ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ފިލްމީ ތަރި މުހައްމަދު ޔުނާނާއި އޭނާގެ އަންހެނުން ފާތުމަތު ރިހުލާގެ މައްޗަށް ދައުވާކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުދިންތަކަކާ ބެހިގެން ދައުވާކުރަން ހުށަހަޅާފައި މިވަނީ އެ ދެމަފިރިން ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކޮށް، އެ މައްސަލާގެ ޝަރީއަތް ނިމެންދެން އެ ދެމަފިރިން ބަންދުގައި ބޭތިއްބުމަށް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ އަހަރާއި މި އަހަރުގެ އެކި ދުވަސް މަތިން، 18 އަހަރު ނުފުރޭ ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ގދ. ހޯޑެއްދޫ، އަލަމާގެ، މުހައްމަދު ޔުނާންގެ މައްޗަށް ނުވަ ދައުވާއަކާއި ހ. ނަރުގިސްމާގެއާގެ، ފާތުމަތު ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށެވެ.
ޔުނާންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ބަޔަކާ އެކު ޖިންސީ އަމަލެއް ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމުގެ ދެ ދައުވާ އާއި ކުޑަކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގި ދެ ދައުވާ އާއި އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.
ޔުނާންގެ އަންހެނުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ކުޑަ ކުއްޖެއްގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިނގުމުގެ ދެ ދައުވާއާއި އޮރިޔާން ކާޑު އުފެއްދުމުގެ ދެ ދައުވާއެވެ.
ކުޑަކުއްޖަކާ ބެހުނު މައްސަލާގެ ތުހުމަތުގައި ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭކައިރިއަށް އެއްވެ، އެމީހުން ހައްޔަރުކުރުމަށް ގޮވާލާ ނުރުހުން ފާޅުކުރަމުން ދަނިކޮށް، އެމީހުން ފުލުހުންގެ ހިމާޔަތަށް އެދުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހުއެވެ.



advertisment