Support Us

ކޮލަމް: އަލި

ޖުމުހޫރިއްޔަތު: ރައްޔިތުގެ އަޑު

"ޖުމުހޫރިއްޔަތު" މިއީ ޢަރަބި ލަފުޒެކެވެ. މިއީ ވެރިކަން ހިންގުމުގެ ނިޒާމެއްގެ ނަމެވެ. އިނގިރޭސިބަހުން އޮންނަނީ "ރިޕަބްލިކް" މިހެންނެވެ. އުރުދޫބަހުން ކިޔަނީ ޖުމުހޫރިއްއްޔާއެވެ. ފާރިސީބަހުން އޮތްކަމަށް ބެލެވެނީ ޖުމުހޫރީއެވެ. ކޮންމެއަކަސް ދިވެހިބަހުން ވާހަކަ ދެއްކުމުގައި ޖުމުހޫރިއްޔަތު، ޖުމުހޫރީ، ޖުމުހޫރިއްޔާ މި ހުރިހައި ގޮތްގޮތަށް ބޭނުން ކުރެއެވެ. މި ލަފުޒުގެ ތާރީޚުން ނުވަތަ ކަލިމަތަކުގެ އުސޫލީ އިލްމުން އެނގޭ ގޮތުގައި "ރިޕަބްލިކް" މި ލަފުޒުގެ އަސްލަކީ ލެޓިނެވެ. ލެޓިނުން ފަރަންސޭސި ބަހުން އިނގިރޭސިބަހުން މި އިސްތިލާހު އާންމުވެފައި ވަނީ މީލާދީން 16ވަނަ ޤަރުނުގެ ފަހުކޮޅުގައި ކަމަށް އޮކްސްފޮޑް ލޭންގުއޭޖުގައި ބަޔާންކޮށްފައިވެއެވެ.

ކުރިން ވެސް ދެންނެވި ފަދައިން، ރިޕަބްލިކް މިއީ، ލެޓިންބަހުގެ "ރެސްޕަބްލިކަސް" ކަމުގައި ވެއެވެ. ލެޓިންބަހުގައި "ރެސް" މިއީ ބޭނުންތަކެވެ. ނުވަތަ އެދުންތަކާއި ކަންބޮޑުވުންތަކެވެ. "ބަޕްލިކަސް" މިއީ މީހުންނެވެ. އާންމު ރައްޔިތުންނެވެ. މިހެންވުމުން ޖުމުހޫރީ ވެރިކަން ބަރޯސާ ކުރަނީ އާންމު ރައްޔިތުންގެ މުހުތާދުތަކާއި ބޭނުންތަކަށެވެ. ވެރިކަން ހިންގާ އިސްފަރާތްތަކުގެ އެދުންތަކާއި މުހުތާދުތަކަށް ނޫންނެވެ. އަދިކިއެއްތަ ވެރިން ނިންމައި ތަންފީޒކުރާން ޖެހެނީ ރައްޔިތުންގެ ނިންމުމެވެ. ރައްޔިތުންގެ އެދުމެވެ.

އާދޭހެވެ! ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ޖުމުހުރީ ދުވަހުގެ ގޮތުގައެވެ. މިއީ ދިވެހި ދެވަނަ ޖުމުހޫރިއްޔާއަށް ތޭވަންނަ އަހަރު ފުރޭ އަހަރެވެ. މި އުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ދަންނަވައި އަރިސްކުޅައުމުގެ އުފާ ލިބިގަންނަމެވެ. ދިވެހި ޖުމުހޫރިއްޔަތު ގުޅިފައިވަނީ ދިވެހި ތާރީޚާއެވެ. ދިވެހީންގެ ވާހަކަޔާއެވެ. ދިވެހީންގެ ކުރިއެރުމާއި ތައްރައްގީއާއެވެ.

އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހިރާއްޖެ ދުށް ދެވަނަ ޖުމުހޫރިއްޔަތަށް 53ވަނަ އަހަރު ފުރުމުގެ އުފަލެވެ. ދިވެހިރާއްޖެ އިސްލާމްވުމުގެ މާކުރީއްސުރެ ރާއްޖޭގައި އޮތީ ރަސްކަމެވެ. ވިރާސީ ރަސްކަމެވެ. 1153ވަނަ އަހަރު ދިވެހިރާއްޖެ ރަސްމީކޮށް އިސްލާމު ވުމަށް ފަހު ވެސް މީލާދީން 1953ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހާ ޖެހެން ދެން އޮތީ ރަސްކަމެވެ. މީލާދުން 17ވަނަ ޤަރުނުން ފެށިގެން ދިވެހި ރަސްކަމުގެ ރަސްރަސްކަލުންނާ އެކު ބޮޑުވަޒީރުން އައްޔަންކުރައްވަން ފެއްޓެވުނުކަން ތާރީޚުން އެނގެއެވެ. 1800ގެ ފަހުކޮޅުން ފެށިގެން ސަރުކާރު ހިންގުމުގެ ބާރު ބޮޑަށް އޮތީ ބޮޑުވަޒީރުންގެ އަތްޕުޅުމަތީގައެވެ.

ކޮންމެއަކަސް ޒަމާން ބަދަލުވަމުން އެކި ޒާތުގެ ކޯޅުންތަކާއި ކަންބޮޑުވުންތަކާއި ޚާންދާނީ ޚިޔާލު ތަފާތުވުންތަކާއި އިޖުތިމާޢީ އަޚުލާޤީ އެތައް ކަންތައްތަކާ އެކު ކަމުގައި ވިޔަސް، ދިވެހި ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލު ކުރާން ޖެހިއްޖެ ކަން އޭރު ޤައުމުގެ ކުރިޔަށް ތިއްބެވި އިސްވެރީންނަށް ވިސްނިވަޑައިގަތް ހަމައިން ޖުމުހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަން ހިންގެވުމުގެ މިސްރާބު ބަދަލުކުރެއްވިއެވެ. 1953ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަސް ވީ ދިވެހިރާއްޖޭގެ ތާރިޚުގެ މުޅިން އައު ސަފުޙާއެއް އެއްލި ދުވަހަކަށެވެ. ބޮޑު ދުވަހަކަށެވެ. ދިވެހިރާއްޖޭގެ ހިންގުން ޖުމުހޫރިއްޔަތަކަށް ބަދަލުވި ދުވަހެވެ. ގައުމުގެ ރައީސްކަމަށް ޞާޙިބުލް ފަޚާމާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ކޮލި ވެސް ލެވުނު ދުވަހެވެ. "ޖުމުހޫރީ ދަރުބާރަށް އަވަސް ކަޅިއެއް" މި ފޮތުގެ ކޮންމެ ސަފުހާއެއް އަދުގެ ތާރީޚުގެ ޑައިރީއަށް މުހިންމެވެ. ޖުމުހޫރިއްޔަތަކަށް ބަދަލުކުޅައުމުގައި ދިވެހި މުޅި ރައްޔަތަށް ކޮންމެހެން ނޭނގުނަސް، ޖުމުހޫރިއްޔަތުގެ އުފަލުގައި ރާއްޖޭ ގެ އެކިކަންކޮޅުތަކުން ސަނާއާއި ތާރީފުގެ ގުލްދަސްތާތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ.

މި އުފާވެރިކަމުގައި ދިވެހިރާއްޖެ ދުށީ ކުޑަ ހިނދުކޮޅެކެވެ. އާދެ އެންމެ 7މަހާއި ދުވަސްކޮޅެކެވެ. 1953ވަނަ އަހަރުގެ އޮގަސްޓުމަގުގެ 21ވީ ހަލަބޮލިކަމާއި ހިތާމައާއި ހިތްދަތިކަމުގައި ރާއްޖެ ނޭވާލަމުން އަނެއްކާ ވެސް ތާރީޚުން ކަޅު ސަފުހާއެއް އެއްލި ދުވަހަކަށެވެ. އާދޭހެވެ. ފުރަތަމަ ޖުމުހޫރިއްޔާ އުވައިލެވުނު ދުވަހަށެވެ. އަލުން ރަސްކަން ގާއިމު ކުޅަ ދުވަހަށެވެ. މި ފަހަރު އިންތިޚާބީ ރަސްކަމެކެވެ. އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ދިވެހި ރަސްކަމަށް އިންތިޚާބު ކުރެއްވުނެވެ.

ސަފުހާތަކެއް އުކައިލަމެވެ. އެތައް ބާބެއް ދޫކޮށްލަމެވެ. އެއީ އެ ސަފުހާތަކުގެ ކަޅުކަމާއި އަޅައިފައިވާ ކަރުނައިގެ އަސަރުގަދަކަން އެއް ސަބަބަކަށް ހިތަށް ގެނައުމަށް ފަހުއެވެ. ގައުމުގެ އަމީނާ މެދު ދެން ކަން ވީ ގޮތުގެ ހިތާމަ ވެރި ސަފުހާތަކާއި ބާބުތަކަށް ވުމުންނެވެ. ދެން ތޯއެވެ! ތާރީޚުން ހާމަވަނީ އެތައް ސަބަބެއް މެދުވެރިވެގެން އެތައް ކަމަކާ ހުރެ އަނެއްކާ ވެސް ރަސްކަން އުވައިލައި ދެވަނަ ފަހަރަށް ޖުމުހޫރިއްޔަތެއް ގެނައި ކަމެވެ. ޤައުމީ ޚިދުމަތުގެ އެތައް ކަމެއްގެ ފަޚުރަށް ޓަކައި ގައުމު އެދިއެދި އޮތީ އިބްރާހިމް ނާސިރު ފަދަ ދަރިއަކު ޤައުމީ ނަވުގެ ހުންގާނުގައި ހިއްޕެވުމަށެވެ. 1968ވަނަ އަހަރުގެ ނޮވެންބަރު މަހުން 11ވީ މި އުފާވެރި މުނާސަބާ ލައިގަތް ދުވަހަށެވެ.

ޚުލާޞާ ގޮތެއްގައި މި ދެންނެވީ ދިވެހިރާއްޖެ ތަޖުރިބާ ކުރަމުން މި އަންނަ ޖުމުހޫރިއްޔަތު އައި މަގެވެ. ކޮންމެ ގޮތަކުން ނަމަވެސް ޖުމުހޫރިއްޔަތު ގޮވައިލަނީ ރައްޔިތުންގެ ފުށުން ބާރުތައް އުފެއްދުމަށެވެ. ރައްޔިތުންގެ ވެރިކަން ކުޅައުމަށެވެ. ޚުދުމުޚުތާރީ ބާރުތަކުން ދުރުހެލިވެ  ރައްޔިތުން އެދޭ ގޮތަށް ޤައުމު މިސްރާބު ކުޅައުމަށެވެ.

ދިވެހި ގައުމު އަދު ދެކޭ ތަރައްގީއާއި ތަހުޒީބަށް މަރުހަބާ ކީ ނިޒާމަކީ ޖުމުހޫރިއްޔަތެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އެކި ސިފަސިފައިގައި ހިނގަމުން އައި ރަސްކަން އުވި ޖުމުހޫރިއްޔަތެއް ގާއިމު ވުމުން ދިވެހިރާއްޖެ ދެކެމުން މި އަންނަނީ މާސިންގާ ބޮޑެތި ކުރިއެރުމާއި ތަރައްގީއެވެ. ސަބަބަކީ ކޮބައިތޯއެވެ! ރައްޔިތުންގެ ނިންމުން ރައްޔިތުން ނިންމުމެވެ.

ޝައްކެއް ވެސް ނެތެވެ. ޖުމުހޫރީ ނިޒާމުން ކަނޑައަޅަނީ ހަމަހަމަކަމާއި ޞުލްހައެވެ. ޖުމުހޫރިއްޔަތު ފަތުރަނީ ހަމަހަމަކަމާއި އަމާންކަމުގެ ކުލަތަކެވެ.  ޖުމުހޫރިއްތު އިއްވަނީ ހިމޭންކަމާއި ސުލްހަވެރިކަމުގެ އަޑުތަކެވެ. ދިވެހި ޖުމުހޫރިއްޔާއަށް އަޅުގަނޑު އެދެނީ ފާގަތިކަމެވެ. ނަސްރާއި ނަސީބެވެ.