ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ޖަލު ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ރަޝީދު، ޕީ.އެން.ސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު އަށް ކިތަންމެ ބިރެއް ދެއްކެވިޔަސް މިތިބީ ގެޔަށްވަދެ ރަޖާލާ ގޮތަށް ނޫން ކަމުގައި ޕީ.ޕީ.އެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް މިހެން ވިދާޅުވީ، މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގެ އޭރު އިސް ފަނޑިޔާރު އަދި މިހާރު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދުގެ ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ޝުޖާޢު މީޑިއާއަށް ދެއްވި ކަމަށް ބުނާ އިންޓަވިއުއެއް ކުށްވެރިކޮށް، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން ނެރުނު ބަޔާނަކަށް ހަވާލާ ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
"…ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނަށް، ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައި ކަމަށް ބުނެ، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދަށް ނިސްބަތްކޮށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވާހަކަ ދައްކާފައިވާ ކަމަށް އެ ލިއުމުގައި ލިޔެފައިވާއިރު، އިބްރާހީމް ޝުޖާޢު ބުނެފައިވާ އެ ވަހާކަތަކަކީ، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކަށްވާތީ، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ." ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން އިއްޔެ ނެރުނު ބަޔާނުގައިވެއެވެ. "އަދި އިންޒާރުދީ ދައްކާފައިވާ އެ ވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލަމެވެ."
އެ ބަޔާނަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ "ރައީސް ޔާމީންގެ މައްޗަށް އިއްވީ ސީދާ ސިޔާސީ ހުކުމެއް" ކަމަށެވެ.
"ފަނޑިޔާރު އަލީ ރަޝީދު، ޕީ.އެން.ސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު އަށް ކިތަންމެ ބިރެއް ދެއްކިޔަސް ގެޔަށްވަދެ ރަޖާލާ ގޮތަކަށް ނޫން މިތިބީ. ރައީސް ޔާމީންގެ މައްޗަށް އިއްވީ ސީދާ ސިޔާސީ ހުކުމެއް. ޑަބަލް ޕްރޮމޯޝަން ޖެހިގޮތަށް ބޭލޭނެ ދުވަހެއް އަދި އަންނާނެ. އިންޝާﷲ،" ޝިޔާމުގެ ޓުވީޓުގައިވެއެވެ.
Fandiyaaru Ali Rasheed PNC ge Naib Raees @shuja3831 ah kithamme bireh dhekkiyas geyah vadhe rajaalaa gothakahnoon mithibee. Raees Yameen ge mahchah ivvee seedhaa siyaasee hukumeh. Double promotion jehigotheh beleyne dhuvaheh adhi annaane In Sha Allah. #FreeRaeesYameenNow pic.twitter.com/pfyTY5pMdp
— Ahmed Shiyam (@Shiyamaldives) November 25, 2020
މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރުގެ ޖަލު ހުކުމެއް އަލީ ރަޝީދު އިއްވަވައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ހުކުމާ ގުޅިގެން މާފުށީ ޖަލުގައި ރައީސް ޔާމީނު އޮންނަވާތާ އަންނަ ހޮނިހިރު ދުވަހަށް އެއް އަހަރު ވާނެއެވެ.
ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން ނެރުނު ބަޔާނާ ގުޅިގެން ޝުޖާ ވެސް ރޭ ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ.
SC Fandiyaaru Ali Rasheedh RY ivvee Haraam Hukumeh.Eynaage Gain “Huvandhu Vas” Dhuvvan kithamme varakah Masakaiy Kurehvviyas Alhugandumennah Eynage Gain Dhuvanee “Gui Vas”.Varah Gina Lawyerun ge Faraathun Ali Rasheedh ge Vaahaka ivijje.PPM ge Verikamehggai Massala Balaanan. pic.twitter.com/oiiA4F461G
— Ibrahim Shujau ???? (@shuja3831) November 25, 2020
"ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު، ރައީސް ޔާމީނަށް އިއްވީ ހަރާމް ހުކުމެއް. އޭނާގެ ގައިން "ހުވަނދު ވަސް" ދުއްވަން ކިތަންމެ މަސައްކަތް ކުރެއްވިޔަސް އަޅުގަނޑުމެންނަށް އޭނާގެ ގައިން ދުވަނީ "ގުއިވަސް." ވަރަށް ގިނަ ލޯޔަރުންގެ ފަރާތުން އަލީ ރަޝީދުގެ ވާހަކަ އިވިއްޖެ. ޕީ.ޕީ.އެމްގެ ވެރިކަމެއްގައި މައްސަލަ ބަލާނަން،" ޝުޖާއުގެ ޓްވީޓުގައި ވިދާޅުވިއެވެ.



advertisment