Support Us

ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަން ކުރުކޮށް

  • 1857 އިން 105 އަހަރަށްފަހު، ވޯރާ ވިޔަފާރިވެރިންގެ ކިބައިން، ރާއްޖޭގެ އިޤްތިޞާދު މިނިވަން ކުރެވުނީ 1 އޮގަސްޓު 1962ގައެވެ.
  • 1959 އިން ފެށިގެން އައްޑުއާއި ދެކުނުގައި ހިނގި މައްސަލަތަކަށް 1963ގައި ހައްލެއް ލިބުނެވެ.
  • 1887 އިން 77 އަހަރު، އިނގިރޭސިވިލާތުގެ ޚާރިޖީ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު 26 ޖުލައި 1965ގައި މިނިވަންކަން ލިބުނެވެ.
  • 21 ސެޕްޓެންބަރު 1965ގަައި ދިވެހިރާއްޖެއަށް އ.ދ. ޖަމާއަތުގެ މެންބަރުކަން ލިިބި, ބައިނަލްއަޤުވާމީ މުޖުތަމަޢުގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ހައިސިއްޔަތު ލިބުނެވެ. އަދި 12 އޮކްޓޯބަރު 1965ގައި އ.ދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގި، ބައިނަލްއަޤުވާމީ ސަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ވިހުރުވޭން ފެށިއެވެ.
އދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ދިދަ 21 ސެޕްޓެމްބަރު 1965 ގައި ނަގަނީ
  • މިނޫންވެސް ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އަދި ޤައުމީ ތަރައްޤީގެ އެންމެހައި ދާއިރާތަކުން އޭރު ރާއްޖެއަށް ވަނީ އޭގެ ކުރިން ނުލިބޭފަދަ ގިނަގުނަ ކާމިޔާބީތަކާއި ކުރިއެރުންތައް ލިބިފައެވެ. އެއީ ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރު، 1957-1968ގެ ބޮޑުވަޒީރު ކަމުގައެވެ.
  • އޭރުގެ މުފައްކިރުންގެ ޢިބާރާތުންނަމަ، "ޤައުމިއްޔަތުގެ އާރާއިބާރާާއި، ފަޚުރާއި ޝަރަފާއި، ނަޞްރާއި ނަޞީބާއި ކާމިޔާބާއި، އަބުރާއި އިއްޒަތާއި ކަރާމަތާއި، މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ޒަޢީމަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނާޞިރުލްޙުއްރިއްޔާ) ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ."
  • ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މި ޖުމްހޫރިއްޔަތު ގާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މި ޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްކުރެވުނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36،997 މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8،551  މީހުންނެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ދެބައިކުޅައެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް (އެބޭފުޅަކު އެކަން ޤަބޫލުކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި އެވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމުވޯޓުގެ ވަރަށް ބޮޑު އަޣްލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

  • 11 ނޮވެންބަރު 1968ގައި ޖުމްހޫރިއްޔާ ޤާއިމުކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން
  • 11 ނޮވެންބަރު 1968އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާ ބެހޭގޮތުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސް ކަމުގަައިވާ 11 ނޮވެންބަރު 1968އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މުއްދަތު

ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު

  • 11 ނޮވެންބަރު 1968އިން 11 ނޮވެންބަރު 1978 އަށް

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް

  • 11 ނޮވެންބަރު 1978އިން 11 ނޮވެންބަރު 2008އަށް

ރައީސުޖްހޫރިއްޔާ މުޙައްމަދު ނަޝީދު

  • 11 ނޮވެންބަރު 2008އިން 7 ފެބުރުވަރީ 2012އަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު

  • 7 ފެބުރުވަރީ 2012އިން 17 ނޮވެންބަރު 2013 އަށް

ރައީސުޖްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމް

  • 17 ނޮވެންބަރު 2013އިން 17 ނޮވެންބަރު 2018އަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

  • 17 ނޮވެންބަރު 2018އިން ފެށިގެން

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވި ތާރީޚާއި ގަޑި

ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު

  • ތާރީޚު: 11 ނޮވެމްބަރު 1968 ގަޑި: 00:00
  • ތާރީޚު: 11 ނޮވެމްބަރު 1973 ގަޑި: 00:00

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް

  • ތާރީޚު: 11 ނޮވެމްބަރު 1978 ގަޑި: 00:00
  • ތާރީޚު: 11 ނޮވެމްބަރު 1983 ގަޑި: 10:00
  • ތާރީޚު: 11 ނޮވެމްބަރު 1988 ގަޑި: 10:00
  • ތާރީޚު: 11 ނޮވެމްބަރު 1993 ގަޑި: 10:00
  • ތާރީޚު: 11 ނޮވެމްބަރު 1998 ގަޑި: 10:00
  • ތާރީޚު: 11 ނޮވެމްބަރު 2003 ގަޑި: 10:00

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު

  • ތާރީޚު: 11 ނޮވެމްބަރު 2008 ގަޑި: 10:00

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު

  • ތާރީޚު: 7 ފެބްރުއަރީ 2012 ގަޑި: 15:25

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

  • ތާރީޚު: 17 ނޮވެމްބަރު 2013 ގަޑި: 13:20

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

  • ތާރީޚު: 17 ނޮވެމްބަރު 2018 ގަޑި: 17:00

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *