Support Us

ބާރުގެ ބާރާއި އަދި އެކަމުން ލިބިދާނެ ފިލާވަޅެއް

މިހާރު ހިނގަމުންދާ އެމެރިކާ އިންތިޚާބުގެ މައްޗަށް ނަޒަރެއް ހިންގާލުމުން، ފެނި ފާޅުވެގެންދާ އެއްކަމަކީ ބާރުގެ ހުރި ބާރެވެ. އާދެ، ބައެއްގެ ބާރު ގަދަވުމުން ފެންނަ، އެކަމުގެ އަސަރެވެ. އިންތިޚާބުގެ ކަންތައްތައް ކުރިއަށް ދާގޮތާ ނުރުހި، ތަނުގެ ވެރިންގެ އަމަލުތައް ނުވަތަ އެމީހުންނަށް ތާއީދުކުރާ ބައެއް އާންމުންގެ އަމަލުތަކުގެ މައްޗަށް ފާޑުކިޔުމުގެ ނަޒަރުން ބަލައި، ބޭރު މީހުން އެއްޗެއް ނުބުނާ ތަނެވެ. އެހެންވެ، ހުތުރު ގޮތަކީ ވެސް، ރީތި ނުވިޔަސް، ހަމަ އެންމެ ރަނގަޅު ގޮތެއްގައި ބެލެވޭ ގޮތް ވުމެވެ. ބާތިލުކަންކަމީ ވެސް، ސައްހަ ގޮތް ކަމުގައި ނުބެލެވުނަސް، އެ ގޮތް ވެސް، ބަލައި ގަނެވި، ހަމަ ރަނގަޅުވާ ގޮތް ވުމެވެ. އާދެ، އިންތިޚާބަކީ ބާރުވެރި ގައުމެއްގެ ވެރިން އިންތިޚާބުކުރެވޭ އިންތިޚާބަކަށްވާތީ، އެފަދަ ވެރިންނާ އެފަދަ ވެރިންނަށް ތާއީދުކުރާ މީހުންނާ ދޭތެރޭ ވެސް ޚާއްސަ ގޮތެއްގައި ބެލެވެނީއެވެ.

 

ނުރަނގަޅު ގޮތުގައި ސިފަކުރެވިދާނޭ ފަދަ ކަމެއް، އެމެރިކާގެ އިންތިޚާބުން ފެންނަނީ، ކޮންކަމެއް ހެއްޔެވެ؟ އެއްކޮޅުން ފެންނަނީ އެއްކެންޑިޑޭޓަކު ވަކި ކަހަލަ ދައުވާތަކެއް ކުރާ ތަނެވެ. އިންތިޚާބުގައި މަކަރާއި އޮޅުވާލުން ހިނގައިފިކަމުގެ ދައުވާއެވެ. ބައެއް ކަހަލަ ވޯޓު – މިސާލަކަށް ޕޯސްޓުގެ ޒަރިއާއިން ލާ ވޯޓު، ނުވަތަ ވޯޓުލުމުގެ ދުވަހުގެ ކުރިން ލާ ވޯޓު ގަބޫލުކޮށްގެން ނުވާނޭ ކަމެވެ. މިފަދަ ގޮތެއްގައި ވޯޓުލުމަކީ އެންމެ ކުރިންވެސް ގަވާއިދު ތަންދޭ ކަމަކަށް ވެފައި އޮތް އިރުވެސް މެއެވެ. އަދި، ވޯޓުލުމުގެ ގަޑި ނިމުމުން، ވޯޓުލުން ހުއްޓާލަން ޖެހޭނޭ ކަމެވެ. އެކަން ނުކުރެވުނީ ވޯޓުލާން ތިބި މީހުންގެ ކުށުންތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެއެވެ. ތިމާ އެދޭ ގޮތަށް ނަތީޖާ ނުނިކުތުމުން، މައްސަލަ ޝަރީއަތުގެ މަޖުލިސްތަކަށް ގެންދިޔުމެވެ. އާދެ، މިއީ މިހާރު ހިނގަމުންދާ އެމެރިކާގެ އިންތިޚާބުން ފެންނަ މަންޒަރު މަންޒަރެވެ.

ދެން، އެމެރިކާގެ ޑިމޮކުރަސީގެ ނިޒާމުއިން ނިޔާކުރާ ގޮތުން، އިންތިޚާބު ކާމިޔާބުވުން އޮންނަނީ ވަކި އަދަދަކަށް އިންތިޚާބީ ދާއިރާތަށް ކާމިޔާބުކުރާ ފަރާތަކަށެވެ. އާދެ، އިންތިޚާބީ ދާއިރާތަކުން، މަދުވެގެން 270 އިންތިޚާބީ ދާއިރާ ކާމިޔާބުކުރާ ފަރާތަކަށެވެ. ކޮންމެހެން ޖުމްލަ ފަރުދީ ވޯޓުގެ އަދަދަށް ބަލައި ގިނަ ވޯޓުލިބޭ ކެންޑިޑޭޓަކަށް ނޫނެވެ. އާދެ، މިވެސް ޑިމޮކުރަސީގެ ވައްތަރެކެވެ. މިސާލަކަށް އަޅުގަނޑުމެންގެ މީހުން އުޅޭ ރަށްތައް 51 ދާއިރާއަކަށް ބަހާލައި އެދާއިރާގެ މީހުންގެ އަދަދަށް ނުބަލައި، ސައްބީސް ދާއިރާ ކާމިޔާބުކުރުމުން، އިންތިޚާބު ކާމިޔާބުވީއެވެ. އެ ދާއިރާތަކުގައި އުޅޭ މީހުންގެ ތެރެއިން ވޯޓުލީ ފަރުދުންގެ ސައްހަ ވޯޓުގެ އަދަދަށް ބަލާއިރު، ކާމިޔާބު ކުރި ކެންޑިޑޭޓަށް ލިބުނު ވޯޓުގެ އަދަދު ދަށް ވިޔަސް އެއީ މައްސަލައެއް ނޫނެވެ. އާދެ، މިވެސް ކުރިން ބުނިހެން ޑިމޮކުރަސީގެ ވައްތަރެކެވެ. ގިނަ މީހުންގެ ވޯޓު ނުލިބުނު ކަމުގައި ވިޔަސް، ގިނަ ބައެއްގެ ވޯޓު ލިބުނުކަމުގައި ބެލެވި، އިންތިޚާބު ކާމިޔާބުކުރެވޭ ވައްތަރެކެވެ. އާދެ، ފެންނަމުންދާ މަންޒަރެކެވެ. ފަހަރެއްގައި ވެސް، މިއީ ފާޑުކިޔުމެއް ނޫނެވެ. ހަގީގަތެއް ބަޔާންކުރުމެކެވެ. ފެންނަ މަންޒަރެއް ލިޔެ ބަޔާންކޮށްލުމެކެވެ.

ދެން އޮތީ މި މަންޒަރުތައް ފެނުމުން އެހެން މީހުން ބުނާ އެއްޗިއްސެވެ. އެހެން މީހުންނޭ މިބުނެ އިޝާރަތްކުރަނީ ބޭރު މީހުންނަށެވެ. އެމެރިކާ ނޫން މީހުންނަށެވެ. އެއް ބަޔަކު ހަނދާންކޮށްދެނީ އެމެރިކާއަކީ އެންމެ ވަރުގަދަ ޑިމޮކުރަސީކަމެވެ. އާދެ، ކޮންމެ ގޮތަކަށް ކަންތައް އޮތަސް، އެމެރިކާއިން ކަންތައް ކުރާ ގޮތް ރަނގަޅުވާނޭކަމެވެ. އަނެއް ބަޔަކު ބުނަނީ އެމެރިކާގެ ޑިމޮކުރަސީގެ ނިޒާމަށް ފުރިހަމައަށް އިތުބާރުކުރާ ކަމެވެ. އާދެ، އިންތިޚާބީ އިދާރާތަށް ގޮތެއް ނިންމިޔަސް، ނޫނީ އިންތޚާބުގެ މައްސަލަ ކޯޓުތަކަށް ހުށަހެޅި، އިންތިޚާބުގެ ތެރަށް ކޯޓުތައް ވަދެ، ގޮތެއް ނިންމިޔަސް، އެކަން ވެސް ރަނގަޅުވާނޭކަމެވެ. ދެ ކެންޑިޑޭޓުން ތާއީދުކުރާ މީހުން މަގު މައްޗަށް ނިކުމެ، މުޒާހަރާކޮށް ހަޅޭލަވަމުން ދިޔުން ވެސް، އެއީ ހަމަ އެންމެ ރަނގަޅުކަމެއް ކަމެވެ. ކޯވިޑް ރޯގާގެ ގަވާއިދުތަކާ ފުށުއަރާ ކަމެއް ކަމަކަށް މިއެއްވާ އެއްވުން ނުވެއެވެ. ޑިމޮކުރަސީގެ އުސޫލުތަކުގެ ތެރެއިން، ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ މުހިއްމު ޑިމޮކުރަސީ އާންމު ރައްޔިތުންނަށް ހޯދައިދީފައިވާ ހައްގަކަށްވާތީކަން ވެސް ނޭނގެއެވެ.

މި މަންޒަރު ފެންނަ ތަނާއި މީހުން ބަދަލުކޮށްލައިފި ނަމަ ވާނީ ކިހިނެއްބާވައޭ ހިތަށް އަރައެވެ! ހަމަ މިނަންގަތް ގޮތަށް އިންތިޚާބާ ދޭތެރޭ ބޭރު މީހުން ދެކޭނެ ބާވައެވެ؟ މިސާލަކަށް، ތަނަކީ ތިންވަނަ ދުނިޔޭގެ ގައުމެއް ކަމުގައި ބަލައި ރިޔާސީ އިންތިޚާބު ހިނގަނީ އެފަދަ އެތަނުގައި ކަމަށް ބަލަމާ ހެއްޔެވެ؟ އަދި، ނިޒާމަކީ ވެސް ހަމަ ޑިމޮކުރަސީގެ ނިޒާމެއް ކަމަށް ބަލަމާ ހެއްޔެވެ؟ އަދި، މިހާރު އެމެރިކާގެ ހިންތިޚާބުގައި ފެންނަމުންދާ، މަތީގައި ނަންގަނެވުނު، މަންޒަރުތަކެއް ތިންވަނަ ދުނިޔޭގެ މިގައުމުން ފެނިގެންދާ ނަމަ، ބޭރުން ބަލާ މީހުންގެ ލޮލަށް މަންޒަރުތައް ފެންނާނީ ހަމަ އެއްކަހަލަ ގޮތަކަށް ބާވައެވެ؟ އެއްވެސް ކޮޅަކަށް ބުރަނުވެ، އެމެރިކާގައި، އިންތިޚާބުގެ މަންޒަރުތަކުގެ ފީތާ ނިއުޅެމުންދާ ގޮތަކަށް ދާން ދޫކޮށްލައިގެން، ނަތީޖާއެއް ނިކުންނަންދެން ފާޑު ކިޔުމެއް ނެތި އެންމެން ވެސް ކެތްތެރިކަމާއެކު މަޑު މަޑުން ބަލަން ތިބޭނެ ހެއްޔެވެ؟ ނަޒަރީ ގޮތުން ބަލާލާއިރު، ތިބެވެސް ދާނެއެވެ. އެހެނީ، މައްސަލައަކީ ދާޚިލީ މައްސަލައަކަށް ވުމުން، ތަނުގައި ގާއިމުވެފައި އޮންނަ ނިޒާމަށާއި ތަނުގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ނިމިދާން ދޫކޮށްލެވެން ޖެހޭނެތީއެވެ!

ނަމަވެސް، މި ނަޒަރީ، ޚިޔާލީ ދުނިޔެ ދޫކޮށް، އަމަލީ، އެބަހީ ކަންތައްތައް ވާގޮތުގެ ހަގީގީ، ދުނިޔެއަށް އެނބުރިލާ ނަމަ، އަދި، ތަނާއި މީހުން ބަދަލުވެއްޖެ ނަމަ، ބޭރުން ބަލާ މީހުންނަށް ފެންނާނީ ހަމަ އެއް މަންޒަރެއް ހެއްޔެވެ؟ ތަނާއި މީހުން ތަފާތުވެ، ތަނާއި މީހުންނަކީ ތިންވަނަ ދުނިޔެ ކަމަށްވި ނަމަ، މަތީގައި ބަޔާންކުރި ގޮތަށް އެތަނުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުރި ރައީސަކު ކަންތައް ކޮށްފި ނަމަ، ހަމަ އެންމެ ރަނގަޅުކަމުގައި ދެކިގެން އެންމެން ތިބެދާނެ ހެއްޔެވެ. އެ ގޮތަށް ތިބުމަކީ ވަރަށް ވެސް ދުރުކަމެކެވެ. ބޮޑަށް ގާތީ، އެފަދަ މީހުން މިހެން ބުނުމާއެވެ. އެއުޅެނީ އިންތިޚާބުގައި ބަލިވެ، ރިޔާސީ ގޮނޑި ގެއްލިދާނޭކަމަށް ހީވެ، ދެން ހަދާނޭ އިތުރު ގޮތެއް ނެތުމުން، އޭއްޗެކޭ މީއްޗެކޭ ކިޔާށެވެ! އަދި، ތިންވަނަ ދުނިޔޭގައި މިނަންގަތް ފަދަ ޑިމޮކުރަސީގެ ނިޒާމެއް އޮތް ނަމަ، ޑިމޮކުރަސީ އެމީހުންނަށް ދަސްކޮށްދޭން، ޑިމޮކުރަސީއަކީ ވޯޓުގެ އަދަދަށް ބަލައި، ގިނަ ވޯޓުގެ މައްޗަށް ބިނާވާ ނިޒާމެކޭ ވެސް އަނެއް ބަޔަކު ބުނެފާނެއެވެ. ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ކަނޑައެޅުން ބިނާވާންޖެހޭނީ ކޯޓުގެ އަމުރެއްގެ މައްޗަށް ނޫންކަމާއި މިކަން ބިނާވާން ޖެހޭނީ މީހުންގެ އަޑާއި އެ އަޑު ފާޅުކުރާ ވަސީލަތް ކަމުގައިވާ ވޯޓުގެ މައްޗަށް ކަން ވެސް އެހެން ބަޔަކަށް ފެނި ފާހަގަކޮށްފާނެއެވެ. އަދި، މިކަމަކީ މަގުމައްޗަށް ނިކުމެ ހަޅާލަވައި ގެން ގޮތެއް ނިންމަން ޖެހޭ ކަމެއް ނޫންކަމުގައި ވެސް ހަތަރުވަނަ ބަޔަކަށް ފެނި ބުނެފާނެއެވެ.

ނަމަވެސް، މިފަދަ ވާހަކައެއް އެކަކުވެސް ނުބުނެއެވެ. މިއަށް ކުޑަ އިސްލާހެއް ގެންނަން ޖެހެއެވެ. ބުނަން ޖެހޭނީ މިފަދަ ވާހަކައެއް މީހަކަށްވާ ކަހަލަ މީހަކު ނުބުނެއެވެ. މިހެން ބުނަން ޖެހެނީ އީރާނުގެ ޚާމައެނީ އެމެރިކާއިން ފެންނަ މަންޒަރާ ބެހޭ ގޮތުން، އާންމު މީހުންނަށް ފެންނަ މަންޒަރު ނޫން އެހެން މަންޒަރެއް ފެނި، އެމެރިކާގެ ޑިމޮކުރަސީގެ ނިޒާމަށް ފާޑުކިޔުމުގެ ނަޒަރަކުން ބައްލަވާލައްވައިފައިވާތީއެވެ. ނަމަވެސް، އީރާނަކީ އެމެރިކާގެ އަދުއްވެކެވެ. އަދި އެހެން ނޫނަސް، އެމެރިކާގެއާއި އަދި އެހެން ބައެއް މުސްލިމު ގައުމުތަކާއި އެނޫން ގައުމުތަކުގެ ނަޒަރުގައި 'މުއްލާއިންގެ ވެރިކަމެއް އޮންނަ' ގައުމެވެ. އެމީހުން އަމިއްލައަށް އެމީހުންގެ ވެރިކަމުގެ ނިޒާމަކީ 'ޑިމޮކުރަސީއެކޭ' ބުނެފި ނަމަ، އެކަމާ އެހެން މީހުން ހީ މަލާމާތްކުރާނެއެވެ. އެއީ ސައުދި އެރޭބިޔާ ނޫނީ މިސުރު ކަމުގައި ވިޔަސް ވެހެވެ. އެހެންވެ، އީރާނުގެ ވެރިންނަށް، އެމެރިކާގެ ރިޔާސީ އިންތިޚާބުން، އާންމުކޮށް އެންމެނަށް ހެން ފެންނަ މަންޒަރު ނޫން އެހެން މަންޒަރެއް ފެނުނަސް އެއީ އަޅާލެވެން ޖެހޭނޭ ކަމެއް ނޫނެވެ.

މިތަނުގައި ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. ބޭރު މީހުން އެމެރިކާގެ އިންތިޚާބުން ފެންނަ މަންޒަރުތަކާ ބެހޭ ގޮތުން ފާޑުކިޔުމުގެ ނަޒަރަކުން ބަލާ ނުލިޔަސް، އެމެރިކާގެ ބައެއް ނޫސްވެރިންނާއި އަދި، ބައެއް މަސްއޫލުވެރިން، ރިޔާސީ އިންތިޚާބުން ފެންނަ ކުރިން ނަންގަތް ފަދަ ނުރަނގަޅު މަންޒަރުތަކާ ބެހޭ ގޮތުން ފާޑުކިޔައި ނުރުހުން ފާޅުކުރެއެވެ.

ކޮންމެ އަކަސް، ދެންމެ މި ފަދަ ގޮތަކަށް، އާދެ، ތަނާ މީހުންނަށް ބެލެވި، ކަންކަން ރަނގަޅުވުމާއި ނުރަނގަޅުވާ ގޮތަށް ކަންކަމާ މެދު ބެލެވެނީ ކީއްވެ ހެއްޔެވެ؟ އާދެ، ޖަވާބުގައި ބުނެވޭނީ އެތަންތަނަކީ ބާރުވެރި ތަންތަނަށް ވުމެވެ. ވަކި ފަރުދެއް ވިޔަސް، ނޫނީ، ވަކި ގައުމެއް ވިޔަސް، އެ މީހެއްގެ އަތުގައި، ނުވަތަ އެބަޔެއްގެ އަތުގައި، ބާރު އޮވެއްޖެ ނަމަ، މީސްތަކުންގެ ލޯ އަމާޒުވަނީ އެމީހެއްގެ ނުވަތަ އެބަޔެއްގެ ރަނގަޅު ކަންކަމުގެ މައްޗަށެވެ. އެ މީހެއްގެ ނުވަތަ އެބަޔެއްގެ ނުރަނގަޅު ކަންކަމުގެ މައްޗަށް ކަނު ލޮލަކާއި ބީރު ކަންފަތެއް ދެވޭ ގޮތްވެއެވެ. އާދެ، ބާރުގެ ބާރު ކުރުވާ އަސަރެވެ! އޭގެ ނަތީޖާ ނިންމާ ގޮތެވެ! އެކަން ސިފަކުރެވެނީ ނިޔާ ކަމުގައި ވިޔަސް ނުވަތަ އަނިޔާ ކަމުގައި ވިޔަސް ވެހެވެ.

ދެން ކޮށްލަންޖެހޭ ސުއާލަކީ ބާރު ބިނާވަނީ ކޮން އެއްޗެއްގެ މައްޗަށް ހެއްޔެވެ؟ ބާރު ބިނާވަނީ އުފެއްދުން ތެރިކަމުގެ މައްޗަށެވެ. މިކަން ގުޅެނީ ދެ ކަމަކާއެވެ. އެއްކަމަކީ ސިކުނޑީގެ ހަކަތައިގެ ބޭނުންކޮށްގެން އުފައްދާ އުފެއްދުމެވެ. އަނެއްކަމަކީ ހަށިގަނޑުގެ ހަކަތައިގެ ބޭނުންކޮށްގެން އުފައްދާ އުފެއްދުމެވެ. އެހެން އިބާރާތަކުން ބުނާނަމަ، އިލްމުވެރިކަމާއި މަސައްކަތްތެރިކަމެވެ. އަދި، މިދެކަމާއި ގުޅިފައި އޮންނަ މުދާވެރިކަމާއި ފައިސާވެރިކަމެވެ. އާދެ، މުއްސަނދިކަމެވެ. މިކަމުން ލިބިދޭ، އެހެން މީހުންނާއި އެހެން ގައުމުތައް، ކޮންޓުރޯލު ކުރުމުގެ ބާރެވެ.

ޝައްކެއްނެތް ގޮތުގައި އެމެރިކާގެ މުޖުތަމައަކީ ވެސް، ހަމަ އެހެން ގިނަ މުޖުތަމާތަކޭ އެއްފަދައިން، ތަފާތު އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތައް ހުރި މުޖުތަމައުއެކެވެ. ނަސްލީ އިމްތިޔާޒުގެ މައްސަލަތަކެވެ. ބައެއް ފަހަރު، މި މައްސަލައާ ގުޅިފައި އޮންނަ ކުށްކުށަށް އަރައިގަތުމާއި ވައްކަމާއި ފޭރުމާއި އިއްފަތަށް އަރައިގަތުމާއި މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް އިތުރުވަމުން ދިޔުމުގެ މައްސަލަތަކެވެ. ތަނުގެ މުއްސަނދިކަން އެންމެ ހަމަހަމަ ގޮތެއްގައި މުޖުތަމައުގެ އަފުރާދުންގެ މެދުގައި ބެހެވިގެން ނުދާ މައްސަލައެވެ. މިއީ ހަމަ އެކަނި އެމެރިކާއަށް ޚާއްސަ މައްސަލަތަކެއް ނޫންކަން މިތާ ފާހަގަކުރަން ޖެހެއެވެ.

މި މައްސަލަތައް ހުރި ކަމުގައި ވިޔަސް، ތަނުގައި، އެހެން ގިނަ ގައުމުތަކާއި އަޅާ ބަލާއިރު، ރަނގަޅު ގިނަ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އަދުލު އިންސާފުގެ ނިޒާމު، އެންމެ ފުރިހަމަ ނުވިޔަސް، އެ ނިޒާމަށް އާންމުގެ ބޮޑު އިތުރާބާރެއް، އާންމު ގޮތެއްގައި، އޮތުމެވެ. މިނިވަންކަން އެންމެނަށް ވެސް ލިބިގައި އޮތުމެވެ. އަދި، ކެރިގެން މަސައްކަތް ކޮށްފި ކޮންމެ މީހަކަށް ވެސް، ކުރިއަރައި ދިޔުމުގެ ފުރުސަތު އޮތުމެވެ. މީގެ ހެކިތައް މި އިންތިޚާބުގެ ތެރެއިން ވެސް ފެނެއެވެ. އެއް ކެންޑިޑޭޓެއްގެ ރިޔާސީ ބައިވެރިޔާގެ މާފައާއި މާމައަކީ ތަނަށް އުފަން މީހުންނެއް ނޫނެވެ. ސެނެޓަށް ހޮވުނު އިލްހާނު އުމަރަކީ ސޯމާލިޔާއަށް އުފަން، އަދި ތިރީސް އަށް އަހަރުގެ ހަމަ ޒުވާނެކެވެ. އާދެ، ކޮންމެ މީހަކު ވެސް ކިޔަވައި، މަސައްކަތްކޮށް ފިނަމަ، ކުރިއަރައި ދިޔުމުގެ ފުރުސަތު އޮތްކަމުގެ ވަރުގަދަ ދަލީލެކެވެ. ވަރަށް މަދު ގައުމަކުން ނޫނީ މިފަދަ ފުރުސަތެއް، އެތަނުގެ ސިޔާސީ ނިޒާމުގެ ތެރެއިން، އެންމެނަށް ހަމަހަމަ ގޮތެއްގައި ފަހިވެފައެއް ނޯވެއެވެ.

ދެން ފަހު ސުއާލެވެ؟ މިކަމުން ލިބެން އޮތް އިބުރަތަކީ ކޮބައި ބާވައެވެ؟ ކުރިއަރައި ބާރުވެރި ބަޔަކަށް ވުމަށް އެދޭ ނަމަ، އުފެއްދުންތެރި ބަޔަކަށް ވުމެވެ. ސިކުނޑީގެ އުފެއްދުންތެރިކަމާއި އަދި ހަށިގަނޑުގެ އުފެއްދުން ތެރި ބަޔަކަށް ވުމެވެ. ތިމާމެންގެ އަމިއްލަ ސިކުނޑި ހެޔޮގޮތުގައި، އިބްދާއީ ސިފައެއްގައި ބޭނުން ކުރަން ދަސްކުރުމެވެ. ކަންނެއް ކަމާއި ކަމެއް ނުކޮށް އަތްއުރާލައިގެން ތިބުމުގެ އާދަ ދޫކޮށް، ހިތްވަރާއި ކެރުމާއިއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ވުމެވެ. އޭގެ ބަދަލުގައި، ސިކުނޑިއާއި ހަށިގަނޑުގެ އުފެއްދުންތެރިކަމުގެ މަތީގައި ދެމި ތިބެއްޖެ ނަމަ، ބާރުވެރިވެ، އެންމެންގެ އިހުތިރާމުވެސް ލިބޭނެއެވެ. އަދި، ބާރުގެ ބާރު ފެނި، މީހުންގެ އިހުތިރާމުވެސް ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ޒިމްބާބުވޭއިން އެކަމަށް ވަރަށް ރީތީ ރައްދެއް މަލާމާތުގެ ރާގެއްގައި ދިންތަން ފެނުނެވެ. ޒިމްބާބުވޭގެ އިންތިތިޚާބުތަކަށް ފާޑުކިޔުން އާދަވެފައިވާ އެމެރިކާގެ އިންތިޚާބުން ފެންން ކަންތައްތަކަށް އަމާޒުކޮށް ޒިމްބާުވޭއިން ބުނެފައިވަނީ "ފެއަރ އެންޑް ފްރީ" އިލެކްޝަނެއް ނުބާއްވައިފި ނަމަ، ޒިމްބާބުވޭއިން އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށެވެ. މިއީ އެމެރިކާއިން ތިންވަނަ ދުނިޔޭގެ ޤާއުމުތަކުގެ އިނތިޚާބުތަކާ ބެހޭ ގޮތުން ދައްކާ ވާހަކައަކަށް ވާތީ ޒިމްބާބުވޭ އިން ރީތިކޮށް މަލާމާތްކޮށްލީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *