Support Us

"ބޭބޭ، ހުރިހާ އެތި އަހަރެން އެނގެނީ!"

ރާއްޖޭގައި މަސައްކަތްކުރާ، އޭޝިޔާ ބައްރުގެ ވަކި ޤައުމަކަށް ނިސްބަތްވާ ބިދޭސީންގެ ގިނަ މީހުންނަކީ ވިސްނުމުގެ ގޮތުން ކުޑައިކޮށް އުނި ބަޔެކޭ ބައެއް މީހުން ބުނެއުޅޭ އަޑު އަޅުގަނޑުވެސް އަހައި އުޅެމެވެ. އަދި މި ދެންނެވި ބިދޭސީންނަކީ އަޚުލާޤީ ގޮތުން ފެންވަރު ދެރަ، އަޑު ގަދަ، ކުޑަ ކޮށް ބަސްނާހާ ގޮތެއްވެސް ހުންނަ ބައެކޭވެސް ބައެކޭ ބައެއް މީހުން ބުނެ އުޅެއެވެ. މި ޒާތުގެ ބިދޭސީންނަކީ، ކުރަން ޙަވާލު ކުރެވޭ އެކި ބާވަތުގެ މަސައްކަތް، ދިވެއްސަކު ބަލަން ނެތިއްޔާ ވަރަށް ފަރުވާކުޑަކޮށް ނޫނީ ނުކުރާނޭ ބަޔެކޭ ބުނާ އަޑުވެސް އަހަމުއެވެ. ދޭތެރެ ދޭތެރެއިން ގޮތް ކިޔައި، ނުކިއްސަރު ކޮށް ކަންފަސޭހަކޮށް ކޮށްލައި ކަންކަން ރަނގަޅު ކުރަން އަޑުލައި ހަދައިގެން އިޞްލާޙު ކުރުވާނޭ ދޭސީއަކު ނެތިއްޔާ، ކުރަން ޙަވާލުކުރާ ކޮންމެ ކަމެއް ކޮށްފައި ހުންނާނީ އަމާ ބުނީތީ ފަރަށް ދާގޮތަށޭ ބުނާ އަޑުވެސް އިވެއެވެ. އަދި ވަކީން ޚާއްޞަކޮށް، ތަހުޒީބު އިންސާނުންނަށް ދެއްވި ނިޢުމަތުގެ އެއް މުތީ ކަމަށްވާ އަޚުލާޤަކީ އެމީހުންނާ ވަރަށް ބީރައްޓެހި އެއްޗެކޯލައެވެ. ވޯޓުލާ މޫސުމުގައި މަގު ހުރަސްކޮށް ދަމާ ޒާތުގެ ފޮތިގަނޑެއްގައި ބޮޑު އަކުރުން, އެވެރީންގެ ރަށުބަހުން ރަނގަޅު އުޅުމޭ ބުނަން ބުނެވޭ އެއް ގޮތް ކަމަށްވާ ”ބާލޯ ބިޔަބަހާރް“މިހެން ލިޔެފައި އޮއްވައި ފެނުނަނަސް މީހުންނަށް އެ ކިޔާކަށް ނޭނގޭނެޔޭ ބުނެވެއެވެ. އެ ފޮތިގަނޑު މަގު ހުރަސްކޮށް ހައްޔަރު ކުރަން މަގުގެ ދެފަރާތުން ކޮންމެވެސް ދެ އެއްޗަކަށް ޖަހައިފައި ހުންނަ ދެ ބައިނުން ކުރެ އެއްފަރާތު ބައިނުން ކެނޑިގެން އައިސް މޫނުގައި އޮޅުނަސް، އެ ފޮތިގަނޑު ތަވީދަކަށްވެސް ނުވާނޭ ބުނެވެއެވެ. އެހެނަސް، ޙަޤީޤަތަކީ ކޮބައިކަން ބުނެދޭން އަޅުގަނޑަކީ ކާކު ތޯއެވެ! މިހައި ވަރަށްވެސް މި ވާހަކައިން ފެށުނީތީ، އިނގިރޭސި ބަހުން އަދި މިހެން އަދި ނުދެންނެވިޔަސް، އަޅުގަނޑަށް މަޢާފު ކުރައްވާށެވެ.

ދާދި މިދާކަށް ދުވަހު އަޅުގަނޑުމެން ގޭދޮށުގައި ހިނގި ކަމެކެވެ. ގޮތް ނޭނގޭ ބަޔަކު އައިސް ކައިރީގައި ހުރި ގެއެއްގައި ހުރި ބާ ދަގަނޑުތަކާއި ކުނިބުނި އެބަ ހާވައެވެ. މަސައްކަތް ކުރަން އައިސް ތިބީ އެއްކަލަ ޤައުމުގެ ބިދޭސީންކަން އެނގުނީ އެ މީހުންގެ ބަހުރުވައިންނެވެ. އެއީ ކުރިން މި ދެންނެވި ފޮތިގަނޑުގައިވެސް އޮތް ބަހުރުވައެވެ. އެ މީހުން އެ އައިގޮތަށް އައިސް އެ ކުރި ކަމެއް ކުރަން ހަމަ ފެށުމާއެކު، އެކަކު އަނެކަކަށް ގޮތްކިޔައިދީ، އިރުޝާދު ދީ، އަމުރުކޮށް ހަދަން ހަޅޭލަވަން ފަށައިފިއެވެ. އެ މީހުންގެ ޘަޤާފަތް ދަންނަ މީހުން ބުނާ ގޮތުގައި އެއީ އެ މީހުންގެ އާދައެކެވެ. އެ ވެރިންގެ ޤައުމުގެ ބޮޑު ޔުނިވަރސިޓީއެއްގެ ޕުރޮފެސަރަކު ވަރަށް ކުރީން އަޅުގަނޑު ގާތު ވިދާޅުވެފައި އޮންނަ ގޮތުގައި، އެ މީހުންގެ ތެރެޔަކު ވެރިޔަކު ނުހުންނާނެއެވެ. އެންމެން އެކަކު އަނެކަކަށް ގަދަ އަޑުން އަމުރު ކުރާނެއެވެ. ކޮންމެއަކަސް، މި ދެންނެވި ހަޅޭފަޅޭކުގެ އަޑުގަދަކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެ އަޑަށްވުރެ ގަދަކޮށް އިވޭނެ ކަމަށް އަޅުގަނޑަށް ލަފާކުރެވުނު، އެކި ވަރުގެ ދަގަނޑު ބުރިބުރިއާއި ޓިނުގަނޑުގަނޑު އުކާ އަޑަށްވުރެވެސް ހަޅޭކުގެ އަޑު ގަދަހެން ހީވި ފަހަރު މާ ގިނައެވެ.

މަސައްކަތް ފެށުނުތާ މާކަ ގިނަ އިރެއް ނުވަނީސް، ދެން ފެނުނީ މަގުމަތީ ދުވާރު މަތީގައި އަލަށް އުފެދިގެން ބޮޑުވަމުން ދިޔަ ބާދަގަނޑުގެ ފުންޏެކެވެ. ހުއްދަ ބޯޑެއް، ނުވަތަ އެ ފަދަ އެހެން އެއްޗެއްގެ އެހީއާއި ނުލައި އެ ހިސާބުގަނޑު ޙިޞާރު ކުރަމުން ގެންދިޔަ ފުނިވަރެކެވެ. މަގަކީ ބޮޑު މަގެއް ކަމަކު، އެކި ކަންކަމު މަގުހިނގައި އުޅޭ މީހުން ދުވާރު ދޫކޮށް މަގުމަތިން ހިނގަން ޖެހުނަސް، އެކި ބާވަތުގެ ރަސްމީ އަދި ނުރަސްމީ އުޅަނދު އެ ކަހަލަ މީހުން ގައިން ނައްޓަމުން ދުއްވަން މަޖުބޫރު ވިޔަސް،  އެ ކަމުން ދައްޗެއް ތުރާލެއް ވާ މީހަކަށް އެއްކަލަ ދަގަނޑު ފުނި ފެނުނުހެނެއް ހީއެއް ނުވިއެވެ. ނުވަތަ ދަތި އުނދަގޫ ވިޔަސް، އެއްޗެއް ބުނަން ކެރޭ މީހަކު ނެތީވެސް ތޯއްޗެކެވެ.

އަޅުގަނޑުމެން ކަހަލަ އާދައިގެ މީހަކު ގެޔަށް ގެންނަ ދޮންނަ މެޝިނު ގޭތެރެޔަށް ނުވެއްދި އެހުންނަ ދިހަވަރަކަށް މިނެޓުވެސް ބެހެއްޓޭނީ ކޮންމެވެސް ތާކުން ބޯޑެއް ނަގައިގެން ކަމަށް ކިތަންމެ ތާކުން އަޅުގަނޑުމެން ކަހަލަ މީހުންނަށް އަންގައިފާނެއެވެ. އެހެނެއްކަމަކު މި ދެންނެވި ކަހަލަ ބޮޑެތި މަސައްކަތް ކުރާއިރު އެ ކަހަލަ ބޯޑެއް ފެންނަން ނެތީމައި، އެ ކަމާ އެއްޗެއް ބުނާނެ މީހަކުވެސް ނެތް ހެން ހީވީމައި ހިތުގައި އުފެދޭ ނުސިޔާނު ޝުޢޫރުތައް އަޅުގަނޑު މި ތާކު އަދި ފާޅެއް ނުކުރާނަމެވެ. މިވެރިން މި ގަނޑު ގަންނައިރު ބޯޑެއް ފެންނަން ނެތް ތާނގައި، އެ ބޯޑު ނެތްކަން ފެންނަ މީހަކުވެސް އެހެން ލައިގެން ހިނގައިފައި، ނޫނީ ސައިކަލެއްގައި، ނޫނީ ހަތަރު ފުރޮޅުލީ އެއްޗެއްގައި ނަމަވެސް ނުދާކަން އެއީ އަޅުގަނޑު މަޑުން ހުންނަން ޖެހޭ ވަރުގެ އިޝާރާތެއްކަމަށް އަޅުގަނޑު ބަލައިގަތީމެވެ. އެއީ ކުށް ހީޔަކަށް ވިޔަސް ހެޔޮ ކަމަށެވެ.

ޖެހިގެން އައި ދެތިން ދުވަހު ހަމަ މި ދެންނެވި މަސައްކަތް ކުރަން އެ ގެޔަށް އައީ ދިވެހީން ކޮޅެކެވެ. އެ ދުވަހުވެސް  އެއްޗަކަށް ވާ އެއްޗަކަށް ހޭވީ ހަމަ ބާ ދަގަނޑެވެ. އެ ގޭ ދޮރުމައްޗަށް އެ ދުވަހުވެސް ލޯރިތަކެއް އައިސް ގޮސް ވިއެވެ. ލޯރިތައް އަންނަނީ ހުސްކޮށެވެ. އަނބުރާ ދަނީ ބަރާކޮށްލައިގެނެވެ. މަސައްކަތް ކުރަން އައި މީހުން ދުވަހު މަސައްކަތް ނިންމާފައި އެ ތަނުން ހިފައިގެން ދިޔަ އެއްޗިހީގެ ތެރޭގައި އަޅުގަނޑުގެ ޝުކުރާއި ހެޔޮއެދުންވެސް ގެންދިޔައެވެ. އެއީ ކީއްވެތޯއެވެ؟ އެއީ، އެއްކަލަ ހަޅޭކުގެ އަޑު އަހަން ނުޖެހުމުންނެވެ. މަސައްކަތް ކުރުމުގައި އަވަށްޓެރީންނާއި މަގު ހިނގާމީހުންނަށް ބެލި، ރިވެތި، ގޮތްހުރި ސުލޫކު ފެނުނީމައެވެ.

ޝައްކެއް ނެތެވެ! އެކި މީހުން ދުނިޔެއުޅެން ކުރާނީ އެކި ބާވަތުގެ މަސައްކަތެވެ. އެކި މީހުން ކުރަން ޖެހޭ އެކި މަސައްކަތް އެމީހުން ކުރާނެތާއެވެ. މަސައްކަތް ކުރަން ފުރުޞަތުވެސް ދޭންވާނެ ދެއްތޯއެވެ! އެހެން ކަމާއެކު، ޖެހިގެން ހުރި ގެއިން ބާ ދަގަނޑު ނެރެގެން އެ ގެންދާ ތާކަށް ގެންދަން އަޅުގަނޑު ހުރަސް އަޅައިގެން ނުވާނެއެވެ. އަދި ހަމަ އެ ފަދައިން،  އަޅުގަނޑު ދިރިއުޅެން ކުރާ މަސައްކަތެއް ކަމުގައިވާ، ޒޫމް އިން އެކި މީސްމީހުންނަށް ކިޔަވައިދިނުމާއި ލެކްޗަރު ދިނުން ފަދަ ކަންކަން މުޅި ދުވަހަށް ހުއްޓައިލަން މަޖުބޫރު ކުރުވުމަކީ އެ މީހުންވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މި ދެންނެވި ގެޔަށް އެ މަސައްކަތެއް ކުރަން ދިވެހީން އައި ކޮންމެ ދުވަހަކު އެ މީހުން އަޅުގަނޑުވެސް މަސައްކަތް ކުރަން ފުރުޞަތު ދިނެވެ. އަޅުގަނޑުވެސް އެ މީހުންނަށް ފުރުޞަތު ފަހިކޮށްދީ، އެ މީހުންގެ ހެޔޮ ކަމަށްޓަކައި ޝުކުރު އަދާކުރީމެވެ. އެކަމަކު، ދިވެއްްސެއްގެ ބެލުމުގެ ދަށުގައި ނެތް ބިދޭސީން އައި ކޮންމެ ދުވަހަކު އަޅުގަނޑަށް ޖެހުނީ އަޅުގަނޑު ދިރިއުޅެން ކުރާ އެއް މަސައްކަތް އެކީ އެކައްޗަކަށް ހުއްޓައިލާށެވެ. ފައިސާ ދައްކައިގެން އަޅުގަނޑުގެ ޚިދުމަތް ހޯދާ އެތައް ބައެއްގެ ނުރުހުން ބޮލުގައި އަޅާށެވެ. އެމީހުންގެ ކުރިމަތީގައި އަގުވެސް ވެއްޓޭށެވެ. ދެން މިދެއްކުނީ އެއްވެސް ބާވަތެއްގެ ނުސިޔާނު ތަފާތު ކުރުމެއްކަމަށް ދެކެވަޑައިގެން އެކަމާ ޖަޒުބާތީ ކޯފާޔަކުން ކޯފާ އިސްކުރައްވާނެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން އޮތީ އެންމެ އެއްޗެކެވެ. އެއީ، ތިޔަ ބޭފުޅުންނަށްވެސް މިކަހަލަ ތަނެއް އަވަހަށް ވަރަށް ގާތުން ފެނިވަޑައިގެން، އެ ކަމުގައި ހުރި ދައްޗާއި ނިކަމެެތިކަމާއި ދެރަވަރުކަން ތަޖުރިބާ ކޮށްލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވަންދެން އިހަށް އެއްޗެއް ވިދާޅުނުވެ މަޑުކޮށްލައްވާށޭއެވެ.

މި ދެންނެވި ގޮތަށް، އަޅުގަނޑު ކުރާ މަސައްކަތަށް ހުރަސް އެޅުނު ހަތަރުވަނަ ދުވަހު އަޅުގަނޑުގެ ކުޑަކުޑަ ކޮޓަރީގެ އިންފާރުގައި ރެނދުލާހައި ބާރުމިނުގައި ފާރަށް ދަގަނޑުބުރި ބުރި އުކައި ހެދުމުން، ހުރިހައި ޒޫމް ޝެޝަންތައް މަޢާފާއެކު އަނެއްކާވެސް މަދުކަނޑައިލައިފައި، އެބަޔަކު އެކުރާ މަސައްކަތެއް ތަންކޮޅެއް ގާތުން ބަލައިލަން ތިރިޔަށް ފައިބައިފީމެވެ. އަސްތާ، ބިރުން ހަލާކު ނުވީ ކިރިޔާއެވެ! ގޭ ދޮރޯށީން މަގު މައްޗަށް ނިކުމެވޭކަން ނެތެވެ. ހަމަ ސީދާ ދޮރުމަތީގައި، ދޮރުން ބޭރަށް ފިޔަވަޅެއް އަޅައިފިނަމަ އެ ހިސާބުން ފުރާނަޔަށް ނުރައްކާވާނެކަން ކަށަވަރު ކޮށްދީދީ އެ ހުރީ ފިސާރި ޞިއްޙަތު ރަނގަޅުކޮށް ދަބަރުޖަހައިލައިފައި ހުރި ދަގަނޑުގެ ފުނިވަރެކެވެ. ހުއްދަ ބޯޑު ނުނަގައި މަސައްކަތް ކުރަން ކޮންމެވެސް ގޮތަކުން އަދި ހުއްދަ ދެއްވިޔަސް، އަވަށްޓެރިޔާ ގޭގައި ބަންދުކުރުމުގެ ހުއްދަ އެމީހުންނަށް ނުދެއްްވާނެކަން އަޅުގަނޑަށް ކަށަވަރުވިއެވެ. އެހެންކަމާއެކު، ފުނިވަރު އެއްކައިރިކޮށްލާނެ މީހަކު ވޭތޯ ބަލައިލަން ބޭރު ބަލައިލައިފީމެވެ. އެކަމަކު ގޭ ދޮރޯށި ހުޅުވޭކަށް ނެތެވެ. ނުހުޅުވުނު ދަގަނޑު ދޮރޯށިން އެތެރޭގައި ގޮތްހުސްވެފައި އަޅުގަނޑު ހުއްޓައި، ބާ ދަގަނޑުބުރިޔެއް ހިފައިގެން އައި މީހަކު އެއްކަލަ ފުނިވަރަށް އެ ބުރިވަރު އެއްލައިފިއެވެ. އަޅުގަނޑުވެސް ފުރުޞަތަށް ބަލައިފައި، އެއްކަލަ ދަގަނޑު ފުނި ދޮރޯށި ކުރިމަތިން އެއްކައިރިި ކޮށްލައިދޭތޯ  އޭނާ ގާތު  ވަރަށް ރީތިކޮށް ދިވެހި ބަހުން ބުނެފީމެވެ.

”ބޭބޭ، ކަލޭ ކާކު؟ ކަލޭ ނުބުނަނީ! ބޮޝް ބުނަނީ މިތާ ބަހައްޓަނީ، މައްޝަލަ ނެތީ. ދެން ފަހުން ނަގަނީ ޕިކަޕު އަންނަނީމަ،“ އަޅުގަނޑާ ދިމާޔަށް ހުތުރު ގޮތަކަށް ކަޅިއަޅައިގެންފައި، އެއްކަލަ އަޚުލާޤު ފޮތިގަނޑު މޫނުމަތީ އޮޅޭ ހަނދާން އާވެގެން ދާ ކަހަލަ ރާގެއްގައި އެމީހާ ބުންޏެވެ. އެހިސާބުން އެ މީހާގެ ޤައުމީ ޙައްޘިއްޔަތު އަޅުގަނޑަށް ޔަޤީނާ ގާތަށް އެނގިގެން ދިޔައެވެ. އޭނާޔާ މުޢާމަލާތް މިކުރެވުނީ އޭނާ އެ ބަހުރުވަޔަކަށް އާދަވެފައިވާ ބަހުރުވަޔަކުން ނޫންކަންވެސް އެނގިއްޖެއެވެ. އެހެންކަމުން، އޭނާޔަށް ދޭހަވާނޭ ބަހުރުވަޔަކުން، އަޅުގަނޑާއި އަޅުގަނޑުގެ ގޭ ދޮރޯށްޓާ ހުރި ގުޅުމާއި، އެ ވަގުތުގެ ބޮހަކީ ކާކުކަން ވީހާވެސް ކުރުކޮށް އޭނާޔަށް އަންގަން ޖެހޭ ކަމަށް ފެންނާތީ، އެ ފިލާވަޅު އޭނާޔަށް ދީފީމެވެ. އަޅުގަނޑަށް އޭނާގެ ބަސް އެނގޭ ވަރަކުން އެ ބަހުންނެވެ. އެ މީހާ ޙައިރާންވެގެން ތަންމިނަށް އަނގަހުޅުވައިގެން މެންދުރުކާޅެއްހެން އަޅުގަނޑާ ދިމާޔަށް ބަލަހައްޓައިގެން ހުރެފައި، ދެން އެހެން ކަމެއް ނުކޮށް އޭނާ އެ އަވަސްވެގަތީ އެއްކަލަ ދަގަނޑުފުނި ގޭ ދޮރުމަތިން އެއްކައިރި ކުރާށެވެ. ބޮހުގެ އެނގުމާއި ޕިކަޕު އައުން ހަނދާން ނައްތައިލައިފައެވެ.

އެ ހިސާބުން އަޅުގަނޑުގެ ހިތަށް އެ އެރީ ވަރަށް އެހެން ކަހަލަ ކަމެއް ކޮށްލާށެވެ. މިދެންނެވި މީހާގެ މަސައްކަތުން އަޅުގަނޑު ގޭބަންދުން ހަމަ ވީއްލުމާއެކު އަޅުގަނޑު މާސްކު އަޅައިގެން މަގުމައްޗަށް ނިކުމެއްޖައިމެވެ. އަދި މިދެންނެވި މީހާޔަށް ”ސައެއް ދީގެން ގުޅައިލަން“ ކުޑަ މަސައްކަތެއް ކޮށްލައިފީމެވެ. އަދި އެކަން ކާމިޔާބުވެސް ކޮށްފީމެވެ. އަދި އެ ހިސާބުން އޭނާ ގާތުން ބައެއް މަޢުލޫމާތު ލިބޭތޯވެސް މަސައްކަތް ކޮށްލީމެވެ. ކޮށަކޮށައިގެން ނަމަވެސް، އޭނާގެ ބަހުރުވައިން އަޅުގަނޑު ކުރި ސުވާލު ތަކާއި އެ ސުވާލުތަކަށް އޭނާ ރަށުބަހުން ވަރަށް ފަރިތަކޮށް ދިން ޖަވާބުތައް ދިވެހި ބަހުން އަޅުގަނޑު ތިރީގައި ޙިއްޞާ ކޮށްލާނަމެވެ:-

އަޅުގަނޑު: ކަލޭ މިރާއްޖޭގައި އުޅޭތާ ކިތަކަށް އަހަރު ވެއްޖެތަ؟ އަދި ތިޔަ އުޅެނީ ގަވައިދުން ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެންތަ؟ ވޯކު ޕާމިޓު އެބައޮތްތަ؟

އޭނާ: މިތާ އުޅޭތާ މިވަނީ އަށް އަހަރު. މިތާ މި އުޅެނީ ހުއްދައެއް ނަގައިގެނެއް ނޫން. ވޯކު ޕާމިޓެއް ނެތް. އެކައްޗެއްވެސް ނެތް.

އަޅުގަނޑު: ޑީޕޯޓު ކޮށްފާނެތީ ބިރެއް ނުގަނޭތަ؟

އޭނާ: ބިރެއް ނުގަނޭ. ކަލޭމެންނަކީ އެޔަށް ވުރެ މާ ހެޔޮ، މާ އިންސާނިއްޔަތުކަން ހުރި ބައެއް. އަހަރެން ރަށަށް ފޮނުވާލާނީވެސް އަހަރެން ބޭނުމިއްޔާ. އެހެންނޫނީ އަހަރެން ބޭނުމިއްޔާ ރެގިޔުލަރައިޒް ކޮށްދޭނެ. އެއީ ވަރަށް ރަނގަޅު ކަމެއް.

އަޅުގަނޑު: މިތާ މަގުމަތީގައި މާސްކު ނާޅައި މަސައްކަން ކުރަން ޖެހިލުމެއް ނުވޭތަ؟ މާސްކު އަޅަން ރަސްމީކޮށް އަންގައިފައި އޮންނަކަން އެނގޭތަ؟

އޭނާ: މާސްކު އަޅަން އަންގައިފައި އޮންނަކަން އަހަރުމެން ރަށުބަހުން ގޮވަމުން ޕިކަޕުވެސް ދޭ. އެހެން ނޫނަސް، ޓީވީން ދިވެހި ބަހުން ގޮވާ އެއްޗިހިވެސް އަހަރެންނަށް އެނގޭ. އެކަމަކު މާސްކު އަޅައިގެން މި ކަހަލަ މަސައްކަތެއް ނުކުރެވޭނެ. އެހެންވީމާ މާސްކު އަޅައިތޯ ބަލަން ޖެހޭ މީހުންވެސް އަހަރުމެން މާސްކު ނާޅައި އުޅުނަކަސް އެހައި ބޮޑަކަށް އަޅައެއް ނުލާނެ. އެ މީހުންނަށްވެސް އެނގޭ، އަހަރެން މިބުނިހެން، މާސްކު އަޅައިގެން މަސައްކަތެއް ނުވާނެކަން. އެއީ ހާދަ ހިތްހެޔޮ ބަޔެކޭ! ދެން ކޮން ޖެހިލުމެއް ވާނީ؟

އަޅުގަނޑު: ކަލެޔަށް އެނގޭތަ ތިޔަ ގޮތަށް މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް އެއްޗިހި ބަހައްޓާއިރު ހުއްދަ ނަގަން ޖެހޭކަން؟ ބޯޑެއްވެސް ބަހައްޓަން ޖެހޭކަން؟

އޭނާ: ވަރަށް ރަނގަޅަށް އެނގޭ ތިހުރިހައި އެއްޗެއްވެސް. އެކަމަކު ބޮސް ބުނީ އެހުރިހައި ގަނޑެއް ގަންނާނެ ކަމެއް ނެތޭ، އޭނާ އެކަން ހަމަޖައްސާލާނަމޭ. އެހެންވީމާ އަހަރެން ދެން ކޮންކަމަކާ ވިސްނަންވީ؟ މަށަކަށް ކަމެއް ނުވާނެ ކޮންމެ ބަޔަކު އަޔަސް. ކުށްވެރިވަންޏާ ވާނީ ބޮސް. ކަލޭ ގޭ ދޮރުމަތީގައި ދަގަނޑު ބެހެއްޓީމައި ދަތިވާނެ ނޫންހޭ އަހަރެންވެސް ބުނިން ބޮސް ގާތު. އެހެން ބުނީމާ ބޮސް ބުނީ ކަލޭ ތީ ދެން ކާކުހޭ، އެންމެ ބޮޑުވަރަކަށްވެސް ހަޅޭކޭ ލެވޭނީ، ކަމެއް ނުކުރެވޭނޭ، އެހެންވީމާ އޯކޭ ވާނޭ. ބަހައްޓާލާށޭ.

އަޅުގަނޑު: އެހެން ވިއްޔާ، ދެން ކަލޭމެންގެ ފަރާތުން ވާ އުނދަގޫ ކުޑަކުރަން ހަދާނީ ކިހިނެއް؟

އޭނާ: އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ކުޑަ ސައެއް ވައްޓައިލާ! އެ ނިމުނީ. ދެން ބޮސް އަކަށް ނޭނގޭނެ އަހަރުމެން ހަދާ އެއްޗެއް.

އަޅުގަނޑު: އެހެން ވެއްޖިއްޔާ، ކަލޭމެނަށް އެނގޭދޯ މި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ، މިހުރިހައި އެއްޗެއްވެސް؟

އޭނާ: މިތަނަށް އައުމުގެ ކުރިންވެސް އެނގޭ. އަހަރެންގެ ޅިޔަނު މިތާ ގަވައިދާ ޚިލާފަށް އުޅެގެން ހޯދި ފައިސާއިން ރަށުގައި މިހައިރު ހަތަރު ފިހާރަ ހުޅުވައިފި. އަހަރެން މިތަނަށް އަންނަން ޓިކެޓު ދިނީވެސް އޭނާ. މިތާނގައި ކަންކަން ހުންނާނެ ގޮތް ފުރަތަމަ ބުނެދިނީ އޭނާ. މި ތާނގައި އަހަރުމެންނަށް ދެރަ ގޮތެއް ނުވާނެ ކަމާއި، މިތާނގެ މީހުންގެ ހިތްހެޔޮކަމާއި، ގަވައިދާ ޚިލާފުވިޔަސް އަބަދުވެސް ދޭނީ ނަސޭހަތާއި އެހީކަން ބުނެދިނީވެސް އޭނާ. ދުވަހަކުވެސް އަދަބެއް ނުދޭނެޔޭ ބުނީވެސް އޭނާ. އަދިކަންކަން ކުރާނެ ރަނގަޅު ގޮތް އަހަރުމެންނަށް ބުނެދީ، ހެޔޮކޮށް ކުރިޔަށް ދާނެގޮތް ދައްކައިދޭނެކަންވެސް ބުނެދިނީ އޭނާ. ބައެއް ދިވެހީންނަށް މަސައްކަތް ކުރާނެ ސްމާޓު ގޮތްގޮތް  ނޭނގޭ ކަމާއި، ކުދި ވިޔަފާރިވެސް ހިންގާނެ މޮޅު ގޮތްގޮތް ކަލޭމެންނަށް ނޭނގުނަސް، އެ ކަން ކަލޭމެނަށް ނުވިސްނޭކަންވެސް ބުނެދީނީ އޭނާ. އެހެންނަމަވެސް އަހަރުމެން ރާއްޖޭގައި އެކަހަލަ ކަމެއް ކުރަންޏާ އެ މަގުގައިވެސް ދިވެހީންނަކީ އަހަރުމެންނަށް ވަރަށް އެހީ ވާނެ ހެޔޮލަފާ ބައެއް ކަން ބުނެދިނީވެސް ޅިޔަނު. އެހެންވެ ޓުއަރިސްޓަކަށް ހެދިގެން އައީ. ދެރަޔެއް ނުވި އައިސްގެނެއް.

އަޅުގަނޑު: އެހެން، ދޯ؟

އޭނާ: ބޭބެޔަށް އެނގޭތަ، އަހަރުމެން ގައުމުގައި ގަވައިދާ ޚިލާފު ވެއްޖިއްޔާ ޖޫރިމަނާ ކުރާނެ. ޖޫރިމަނާގެ އިތުރުން ސަލާމަތްވާން އަދި އެހެން އެއްޗިހިވެސް ދޭން ޖެހޭނެ ބައެއް ފަހަރު. ޖަލަށް ލާނެ. ބައެއް ފަހަރު ތަޅާނެ. އެކަމަކު މިތަނުގައި މީހުން ކިހާ ރަނގަޅު ދޯ؟ އެ ކަހަލަ އެއްވެސް ކަމެއް ނުވާނެ.

އަޅުގަނޑު: އެހެން ވެއްޖިއްޔާ، ކޮންމެ ދުވަހަކުވެސް ހެނދުނު 10 އިން މެންދުރު ފަހު 2 އަށް އަހަރެން ޒޫމް ސެޝަން ހިންގަން ތަންކޮޅެއް އަޑުމަޑު ކޮށްދީ ފާނަންތަ؟

އޭނާ: ކުރިން ބުނިހެން ސައެއް ވައްޓައިލާ! ބަރާބަރު ވާނެ. ..އޭ، ބޭބޭ! މިތާ ގޯޅި ތެރޭގައި އެހެރަ ގެ އެ ހެރީ ފަޅަށްތަ؟

އަޅުގަނޑު: އެ ގޭ މީހާ މިހައިރު އުޅެނީ ލަންކާގައި. މާލެ އަންނާނީ ދެ އަހަރު ފަހުން.

އޭނާ: އެހެން ވިއްޔާ ބޭބެ އެ ގެ ކުއްޔަށް ނަގަންވީނު، ބޭބެ ނަމުގައި؟ ހުރިހާ ފައިސާއެއް ދައްކާނީ އަހަރުމެން. އެ ތާނގައި އަހަރުމެން ވިޔަފާރިއެއް ކުރާނީ ބޭބެގެ ނަމުގައި. ބޭބެޔަށް ދޭނަން ތިރީސް ޕަރސަންޓު ކޮމިޝަން.

އަޅުގަނޑު: ދެން މިހަރަކު ނޫންދޯ ތިވާހަކަ ދައްކާނީކީ؟ ފަހުން ދޯ؟

އޭނާ: އޯކޭ! މާދަމާ ދޯ؟

އަޅުގަނޑު: ދެން ދަނީ އިނގޭ؟ އަންނާނަން އެންމެނަށް ސައި ހިފައިގެން. އަހަރެން ހީކުރީ ކަލޭމެން ޒާތްޒާތަށް އުޅެނީ ނޭނގިގެން ކަމަށޭ! އެކަމަކު މިހައިރު އެނގިއްޖެ އެހެން ނޫންކަން.

އެހިސާބުން އޭނާ އަޅުގަނޑަށް ޖަވާބު ދިނީ އަޅުގަނޑުމެންގެ ދިވެހި ބަހުންނެވެ.

”ބޭބޭ، ހުރިހާ އެތި އަހަރެން އެނގެނީ!“ އޭނާ ބުނެލިއެވެ. އަދި ހީނލިއެވެ.

ވިސްނުން ކޮށީކީވެސް ނޫނެވެ. ވިސްނަންވާ ތަނުގައި ވިސްނައިފައި، ވިސްނަން ކޮންމެހެން ނުޖެހޭ ތަނުގައި އަޅައިނުލަނީއެވެ. އަޚުލާޤީ ގޮތުން ދެރައީކީވެސް ނޫނެވެ. އަޚުލާޤަކީވެސް އެ ބޭނުންކުރަން ޖެހޭ ތަންތާނގައި ބޭނުންކޮށްފައި، އެ ނޫން ތަންތާނގައި ގާނައިގެން ކަންފަތި ކުރާ އެއްޗަކަށް ނު ހަދަނީއެވެ. ވެހޭތާ ފެންނެގުން އެއީ ދިވެހި ބަހުގެ މުޙާވަރާޔަކަށް ވިޔަސް، އަޅުގަނޑުމެންނަށް ވުރެ ރަނގަޅަށް އެ މުޙާވަރާގެ ބަހަށް ވުރެ ޢަމަލު ފުރިހަމަ ކުރަން އެމީހުން ދަންނަނީއެވެ. ހިތްހެޔޮކަމާއި، ރަޙުމާއި، ހަމްދަރުދީ އަކީ އަޅުގަނޑުމެންގައި ގިނައިން ހުންނަ ބާވަތްތައް ކަމާއި، އެ ކަންކަން ފާހަގަކޮށް، އެ ކަންކަމުގެ ބޭނުން ހިފަން ދަންނަ ބަޔަކަށްވެސް ވަނީއެވެ. ބަލަހައްޓާނޭ މީހަކު ގާތުގައި ނެތް އަނބުގަސްގަހުން ބިންނަ އަނބާއި، ރަނގަޅަށް ނުބަނދެ އޮންނަ އަހަށް އަރައިގެން މަގު ކުރުކޮށްލުމާއި، ލިބެން އޮތް ސަޔެއް ބޮއިލުމަކީ ހަމަ ޞައްޙަ ގޮތެއްކަމަށް ޤަބޫލު ކުރުމަކީ ލިބޭތާ ލިބިގަތުމުގެ އަނެއް މާނަ ކަމަށްވެސް ބަލަނީއެވެ. ނޭނގެނީކީ ނޫނެވެ. ކުޅަދާނައީއެވެ. ކެރެނީއެވެ. މުރާލިކަމަކީ ކޮބައިކަންވެސް ދަންނަނީއެވެ. އަޅުގަނޑުމެން ކަހަލަ މީހުން ނުލާހިކު ރަނގަޅު ވަޒީފާތަކުގައި އުޅުނު އިރު ނެތް ގޮތަށް، މިހައިރުގެ ތަޢުރީފުގެ ބަހެއްގައި ބުނާ ގޮތަށް، ”ބޯވެސް ހުންނަނީ“ އެވެ. މިޒަމާނުގެ މާނައިގައި ޙިލްމުވެސް ހުންނަނީއެވެ. ޒަމާނާއި ތަނާއި ޙާލަތުގެ ބޭނުން ހިފަން ދަންނަނީއެވެ. އަޅުގަނޑުމެންގެ މި ޤައުމުގެ މުޥާޠިނުން އެކަކު އަނެކަކުގެ މަޞްލަޙަތަށް ބަލާ މިންވަރާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، ތިމާ ބޭނުން ކަމެއް ވީމައި އެ ނިމުނީ ކަަމަށް ބަލާ ނުބަލާ ވަރު މިނެލަންވެސް ދަންނަނީއެވެ. ”ބޭބޭ، ހުރިހާ އެތި އަހަރެން އެނގެނީ!“ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
411

3 Responses

  1. ވަހީދަށް ވަރަށް ވެދުންސަލާމަށްފަހު ކުރުކުރުކޮށް "ވަރަށްގިނަ ވާހަކަ" ދަންނަވާފާނަމަވެ.
    ތިޔަ ދައްކަވަނީ ރާއްޖޭގައި އުޅޭ އެންމެ ދަށްފަންތީގެ މަސައްކަތު މީހުންގެ ވާހަކަކަން މެންދުރުގެ އިރުފަދައިން އެނގެއެވެ.
    އެ މީހުންގެ ނާޖާއިޒު ފައިދާނަގާ އެމީހުންގައި ހަރުލާފައިވާ "ފެންވަރުދަށް" ކަމުގެ މައްޗަށް، ކަމާބެހޭފަރާތުން އަންގަވާފައިވާ އެންގުންތަކަށް ކަމޭނުހިތުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ (ހިތާމަޔާއެކު) އެމީހުންގެ ބޮސް ކަމަށްވާ ހަމަ އަހަރެމެންގެ ތެރެއިން ހިމެނޭ އެއްކަލަ "ތަހުޒީބީ" ދިވެހި މީހާއެވެ. މާފުކުރައްވާށެވެ. މިސާލަކަށް ބ. އަތޮޅުގައި ހަދަމުންދިޔަ ރިސޯރޓްގައި ޖެހުނު މައްސަލަ ބައްލަވާށެވެ. އެންމެފަހުން ކުށްވެރިވީ، ތަހުޒީބީ ދިވެހިމީހާ، މުސާރަނުދޭތާ 7 މަހަށްވުރެ ގިނަދުވަސް ވެފައިވާ ދެރަވަރު މަސައްކަތު މީހުންނެވެ. ދެރަދޯއެވެ.!

  2. ވަރަށް ރީތިކޮށް ލިޔެފައިވާ ލިޔުމެއް. ޝުކުރިއްޔާ ވަޙީދު. ދިވެހިންގެ ސަބަބުންނަމަވެސް، އަވަށްޓެރި ކަރަކަރައިގެ ތިޔަ ޒާތުގެ މީހުންނާހެދި ވަރަށް ގިނަ ތުރާތައް ކޮންމެ ދުވަހަކުވެސް ކުރިމަތިވޭ. ހަދާނެގޮތެއް ހެދޭނެގޮތެއްނެތް. ބަލާނެ ފަރާތެއް ބަލައިދޭނެ ފަރާތެއްވެސްނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *