Support Us

ޖުމްހޫރީ ދުވަހުގެ ބައެއް ޚިޔާލު

އާދެ! އަނެއްކާވެސް ނޮވެމްބަރު މަހުގެ ޚާއްޞަ ދުވަހެއް، ފާހަގަ ކުރުން ލާޒިމު މުނާސަބަތެއް އަޅުގަނޑުމެންނާ ކުރިމަތި ވެއްޖެއެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ، ދުނިޔޭގެ އެހެން ޤައުމު ތަކެކޭވެސް އެއްފަދައިން، ބިރުވެރި، ދަތި ދުވަސްތަކެއް ގުނަމުންދާއިރު، މިކަހަލަ ދުވަހެއް އައިސް ކުރިމަތިވީމައި، އަޅުގަނޑުމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކަށް ފުރަގަސް ނުދީ، ދުވަސް ރަމްޒުކުރާ ނިޢުމަތަކީ ކިހައިވަރެއްގެ ކަމެއްކަން ދެނެތިބެ، ޝުކުރުން ފުރިގެންވާ ހިތްތަކަކާއެކު ދުވަހުގެ އުފާވެރިކަން ބަލައިގަތުމަކީ ކުރަންވާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ދިވެހި ޤައުމުގެ އެންމެ އިސް ވެރިކަމަކީ ކޮއިލުތެރެއިން އަމުރު ނެރޭ ރަސްކަމަކުން ރައްޔިތުން ހޮވާ ވެރިޔަކު އިސްވެވަޑައިގެން ހިންގަވާ ޖުމްހޫރިއްޔަތަކަށް ބަދަލުވުުން އަޅުގަނޑުމެންނަށް ލިބުނުކަމާއި، ލިބި އޮތްކަމީ ކުޑަ ނިޢުމަތެއް ތޯއެވެ؟

ކޮންމެއަކަސް، މިކަހަލަ ޙާލަތެއްގައި އަޅުގަނޑުމެން ތިބި ދަނޑިވަޅެއްގައި މިއަދުގެ ޚިޔާލު އަޅުގަނޑުގެ ހިތުތެރޭގައި އެނބުރިގަތްއިރު ހިތަށް އަރަމުން ދިޔަ ބައެއް ވާހަކަ ތިޔަ ބޭފުޅުންނަށް އަރިސްކޮށްލަން ހިތަށް އެރީތީ އެކަމައިގެން ކުރިޔަށް ދާނަމެވެ.

ދުނިޔޭގައި ލެއްވި އެންމެހައި މަޚުލޫޤުންގެ ތެރެއިން ހަމަ އެންމެ މަޚުލޫޤެއް ފިޔަވައި ދެން އެހެން އެންމެހައި ގިނަ ދިރުންތަކުގެ ޙަޔާތުގެ ކަންކަން ހަމަޖެހި، ރަަަމަތަ ކުރެވިގެންވާތަން މި ފެންނަނީ، ކޮންމެ ދިރުމަކަށްމެ އެ ދިރުމެއްގެ އެންމެހައި މާއްދީ މަޞްލަޙަތުތައް ފުރިހަމަ ކުރަން އެދިރުމަކަށް ކަނޑައެޅިގެންވާ ހަނި ދާއިރާޔަކަށް ފެތިފައި ވާތީއެވެ. މިސާލެއް ދަންނަވައިލާނަމެވެ. ހޫނު ސަހަރާ ތަކުގެ ހިކި ފަސްގަނޑަކީ އެ ސޮރުމެންނަށް ހަމަ އެންމެ ކަމުދާ މާޙައުލު ކަމުގައި ލެއްވީތީ، އެފަދަ ތަންތަނުގައި ދިރިއުޅޭ ބައެއް ބާވަތުގެ ހަރުފަ އުޅެއެވެ. ގިނައިން ވާރޭ ވެހޭ ތަންތާނގައި އެސޮރުމެންނަކަށް ނޫޅެވޭނެއެވެ. ގަނޑުފެނުގެ ވެއްޓެއްގައި ނޫނީ ހަމަޖެހިލައިގެން ނޫޅެވޭނޭ، ކެހެރި ދިގު ހުދު ސާރިދޯޅު އޮޅުދޫކަރައިގެން ޖަންގަލިތަކުން ނުފެންނަނީވެސް މިދެންވި ސަބަބަށް ޓަކައެވެ. އަދި ހަމައެއާއެކު، އެއް ވެށްޓެއްގައި އުޅުނަސް، ކާނާގެ ގޮތުން ތަފާތު ކުރައްވައިފައިވާ މަޚުލޫޤުވެސް އެފަދައެވެ. ސިންގާއެއްގެ ކާނާ ގެރިޔަކަށް ހަޖަމެއް ނުވާނެއެވެ. ގެރި ކާން ބޭނުންވާ ވިނަޔާއި ފަތަކީ ސިންގާގެ ދަތަކުން ހެފޭނެ އެއްޗެއްވެސް ނޫނެވެ. މުޙާވަރާގައި އޮންނަ ފަދައިން، މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއެވެ. ގާހަކަ ކޮންމެހެން ފުމޭކަށް ބޭނުމެއްވެސް، ޞަރޫރަތެއްވެސް ނޯވޭ ނޫންތޯއެވެ!

މިދެންނެވި ހަމަޔަށް ބަލައިލައިފައި، ފުރާނަ އެޅުއްވި އެކި ބާވަތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ނަޒަރުގެ ދާއިރާ ތަންކޮޅެއް ހަނިކޮށްލުމަށްފަހު، ހެލެފެލިވެ އުޅޭ، ދުވެލައި، ހިނގައިލައި، މިހެން އުޅޭ ޙައިވާނުންގެ ބާވަތްތަކަށް ބަލައިލަމާތޯއެވެ. މިފަދަ ބާވަތްތަކުގެ ތެރެއިން ބައެއް ޖަަނަވާރަކީ، ބައެއްް ކަހަލަ ޟަރޫރީ ޙާލަތްތަކުގައި މެނުވީ، އެކަތި އަނެކައްޗާ މުޅީން ވަކީން އެކަހެރިކޮށް އުޅޭ ބާވަތް ތަކެކެވެ.  ދެން މި އުޅެނީ އެކި ވައްތަރުގެ އައިން އައިނާއި ބައިބައިގަނޑު ހަދައިގެން އުޅޭ ވައްތަރު ތަކެވެ. އަޅުގަނޑު މިފަހަރު ދަންނަވަން މިއުޅޭ ވާހަކައިގެ ފެށުން އޮތީ މި ވައްތަރު ތަކާ ހަމައިންނެވެ.

އިންސާނުންގެ އަތްދަށުނުވެ، އެ ސޮރުމެންގެ ފުރިހަމަ މިނިވަންކަމުގައި ޖަންގަލީގައި އުޅޭ ވަލު ކުއްތާޔަކީ މިދެންނެވި ގޮތަށް ބައިބައިގަނޑަށް އުޅޭ މަޚުލޫޤެކެވެ. މިއިން ކޮންމެ ބައިގަނޑެއްގައި އެންމެ އިސްރޯލު އަދާކުރާނީ ވަރަށް ވަރުގަދަ ފިރިހެން ކުއްތާއެއް ކަމަށް ބުނެވެއެވެ. ދެން އެޔަށް ފަހު، އެކުއްތާގެ ފަހަތުން އުޅޭ، އެ ކުއްތާޔަށް ކިޔަމަންވާ، އެކުއްތާޔަށްވެސް އެންމެ މަޤުބޫލު، އަންހެން ދެތިން ކުއްތާއެވެ. އެޔަށް ފަހު، ބާރުވެރި ހަތަރު ފަސް ފިރިހެން ކުއްތާޔާއި، އެކުއްތާތަކުގެ ތައްޕާހުން އުޅޭ އަންހެން ކުއްތާ ތަކެކެވެ. އަދި މިހެން ގޮސް އެންމެ އާދައިގެ، ދެރަވަރުގެ، ދަށުފަންތީގެ ކުއްތާތަކެއްވެސް އުޅޭނެއެވެ. ކުއްތާޔާ ބެހޭ ޢިލްމުގެ ސައިންސުވެރީން ގުރީކު އަކުރުން ނަން ދީގެން މިކަހަލަ ކުއްތާތައް ފަންތިތަކަށް ބަހާ ގޮތް މިތާނގައި ނުދައްކައި، އަޅުގަނޑު އަލިއަޅުވައިލަން ބޭނުމީ ހަމަ ވަރަށް އާދައިގެ ދެކަމަކަށެވެ. އެވާހަކަ ދެން އޮތް ޕެރެގުރާޕުގައި މި ދަންނަވައިލަނީއެވެ.

ކުއްތާގެ ކަންކަން ބަލައި ދިރާސާކުރާ މީހުން ބުނާ ގޮތުގައި، ކުއްތާ ބައިގަނޑުގެ އެންމެ ބާރުވެރި، އިސް ކުއްތާތަކަށް ބައިގަނޑުގެ އެހެން ހުރިހާ ކުއްތާތައް، ސުވާލެއް ނުވަތަ ދެކޮޅުހެދުމެއް ނެތި، ހުރިހައި ގޮތަކުން ކިޔަމަންވާން ޖެހެއެވެ. ޝިކާރަކޮށްގެން ގެންނަ އެއްޗެއްގައި އެންމެ ފުރަތަމަ ދަތްއަޅައި، ބަނޑުފުރައި ކާލަން ލިބެނީވެސް މިކުއްތާ ތަކަށެވެ. މިކަމާ ކިރިޔާވެސް ދެކޮޅުވެރިކަމެއް ދައްކައިލައިފި ކުއްތާޔަކަށް ގިނަ ފަހަރަށް ކުރިމަތި ވާނީ މަރު، ނުވަތަ ބައިގަނޑު ދޫކޮށްފައި އެކަނި އުޅެން ދުވެ ފިލައި ރައްކާވުމެވެ. ހަމަ އެޔާއެކު، މި ދެންނެވި އިސް ކުއްތާތަކުގެ މަސްއޫލިއްޔަތު ތަކެއްވެސް އޮވެ އެވެ. އެއީ ކުއްތާ ބައިގަނޑަށް އެއްވެސް ފަރާތަކުން ޙަމަލައެއް އަތުވެއްޖެނަމަ، އެ ޙަމަލަޔަކާ ކުރިމަތިލާން އިސް ސަފުގައި ނިކުތުމާއި، މުޅި ބައިގަނޑުގެ އެންމެހައި ކުއްތާތައް ބަނޑަށް މަރުވިޔަ ނުދީ، ޝިކާރަކޮށްގެން ކާއެއްޗިހި ހޯދުމުގައި އެންމެ އިސް ރޯލު އަދާކުރުމެވެ. ބައެއް މުފައްކިރުން ބުނާ ގޮތުގައި އިންސާނުންގެ ތެރޭގައިވެސް ކަން އޮންނަނީ ހަމަ މި ގޮތަށޯލައެވެ. ވެރީންނާއި އެ ނޫން މީހުންގެ މެދުގައި އޮންނަ ތަފާތަކީ މިކަހަލަ އެއްޗެކޯލައެވެ. އަޅުގަނޑަކީ އެހައި ފުންނާބު އުސް މުފައްކިރަކަށް ނުވާތީ، އެ ބަހާ އެއްކޮޅަށްވެސް، ނުވަތަ ދެކޮޅަށްވެސް،  ދަންނަވާނެ ޢިލްމީ ބަހެއް ނެތެވެ. އެނޫން ހަމަޔަކުން އެއްޗެއް ދަންނަވާނެންޏާ، ޖަންގަލީގެ ޤާނޫނަށް އިންސާނުންވެސް އުޅޭ ކަމަށް ބުނަނީތާއޭ ބުނެލައިފައި، އެހިސާބަށް އެވާހަކަ ހުއްޓައިލުން އެއީ އަޅުގަނޑަށް އެނގޭ ވަރެވެ.

އަޅުގަނޑު މިދެންނެވި ގޮތަށް އެހިސާބަށް ހުއްޓައިލުމަކީ މަޞްލަޙަތު ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑު މި ދެންނެވީ ސަބަބެއް އޮވެގެނެވެ. އެއީ، އަޅުގަނޑުގެ މާމަ އަޅުގަނޑަށް ބުނެއްދެއްވި ގޮތުގައި، އިންސާނުންނަކީ ދުނިޔެއޭ މިކިޔާ ތަނުގެ އެކި ބައްރުގައި، އެކި އެއްޗިހި ކައިގެން، އެކި ބަސްބަހުން ވާހަކަދައްކައިގެން، އެކި ފިނިހޫނުމިނާ ބައްދަލު މިންތަކުން އޮނުއޮރިޔާން ފިލުވައިގެން، އެކި ގޮތް ގޮތަށް ގެ އަޅައިގެން އުޅުމުގެ ނިޢުމަތް ދެއްވައިފާ، ޝަރަފުވެރި މަޚުލޫޤެކެވެ. އަދި ހަމަ އެއާއެކު، ޖަންގަލީގެ ޤާނޫނަށްވުރެ މަތީ ޤާނޫނެއް ދެއްވައި، އިންސާނުންގެ ތެރެއިން އަމުރު ޙަވާލުވެވިގެންވާ މީހާޔަކީ އަމުރަށް ކިޔަމަން ވާން ޖެހޭ ކޮންމެ މީހެއްގެ އެންމެހައި މަޞްލަޙަތުތައް ބަލަހައްޓައިދޭން ޖެހޭ ޚާދިމެއް ކަމަށް ފެންނަ ވާހަކަ އަޅުގަނޑަށް މިދެންނެވި ގޮތަށް އިވިފައި އެބަ އޮތެވެ. އެކީ އެއްތާކު ޤަބީލާ ނުވަތަ ޤައުމުތައް ހަދައިގެން އުޅޭ ކޮންމެ ބައެއްގެ މެދުގައި ހަމަހަމަކަން ޤާއިމް ކޮށް ދެމެހެއްޓުމާއި، ދެރަ މީހާޔަށް ދެރަ ގޮތް، މޮޅު މީހާޔަށް މޮޅުގޮތް، މިހެން ވާ ގޮތް ނުވެ ވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ އަމުރު އެމީހަކާ ޙަވާލުވެވިގެންވާ ވެރިމީހާގެ މައްޗަށް ލާޒިމު ކަމަކަށް ވެޔޭ، އަޅުގަނޑަށް އެކަހަލަ ކަންކަން ފުރަތަމަ އޮޅުން ފިލުވައިދެއްވި އެދުރުން ބުނެދެއްވިވެސްް މެއެވެ. މާމަޔާއި އެދުރުންގެ ބަސް އެޒަމާނުގެ ބަހުރުވަޔަށް ދޫކޮށްފައި، މިހައިރުގެ ބަހުން ކުރުކޮށް ދަންނަވާނަމަ، ވެރިކަން ކުރާ މީހާޔަކީ ”އަލްފާ ޑޯގް“ އެއް ނޫނެވެ! އެޔަށް ވުރެ މާ ޢިއްޒަތްތެރި، އެޔަށް ވުރެ ހިތްތިރި، އެޔަށްވުރެ މާ ޒިންމާދާރު އިންސާނެކެވެ. ޝަރަފުވެރީންގެ ތެރެއިންވެސް ޝަރަފުވެރިޔެއް މެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި، ޝަރަފުވެރި އިންސާނުންގެ ތެރޭގައި ކަންކަން ހިނގަންވާނީ ޝަރަފުވެރީންގެ ތެރޭގައި އެކަންކަން އޮންނަންވާނޭ އެންމެ ޝަރަފުވެރި ގޮތުގައެވެ. ކުރުކޮށް ދަންނަވާ ކަމަށް ވަންޏާ، އަޅުގަނޑުމެންނަކީ ޖަމުޢުކޮށް އެންމެން ހިމެނޭ ގޮތަށް، އަދި މުފްރަދުކޮށް ކޮންމެ މީހަކު ހިމެނޭގޮތަށް، ޝަރަފުވެރީން ކަމުގައި އަމިއްލަޔަށް ޤަބޫލުކުރާނަމަ، ދުނިޔޭގައި އިންސާނުން އުޅެން އަންގަވައިފައިވާ ގޮތް ކަމަށް އަޅުގަނޑުމެންގެ ކާބަފައި ޢާލިމުންނާއި ޙާކިމުން އަޅުގަނޑުމެންނަށް ބުނެދެއްވައިފައިވާ އެންމެ ސާފު، ސީދާ މަގުން ހިނގޭތޯ ބަލަން ވާނެއެވެ. އެ މަގާ ގުޅިފައިވާ އަލި، ސާފު އެންމެހައި ގޯޅިތަކުން ނޫނީ އަޅުގަނޑުމެން ހިނގައި އުޅެގެން ނުވާނެއެވެ. ގެޔަށް ދާ މަގު ކުރުކޮށްލަން ”ޝޯޓުކަޓު“ ނަގަން އުޅެގެން ހަނި، އަނދިރި ގޯޅިގޯޅިޔަށް ވަދެގެންވެސް ނުވާނެއެވެ. އެހެންނަމަވެސް، … އެހެރަ އެހެރަ ކަހަލަ ވާހަކަޔައިގެން ނާޞިޙުންގެ ދައުރު އަދާކުރަން ނިކުންނަން ވާނީ ކަމަށް ފުރިހަމަޔަށް ކުފޫހަމަވާ މީހުންނަށް އޮތް ކަމެއް ކަމަށް ބަލައިފައި، އެ ހިސާބަށް އެ ކަން ކުރުން، ޔަޢުނީ ނަޞީޙަތް ދިނުން، އިހަށް ބާއްވައިލާނަމެވެ.

އަޅުގަނޑު މިދެންނެވި ގޮތަށް އެ ހިސާބަށް އެ ވާހަކަ ބާއްވަން މިޖެހެނީ، ދުނިޔޭގައި ނުކިއްސަރު މަގު މަގުން މީހުން ހިނގައި އުޅޭ ތަންތަނަށް ބަލައިފައި، އެތަންތާނގައި ހުރި ”ޝޯޓުކަޓު“ތައް ފެންނާތީއެވެ. އިންސާނުން އުޅެންވީ ގޮތާއި އުޅެގެން ނުވާނެ ގޮތްތައް އެކި ފަހަރު އެކި ގޮތަށް ނަމަވެސް ކަނޑައަޅަން ތިބެނީ އެ ތަނެއްގައި ތިބި އެންމެ ތަނަވަސް، ފޯރާ، މުއްސަނދީން ކަމަށް ވެގެން ދިޔައިމާ، އެ ޤައުމުތަކުގައި ދެން ވާ ގޮތެވެ. މަހުޖަނުންނަށް މޮޅުގޮތް، ފަގީރު ސޮރަށް ދަތިގޮތް އޮތުމަކީ ހަމަ ހަމަ ކަމަށް އެންމެން ބަލައިގަންނަން މަޖުބޫރުވާ ތަނެވެ. އެ ހަމަ ހަމަޔަށް ވެފައި، ހަމަހަމަ ކަމަކީ ރަދީފުން ނޫން ތާކުން ފެނުން ނާދިރު ލަފުޒަކަށް ވެގެން ދާ ތަނެވެ. ޢަދުލު އިންޞާފުގެ އެކި މުޢާމަލާތްތަކާއި ބޮޑެތި ޙިއްސާގެބާޒާރު ތަކުގައި ކުރެވޭ މުޢާމަލާތްތައް އެއްކުލަޔަކުން ފެނިގެން ދާތަނެވެ. އެކައްޗަކަށް ވެގެން ދާތަނެވެ. ރާބުއިމާއި، ޖުވާ ކުޅުމާއި، އެއްވެސް ބަފަޔަކު އޭނާގެ އަންހެން ދަރިޔަކު އެ ތާކުން ދެކެން ބޭނުން ނުވާނެ ބާޒާރު ތަކަށް ޒުވާން އަންހެނުން ނިކުމެ ވިޔަފާރި ކުރުމަކީ، މިނިވަންކަމާއި ކެރުމާއި މުޖުތަމަޢާއި ވަކި ކަހަލަ މަޖުބޫރުތަކެއް އެއްވީމައި އެޔަށް ކިޔޭ ނަމެކޭ ބުނެވޭ ތަނެވެ. އެއީ ތަހުޒީބޭ ބުނެވޭ ތަނެވެ. އެ ބާވަތުގެ އަނދިރި ގޯޅި ގޯޅިޔަށް އަޅުގަނޑުމެން ވަނަ ނުދެއްވާށާއި، އެކަހަލަ އަނދިރި ގޯޅިގޯޅިޔަށް އަޅުގަނޑުމެން ވައްދަން މަސައްކަތްކޮށްއުޅޭ އެކި ބާވަތް ބާވަތުގެ މީހުންގެ  ކިބައިން އަޅުގަނޑުމެން ސަލާމަތް ކުރައްވައި، އެ ޒާތުގެ ނުކިއްސަރު ކަންކަމުން ޤައުމު ދަފަރާކުރައްވަން އަޅުގަނޑުމެންގެ އިއްޔެއާއި މިއަދުގެ ވެރީން ކުރައްވާ އެންމެހައި މަސައްކަތްޕުޅަށް އައްސަރިބަހުން ސާބަހެވެ! އަދި އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ ސާފުކަމާއި މިނިވަންކަމާއި ހެޔޮމަގުގައި މާދަމާވެސް ދެމި އޮންނާނޭ މަގުން މަސައްކަތްޕުޅު ކުރައްވަން މިއަދުގެ ޒުވާނުންނާއި ތުއްތު ކުދީންގެ ތެރެއިން ކެރިވަޑައިގަތުމާއެކު ނިކުމެވަޑައިގެން، ޤައުމުގެ ވެރިކަމުގެ ހުންގާނުގައި ސާބިތުކަމާއެކު ހިއްޕަވާނޭ ބަޠަލުންނަށްވެސް ޝުކުރުގެ ޖިޒީއެއް އިސްކޮށް ވެދުން ބަރުތީލަ ކުރަމެވެ!

ދުވަހުގެ އިރު އެރުމުގެ މާކުރީން ހިތަށް ބޮނޑިވެގެން އައި އެތަކެއް ޝުޢޫރުގެ ތެރެއިން މަދު މިންވަރެއް މިތާނގައި ޙިއްސާކޮށް ދަންނަވައިލައިފައި، އަދި ދެތިން ވާހަކަ ދަންނަވައިލަމުން ކުރުކޮށްލަން ހިފާނަމެވެ. އެގޮތުން ދެންވެސް ދަންނަވައިލަން އޮތީ އަޅުގަނޑުގެ ދެތިން އެދުރުން އަރިހުން އަޅުގަނޑަށް އިވިފައި އޮންނަ ވާހަކައެކެވެ. އެ ވާހަކަ ގޮސް ގުޅެނީ، މަޞްލަޙަތަށްޓަކައި ވަކި ޤައުމެކޭ ނުވަތަ ޤައުމު ތަކެކޭ ނުދަންނަވައި، ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރި އިސް ބޭފުޅުންނާއެވެ. އެއިން ބޭފުޅަކު ތާކަށް ވަޑައިގަންނަވަން ވެއްޖިއްޔާ، އެޖެހުނީ ކަމަކާއެވެ. ވަޑައިގަތުމުގެ ގަޑި ދެގަޑިއިރު ކުރިން މުޅި ސަރަޙައްދު ބަންދުކޮށް، މަޢުދަނީ އެއްޗެއް އޮވެގެން ނުވާނެ ތަނެއްގައި އޮތްތޯ ބަލަން އެ ގެންގުޅޭ އެތިން މުޅި ހިސާބުގައި ފުނާއަޅަން ޖެހެއެވެ.  ހަނގުރާމަމަތީ ހެދުން އެޅި ސިފައިން ކޮންމެ ހަތަރު އަނގޮޅިޔެއްގައި ބަޑި ދީފައި ބައިތިއްބަން ޖެހެއެވެ. ދުރުމި ހަރުކުރި ބަޑިން އަމާޒަށް ބަޑިޖަހަން ފަރިތަ ސިފައިން، ހިސާބުގަނޑު އުސް ޢިމާރާތްތަކުގެ ފުރާޅުމަތީގައި ބޮނދައި ތިބެއެވެ. އެ ބޭފުޅާ ވަޑައިގަންނަވާ ކާރުކޮޅުގެ ކުރީގައި ދެތިން ކާރު، ފަހަތުގައި ހައެއްކަ ކާރާއި އެެމްބިޔުލަންސާއި ފޯނު ސިގުނަލް މަތަކުރާ އެއްޗަކަށް ދަންދެން އޮންނަން ޖެހެއެވެ. ހަށިފާރަވެރީންގެ ޢަދަދު އަދި އެނގުނަސް، އެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

އަޅުގަނޑުމެންގެ ވެރީން އެހެންތޯއެވެ؟ އަޅުގަނޑު މީގެ ދެތިން ދުވަސް ކުރީން ފަތިހު ކަސްރަތަށް ހިނގައިލަން ނިކުމެފައި ވަރުބަލި ވެލީމައި ބޮޑުތަކުރުފާނުމަގުގެ ތޮށިގަނޑު މަތީގައި އިށީނދެގެން އިންދައި، އިނގިރޭސި ބަހުން ”ސަރ“ އަކާވެސް އެކު ހެދުނުގެ ސަލާމެއް އަޅުގަނޑު އިން މިސްރާބަށް އަމާޒުވިހެން ހީވީމައި ބަލައިލިއިރު، އަސްތާ އެ ވަޑައިގަންނަވަނީ މިޤައުމުގެ އިސް ވެރިޔެކެވެ. އަޅުގަނޑާ ދިމާޔަށް ހިނިފުޅު ވަޑުވާލައްވައިފައި، އެއްކަލަ ސަލާމް ތަކުރާރުވެސް ކުރައްވައިފައި، އަޅުގަނޑުގެ ޖަވާބު ހިއްޕަވައިގެން ވަޑައިގެންފިއެވެ. ހަށިފާރަވެރީން ހެން ހީވާ ދެ މީހަކު ކުލަ ހެދުމުގައި އަރިހުގައި ތިއްބެވެ. އަޅުގަނޑުމެންގެ ތެރެއިން ވަޒީރުން ފެންވަރުގައި އުޅުއްވައިފައި ތިއްބެވި ބޭފުޅުންނާއި އުޅުއްވާ ބައެއް ބޭބޭފުޅުން ސައިކަލު ކޮޅުގައި ފެނުންވެސް އެއީ ހަމަ އާދައިގެ ކަމެކެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ކޮންމެވެސް ޒަމާނެއްގައި އަޅުގަނޑުގެ ދަރިވަރުން ކަމުގައި ވަންޏާ، އެއްކަލަ ”ސަރ“ ވެސް އިވެއެވެ. ކާޅުގައި ހުދުފަތް ހުންނަ ގޮތަށް، ވަރަށް މަދު ފަހަރަކު، ތަންކޮޅެއް ބޮޑާޒާތުގެ ބޭކަލެއްގެ ކިބައިން މިނޫން ގޮތެއް ފެނުނަސް، އާދަޔަކީ މިދެންނެވީއެވެ. މިކަހަލަ ސާދާ ބައެއް ކަންކަން ފެނުނީމައި، އަޅުގަނޑުގެ ހިތަށް އަނެއްކާވެސް އަންނަނީ އަޅުގަނޑުގެ އެދުރަކު ތަންކޮޅެއް ކުރީން ކިޔުއްވައިދެއްވި ވާހަކައެކެވެ.

އިޝާރާތް މިކުރި ވާހަކައިގައި ވާ ގޮތާއި ތަފްޞީލަކީ، ވާހަކައިގެ ބާވަތުން، އެއީ މިވެނި ތަނެއްގައި މިވެނި ބައެއްގެ މެދުގައި ހިނގި ކަމެކޭ މިތާނގައި ދަންނަވާކަށް އަޅުގަނޑަކަށް އަދި ނުކެރޭނެއެވެ. އެހެންނަމަވެސް، މިދަންނަވާ އެއްޗަކަށް އިޝާރާތް ކުރައްވައިފައި، މިބާވަތުގެ މަޢުލޫމާތު އޭގެ ފުރިހަމަ ތަފްޞީލާއި ޞައްޙަ ކަމާއެކު ވިދާޅުވެވޭ ވަރުގެ ޢާލިމެއްގެ އަރިހުން އައްސަވައިލެއްވުމަކީ މިމަޒުމޫނު ވިދާޅުވެ، މިދަންނަވާ އެއްޗަކަށް ޝައުޤުވެރިކަން ދެއްވައިފި ކޮންމެ ބޭފުޅަކަށް ކުރެއްވިދާނެ ކަމެކޭ، އެކަން އެގޮތަށް ކުރައްވާނޭނަމަ ހާދަ ރަނގަޅޭ ހިތަށް އަރާ ވާހަކަވެސް ދަންނަވަމެވެ. އެވާހަކަޔަކީ، ކޮންމެވެސް ޢިއްޒަތްތެރި ވެރިޔަކު ހާމަ ތަނެއްގައި އެއްވެސް ކަހަލަ ބިރުފުޅެއްނެތި އަވަހާރަފުޅަށް އޮންނަވަނިކޮށް، އެތަނަށް އައި މީހަކު ދެންނެވި ކަމަށް ވެޔޭ، މަނިކުފާނުން ވަރަށް ޢަދުލު ވެރިކަމާއެކު ވެރިކަން ކުރައްވައިފީމުއޭ، އެހެން ކަމާއެކު އަމާން ކަމުގެ ނިޢުމަތް ތަޖުރިބާ ކުރައްވައިފީމުތާއޭ، އަދި އެހެންވީމާ އަވަހާރަފުޅު ލެއްޕެވީތާއޭ، މިކަހަލަ ގޮތަކަށް ދިވެހި ބަހަށް އަނބުރައިލެވިދާނެ ލަފުޒުކޮޅެއް ހިމެނޭ ވާހަކައެކެވެ. އަޅެ ޢާލިމެއް އަރިހުން އައްސަވާލަ ބައްލަވާށެވެ!

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދާ ޖުމްހޫރީ ދުވަހުގެ އެންމެހައި ހެޔޮއެދުމާއި ތަހުނިޔާ ތިޔަ އެންމެ ބޭފުޅުންނަށް އަރިސްކުރަމުން، އަޅުގަނޑުމެންގެ ވެރީންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތާއި ޙިކުމަތާއި ޢަދުލުވެރިކަން މިންވަރު ކުރެވުން އެދި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ގަލަން ބާއްވާނަމެވެ.