންނާއި އަދި ސަލަފުންގެ މަޒުހަބޭ ކިޔޭ މަޒުހަބުވެސް ހިމެނެއެވެ. މިއީ މި މަޒުހަބުގެ ތަފްސީލަށް ދިޔުމުގެ މަގާމެއް ނޫނެވެ. ނަމަވެސް، މިތާ ފާހަގަކޮށްލަން ޖެހެނީ މިފަދަ ޚިޔާލު ތަފާތުވުންތައް ބިނާވެފައި އޮންނަނީ އެ މަޒުހަބެއްގެ އިމާމަކާއި އެ އިމާމަކަށް ތަބާވާ މީހުން ބާރުއަޅާ ކަންތައްތަކެއްގެ މައްޗަށެވެ. މިސާލަކަށް މާތްރަސްކަލާނގެ ޒާތުފުޅު ދެނެގަތުމުގައި މުއުތަޒިލީން ބާރު އަޅަނީ އެޒާތުފުޅަށް އިންސާނީ ސިފަތައް ނުދިނުމަށެވެ. އެހެން ކަންތައް ކުރެވިއްޖެ ނަމަ، އެކަލާނގެ ޒާތުފުޅަށް 'ޖިސްމެއް، ހަށިގަނޑެއް' ދެވި، އެ ޒާތުފުޅު ތަޖުސީމު ކުރެވޭނެތީއެވެ (އެންތުރޮޕޮމޯފައިޒް ކުރެވޭނެތީއެވެ.) ސަލަފުންގެ މަޒުހަބޭ ކިޔޭ މަޒުހަބުގައި ބާރު އަޅަނީ ނައްސުތައް ބާތިލުވެނުކުރެވޭތޯއެވެ. މާތްރަސްކަލާނގެއީ ދެނެވޮޑިގެންވާ ރަސްކަލާނގެއޭ ބުނުމުން، މުއުތަޒިލީން މިކަން މާނަކުރަނީ އެކަލާނގެ ދެނެވޮޑިގަތުމުން ބޭރުގަވާ އެއްވެސް އެއްޗެއް ނޯންނާނޭ ކަމެވެ. މިހެން އެމީހުން ބުނަނީ ދެނެގަތުމުގެ' ކަންތައް ވިސްނައިގަނެވޭނީ ހަމައެކަނި އިންސާނީ ތަޖުރިބާއަށް ކަމަށް ވެފައި، އަދި މާތްރަސްކަލާނގެ ދެނެވޮޑިގަންނަވާ ގޮތުގެ ހަގީގަތް އިންސާނީ ތަޖުރިބާއިން ބޭރުގައި ވުމުންނެވެ. ނަމަވެސް ސަލަފުންގެ މަޒުހަބަށް ތަބާވާ މީހުން ބުނަނީ މާތްރަސްކަލާނގެ ދެނެވޮޑިގަނެއޭ ބުނުމުން ތަޖުސީމުކުރުން ލާޒިމުނުކުރާ ކަމެވެ. އެހެނީ، އެކަލާނގެ ދެނެވޮޑިގަތުން އޮންނަނީ އެކަލާނގެ ޒާތުފުޅާ އެކަށީގެންވާ ސިފައެއްގައި ކަމުންނެވެ. އޭގެ ހަގީގަތަކީ ކޮބައިކަން ދެނެގަތުން އިންސާނީ ތަޖުރިބާއިން ބޭރުގައިވާކަން އެމީހުން ގަބޫލުކުރެއެވެ.

ހަމަ މިފަދައިން ފިގުހުގައިވެސް ތަފާތު މަޒުހަބުތައް އޮވެއެވެ. ސުންނީންގެ ތެރޭގައި މަޝްހޫރުވެފައި ހަތަރު މަޒުހަބެއް އޮވެއެވެ. ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިއީ މަޒުހަބާއި އަދި ހަންބަލީ މަޒުހަބެވެ. މަޒުހަބީ ތަފާތުވުންތައް މެދުވެރިވަނީ ކިހިނެއްކަން ސާދާ ގޮތެއްގައި ބުނެދޭ ނަމަ، ބުނެދެވޭނޭ އެއް ގޮތަކީ ޝަރީއަތުގެ ނައްސުތައް – އެބަހީ ކީރިތި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް – މާނަކުރާ މަންހަޖާ ގުޅުވާލައިގެންނެވެ. މިސާލަކަށް، ނައްސުތައް މާނަކުރުމުގައި ހަނަފީ މަޒުހަބުގައި ސިޔާގަށް، ނައްސުގެ އޮނިގަނޑަށް، ބާރު އެޅިފައިވެއެވެ. އަދި، ބުއްދީގެ ހަމަތައް ބޭނުންކުރުމަށް ވެސް އިސްކަންދެވިފައިވެއެވެ. މާލިކީ މަޒުހަބުގައި، ނައްސުތައް މާނަކުރުމުގައި އިސްކަންދެވެނީ މަދީނާގައި ކަންތައްތައް ކުރި ގޮތަށެވެ. ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގައި އިސްކަންދެވެނީ ނައްސުތަކުގެ ލަފްޒީ މާނައަށެވެ. މިކަން ސާފުވެދިޔުމަށްޓަކައި މިސާލެއް ލިޔެލާނަމެވެ. ތަށްޓެއްގައި ކުއްތާއެއް ދޫލައިފި ނަމަ ކަންތައް ކުރަންޖެހެނީ ކިހިނެއް ހެއްޔެވެ؟ މިއީ ފިގުހީ މައްސަލައެކެވެ. މިކަމުގެ ހުކުމް ދެނެގަތުމަށްޓަކައި ޝަރުއީ ނައްސުތަކަށް ބަލާލުމުން މިކަމުގެ ހުކުމް ބަޔާންކޮށްދޭ ހަދީސެއް އޮވެއެވެ. އެ ހަދީސްގައި އޮންނަނީ އެފަދަ ގޮތަކަށް ކުއްތާއެއް ކަންތައްކޮށްފި ނަމަ، އެ ތަށްޓެއް ހަތްފަހަރު ދޮވުމަށެވެ. އަދި އޭގެ ތެރެއިން އެއްފަހަރު ވެލިލައިގެންނެވެ. ހަދީސްގައި މިހެން އޮތަސް، ހަނަފީން ދެކޭ ގޮތުގައި އެއްފަހަރު ދޮވުމުން ފުދިދާނެއެވެ. އެމީހުންގެ މި ނިންމުން ބިނާވަނީ މި ނައްސު އެމީހުން މާނަކުރާ ގޮތުގެ މައްޗަށެވެ. އެމީހުން މި ނައްސު މާނަކުރަނީ އޭގެ މުރާދަށް ބަލައިގެންނެވެ. އެމީހުން ދެކޭ ގޮތުގައި ހަދީސްގެ މުރާދަކީ ރަނގަޅަށް ދޮވުމެވެ. އަދި، އެހެންވެ، އެންމެ ފަހަރަކުންވެސް އެކަން ކުރެވިދާނެ ކަމުގައި އެމީހުން ދެކެއެވެ. މާލިކީން މިކަމުގެ ހުކުމް ކަނޑައެޅުމުގައި ބަލާނީ މަދީނާގައި ކަންތައްކޮށް އުޅުނީ ކިހިނެއްތޯއެވެ. މަދީނާގައި އެފަދަ ތަށްޓެއް އެއްފަހަރު ދޮވެ، އެ ތަށި ސާފުވެއްޖެ ކަމަށް ބަލާ ނަމަ، އެއީ އެކަމުގެ ހުކުމްކަމުގައި މާލިކީން ނިންމައެވެ. މަދީނާގައި އެ ފަދަ ތަށްޓެއް ހަތްފަހަރު ދޮވެ، އަދި އޭގެ ތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނަ ކަމަށް ވަންޏާ، އެކަމުގެ ހުކުމަކީ އެއީ އެވެ. ލަފްޒީ މާނައަށް ބަލައި މާނަކުރާ މަޒުހަބުތަކުގައި ބަލާނީ ލަފްޒީ މާނައަށެވެ. އެމީހުންގެ ނަޒަރުގައި މުރާދަކަށް ބަލާކަށް ނުޖެހެއެވެ. އެހެންވެ، ޝާފިއީންނާއި ހަންބަލީން ދެކޭނީ އެފަދަ ތަށްޓެއް ހަތް ފަހަރު ދޮވެ، އަދި އެއްފަހަރު ވެލިލައިގެން ދޮންނަން ޖެހޭނޭ ކަމެވެ. މީގެ ތެރޭގައި ސައިބޯނި ނޫނީ ދޮންނަ ކުނޑި ފަދަ މާއްދާތައް ބޭނުންކޮށްގެން ދޮވުނަސް، ޝަރުއީ ގޮތުން ތަށި ސާފުނުވާނޭކަމަށް ދެކޭ މީހުން ވެސް އުޅޭނެއެވެ. އާދެ، ނައްސުތަކުގެ ލަފްޒީ މާނައަށް ބެލުމުން ނިކުންނަ ނަތީޖާއެވެ.

ތަސައްވުފުގައި ވެސް ތަފާތު ގޮތްތަކެއް އޮވެއެވެ. މަޒުހަބޭ ކިޔުމުގެ ބަދަލުގައި މި ގޮތްތަކަށް ކިޔެނީ ތަރީގާތަކެވެ. ނުވަތަ މަގުތަކެވެ. އާދެ، ތިމާގެ ނަފްސުގެ ދަމިލަތައް ފިލުވައި މާތްރަސްކަލާނގެ މައުރިފާކޮށް ދެނެގަނެ، އެކަލާނގެއާ ކުއްތަންވެ، އެކަލާނގެއަށް ވާސިލުވެވޭނޭ މަގުތަކެވެ. މިވާހަކަތަކުގެ ތަފްސީލު ފަހުން ގެނެވޭނެއެވެ.

މި ދެންނެވި ޝަރުއީ އިލްމުތައް ލިޔެވި ތަދުވީނުކޮށް ނިމުނީ، ގާތްގަނޑަކަށް، އިސްލާމީ ތާރީޚުގެ ފުރަތަމަ ހަތަރު ސަތޭކަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައެވެ. ތާރީޚީ ނަޒަރަކުން ބަލާއިރު، އެންމެ ފުރަތަމަ ތަރައްގީވެ ފުރިހަމަވެގެން ދިޔައީ ފިގުހުގެ އިލްމެވެ. ދެން އަގީދާގެ އިލްމެވެ. އެންމެ ފަހުން ސޫފިއްޔަތުގެ އިލްމެވެ.

ސޫފިއްޔަތުގެ ތަހުރީކުގެ ވާހަކަތައް ފެށުމުގެ ކުރިން، އަދި އެއްވާހަކަ ލިޔެލަން ޖެހެއެވެ. ޝަރީއަތުގެ މިނަންގަތް ތިން އިލްމު، އީމާންކަމާއި ގުޅުވާލެވިފައި އޮންނަ ގޮތުގެ ވާހަކައެވެ. މިތާގައި އީމާންކަން ބޭނުން ކުރެވޭ ގޮތް ފަހުމުކޮށްލަން ޖެހެއެވެ. އީމާންކަމޭ ބުނާއިރު، އީމާންކަމުގެ ރުކުންތަކު ވާހަކަ ހިތަށް އަތުވެދާނެއެވެ. އާދެ، މާތްރަސްކަލާނގެއަށް އީމާންވުމާއި ރަސޫލުބޭކަލުންނަށް އީމާންވުމާއި ފޮތްތަކަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާއި އަދި މިންވަރުފުޅަށް އީމާންވުމުގެ ވާހަކަތަކެވެ. މި މަގާމުގައި އީމާންކަމޭ ބުނާއިރު، މިކަން ގުޅެނީ ހަމަ އެކަނި އީމާންކަމުގެ މި ރުކުންތަކާއެއް ނޫނެވެ. މީގެ އިތުރުން، މިކަން ގުޅެނީ އީމާންކަމުގެ ދަރަޖައާއެވެ. އެކަމުގެ ވަރުގަދަކަމާ ނުވަތަ ބަލިކަށިކަމާއެވެ. މިދަރަޖަތައް ތިން ބަޔަކަށް ބަހާލެވެއެވެ. އީމާންކަން ފެށެނީ ހިތުގެ ގަބޫލުކުރުމާއި ދުލުގެ އިއުތިރާފުވުމުންނެވެ. މިއަށް އީމާންވުމޭ ކިޔެއެވެ. ދެން، މި ގަބޫލުކުރުން، މުއުމިނާގެ ބޭރުފުށުގެ އަމަލުތަކުން ފެނިއްޖެނަމަ، ދެވަނަ ދަރަޖަ ހާސިލުވީއެވެ. އާދެ، މުއުމިނާ ނަމާދުކޮށް، ރޯދަހިފައި، ޒަކާތްދީ ހައްޖުވެ، ހަރާންކަންތަކުން ދުރުވުމުން، އީމާންކަމުގެ ދެވަނަ ދަރަޖަ ހާސިލުވީއެވެ. އެ ދަރަޖައަށް ކިޔަނީ އިސްލާމްކަމުގެ ދަރަޖައެވެ. ދެން، މުއުމިނާ އޭނާގެ ނަފްސު ތޯހިރުކޮށް އަދި އޭނާއަށް މާތްރަސްކަލާނގެ މައުރިފާކުރެވުމުން އީމާންކަމުގެ ތިންވަނަ ދަރަޖަ ހާސިލުވީއެވެ. އާދެ، އޭނާއަށް އިހުސާންތެރިކަމުގެ ދަރަޖަ ލިބުނީއެވެ. އީމާންކަމުގެ ފުރަތަމަ ދަރަޖަ ގުޅެނީ އަގީދާތަކުގެ އިލްމާއެވެ. ދެވަނަ ދަރަޖަ، އާދެ، އިސްލާންކަން ގުޅެނީ ފިގުހު އިލްމާއެވެ. ތިންވަނަ ދަރަޖަ، އާދެ، އިހުސާންކަން ގުޅެނީ ސޫފިއްޔަތުގެ އިލްމާއެވެ. ދެންއަންނަ ބައެއްގައި ސޫފިއްޔަތުގެ ފެށުމާއި، ތާރީޚުގައި އެ ތަހުރީކުގެ ކަންތައްތައް ހާމަވެ، ނިގުޅި، ހުޅުވިގެން ދިޔަ ގޮތުގެ މައްޗަށް، އިރާދަކުރެއްވިއްޔާ ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *