Support Us

ނޮވެމްބަރ 3 އާ ގުޅޭ ހަނދާންތަކެއް އާވެގެން ދިޔުމާއެކު

އާދެ! ދުވަހަކީ ބިރުވެރި ދުވަހެކެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނޭ ފަދަ ބިރުވެރި އެތައް ކަމެއް ކުރިމައްޗަށް އައިސް ހުރަހޮޅުނު ދުވަހެއް މެއެވެ. ތިމާގެ އަމިއްލަ ނަފުސާއި، އަނބި ދަރީންނާއި، ގާތްތިމާގެ މީހުންނާއި، ރައްޓެހި ރަޙުމަތްތެރީންގެ ފުރާނަޔާ ކުރިމަތިވެގެން ދިޔަ އިންތިހާ ދަރަޖައިގެ ނުރައްކާ އެންމެ ގާތުން ފެނިގެން ދިޔަ އެއް ދުވަހެވެ. ތިމާގެ ގޯތިގެދޮރާއި މުދަލާއި ރަށާއި ޤައުމުގެ ސަލާމަތާއި، ކަރާމާތާއި، ދެމިއޮތުމާ ކުޅެލި ބިރުވެރިކަމުގެ ދުވަހެކެވެ. ތިމާގެ ހިތާއި ސިކުނޑީގެ ހަމަޖެހުން ވަޔަށް ބުރައިގެން ދިޔަ ދުވަހެކެވެ. ދިވެހިރާއްޖެޔޭ މިކިޔާ ޤައުމާއި ތަނާއި މުޖުތަމަޢު އެކަންކަމުގެ މައްޗަށް އެކުލެވިގެންވާ އެންމެހައި ކަމެއް ފޭރެވިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އެންމެހައި މުވާޠިނުންގެ ދޮރުގައި އެއްފަހަރާ ޓަކިޖެހި ބިރުވެރި ދުވަހެކެވެ.

ދުވަސް އަޅުގަނޑަށް ފެށިގެން ދިޔައީ ދިވެހީންގެ ތެރެއިން ބައެއް މީހުންނަށް ޖިސްމާނީ ގޮތުން ފެށުނުހައި ބިރުވެރި ގޮތަކަށް ނޫނެވެ. ދިވެހީންގެ ޚާއިނުންގެ ބަޔަކާއި ބޭރުގެ ނިރުބަވެރީންގެ ބަޔަކާ ގުޅިގެން ރޭގަނޑެއްގެ ފުރަމެންދަމެއްގައި މާލެ އަރައި، ދިވެހި ރާއްޖޭގެ ވެރިކަން އެބަޔެއްގެ އަތްމައްޗަށް ފުރޮޅައިގަންނަން އެ ދިން ޙަމަލާގެ ތެރެޔަށް އޮޅިގެން ވަދެވުމުގެ ސަބަބުން ގަޔަށް ވަޒަން އެރި މީހުންގެ ތެރެޔަކު އަޅުގަނޑެއް ނުހިމެނެއެވެ. ކުރިމަތިވި ޢުދުވާނުގެ ނުރައްކާތެރިކަން އެނގި ތިބެ، ޚުދު ތިމާގެ މުޅި ޤައުމުގެ ދިފާޢުގައި އެ ޙަމަލަޔާ ކެރިގެން ކުރިމަތިލި މީހުން އެކުރިމަތިލި ބިރުވެރިކަމާ ލައިގެނެއްވެސް  ނޫނެވެ. ދީނާއި ޤައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން ނިކުތް މީހުންނާ އެކަކުވެސް ނޫނެވެ. އަޅުގަނޑަށް އޮވެވުނީ މާފަންނުގައި ހުރި ގެއެއްގައި ނިދާފައެވެ. ކަމެއް ވެގެން އުޅޭކަން އެނގުނީ އަޅުގަނޑުގެ އަނބިމީހާ އަޅުގަނޑު ހޭލައްވައިލީމައެވެ.

ހޭލެވުމާއެކު، މާލެ އެ ދުވަހު އޮތް ޙާލަތާއި، ޚަބަރާއި ދަބަރާ އެކުވެގެން އެކި އަޑު އެކި ދިމާއިން އިވުނު އެކި ގޮތާއި، ބިރުވެރިކަން ފެތުރުނު ގޮތާއި ފެތުރި ގޮތް ގިނަ ބޭފުޅުންނަށް އެދުވަހު އެނގިވަޑައިގެން ގޮތަށް އަޅުގަނޑަށްވެސް އެނގިގެން ދާން ފެށިއެވެ. ދަންނަ މީހުންނާއި ދަންނަކަމަށް ހެދުނު މީހުންގެ ބަހާއި ޢަމަލާއި ސުލޫކު ހުރި ނެތް ގޮތުގެ ތަފާތު ފެނިގެން ދިޔައެވެ. ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޞަރޫރީ ބޭނުންތަކަށް ބޭނުންވާނޭ ތަކެތި ވިއްކައިއުޅުނު މީހުންގެ ޤައުމީ ރޫޙާއި، އޭގެ ތެރެއިން ބައެއް މީހުންގެ ކިބައިން ފެނުނު، ފައިދާގެ ދަހިވެތިކަމުގެ އެކި ސިފަތަކާއި ގޮތްތަކާއި މިންވަރުތައްވެސް އެކި ދިމަދިމާއިން ފެނިގެން ދިޔައެވެ. ދުނިޔޭގެ ޚަބަރު ފަތުރާ އެކި ފަރާތްތަކުން ޞައްޙަ ކަމަށް ބުނާ ޚަބަރު ހޯދާ ގޮތާއި، ޞައްޙަ ކަމުގެ މަދޮށްޓެއްގެ މިންވަރުވެސް ނުލައި ޚަބަރު ހަދާގޮތުގެ ތަފާތުތައްވެސް އިވިގެން ދިޔައެވެ. އެހައި ތަނަށް އައި ކޮންމެ މިނިވަން ދުވަހަކު ގޭގައި ދިދަފަތި ދަމައި، ޤައުމީ ލަވަ ބާރަށް ޖަހައި ހަދައިފައި، އެދުވަހު މާ ދުރުދުރުން އުޅުނު މީހުންވެސް ފެނިގެން ދިޔައެވެ.

ކޮންމެއަކަސް، މިދެންނެވި ފަދަ ބިރުވެރި ޙާލެއްގައި އަށާރަވަރަކަށް ގަޑިއިރު ވަންދެން ވަރަށް ގިނަ ގޮތްގޮތުން ޢާންމު ރައްޔިތުން އަނދިރީގައި ތިބުމަށްފަހު، ﷲ ގެ ރަޙުމަތްފުޅާއެކު، އެދުވަހު ޤައުމު ޙިމާޔަތް ކުރަން ތިބި އިސް މީހުންނާއި ރަޙުމަތްތެރި ޤައުމުތަކުގެ ހިންމަތާއި މިންނަތުން ޤައުމު ސަލާމަތްވީއެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ރާއްޖޭގެ ރަސްމީ މީޑިޔާއިން ބުނެދިނީމައި ކަން ހިނގައި ދިޔަ ގޮތްވެސް ސާފުކޮށް އެނގިގެން ހިނގައްޖެ މެއެވެ. ވަކީން ޚާއްޞާކޮށް، އޭރު ރާއްޖޭގެ ވެރިކަމުގެ މުގުލުގައި ހުންނެވި ފަޚާމަތުއް ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް، އެބޭފުޅާގެ ދޫފުޅުފަސޭހަ، ބަލާޣާތްތެރި، ދިވެހި ބަހުން ދިވެހި އެންމެހައި ރައްޔިތުންނަށް ވަރަށް ތަފްޞީލުކޮށް ވިދާޅުވެ ދެއްވީމައި ހަމަ ތިޔަ ބޭފުޅުންނެކޭ އެއްގޮތަށް އަޅުގަނޑަށްވެސް އަދި މާ ސާފުކޮށް އެނގިގެން ގޮސް، ބިރާއި ޝައްކާއި ވަހުމުގެ ވިލާތައް ޖައްވުން ފިލައި ހިނގައްޖެއެވެ.

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަސް އައިއިރު އަޅުގަނޑަށް ވަޒީފާގެ ގޮތުން ހުރެވުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އޭރުގެ ޑީ-ސެކްޝަން ހިންގާ އިސް ވެރިޔަކަށެވެ. އެއީ، އޭރު ކިޔާ ގޮތަށް ނަމަ، އިމްތިޙާނުތަކާ ބެހޭ ބައި ހިންގަން ޙަވާލުވެއެވެ. އޮފީސް ހުންނަނީ ޣާޒީ ބިލްޑިންގް ގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާ ވަކިން، މިހައިރު ޖުމްހޫރީ މައިދާން އެ އޮތް ބިމުގެ ބައެއްގައި، ބަނޑޭރިގެޔާ ކުރިމަތިވާގޮތަށް ހުރި، ދޮށިމޭނާ ބިލްޑިންގް ގައެވެ. ރަސްމީ މި ވަޒީފާގެ ބޭރުން، ދިވެހި ބަހާއި ތާޜީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބަސްކޮމިޓީގެ މެންބަރު ކަމާއި، ޓެެލެވިޜަން މޯލްޑިވްސްގެ ގަޑިފުރާ އެނައުންސަރު ކަމާއި، ދެންވެސް ސަރުކާރަށް އޭރު ބޭނުންފުޅުވި ތަފާތު އެކި ދާއިރާތަކާއި ކަންކަމުގައި އަޅުގަނޑު މަޝްޣޫލުވެ އުޅުނީމެވެ. އެހެންކަމާއެކު، ރާއްޖެ އެރި ޚާއިނުންނާއި ބާޣީން ފިލައިގެން އެދިޔަގޮތަކަށް ދިޔުމާއެކު ދައުލަތުގެ އެކި ބޭނުންފުޅަށް އެކިކަންކަމު ’ޚާއްޞަ ޑިޔުޓީ‘ އަށް ގެންދެވުނު އެކި މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނުނެވެ. އެތަކެއް ދުވަސްވަންދެން ރެޔަކާ ދުވާލެއްގެ މައްޗަށް ދެތިން ގަޑިއިރު ނިދައިލައިގެން އެކި ދިމައިގައި އެކި މަސައްކަތުގައި އުޅުނީމެވެ. އަދި އެގޮތަށް ޚިދުމަތުގައި އުޅުއްވި އެތަކެއް ބޭފުޅުން އަރިހުގައި އެކުގައި މަސައްކަތްކޮށް އުޅުމުގެ އުފާވެސް ލިބުނު މެއެވެ. އެދުވަސްވަރު ޤައުމުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގައި އެ ހުރި ޤައުމީ ރޫޙާއި، ޚިދުމަތުގެ ރޫޙާއި، ކަމަށް ކަމޭހިތުމާއި، އަމިއްލަ ޟަމީރުގެ ކަރާމާތް ދެމެހެއްޓުން، ހަމަ މިހައިރުގެ މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުންގައިވެސް އެދުވަހެކޭ އެއްގޮތަށް ހުންނާނޭ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

އާދެ! ޚާއިނުންނާއި ނިރުބަވެރީންގެ ކިބައިން ޤައުމު ހަމަ ސަލާމަތްވުމާއެކު، އެ މީހުންނާއި އެމީހުން ރާއްޖެޔަށް އެކި ގޮތްގޮތުން އެޅި ރަމްޒީ އަދި މާއްދީ ’ކުނި‘ ނަގައި، މާލެ ތެރެ ސާފުކުރަން ނިކުތް، ރާއްޖެޔާއި ރާއްޖޭން ބޭރުގެ ޓީމުތަކާއެކު، ވަރަށް ނުރަސްމީ ސިފައެއްގައި އަޅުގަނޑު މަސައްކަތް ކުރީމެވެ. ދިވެހި ބަހާއި އިނގިރޭސިބަހާއި ހިންދީބަހުން މިންވަރެއް އަޅުގަނޑަށް މިންވަރު ކުރައްވައިފައި ވީތީ އެވެ. ބައެއް ޚާއްޞަ ބޭފުޅުން އެއިރު ވިދާޅުވިގޮތުގައި، އެ ކަމުގައި އަޅުގަނޑު ބައިވެރި ކުރެއްވީ އަޅުގަނޑަކީ އެހެން ޤައުމެއްގެ ދާޚިލީ ހަނގުރާމައެއް ވަރަށް ގާތުން ތަޖުރިބާ ކޮށްފައިވާ މީހަކަށް ވާތީ، ބަޑިޔަށް ނުސިހޭނެތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް، ނިރުބަވެރީންގެ ބަޔަކު މާލޭގެ ކުލީކޮޓަރި ތަކުގައި ފިލައި އެބަ ތިއްބޭ، ފަތްބޯ ގަސްގަހަށް އަރައިގެން ފިލަން އެބަ މަސައްކަތް ކުރެޔޭ، އެމީހުން އަތުގައި ހަތިޔާރުވެސް އެބަހުއްޓޭ، މިކަހަލަ  އެއްޗިހިތަކެއް ކިޔައިގެން އަޑުތަކެއް ފަތުރާ ބަޔަކުވެސް އުޅުނީތީ، މި ދެންނެވި މަސައްކަތަށް ނިކުތް ޓީމުތައް މަސައްކަތް ކުރީ ވަރަށް ބަލައިގެންކަން އަޅުގަނޑު ދެނެހުރީމެވެ.

ކޮންމެއަކަސް، މިދެންނެވި ކަހަލަ ކަންކަމުގައްޔާއި އެޔަށް ވުރެ ރަސްމީކަން ބޮޑު ސިފައެއްގައި ބައިވެރިވާން ޖެހުނު ކޮންމެ ކަމެއްގައި ބައިވެރިވަމުން، ސަރުކާރުގެ އެކި ގޮފިތަކުން ވިދާޅުވި ކޮންމެ ކަމެއް ވީ ވަރަކުން ކޮށްދެމުން، އޮފީސް ވެސް ހިންގަމުން، ހިނގައި ދިޔަ ކަންތައްގަނޑު ބޭރުފުށުން މާލޭގައި ހިނގައިދިޔަ ގޮތުގެ ވީހާވެސް ޞައްޙަ ޑޮކިޔުމެންޓްރީއެއް ޓެލެވިޜަންގެ ޒަރީޢާއިން ތައްޔާރުކުރެވޭތޯވެސް އަޅުގަނޑު ބެލީމެވެ. ނިރުބަވެރީން މާލެ އަރައި، އެމީހުންގެ އެކި ޓީމު މާލޭގައި ޙަރަކާތްތެރިވި މަގު ތަކާއި، ދިވެހީންގެ ތެރެއިން ބައެއް މީހުންނަށް އެ ތަން ފެނުނު ގޮތާއި، މި ކަހަލަ ކަންކަން ފަހުން ބަލަން ބޭނުންވާ ބަޔަކަށް ފެންނާނެ ގޮތަށް ރައްކާކޮށްފައި ބާއްވާށާއި، ރައްޔިތުންގެ ހޭލުންތެރިކަމަށް އެދުވަސްވަރު ވެ ދޭ އެހީއެއްގެ ގޮތުގައި ދުރަށް ފޮނުވާށެވެ. މިހުރިހައި ކަމަކާ މެދު މިއަދު ދަންނަވަން އޮތީ ވަރަށް އެހެން ކަހަލަ ވާހަކައެކެވެ. އެއީ، ކުރިން މިދެންނެވި ވަރަށް ގިނަ ބާވަތުގެ މަސައްކަތް އަޅުގަނޑު ކުރިކަން ރަސްމީ އެއްވެސް ރެކޯޑެއްގައި އޮތްތޯ ބަލަން އަޅުގަނޑު ކުރި މަސައްކަތް މިއަދު ކާމިޔާބު ނުވާ ކަމެވެ. އަޅުގަނޑު ތައްޔާރުކޮށް، މަޢުލޫމާތު ހޯދައި، ސްކްރިޕްޓް ލިޔެ، ހުށަވެސް އަޅައިދިން  ޑޮކިޔުމެންޓްރީ ވެސް މިއަދު އެއޮތީ އެއްވެސް ’ކްރެޑިޓް‘ އެއް ނެތި، އަޅުގަނޑު ފެންނަ ގޮތަށް ހުރި ބޮޑުބަޔާއި އަޅުގަނޑުގެ އަޑު ފޮހެލައިފައި، އެހެން އެނައުންސަރެއް ލައްވައި އަޑު އަޅުވައިގެން އެހެން ބައެއްގެ އެއްޗެއް ކަމަށް މިހައިރު އެ ބަލާބަޔަކަށް ދޭހަވާ ގޮތަށް ބަދަލު ކޮށްލައިފައެވެ. އެހެން ހެދި ކަމުގެ ހެކި ޔޫޓިޔުބްގައި އަދި ފެންނަން އެބަހުއްޓެވެ. އެކަމަކު އެހެރީ ދެން އެހެން މުނާސަބަތެއްގައި ދައްކަން ހުރި ވާހަކަ ތަކެކެވެ. އެކަހަލަ އެތައް ކަމެއް ވެފައިވެސް އެބަހުރި ވިއްޔާއެވެ!

ކޮންމެއަކަސް، ދެން އެފެށުނީ އޭރު ހައްޔަރުކޮށްފައި ތިބި ބޭރުގެ ނިރުބަވެރީންނާއި ދިވެހިރާއްޖެޔަށް ނިސްބަތްވާ ޚާއިނުންގެ ގާތު އަހައިގެން މަޢުލޫމާތު އެއްކޮށް، އެ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތެވެ. މިކަމުގެ އެކި ބައިތައް އެކި ހިސާބުގައި ކުރެވެމުން ދިޔައިރު، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ސަރުކާރުން ޚާއްޞަ ޓީމެއް އެކުލަވައިލެއްވި އެވެ. ދިވެހި އެޓީމުގައި އަޅުގަނޑުވެސް ހިމެނުއްވިއެވެ. ބޭރުގެ ނިރުބަވެރީންގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާޔަށް ނިސްބަތްވާ ތަމަޅައިން ކަމަށް ވާތީ، އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން ފޮނުއްވި ތަމަޅަ-އިނގިރޭސި ތަރުޖަމާނުންގެ ޓީމެއްވެސް އެކަމުގައި ބައިވެރިވިއެވެ. މިދެންނެވި ޓީމާވެސް ގުޅިގެން އަޅުގަނޑުމެންގެ މަސައްކަތް ކުރިޔަށް ގެންދިޔައިމެވެ. އަޅުގަނޑާއެކު ދިވެހި ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު ލަޠީފު، ޔާމީން ޢަބްދުލް ޤައްޔޫމް، ޙަސަން ޞާބިރު، އަދި އަޙުމަދު ޝަރީފު އެވެ. މަސައްކަތުގެ ބޮޑުބައި ކުރެވެމުން ދިޔައީ ދިވެހިރާއްޖޭގެ އެއިރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ހައިކޯޓުގައެވެ. ހުކުރެއް މުލަރޯދައެއް ޢީދެއް ބަންދެއް ނެތި، ރެޔާއި ދުވާލު ކަހަލަ ގޮތަކަށެވެ. ވަރުބަލިކަމެއް ނެތިއެވެ.

މިދެންނެވި މަސައްކަތް ކޮށް ނިމުނީ އަހަރެއްހައި ދުވަހުންނެވެ. އަދި 1989މ. ވަނަ އަހަރު ކަމާ ގުޅޭ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދިޔައިރު، އިސްވެ މިދެންނެވި ޓީމަށް އަލްފާޟިލް އަޙުމަދު ރަޝީދު (ކުޑަދަހަރާގޭ) އިތުރުކުރައްވައި، ޓީމަކީ ޝަރީޢަތުގެ މަޖިލީހަށް ތަރުޖަމާނުންގެ ޚިދުމަތް ދޭ ޓީމަކަށް ހެއްދެވިއެވެ. ތަރުޖަމާނުންގެ ޓީމުން އެހައި ތަނުން ބޭފުޅަކު ވަކިވެވަޑައިގެން ކަހަލަ ހަނދާނެއްވެސް އެބަހުއްޓެވެ. ކޮންމެއަކަސް، އަޅުގަނޑުމެންނަކީ އިސްވެ ދެންނެވި ޚާއިނުންނާއި ނިރުބަވެރީންގެ ވާހަކަތައް ޝަރީޢަތުގެ މަޖިލީހުގައިވެސް އެންމެ ގާތުން އަހައި ހެދުމުގެ ފުރުޞަތު ލިބިގެން ދިޔަ މީހުންނަށް ވިއެވެ. އަދި އެހެން ކަމާއެކު، ހިނގައި ދިޔަ ކަންތައްގަނޑުގެ އެކި ބާވަތުގެ ބަތާނަތަކުގެ ވާހަކަތަކުގެ ތެރެއިން ހާމަކުރައްވަން ފެނިވަޑައިގަތް މިންވަރު ޢާންމުންނަށް ހުޅުވައިލެވިފައިވާ ކޯޓެއްގައި ހާމަވަމުން ދިޔައިރު އެ ވާހަކަތައް އިވި، އެމީހުން ކިތާބީ ގޮތުން ދިން ބަޔާންތައް ފެނުނު ބަޔަކަށްވެސް ވެގެން ދިޔައެވެ.

އަޅުގަނޑު މިދެންނެވި ’ބަތާނަ‘ ތަކަކީ އެންމެނަށް އިވޭ ހިސާބުގައިވެސް ދެކެވިފައިވާ ވާހަކަ ތަކަކަށް ވާތީ، އެ ވާހަކަ ތަކުގެ ތެރެއިން ފާހަގަވި ބައެއް ކަންކަން ދަންނަވައި ނުލައި ކުރިޔަށް ނުދެވޭނެތީ އޭގެ ތެރެއިން ބައެއް ވާހަކަ ދަންނަވައިލާނަމެވެ. އަޅުގަނޑަށް ފާހަގަވި ކަންކަމަކީ ބޮޑުވެފައިވާ ފިރިހެނަކަށް އޭނާ އަތުގައިި އޮތް ބަޑީގެ ޙާލަތު ނޭނގުމާއި، ’ޓާކީ ކާލައި ބިޔަރު ބޯލައި‘ ހެދުން ކަހަލަ، މުނިފޫހި ފިލުވުމުގެ ވާހަކަތަކެއް ނޫނެވެ. މުޅިން އެހެން ކަހަލަ ކަންތައްތަކެކެވެ.

ނިރުބަވެރީންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ބައެއް މީހުން އެކި ގޮތްގޮތުން އަޅުގަނޑަށް ފާހަގަވިއެވެ.

މިދެންނެވި މީހުންގެ ތެރެއިން އެކަކީ އަންތޯނީ ޔެސުދާސަން ނުވަތަ އެ މީހުންގެ ކޯޑު ނަމުން ނަމަ، ބާބޫ އެވެ. އޭނާޔަކީ ރާއްޖެ އެރި ޓީމު ތަކުން ޓީމެއްގެ ކޮމާންޑަރެވެ. ބާބޫ އަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. ގެރިއްލާ ހަނގުރާމަޔާއި އެކި ބާވަތުގެ ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ލިބިގެން ހުރި މީހެކެވެ. އޭނާ ރާއްޖެ އައީ މިދެވެނީ ބޭރު ޤައުމަކާ ތޮޅެން ކަން އެނގި ހުރެ ކަމަށް އޭނާ ބުންޏެވެ. އެކަން އޭނާ ކުރީ އެތަކެއް މަޖުބޫރު އޭނާޔާ ކުރިމަތި ވީމައި ކަމަށްވެސް އޭނާ ބުންޏެވެ. އޭނާޔަށް ކުރެވުނު ކުށަށް ޝަރީޢަތުގެ މަޖިލީހުގައި ބާބޫ މަޢާފަށް އެދުނެވެ. އަދި އޭނާ ބުނިގޮތުގައި އޭނާގެ ކުށަށް އޭނާ މަޢާފަށް އެ އެދެނީ ކުރެވުނު ކުށަށް ދެއްވާނެ އަދަބެއް ދެއްވީމައި އެ އަދަބު ޝަކުވާޔަކާ ނުލައި ޤަބޫލު ކުރާނެ ކަން ދަންނަވަމުންނެވެ. އޭނާ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކީ ވަރަށް އަދަބުވެރިކަމާ އެކުގައެވެ.

 

ދެން ފާހަގަ ކުރެވުނު މީހާގެ އަސްލު ނަން އަޅުގަނޑުގެ ހަނދާނަކު މިހައިރަކު ނެތެވެ. ހަނދާން ހުންނަނީ އޭނާގެ ކޯޑު ނަމެވެ. އެ ނަމަކީ ’ފާރޫޤު‘ މިއެވެ. ފާރޫޤަކީވެސް ޓީމެއްގެ ލީޑަރެކެވެ. ފާރޫޤު ބުނި ގޮތުގައި އޭނާ މިލިޓަރީ ތަމްރީނު ހޯދީ މެދުއިރުމަތީގެ ނިރުބަވެރި ޖަމުޢިއްޔާއެއްގެ މެންބަރުންނާ އެކު މަސައްކަތް ކޮށްގެން މެދުއިރުމަތީންނެވެ. ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނަމުން ގެންދިޔައީ އޭނާޔަކީ އޭނާގެ ތަމަޅަ ޤައުމު މިނިވަންކުރަން ޖިހާދުކުރާ މީހެއް ކަމަށެވެ. އޭނާ ރާއްޖެ އައިސް ރާއްޖޭގެ މިނިވަންކަމާ ތޮޅުނީވެސް އަމިއްލަ އިޚުތިޔާރާއެކު، އެއީވެސް ކުރަންޖެހޭ ކަމެއް ކަމަށް ދެކިގެނެވެ. ވަރަށް ހަރުކަށި، އެއްވެސް އަދަބުވެރިކަމެއް ޢަމުދުން ނެތް، ގޮތްދޫނުކުރާ މިޒާޖެއްގެ މީހެކެވެ.

ދެން ހަނދާނަށް އަންނަނީ ތަވަރާޖް ނުވަތަ ކޯޑު ނަމުންނަމަ ޑިސްކޯ އެވެ. ޑިސްކޯ ބުނި ގޮތުގައި އުމާ މަހޭޝްވަރަންގެ ޕްލޯޓް ޖަމާޢަތުން ރާއްޖެޔަށް ޙަމަލާ ދޭން މީހުން އެއްކުރިއިރު، އެއް ރެޔަކު އޭނާ ޑިސްކޯއެއްގައި ނަށަން ހުއްޓައި، ބަޔަކު  އޭނާ ރަހީނު ކޮށްގެން ގެންދިޔައީއެވެ. ހަތިޔާރު ގެންގުޅުމުގެ ތަމްރީނެއް އޭނާޔަކަށް ނުދެއެވެ. ރާއްޖެ އައިއިރު  އޭނާޔަށް މިދެވެނީ އެހެން ޤައުމަކަށް ކަންވެސް ނޭނގިއެވެ. އޭނާޔާއި އެ ބާވަތުގެ ބައެއް އެހެން މީހުންވެސް ބުނިގޮތުގައި އެމީހުން ރާއްޖެއައިސް ޙަމަލާ ދިންއިރު އަތުގައި ވަޒަން ހުރި އޮޓޮމެޓިކް ބަޑި ހުއްޓަސް، ބަޑިޔަށް ފުރަތަމަ ވަޒަންމެގެޒިން ލައްވައިފައި ބަޑިޖެހުމުގެ ކުރީން ގެންނަން ޖެހޭ އެއް ޙަރަކާތެއް ކުރަން ނޭނގުމުގެ ސަބަބުން ބަޑި އޮތީ ބޭނުން ނުކުރެވޭ ޙާލަތުގައެވެ. އަތު ބޮމް (ގްރެނޭޑް) އެއްލުމުގެ ކުރިން ނަގަންޖެހޭ އެއްޗެއް ނަގަން ދަސްކޮށްދީފައި ނެތީތީ، އެމީހުން އެއްލި އަތުބޮމް ތައް ހުރީ ނުގޮވައި ކަމަށް ވެއެވެ.

ދެން ހަނދާނަށް އަންނަނީ ޙަމަލާ ދިން ދުވަހުގެ ވަކި ހިސާބަކުން އެ މީހުންގެ ނަޒަރުގައި ވަރަށް ބޮޑު މަސްއޫލިއްޔަތެއް ޙަވާލު ކުރި، ކަނަލް ކިޔާ މީހެކެވެ. އޭނާޔާ ޙަވާލު ކުރެވުނު މަސްއޫލިއްޔަތަކީ އޯކިޑުމަގާއި އަމީރު އަޙުމަދުމަގު ޗާނދަނީމަގާ ބައްދަލުވާ ހަތަރު އަނގޮޅީގައި ބަހައްޓައިފައިހުރި ވަރުގަދަ ތިންފައިޖެހި މެޝިންބަޑިޔެއްގެ ބޭނުންކުރުމެވެ. އެއީ ބަނޑޭރިގޭން މީހުން ނިކުމެއްޖިއްޔާ އެދިމާޔަށް ބަޑިޖަހާށެވެ. އެ ވަރުގެ ކަމެއް ޙަވާލު ކުރެވުނު ކަނަލް އަކީ ލޮލުޙާލު ބަލިކަމުން ހައެއްކަ ފޫޓު ދުރުގައި ހުންނަ އިންސާނާޔާ ބޭރިޔާވެސް ވަކި ކުރަން ނޭނގޭ މީހެކެވެ.

ޖުމްލަކޮށް ދަންނަވާނަމަ، އެދުވަހު ރާއްޖެޔަށް އެ ދެވުނު ޙަމަލާޔަކީ ވަރަށް ދުރާލައި ރޭވިގެން، އެތައް ބައެއްގެ މިލިޓަރީ ހުނަރާއެކު ރޭވިގެން އައި ކަމެއް ކަމަށް އެންމެންވެސް އެއްބަސްވެއެވެ. ’ޓާކީ ކާލައި ބިޔަރު ބޯލައި ހަދަން‘ އަންނަން ދެވުނު ދަޢުވަތުވެސް އެކަމަށް ހެކިދެއެވެ. އެކަމުގައި ބައިވެރިވާން ގެނައި ހަނގުރާމަވެރީންގެ ތެރޭގައި ޑިސްކޯއެއްގައި ނަށަން ހުއްޓައި ޖަހައިގަނެގެން ގެންގޮސް ބޯޓަކަށް އަރުވައިގެން ގެނައި މީހަކާއި، ވަރަށް އާދައިގެ ހަތިޔާރު ބޭނުން ކުރަން ނޭނގުމުގެ ސަބަބުން އެމީހުންގެ ބަޑިން އެންމެ ވަޒަނެއްވެސް ބޭރު ނުވާކަމަށް ބުނި މީހުންނާއި، މިލިޓަރީ ގޮތުން ބަލާއިރު މުހިންމު މަޤާމެއްގައި ބެހެއްޓި ބޮޑު ސިންގާ މެޝިނުބަޑިޔަކާ ޙަވާލުކޮށްފައި އޮތީ ލޮލުޙާކު ބަލި މީހަކާ ކަމަށް ވުމާއި، އަތު ބޮމެއް އެއްލުމުގެ ކުރިން އޭގައި ހުންނަ ޕިނެއް ނަގަން ނޭނގޭ ކަމަށް ބުނި މީހުން ހިމެނުމަކީ އެ ޙަމަލާ ރޭވި ބައެއްގެ މިލިޓަރީ ހުނަރާމެދު ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ދެން އަޅުގަނޑުގެ ހިތުގައި  ވަރަށް ކުލަ ގަދަކޮށް ފެވޭ އަނެއްކަމަކީ އެދުވަހު މިޤައުމުގެ ދިފާޢުގައި އިންޑިޔާއިން ފޮނުއްވި ވައިކުޑައެޅި ސިފައިން ފައުޖުގެ އިސް ބައެއް ފަރާތްތަކާ ބައްދަލުވާން އެއިރު ރާއްޖޭގައި ލިބުނު ފުރުޞަތާއި، އަޅުގަނޑު ފަހުން އިންޑިޔާގެ އާގްރާއަށް ކުރި ޒިޔާރަތެއްގައި އެއިން ބައެއް މީހުންނާ އަލުން ބައްދަލުވާން ލިބުނު ފުރުޞަތެއްގައި ދެކެވުނު ވާހަކަ ތަކަކުން އަޅުގަނޑުގެ ހިތުގައި އުފެދުނު ވަރަށް އާދަޔާ ޚިލާފު ޝުޢޫރު ތަކެކެވެ. އެކަމާ ބެހޭގޮތުން މިހައިރު އަދި ދެންނެވެން އޮތް ވާހަކަޔަކީ، އެދުވަހު އެހައި އަވަހަށް ބޮޑު ފައުޖެއް ތައްޔާރީ ޙާލަތަށް ގެންނަވައި، ރާއްޖޭގެ ސަލާމަތީ ޙާލަތު ބެލުމަށްފަހު އަވަހަށް ޢަމަލީ ސިފަ ގެނައުމުގެ މިޝަންއަކާއެކު އެހައި އަވަހަށް ފޮނުއްވި ކަމީ އިންޑިޔާއާއި ރާއްޖެޔާ ދެމެދު އޮތް އެކުވެރި، ރަޙްމަތްތެރި ގުޅުމުގެ އަލިގަދަ ދަލީލެއް ކަމަށެވެ. އެހިސާބަށް އެވާހަކަ ހުއްޓާނަމެވެ.

ވާހަކަ މިހިސާބަށް ދިޔައިރު ދެން ހަނދާނަށް ދަތިކުރާ، މިހައިރު އެކަމާ ކަންބޮޑުވާ އަނެއް ކަމަކީ އެމް.ވީ ”ޕްރޮގްރެސް ލައިޓް“ ގައި ދިވެހީންގެ ބަޔަކު ރަހީނުވެސް ކޮށްގެން ފިލަން އުޅުނު ނިރުބަވެރީންނާ އިންޑިޔާގެ މަނަވަރު ’ގޯދާވަރީ‘ ބައްދަލުކޮށް، އެ ހިނގި ހިތާމަވެރި ހާދިޘާގައި ރަހީނުންގެ ތެރެއިން އެކެއްގެ ބޮލަށް ބަޑިޖަހައި މަރައިލައިފައި ކަނޑަށް ވައްޓައިލުމާއި، ބޯޓުގެ ވީލް ހައުސް ތެރޭގައި ނިރުބަވެރީންގެ ތެރެއިން ދެމީހަކު އަމިއްލަޔަށް މަރުވުމާއި، ބޯޓުގައި ތިބި ދިވެހީންގެ ބަޔަކު ޝަހީދު ވުމުގެ ތަފްޞީލު ނުއެނގޭ ކަމަށް ބުނާ ދިވެހީން މަދުމަދުން ނަމަވެސް މިހާރަކަށް އައިސް އުޅޭ ކަމެކެވެ. އެއީ ހިތާމަވެރި ކަމެކެވެ. އެ މަޢުލޫމާތަކީ ދިވެހީންނަށް އަދިވެސް އެއްފަހަރު، އިހަށްވުރެވެސް ތަފްޞީލް ކޮށް، ލިއްބައިދޭން ޖެހޭ އެއްޗެއް ހެން އަޅުގަނޑަށް ހީވެއެވެ.

މިހެން ގޮސް، އެތަކެއް ހަނދާނެކެވެ. ދެން ހަނދާނަށް އަންނަނީ ތަންކޮޅެއް ފަހުގެ ހަނދާނެކެވެ. އެއް ގޮތަކުން ބަލާއިރު އެދުވަހާ މުޅިން ނުބެހޭ ކަމެއް ކަމަށްވެސް ވެދާނެއެވެ. އެ ކަމެއް ދިމާވީ  އިއްތިފާޤަކުންނެވެ. ކޮޅުނބުގައި ހުންނަ އެމެރިކާ ސަރުކާރުގެ އެމްބަސީގައި މަސައްކަތް ކުރައްވާ އިސް އެެއް މުވައްޒަފަކީ އޭނާގެ ހުސްވަގުތު ތަކުގައި ތަމްޘީލް ކުޅުއްވާ ބޭކަލަކަށް ވެފައި، އޭނާ އަމިއްލަފުޅަށް ލިޔުއްވައިގެން ހުށައަޅުއްވާ ތަމްޘީލެއް ބަލައިލަން  ކޮޅުނބަށް ދާން އަޅުގަނޑަށް ދެއްވި ޚާއްޞަ ދަޢުވަތަކަށް ދިޔަ ދިޔުމެއްގައި ދިމާވި  ކަމެކެވެ. ތަމްޘީލަކީ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ލިންކަން އާ ބެހޭ ޚާއްޞަ ހުށައެޅުއްވުމެކެވެ. ތަމްޘީލު ބަލަން ކޮޅުނބުގެ ލައިނަލް ވެންޓް ތިއޭޓަރަށް ޙާޡިރުވި މީހުންގެ ތެރެއިން އަޅުގަނޑަށްވެސް ޚާއްޞަ ގޮނޑިއެއް ދައްކަވައިފައި އަޅުގަނޑު ބޭންދެވީ ސްރީ ލަންކާގައި ކުރިން އެމެރިކާގެ ސަފީރުކަން ކުރައްވައިފައި ހުންނެވި، މުސްކުޅި ކުރެއްވީމައި ސްރީލަންކާޔަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިގެން އުޅުއްވި އެމްބެސެޑަރ ސްޕޭންގެ އަރިހުގައެވެ. އޭނާޔަކީ 1988 ގައި ސްރީލަންކާޔަށާއި ދިވެހިރާއްޖެޔަށް ކަނޑައަޅުއްވައިފައި ހުންނެވި ސަފީރެވެ. ތަމްޘީލު މެދަށް ހުއްޓައިލުމާއެކު އޭނާ އަޅުގަނޑާ ދެއްކެވި ވާހަކަފުޅުގައި ނޮވެމްބަރ 3 އަށް އިޝާރާތް ކުރެއްވި އެވެ. އަދި އެދުވަހު އެމެރިކާވެސް އޮތީ ރާއްޖެޔަށް އެހީވާން ތައްޔާރަށް ކަމާއި، އެމެރިކާގެ ދެ މަނަވަރު ގާދޫކޮލުން ބޭރުގައި ރާއްޖެ ކިރިޔާ ފެންނަ ނުފެންނަ ހިސާބުގައި އޮތް ކަމަށް ވެއެވެ. އޭނާ އެދެއްކެވި ވާހަކަފުޅުގައި ތާރީޚުގެ ކުޑަ އޮޅުމެއް އޮތަސް އެ އޮޅުމަކީ މުސްކުޅިފުޅު ބޭފުޅެއްގެ ހަނދުމަފުޅުގެ ކަމަކަށް ހަދައިފައި އެވާހަކަވެސް އަޅުގަނޑު ދޫކޮށްލާނަމެވެ.

ދެން ދަންނަވަން އޮތް ވާހަކަޔަކީ މިރާއްޖެޔަށް އެރި ބޭރުގެ ނިރުބަވެރީންގެ ވާހަކައެވެ. އެއިން ކޮންމެ މީހެއްގެ ތަފްޞީލު ބަޔާން ނެގުމުގައި އަޅުގަނޑު ކުޑަނަމަވެސް ރޯލެއް އަދާކުރީމެވެ. އެ ބަޔާންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގައި އިސް ރޯލެއް އަދާ ކުރީމެވެ. އެ މީހުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތައްވެސް އަޑުއަހައި، ތަރުޖަމާނެއްގެ ބައި އަދާ ކުރީމެވެ. ކުރުކޮށް ދަންނަވާނަމަ، އަޅުގަނޑުގެ ހަނދާނުގައި ވަރަށް ކުދި ތަފްޞީލާއެކު އެ ވާހަކަތައް އަދި އެބަހުއްޓެވެ. ނަމަވެސް، ވަގުތާއި ޢުމުރުގެ ގޭނުންތަކާއި ފޮހެވުންތަކުގެ އަސަރު އެ ހަނދާންތަކަށް ފޯރަމުންވެސް އެބަ ދެއެވެ. އަޅުގަނޑުގެ  ހިތަށް މިހާއިރު އަރާ ސުވާލު ތަކަކީ މިއެވެ:- އެ ހުރިހައި ތަފްޞީލު ކިތާބީ ބަޔާންތައް މިހައިރު ކޮބައިބާވައެވެ؟ ބަލަން ބޭނުންވާ ބަޔަކަށް ފެންނަ ގޮތަށް އެބަހުރި ބާވައެވެ؟ އެދުވަހު ޤައުމުގައި ދިފާޢުގައި ނިކުތް އެންމެން މިހައިރު ކޮބައިބާވައެވެ؟ އޭގެ ތެރެއިން ޝަހީދުވި އެންމެ މުވާޠިނުންގެ ޒިކުރާ ވަކިވަކީން އާ ކުރެވޭ ބާވައެވެ؟ އަދި ޝަހީދު ނުވެ ސަލާމަތްވި ބަޠަލުންނަށް އެމީހުންނަށް ޙައްޤު ޝުކުރު އަދާކުރެވޭ ބާވައެވެ؟ މިދެންނެވި ތަފްޞީލު ބަޔާންތަކަށްވެސް ބަލައިގެން އަލުން އައު ދިރާސާއެއް ކޮށްގެން ފުރިހަމަ ތާރީޚީ ދިރާސާއެއް ލިޔެލާނެ ތަޢުލީމީ ޒުވާނުން މިއަދު ޤައުމުގައި އެބަ ތިބި ބާވައެވެ؟ އެދުވަހުގެ އެ ނުރައްކާތެރި ޙަމަލާއިން ރާއްޖެ ސަލާމަތްވީ ގޮތް ތަޢުލީމީ ނަޒަރަކުން ބަލައިލައި، އެކަމާ މާސްޓަރސް ތީސިސް އެއް ލިޔެލާނެ ވަރުގެ މުޥާޠިނަކު އަންނާނެ ބާވައެވެ؟ އެ ދުވަހު މަރަން ޙުކުމު ކުރެވުނު ނިރުބަވެރީން މިހައިރު ކޮބައިބާވައެވެ؟  މިހެން ގޮސް އެތަކެއް ސުވާލެވެ. މިސުވާލު ތަކުގެ ޖަވާބު އުފާވެރި، އީޖާބީ ގޮތަކަށް ލިބިއްޖިއްޔާ އުފަލުގެ ކޮޅަށް އުފަލެވެ. ޓީ.ވީ.މޯލްޑިވްސް އަށް އަޅުގަނޑު ތައްޔާރުކޮށްދިން ޑޮކިޔުމެންޓްރީއަށް ވީހެން ވެއްޖިއްޔާ، ދެން ދަންނަވާނެ އެއްޗެއް ނެތެވެ.

އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްްޖެ އެންމެހައި ފާސިދުންނާއި، ޚާއިނުންނާއި، ނިރުބަވެރީންނާއި، ޝުކުރުކުރަން ނޭނގޭ މީހުނާއި، މަލާމާތާއި އާޑަ ފުރައްސާރަޔާއި ދޭތެރެޖެއްސުމާއި ހަމަނުޖެހުމަށް މަގުފަހިކުރާ މީހުންގެ ކިބައިން އަބަދަށް ސަލާމަތް ކުރައްވާށި، އާމީން! ދިވެހީންނަށް ސިލްމާއި ސަލާމާއި ފާގަތިކަމާއި މިނިވަންކަން އަބަދަށް މިލްކު ކޮށްދެއްވާށި، އާމީން!

ކުރިޔަށް ދިވެހި ޤައުމު!