Support Us

ގިނަ ބޭފުޅުން ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

އަޅުގަނޑުމެން ދުނިޔެ ތެރެޔަށް ހޭލައިގަނެގެން އައި ޒަމާނަކީ މިހައިރާ ވަރަށް ތަފާތު ޒަމާނެކެވެ. އެ ޒަމާނަކީ ނަވަތަ ހިތުދަސް މީހަކަށް ނޫނީ ހިސާބު ހެދުމުގެ އެންމެ އާދައިގެ ފެންވަރުން އެއްކޮށް، ކަނޑައި، ގުނަކޮށް، ގެއްލަން ނޭނގޭ ޒަމާނެވެ. ޓެލެފޯނަކީ ދައުލަތުގެ އެންމެ އިސް ވެރިޔާއާއި ވުޒާރާތަކުގެ އެންމެ މަތީ ވެރީންގެ ރަސްމީ މޭޒުކޮޅު މަތީގައްޔާއި، ވަޒީރު ބޭބޭފުޅުންގެ ގެކޮޅުގައި ނޫނީ ނުހުންނަ ކަމަށް ބުނެވޭ އަޖައިބަކަށް ކިޔާ ނަމަކަށް ވީ ޒަމާނެވެ. ރަނގަޅު ރޭޑިޔޯއެއް އަތުގައި ހުރެމެ، ރޭޑިޔޯއެއް އަދި ހުއްޓަސް، އެއިން ބީ.ބީ.ސީ ކަހަލަ އިސްޓޭޝަނަކަށް އަޅުވަން ނޭނގެންޏާ، ރާއްޖޭން ބޭރުގެ ޞައްޙަ ޚަބަރެއްވެސް ޙާލަކުން ފަހަރަކު ނޫނީ ނުލިބި އުޅުނު ޒަމާނެވެ. އަނބިދަރީންނަށް ކާންބޯންދީ، އުނުއޮރިޔާން ފިލުވައިދީ، ބޯހިޔާކޮށްލައިދޭން ޖެހޭ މީހަކު ތާކު ހުރިއްޔާ، އެމީހަކު ނިންޖެއް އަރާމެއް ނެތި ބުރަ މަސައްކަތް ކުރަން ޖެހުނު ޒަމާނެވެ. ކުރުކޮށް ދަންނަވާ ކަމަށް ވަންޏާ، މިޒަމާނުގެ ޓެކްނޯލޮޖީ އާއި ނުލައި އާދައިގެ މީހުންގެ އާދައިގެ ދިރިއުޅުން ނުލާހިކު އާދައިގެ ގޮތަކަށް ކުރިޔަށް ގެންދިޔަ ޒަމާނެވެ. މިހައިރު މިފެންނަ ކަހަލަ ސައިންސުގެ އީޖާދުގެ އަޖައިބުތަކާއި، އެ އަޖައިބުތަކުން ގެނެސްދޭ ކަންފަހިކަމާއި ކަންފަސޭހަކަން ހުވަފެނުންވެސް ނުފެންނަ ޒަމާނެވެ. މިދަންނަވާ ޒަމާން ލޯފުޅުން ދެކެވަޑައިގެން، އަތްޕުޅުން ހިއްޕަވައިފައި ތިއްބެވި ބޭފުޅުން އަރިހު މިވާހަކަ މިހެން ދަންނަވައިފިއްޔާ، އޭގެ ތެރެއިން ގިނަ ބޭފުޅުން ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

ދެން އައީ މިދެންނެވި ދުވަސްވަރު މާޒީގެ ތެރެޔަށް ގޮސް، އަޅުގަނޑުމެން ޢުމުރުފުރައިގެ ކުދީން ބޮޑެތި މީހުންނަށްވެ،  ޤާނޫނީ ގޮތުން ތަޞައްރުފު ފުދިފައި ތިބި މީހުންގެ ގިންތީގައި ހިމެނިގެން ދިޔަ ޒަމާނެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ފުރަތަމަ ޑިގުރީވެސް ހަދައިގެން އައިސް ސަރުކާރުގެ އެކި ވަޒީފާތަކަށް ވަން ޒަމާނެވެ. އެއިރުވެސް، ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ސިޓީ ލިޔެ އުޅުނީ ކާތިބުންގެ އަތުން، ގަލަމުންނެވެ. ފޮނުވާ އޮފީހުގައި ނަކަލެއް ބާއްވަން ޖެހޭތީ ދަށަށް ކޮޕީ ކަރުދާސް ލައްވައިގެނެވެ. އެހެން ލިޔާ ސިޓީގެ އަސްލު އެއް އޮފީހުން އަނެއް އޮފީހަށް ގެންދާނީ އެކަމަށްޓަކައި ވަޒީފާ ދީފައި ތިބޭ ޕިޔޯނުންނެވެ. އަޅުގަނޑު އެންމެ ފުރަތަމަ ސަރުކާރުގެ އޮފީހެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރަން ފެށިއިރުވެސް ކަން އޮތީ އެގޮތަށެވެ. މިހައިރު މިގެންގުޅޭ ކޮމްޕިޔުޓަރާއި ޕުރިންޓަރާއި އިންޓަނެޓާއި އީމެއިލް ކަހަލަ ބާވަތްތައް ގިނަ މީހުންނަށް ދަސްވުމާ ދޭތެރެޔަށް ތާނަ ޓައިޕްރައިޓަރާއި ފެކުހާއި ފޮޓޯކޮޕީ މެޝިނާއި އެކަހަލަ އެތައް އެއްޗެއް ވަންނަން ފެށި ޒަމާނެވެ. މިއީ ތެދެއް ކަމަށް ހެކިވެވަޑައިގަންނަވާނެ އެތައް އެތައް ބޭފުޅުންނެއް އަޅުގަނޑު ދަންނަމެވެ. މިވާހަކަ މިހެން އަޅުގަނޑު ދައްކައިފިޔޭ އެ ބޭފުޅުން އަރިހު ދަންނަވައިފިއްޔާ، އޭގެ ތެރެއިން ގިނަ ބޭފުޅުން ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރި ތާނަ ޓައިޕްރައިޓަރ   -ފޮޓޯ: ހަސަންހަމީދުޑޮކްކޮމް

ދެން އައީ ކޮމްޕިޔުޓަރޭ ކިޔުނު އަޖައިބު މި ރާއްޖެޔަށް ތަޢާރަފު ކުރެވުނު ދުވަސްވަރެވެ. އެ ދުވަސްވަރަކީ އަޅުގަނޑު އެ ދުވަސްވަރު ދިރިއުޅުނު ކުލީ ކޮޓަރީގައި ކުޑަކުޑަ ކޮމްޕިޔުޓަރެއް ހުރެފައި، އޮފީހުގައި އެ ކަހަލަ އެއްޗެއް ނެތީމާ މީސްމީހުން އެ އަޖައިބު ބަލައިލަން އެ ކޮޓަރިގަނޑަށް ޒިޔާރަތް ކޮށް، ބައެއް ފަހަރު ވަރަށް ހެއްވާ ކަންކަން ވެސް ކޮށް، މިކަހަލަ ކަންތައްތަކެއް ހިނގި ދުވަސްވަރެކެވެ. އެކަމަކު އެ ވާހަކަ އެހެން ފަހަރަކަށް ބާއްވައިފައި، ޒަމާން ބަދަލު ކޮށްލަމާތޯއެވެ! އެހެނީ، އެ ކަހަލަ ވާހަކަ ދައްކަން ވެއްޖިއްޔާ ބައެއް ބޭފުޅުން ހިނިފުޅު ވަޑުވާ ވަރުން… ނޫންތޯއެވެ؟ މިހެން ދެންނެވީމައި ގިނަ ބޭފުޅުން ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

ދެން އައީ އަޅުގަނޑުމެން މި ޒަމާނޭ މިކިޔާ ޒަމާނެވެ. މި ޒަމާން ހަމަ އައުމާއެކު، ކޮމްޕިޔުޓަރާއި މޯބައިލް ފޯނުގެ އެހީގައި ނުވާނެ ކަމެއް ނޯންނާނޭ ބައެއް މީހުން ބުނަން ފަށައިފިއެވެ. އަތުން ލިޔުނު ސިޓީއާއި، ކޮޕީ ކަރުދާހާއި، އޭގެ ފަހުން އައިކަމަށް ދެންނެވުނު ފޮޓޯކޮޕީ މެޝިނާއި، ފެކުސް މެޝިންވެސް ދާރުލް އާޘާރުން ޖާގަ ހޯދި ޒަމާނެވެ. އަތުން ސިޓީ ލިޔެއުޅުނު ކާތިބުންނާއި، ނުލާހިކު ބޮޑު ޚަރަދެއް ކޮށްގެން އުފެއްދި ތާނަ ޓައިޕްރައިޓަރުގައި ސިޓީ ޖަހައި އުޅުނު  ޓައިޕިސްޓުންގެ ވަޒީފާތަކަށް ބުރޫ އަރަން ފެށިއެވެ. އެ މީހުން ލިޔެ އުޅުނު ސިޓީތައް ހިފައިގެން އެކި ކޮޅުކޮޅަށް ހިނގައިފައްޔާއި ފައިމަގުގައި އުޅުނު ޕިޔޯނުންވެސް އެމަގުން ހިނގަން މަޖުބޫރުވިއެވެ. ކަރުދާހާއި ކަރުދާސް ފައިލު ވިއްކައިގެން މުއްސަނދިވީ ކަމަށް ބުނާ މީހުންގެ ތަނަވަސްކަމަށްވެސް އެމީހުންގެ ނަޒަރުން ބަަލައިފިއްޔާ އަސަރުތަކެއް ކުރިއެވެ. ’ނަންބަރ ޕްލީޒް‘ ގެ ޒަމާން ފަހަނަޅައި ގޮސް، އަމިއްލަޔަށް ނަންބަރު އަނބުރައިގެން އެކި ތަންތަނާ ގުޅައިލެވޭ ފޯނުވެސް އާ އެއްޗެއްގެ ގޮތުގައި ޢާންމުކޮށް ފެންނަން ފެށިތާ ފަނަރަ ވަރަކަށް އަހަރު ވީތަނާ، އެވެސް ހަމަ ކުއްލިޔަކަށް ބާވެއްޖެއެވެ. އާޘާރީ ތަކެތި އެއްކުރާ ޒާތުގެ މީހުން ނޫން އެންމެން ގެންގުޅުނު އެ ބާވަތުގެ ފޯނުތައް ގޮނޑަށް އުކައިލައިފިއެވެ. އޭގެ ބަދަލުގައި، މިހައިރު އަތުުގައި މި އޮންނަ ފޯނަކީ އެކުގައި ދަތުރުކުރާ އެހީތެރިޔާއަށްވެ، ކޮމްޕިޔުޓަރާއި ފޯނާއި ދޭއްޗަކީ ހަމަ ގާތްގަނޑަކަށް އެކައްޗަކަށް ވެގެން ނިމުނު ޒަމާން އަތުވެއްޖެއެވެ. ދެން ދިރިއުޅުން ކިހައި ފަސޭހަވެއްޖެ، ދެއްތޯއެވެ؟ މިހެން ދެންނެވީމައި ގިނަ ބޭފުޅުން އެ ކަމާ އެހައިބޮޑަށް ފިކުރުފުޅު ނުހިންގަވައި، ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

އަޅުގަނޑު މިދެންނެވި ބީދައިން ކޮމްޕިޔުޓަރާއި ފޯނަކީ އެއްބަނޑުން ވިހޭ ދެ ދަރިޔަށް ވީ ހިސާބުން ދެން އަޅުގަނޑުމެންނަށް ލިބެންފެށީ މިދެންނެވި އެއްބަނޑު ކަމުގެ ފުރިހަމަ މޭވާއެވެ. ކިހިނެއް ތޯއެވެ؟ އައްސަވާށެވެ! އެކަކު އަނެކަކާ ކޮންމެވެސް ބާވަތެއް މުޢާމަލާތެއް ކުރަން ނިިޔަތް ގަން ދެމީހަކު މިހައިރަކު ކޮންމެހެން އެއްތަންވާކަށް ނުޖެހެއެވެ. އެކަކު މުސިންބީގައި، އަނެކަކު ދަކަނުގައި ހުއްޓަސް ހެވެވެ. ތިންވަނަ މީހަކު ފޮންނައްކާގައި، ދެން އަދި އެހެން މީހަކު މިނިކާ ރާއްޖޭގައި ހުއްޓަސްވެސް ހެވެވެ. އެކަކު އަނެކަކާ ވާހަކައެއް ދައްކައިލަން ވެއްޖިއްޔާ، ތަނެއް، ދަމެއް، ވަގުތެއް، ރޭގަނޑެއް، ދުވާލެއް، ބޯފޮޅި ދުވަހެއް ނޯވެއެވެ. އެކަކު އަނެކަކާވެސް، އެންމެން އެއްފަހަރާ އެންމެންނާވެސް، ވާހަކަ ދައްކަންވީއެވެ. ފެނިގެންނާއި ނުފެނި އެވެ. ފޮޓޯވެސް ވަކި ސުމާރެއް ނެތި ނަގަނަގައިފައި އެކަކު އަނެކަކަށް ފޮނުވަންވީއެވެ. ފަހުން ކިޔައިލާނެ މަޒުމޫނެއް ވެސް ހަމަ މިހައިރު ނެޓުގައި ޝާއިޢު ކޮށްލަންވީއެވެ. ކިޔާނެ މީހަކު ހަމަ ވަގުތުން އޭނާގެ ކޮމްޕިޔުޓަރުގެ ނުވަތަ ފޯނުގެ އިސްކިރީނުން ކިޔައިލަންވީއެވެ. މިއަދު ކޮވިޑު ބަންދުގައި ތިބެގެން ލިޔާ މަޒުމޫނެއް މިއަންނަ އަހަރު ނެރެވެންދެން މަޑުކުރަން މަޖުބޫރު ކުރާނެ ޗާޕު މެޝިނެއް، މަސައްކަތު ދިޔުޅީގެ ކަންނެތް ބޮޅެއް، ނެތް ބަޖެޓެއް، ނުވަތަ ފޮނި ބަހަނާއެއް ވިޔަސް، އެ ދޭތެރެޔަކަށް ހަމަ ނުވަންނާނެއެވެ. ތަފާތު އެކި ސިފައިގައި، އެކި ނަމުގައި، އެކި ކުލަކުލައިގައި ނެރެވޭ ’އެޕް‘ ތަކުން ފުރިފައި އޮންނަ އިންޓަނެޓު އެ އޮތީ ހަމަ އެންމެނަށް ތަންމިނަށް ހުޅުވިފައެވެ. ކަންކަން މިހައިރު ކިހާ ފަސޭހަތޯއެވެ؟ ކަންފަހި ކުރެވޭނީ ހަމަ މިހައިވަރަށް ނޫންތޯއެވެ؟ މިހެން ދެންނެވީމައިވެސް ގިނަ ބޭފުޅުން ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

އަޅުގަނޑު މިދަންނަވާ އިންޓަނެޓު ދުނިޔެއަށާއި ރާއްޖެޔަށް ތަޢާރަފު ވުމާ ގުޅިގެން އެޔާއެކު ފުރަތަމަ އެލިބުނު އީމެއިލް ފަދަ ވަޞީލަތްތަކުގެ ބޭނުން ރާއްޖޭގެ ސަރުކާރުގައްޔާއި އަމިއްލަ އެކި ކަންކަން ކުރާ ކުންފުނިތަކާއި ވިޔަފާރިތަކުން ކުރިއެވެ.  ދައުލަތުގެ ބަޖެޓުން އެކަށީގެންވާ ޚަރަދެއް ކުރެވިގެން ”ޖެމްސް“ އޭ ކިޔާ ވިޔުގައެއް ވެސް ރާއްޖޭގައި އުފައްދައިގެން ބޭނުންކުރަން ފެށިއެވެ. އެއް އޮފީހުން ތައްޔާރުކުރާ ކިތާބީ ތަކެތި އަނެއް އޮފީހަށް ވަގުތުން ފޮނުވައިލުމުގެ ބޭނުމުގައެވެ. މުޅި ރާއްޖޭގައި ފައިބަރު ކޭބަލް ވިޔުގައެއް އަޅައި، މުޥާޞަލާތީ ދެ ކުންފުނީގެ ވާދަވެރި ކަމަށް އެކަމުގެ މާރުކޭޓު ހުޅުވައިލައި، މުހިންމު މަޢުލޫމާތު އެއް ތަނުގައި ހުއްޓައި އަނެއް ތަނުން ވަގުތުން ބަލައިލުމުގެ ނިޒާމު ކަށަވަރު ކުރެވުނެވެ. މުހިންމު އޮފީސްތަކުގެ ސަރވަރ ތައް އެކަތި އަނެކައްޗާ ގުޅިގެން ބަސްބުނިހިނދުން މަޢުލޫމާތު ބަދަލުކުރުމުގެ ދޮރު ހުޅުވިގެން ދިޔައެވެ. އެހެން ކަމާއެކު، ޢާންމު ރައްޔިތަކު އެއް އޮފީހަކުން ކޮންމެހެން ބޭނުންވާ ޚިދުމަތެއް ހޯދަން ދިޔައިމާ، އޭނާގެ އެއްވެސް މައްސަލައެއް އެހެން އޮފީހެއްގައި އޮތްތޯ، ނެތްތޯ، ޚިދުމަތްދޭ އޮފީހުން ވަގުތުން ބަލައިލުމުގެ މަގު ހުޅުވިގެންވެސް ދިޔައެވެ. އެހެންކަމާއެކު، މިދެންނެވި ކަހަލަ ޚިދުމަތެއް ހޯދަން އުޅޭ ރައްޔިތަކު އިހަށް އެކި ދުވަސް މަތިން އެކި އޮފީހަށް ހިނގައި، އެ ދުވަހަކު ދާ ތާކުން ނަންބަރު ނަގައިގެން އިންތިޒާރުގައި އެތައް ގަޑިއެއް ހޭދަކޮށް، މިހެން އުޅުނު އުޅުން ނޫޅެ، ކަންކަން އެޔަށް ވުރެ ފަސޭހައިން ދެން ނިންމައިލެވޭނެ ކަމަށް ގިނަ މީހުންނަށް ފެނުނެވެ. މިހެން ދެންނެވީމައި، ތިޔަ ދުވަހެއް މުޅިޔަކުން އަދި ނާދެޔޭ ބައެއް ބޭފުޅުން ވިދާޅުވިޔަސް، އެކަން އެހެން ކުރެވިދާނެ ވަޞީލަތްތައް މިހައިރު އެބަހުރި ނޫންތޯއޭ ދެންވެމުން، ހަމަ އެ ބޭފުޅުންވެސް  ވިދާޅުވާނީ ތިޔައީ ހަމަ ތެދެކޭއެވެ! މާނަ ކުރެވޭ ގޮތަކުން މިދެންނެވި ފަސޭހައިގެ މައްޗަށް ހިޔަންޏެއް އަޅައިފާނެ ދެތިން ޤަވާޢިދަކާއި، ފަހަރުގައި ޤާނޫނަކާއި، ހުޅުވައިލުމަކަށް ބޭނުންވެފައިވާ ވިސްނުމަކާއެކު އެ ދުވަސް މިހައިރުވެސް ގެނެވިދާނެ ނޫންތޯއޭ ދަންނަވައިފިއްޔާ، އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ނަމަވެސް ވިދާޅުވެވޭނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

ދެން ދަންނަވަން އޮތީ ޒަމާނުގެ ޓެކްނޯލޮޖީއާއި އިންޓަނެޓާ އެކު އައި އެހެން ފަސޭހަތަކެއްގެ ވާހަކައެވެ. ފޭސްބުކް އާއި އިންސްޓަގްރާމް އެވެ. ޓްވިޓަރ އާއި ވަޓްސްއެޕް އެވެ. އަދި އެންމެންގެ ރަޙުމަތްތެރި، ބޮޑެތި މުއައްސަސާ ތަކުގެ ވެސް އެކުވެރިޔާ ކަމަށް ވާ ވައިބަރ އެވެ. ގާތްކޮށްލައިފައި، ދިވެހި ރަހައެއް ލައްވައިލައިފައި ދަންނަވާނަމަ، ވައިބަރެވެ. އެތައް ކަމެއް ލުއިކޮށްލައިދާ ވައިބަރެވެ. މިވެނި ތަނެއްގެ ސަމާލުކަން ބޭނުމިއްޔާ ފޭސްބުކްގައި ލިޔެލާށޭ، ބޭނުން ކަމެއް ވާނެޔޭ، އެވެނި ތާކުން ކަމެއް އަވަސް ކުރުވަން ބޭނުމިއްޔާ ޓުވިޓަރ ގައި ކޮށްޓައިލާށޭ، މިހެން ކިޔައިގެން އެ ކިޔާ ޒާތުގެ އެއްޗިއްސާ ބެހޭ ގޮތުން އަޅުގަނޑު މިތާނގައި އެއްޗެއް ދަންނަވާކަށް ނެތީމެވެ. އެހެން ނަމަވެސް ވައިބަރު…އާދެ! އެހެންނަމަވެސް، ވައިބަރު ދެއްތޯއެވެ! ވަރުހުރި އެއްޗެކެވެ. އެހާމެ ބޮޑު ޚިދުމަތްތެރިޔެކެވެ. މަސައްކަތުގެ ވަށައިޖެހުމާއި، ހަލުއިިކަމާއި، ފަސޭހަ ކަމުގެ ލާމަސީލެވެ. މިހެން ދެންނެވުމުން، ހަމަ ގައިމުވެސް ބައެއް ތަންތާނގައި އުޅުއްވާ ކަމުވޮށިގެންވާ ބޭފުޅުން ވިދާޅުވާނީ ތިޔައީވެސް ހަމަ ތެދެކޭއެވެ!

ވައިބަރަކީ ހައުދަހައި ވަރުގަދަ ވަޞީލަތެކެވެ. އިޝާރާތް މިކުރަނީ އެއް ކުންފުންޏެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކުރަން ޖެހިފައިވާ އެންމެން އެއް ގުރޫޕަކަށް ލައިފައި، އެ ތާކުން ކުރާ އެންމެހައި މަސައްކަތެއްގެ އެންމެހައި މަޢުލޫމާތެއް ބަދަލުކޮށް، މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ނިންމުންތައް ނިންމައި، އެންގުންތައް އަންގައި، މިހުރިހައި ކަމެއް ކުރަން އޮންނަ ތަނަކީ އެ ގުރޫޕު ކަމަށް ނިމުމުން ލިބޭ ވަރުގަދަ ކަމަށެވެ. ކަންކަން ހިނގާ ގޮތް ކިހާ ފަހި ތޯއެވެ! ވައިބަރަކީ ހުކުރެއް، މުލަރޯދަ ދުވަހެއް، ޢީދެއް، ބަންދު ދުވަހެއް، ނުވަތަ ޗުއްޓީއެއްގެ އުނދަގުލެއް އެޔަކަށް ފޯރާ އެއްޗެއް ނޫނެވެ. ތަންކޮޅެއް ކުރިން ދެންނެވިހެން، ތަނެއް، ދަމެއް، ވަގުތެއް، ރޭގަނޑެއް، ދުވާލެއް، ނުވަތަ ބޯފޮޅި ދުވަހަކަށް ވިޔަސް، މަޑުވެސް ކުރާ އެއްޗެއް ނޫނެވެ. މި ދެންނެވި ކުންފުނީގެ ފަރާތުން ކަމާ ބެހޭ ގުރޫޕެއް ހެއްދެވި ވެރީންގެ ތެރެއިން ބޭފުޅަކު، މެންދަމުން އަލިވާ ފަހުން އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާ އިރު، ހަމަ ކުއްލިޔަކަށް ހިތްޕުޅަށް އަރާ އެއްޗެއް ހަމަ އެވަގުތު ވައިބަރު ގުރޫޕުގައި ލިޔުއްވައިލައްވަންވީއެވެ! ގުރޫޕުގައި ދެން ތިބި އެންމެން ހަމަ އެވަގުތުން ފެށިގެން އެ ކަމަކާ ވިދިގެން ކުރަން ޖެހޭ އެންމެހައި ކަމެއް ހަމަ ވަގުތުން ކުރަންވެސް ފަށަންވީއެވެ. އުފުލަން ޖެހޭ ބުރައެއް އުފުލައި، ބޮލުގައި އަޅަން ޖެހޭ މަސްއޫލިއްޔަތެއް އެ ހިސާބުން ބޮލުގައި އަޅަން ވީއެވެ. ކުންފުނީގެ ޚަރަދުގައި ގެންދިން ފޯނާއި، ކުންފުނިން ބިލުދައްކާ ޑޭޓާ ޕެކެޖާއި، ކުންފުނިން ގޭގައި ހަރުކޮށްދީގެން ބަލަހައްޓާ ވައިފައި އެއީ އެކަމަށްޓަކައި ހުރި އެއްޗިއްސެވެ. ރެޔާއި ދުވާލު ގުރޫޕު ބެލުމުގެ ޚިދުމަތުގައި ދެމިހުރީމައި ލިބޭ، ވަކި ހިސާބަކަށް އެރީމައި ”ކަށި ނުހުއްޓޭ“، އިތުރުގަޑީގެ އެލަވަންސް ލިބޭތީ އެކަމަށްޓަކައިވެސް ޝުކުރުވެރިވާންވީއެވެ. ލިބޭ މުސާރައިން ނުވެގެން އެހެން ތަނެއްގައި ދެވަނަ މަސައްކަތެއް ކުރާނެ ވަގުތެއް ހޯދާކަށް މުވައްޒަފުންނެއް ދެނެއް ހަމަ ގައިމުވެސް ބޭނުމެއް ނުވާނެއެވެ. އެއް ނަޒަރަކުން ބަލާއިރު ކަންފަހި ވެފައި، އަނެއް ނަޒަރަކުން ބަލާއިރު ކަންފަސޭހަ ވާނީ ހަމަ އެހައިކަށް ވަރަށް ނޫންތޯއެވެ؟ މިހެން ދެންނެވީމައި ބައެއް ބޭފުޅުން ކުޑައިކޮށް ރުހިވަޑައިނުގެންފައިމެ، ވިދާޅުވާނީ ހަމަ އެކައްޗެކެވެ. ތިޔައީވެސް ހަމަ ތެދެކޭއެވެ!

ދެން އޮތީ ވައިބަރު ކަހަލަ އޮޅިތަކުގެ އެހެން ވާހަކައެކެވެ. އަޅުގަނޑު މިހައިތަނަށް މިދެންނެވި ވާހަކަތައް ނިންމައިލަން ގާތްވާ ހިސާބުން ބައެއް ބޭފުޅުން އެހެން ކަހަލަ އެއްޗެއްވެސް ވިދާޅުވުން އެކަށީގެންވެއެވެ. އެއީ، ތިޔަ ބުނާ ގޮތަށް، ހަފުތާޔަކު ހަތް ދުވަހު، ދުވާލަކު ސައުވީސް ގަޑިއިރު، ކަމެއް ދިމާވެދާނެތީ ސިހިސިހި، ގުރޫޕު ބަލަބަލައި ތިބެން ޖެހޭ މީހުން ހަމަނޭވާއެއް ލައިގެން ފޫހި ފިލުވައިލާނެ ވަގުތެއްވެސް ދެން ނުވާނެތާއޭ އެވެ. ނޫނެކެވެ! އެހެނެއް ނުވާނެ، އިނގޭތޯއެވެ! އިންޓަނެޓުގައި ހުންނަ މިކަހަލަ ގުރޫޕުތަކަކީ މުނިފޫހިފިލުވުންވެސް އޭގައި އެކުލެވޭ ޖަގަހަ ތަކެކެވެ. މިސާލެއް ދަންނަވަންޏާ، ވަކި މަރުކާއެއްގެ ހިކިކިރު ވިއްކާ ޚިޔާލީ ބައެއްގެ ނުހައްދަވާ ގުރޫޕެެއްގެ ވާހަކަ ދައްކަމާތޯއެވެ. އެ ގުރޫޕުގައި ދައްކާނީ ހަމައެކަނި ހިކިކިރުގެ ވާހަކައެއް ނޫނެވެ. ގުރޫޕުގެ އެއް މެންބަރެއްގެ ދަރިޔަކު ނަކަތްގެ ލައްވައިފިއްޔާ އެ ވާހަކަޔާއި، އަނެއް މެންބަރަކަށް މާރީތި ބައިލާ ލަވަޔެއް އަޑު އިވިއްޖިއްޔާ އެ ލަވައިގެ ލިންކު ހުރި ތަންތަނުގެ ވާހަކަ ގުރޫޕަށް ލެވޭނެއެވެ. ގުރޫޕުގެ އެހެން މެންބަރެއްގެ ގޭ ދޮރުމަތީގައި ހުންނަ ކުންނާރު ގަހަކަށް މެންދުރުކާޅެއް އައިސް އަނގަހުޅުވައިގެން އިން ވާހަކަވެސް ގުރޫޕުގައި އޮންނާނެއެވެ. އެންމެން އެކަންކަމާ ޚިޔާލު ފާޅުކޮށް، އެ ގުރޫޕުގައި އެހެން ދެކެވޭ ވާހަކަތައް އެހެން އޮޅިތަކުގައި ޙިއްޞާކޮށް، މަޖާނަގައިވެސް ހަދާނެއެވެ. ކުރުކޮށް ދަންނަވާ ކަމަށް ވަންޏާ، މިހުރިހައި ފަސޭހަކަމަކާއި ކަންފަސޭހަކަމެއް ދޫކޮށްފައި ދާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. މިޒަމާނުގެ ޓެކްނޯލޮޖީ އާއި ނުލައި އާދައިގެ މީހުންގެ އާދައިގެ ދިރިއުޅުން ނުލާހިކު އާދައިގެ ގޮތަކަށް ކުރިޔަށް ގެންދިޔަ ދަތި، އުނދަގޫ، އަރާމެއް ނުވަތަ ހިތްހަމަޖެހުމެއް ޢަމުދުން ނެތް އެއްވެސް ޒަމާނަކަށް އަނބުރާ ދާކަށް އެކަކުވެސް ދެނެއް ބޭނުމެއް ނުވާނެޔޭ ދަންނަވައިފިއްޔާ ގިނަ ބޭފުޅުން ވިދާޅުވާނީ ހަމަ އެކައްޗެކެވެ. ތިޔައީވެސް ހަމަ ތެދެކޭއެވެ!