Support Us

ބިދޭސީންގެ ވާހަކަ

ފަށަމުންވެސް ދަންނަވަމެވެ. ވަރަށް މަޢާފާއެކު ދަންނަވަމެވެ. އަޅުގަނޑަކީ ރާއްޖޭގައި ހިނގާ މުހިންމު ކަންކަމާ ބެހި، ފާޑުކިޔައި، މިކަހަލަ ކަންކަން ކުރާވަރުގެ އުރައްޕެއް ހުރި މީހެއް ނޫންކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އެހެންނަމަވެސް، އެއް ދުވަސްވަރެއްގައި ނަމަވެސް ޒިންމާދާރު ބައެއް ކަހަލަ މަޤާމުތަކާއި ވަޒީފާތަކުގައިވެސް ހޭކިލައި، ކުޑަކޮށް ނަމަވެސް މަޒުމޫނު ފަދަ އެއްޗިހި ލިޔެލައި އުޅުނު، އެކި ދާއިރާއިން ކޮންމެވެސް މިންވަރެއްގެ ތަޢުލީމެއްވެސް ޙާޞިލްކުރެވޭތޯ މަސައްކަތްތަކެއް ކޮށްލަން އުޅެވިފައިވާ މީހަކަށް ވާތީ، މިހާރަކަށް އައިސް ރާއްޖޭގައި ހިނގާ ކަމަކާ ބެހޭގޮތުން އަޅުގަނޑުގެ ބައިލައިހި ދެބައިކުޅަ ނަމަވެސް ބޮޑުކޭމަށް އަޅައިލައި، ގަހުގެ އެންމެ ތިރީ ދެގޮފިން ގިއްޗެއް ނަމަވެސް އަޅައިލެވޭތޯ ބަލާނަމެވެ. އަދި މިލިޔުން ލިޔެގެން އެކުރެވެނީ ބޮޑު ކުށެއް ކަމަށް ވަންޏާ ތިޔަ އެންމެ ބޭފުޅުންގެ އަރިހުން އިސްވެ މަޢާފަށްވެސް އެދެމެވެ.

ބުނާއަޑު އިވެއެވެ. މިރާއްޖޭގައި މިހާރަކަށް އައިސް ބައެއް މީހުންނަށް ނަމަވެސް ކަންބޮޑުވާ އެއް މައްސަލަޔަކީ މިރާއްޖޭގައި މިއުޅޭ ބިދޭސީންގެ މައްސަލަޔޯލައެވެ. ވަކިން ޚާއްޞަކޮށް، އަޅުގަނޑު އަދި އެޤައުމެއްގެ ނަން ވަކީން އަދި ނުދެންނެވިޔަސް، ވަކި ޤައުމަކަށް ނިސްބަތްވާ ބިދޭސީންގެ މައްސަލަޔޯލައެވެ. މިދަންނަވާ ޔޯލަޔަކީ ޞައްޙަ ޔޯލަޔަކަށް ވާނަމަ، އެ މައްސަލަޔާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލާނީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން، އަމިއްލަ ހަނދާނުން، އަމިއްލަޔަށް އެނގިހުރި ކަމަށް ފެންނަ އެއްޗެއްގެ ތެރެއިންނެވެ. މިރާއްޖެޔަކީވެސް ކަނޑައެޅި ބަޔާންވެގެންވާ ވަކި ޙުދޫދެއްގެ ތެރެއިން ބޭރުނުވާހާ ހިނދަކު، އަމިއްލަ ޚިޔާލު މިނިވަންކަމާއެކު ފާޅުކުރުމުގެ މިނިވަންކަން ޤައުމުގެ ކޮންމެ ފަރުދަކަށްމެ ލިބިފައިވާ ޤައުމަކަށް ވާތީ، އަޅުގަނޑުގެ އަމިއްލަ ހަނދާނުގެ މައްޗަށް ބުރަވެހުރެ ފަށައިގަންނާނަމެވެ.

އެންމެ ފުރަތަމަވެސް ދަންނަވާނީ އަމިއްލަ ހަނދާނުގެ ތެރެއިން ދަންނަވާ ވާހަކައެކެވެ. އަދި ޚުދު އަމިއްލަ ނަފުސަށް ކުރެވިފައިވާ ތަޖުރިބާ ތަކުގެ ތެރެއިން ވާހަކައެކެވެ. އާދެ! އެއީ މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިން ފެށިގެން ހިނގަމުން އައި ކަމެއްގެ ވާހަކައެކެވެ. އައްސަވާށެވެ!

މިދަންނަވާ ދުވަސްވަރަކީ ބޭރު ޤައުމުތަކުގެ ސަފާރާތައް ރާއްޖޭގައި އެހައި ގިނަ ދުވަސްވަރެއް ނޫނެވެ. ހުންނަނީ ދެތިން ތަނެކެވެ. ކަން އެހެން އޮތް ނަމަވެސް، މިރާއްޖޭގައި ފަތުރުވެރިކަން ފުޅާވަމުން ދިޔަވަރަކަށް، ބޭރު ފައިސާ ވަންނަ ޢަދަދުތައް ބޮޑުވަމުން ދިޔަވަރަކަށް، އެއިން ބައެއް ޞައްޙަ އަދި ނުޞައްޙަ މަގުންނަމަވެސް ލިބޭތޯ ކަޅި އަޅައަޅައި ރާއްޖޭން ބޭރުގައިވެސް ތިބި ކަމާމެދަކު ޝައްކެއްނެތެވެ. އެހައިވަރަށް އިސްތިހާރު ކޮށްގެން ނޫނީ ނުހިނގާނެ ޞިނާޢަތެއްގެ ހަވާސައިގައި އެކަން އެގޮތަށް ނުހިނގައި އޮތުމަކީ ވާނެ ކަމެއް ނޫންކަން އެންމެ ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނެއެވެ. އެހެންކަމުން…..

މިދެންނެވި ޞިނާޢަތުން ފައިދާ ހޯދަން މުއްސަނދިން ފަރުދާގެ ފުރަގަހުގައި ކުރަމުން ގެންދިޔަ، އަދި ފަހުންވެސް ކުރަމުން ގެންދާނެ ކަމަށް ފެންނަ، ބޮޑެތި ކަންކަން ބަހައްޓައިފައި، އަޅުގަނޑުމެން އުޅޭ ހިސާބަށް ތިލަވެގެން އަންނާނީ އެޔަށްވުރެ 'ކުދި' ކަންކަން ނޫންތޯއެވެ؟ އެހެން ކަމުން، އަޅުގަނޑަށް ފެންނަމުން ދިޔައީ އެދުވަސްވަރު ރާއްޖޭގައި ސަފާރާއެއް ނުވަތަ ހައިކޮމިޝަނެއް ނެތް ޤައުމެއްގެ ބަޔަކު އާދަޔާ ޚިލާފަށް މިރާއްޖެޔަށް އަންނަން ފެށި ތަނެވެ. ވަރަށް އާދައިގެ 'ކުދިކުދި' ވަޒީފާ ތަކަށެވެ. އަދި ހަމަ އެޔާ ވިދިގެން، އެދުވަސްވަރު މިރާއްޖޭގައި ކިޔަވައިދެއްވަން އުޅުއްވުމުގެ ސަބަބުން އަޅުގަނޑާ ރައްޓެހި ކަމެއް އޮންނަ، ހަމަ އެޤައުމަށް ނިސްބަތްވާ ދެތިން މުދައްރިސަކު މިހެން އަންނަ ބައެއް މީސްމީހުން ދަތި ޙާލުގައި ޖެހުނީމާ އަޅުގަނޑާ ބައްދަލު ކުރައްވައި، މިކަމާ ކޮންމެވެސް ކަމެއް ކޮށްދެވޭކަށް ހަމަ ނެތްހޭ އައްސަވަމުން ގެންދެވިތަނެވެ.

އަޅުގަނޑަކީވެސް ހިތެއް އޮންނަ މީހަކަށް ވާތީ، މިދެންނެވި މުދައްރިސުން އެކި ފަހަރު މަތިން އަޅުގަނޑުގެ ކުރިމައްޗަށް، އަޅުގަނޑުގެ ގެޔަށް، އެ ގެންނަވައި އުޅުއްވި އެކި ބިދޭސީންގެ ކަންކަމާ އަޅުގަނޑު އުޅެދިނީމެވެ. ކިހާވަރެއްގެ މައްސަލަ ތަކެއް ތޯއެވެ؟ ރާއްޖޭން ލިބުނު ވަޒީފާޔަކީ ރަށުން ދަޅަދެއްކި ވަޒީފާ ނޫންކަމުގެ މައްސަލައެވެ. މިކޮޅުން ލިބޭނެ ކަމަށް އެކޮޅު އެޖެންޓު ބުނި މުސާރައިގެ ފަސްބައިކުޅަ އެއްބައިވެސް މިކޮޅުން ނުދޭ ވާހަކައެވެ. ރަށުގައި އޮތް ބިންކޮޅު ރަހުނުކޮށްފައި އެޖެންޓު ބުނިވަރަށް މީހަކު އަތުން ދަރަންޏަށް ނަގާފައި ފައިސާ ދީފައި އައިމާ، މިތަނުން ލިބޭ އެއްޗަކުން ހަތްއަހަރުން ނޫނީ އެދަރަނިވެސް އަދާ ނުކުރެވޭނެ ވާހަކައެވެ. ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ލިބެން އޮވެމެ، މިހާރުގެ ވަޒީފާ އަދާ ކުރާ ތަނުގެ 'ބޮސް' އޭނާ ދޫކޮށްނުލި ވާހަކައެވެ. ޕާސްޕޯޓު ފޮރުވި ވާހަކައެވެ. މިކަހަލަ ކިތަންމެ ވާހަކައެކެވެ.

މިދެންނެވި ފަދަ ވާހަކަތައް ހަމްދަރުދީއާ އެކީ އަޑުއަހައި، ކުރިމަތީގައި ނިޔުޅެމުންދިޔަ ދެރަވަރު ކަންކަމަށް ސަމާލުކަން ދީ، އަޅުގަނޑަށް ވީވަރަކުން އެހީވަމުން ގެންދިޔައިމެވެ. އަޅުގަނޑަކީ އެދުވަސްވަރު ދައުލަތުގެ ޚާދިމަކަށް ވީތީ، މާބޮޑު ތަނަވަސް ކަމެއް އަތުގައި ނެތީތީ، މި ދެންނެވި ފަދަ މީސްމީހުންނަށް މާލީގޮތުން އެހީވުމަކީ އަޅުގަނޑަކަށް ކޮށްދެވުނު ކަމެއް ނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ ޙުކޫމަތުގެ އެކި ވުޒާރާ ތަކުގައްޔާއި ބައެއް އެހެން މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް އެދުވަސްވަރު ތިއްބެވީ އަޅުގަނޑުގެ އުސްތާޒުންނާއި އެކުއުޅެވިފައި ތިބި ރައްޓެހި ރަޙުމަތްތެރިން ކަމުގައި ވީތީއާވެސް އެކު، އޭގެ ތެރެއިން އެކި ދެތިން ބޭފުޅުންނަށް ގޭ ފޯނުން ފޯނުކޮށްލައި، ބައެއް ތަންތަނަށް ސިޓީ އެއްޗިހި ލިޔެލައި ހަދައިގެން ބައެއް މައްސަަލަ ގަވައިދުން ހައްލުކޮށް އުޅުނީމެވެ. ބިދޭސީންނަށް ވަޒީފާ ދީފައި ކަނޑައެޅިގެން 'ގޯސްހެދި' ބައެއް މީސްމީހުންނާ ގުޅައިގެން ވިސްނައިދީގެން، އާދޭސް ކޮށްގެން، ނުވަތަ އެހެނިހެންވެސް ބައެއް އުކުޅުގެ ބޭނުންކޮށްގެން ބައެއް ބިދޭސީންނަށް އިންސާފުވެސް ހޯދައިދިނީމެވެ.

އިސްވެ މިދެންނެވި ޤައުމުގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވެންދެން އަޅުގަނޑު މިދެންނެވި މަސައްކަތުގައި ދެމިހުރީމެވެ. އެކަމަށް ހެކިވާނެ، އިސް ދެންނެވި މުދައްރިސުންގެ ތެރެއިން ބައެއް ބޭކަލުން އަދިވެސް ރާއްޖޭގައި އެބަތިއްބެވިއެވެ. ރާއްޖޭގެ އެކި ހިސާބުގެ އަންހެނުންނާ ކައިވެނި ކުރައްވައިގެން، ގެދޮރާއި ދަރިން ހޯއްދަވައިގެން އޭގެ ދެތިން ބޭކަލަކު އެބަ އުޅުއްވައެވެ. ކޮންމެއަކަސް، މިދެންނެވި ހައިކޮމިޝަން ހުޅުވުމާއި އެ ތަނުގެ މަސައްކަތް ފަށައިގަތުމުގައިވެސް ފަރުދާގެ ފުރަގަހުގައި އަޅުގަނޑުގެ ނުރަސްމީ އަތެއް ނެތެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. އަދި ހައިކޮމިޝަން ހުޅުވުނު ފަހުންވެސް އަޅުގަނޑަށް ވެވުނު ވަރަކުން މިދެންނެވި ގޮތަށް "ޙާލުގައި ޖެހިގެން، އެނޫންގޮތެއް ނެތިގެން" އަންނަ މީހުންނަށް އަޅުގަނޑު އަޅައިލާ އުޅުނުކަން އެދުވަސްވަރު ހައިކޮމިޝަންގައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވި ބިދޭސީ އެންމެހައި މުވައްޒަފުންނަށް އެނގިވަޑައިގަންނަވާނެއެވެ. ހައިކޮމިޝަނުންނާއި އެޤައުމުގެ ރައްޔިތުންގެ ފަރާތުން އެކި މުނާސަބަތު ތަކުގައި ބާއްވަވަމުން ގެންދެވި އެކި ޙަފުލާތަކަށް ވަޑައިގެން އެކި ބޭފުޅުންގެ ތެރެއިން ބައެއް ބޭބޭފުޅުންގެ ހަނދުމަފުޅުގައި އަދިވެސް ހުންނާނެކަން ޔަޤީނެވެ. އަޅުގަނޑު އަތުގައި ހުރީ ހަމައެކަނި ބައެއް ފޮޓޯއާއި ޝުކުރުގެ ލިޔުމެވެ. ދެން ހަނދާނެކެވެ.

މިދެންނެވި ހިސާބުން ދެން ފެށުނީ އެހެން ކަމެކެވެ. ފެންނަން ފެށީ އެހެން މަންޒަރެކެވެ. ޙާލަތު އޭގެ ޒާތުގައި ބަދަލުވުމާއި، ޙާލަތު ބަދަލުކުރެވޭ ވަރުގެ މީހުން ޙާލަތު ބަދަލު ކުރުމާ ދެކަން އެއްވީއެވެ. މިލިޔުން ފަށަމުން އަޅުގަނޑު ދެންނެވި، ފަތުރުވެރިކަމުގެ ޞިނާޢަތުން ލިބޭ ބޭރުފައިސާ އެތެރެއިން ހޯދައިގެން ބޭރަށް ފޮނުވުމުގެ ޚިޔާލު އެބައެއްގެ ހިތުގައި އުފެދިގެން ނުވާނެ ފަދަ ޙާލަތެއްގައި ތިބި ބަޔަކަށް، ޔަޢުނީ، އެފަދަ ބިދޭސީންގެ މަދު ބަޔަކަށް ނަމަވެސް އެ ހުވަފެން ފެންނަން ފަށައިފި ކަމުގެ އިޙްސާސެއް އަޅުގަނޑަށް ކުރެވެން ފަށައިފިއެވެ. އެކި ފަހަރު އެކި ތަނުގައި އެކި ފަރާތުން އަޅުގަނޑާ ކުރެވެމުން ދިޔަ ސުވާލު ތަކުންނެވެ!

މި ދެންނެވި ގޮތަށް އަޅުގަނޑާ ކުރެވުނު ބައެއް ސުވާލު ތަކުގެ ތެރޭގައި ހިމެނެނީ، މިރާއްޖޭގައި ބޭރު ބަޔަކު ވިޔަފާރިޔެއް ކުރަން ބޭނުމިއްޔާ، ނުވަތަ ކިޔަވައިދޭ ތަނެއް ހުޅުވަން ވެއްޖިއްޔާ، ނޫނީ ކާރުޚާނާއެއް ހަދަން ވެއްޖިއްޔާ، އޭރުގެ 'ފޮރިން އިންވެސްޓްމަންޓް’ގެ ޤާނޫނާ ޤަވައިދު އޮންނަ ގޮތުން ދައުލަތަށް ބޮޑު އެއްޗެއް ދައްކަން ޖެހޭ ތޯއެވެ. ކަލޭގެ ނަމުގައި ތަނެއް ހުޅުވައިފިއްޔާ، އަހަރުމެންގެ މީހަކު ނުވަތަ ބަޔަކު އެކަން ފަށައިގަންނަން ބޭނުންވާ ފައިސާ، އަޅުގަނޑު އެ "ކޮމިޔުނިޓީ" އަށް ކޮށްދެމުން ގެންދިޔަ ޚިދުމަތުގެ ބަދަލުގައި ހަދިޔާއެއްގެ ގޮތުގައި ދޭނެ ވާހަކަޔާއި، އެކަމަށް އަޅުގަނޑު "އޯކޭ" ތޯއެވެ؟ އެކަހަލަ ވިޔަފާރިޔެއް ފަށައިފިއްޔާ ކިތަކަށް މީހުންނަށް ވަޒީފާގެ ފުރުޞަތު ނުވަތަ "ކޯޓާ" ލިބޭނެ ތޯއެވެ! އަޅުގަނޑަށް އެސުވާލުތައް ސިފަވަމުުންދިޔައީ އަޅުގަނޑުގެ ޒަމީރުގެ ކަރަށް ބާރުވަމުން ދިޔަ މަޅިޔެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ކަން އޮތްގޮތާ ބެހޭގޮތުން ސުވާލު ކުރުމާއި ހަދިޔާއެއް ދޭން ބުނުމަކީ ޤާނޫނީ ކުށަކަށް ނުވާނެތީ، އަޅުގަނޑަށް ޖެހުނީ ލިޔުމުގައި ނެތް، ނިޔަތުގައި އޮތް ކަމަށް ފެންނަ ކަންކަމުގެ ތެރެޔަށް އެކަންކަންވެސް ދޫކޮށްލާށެވެ. އެކަމަކު، އެ "ކޮމިޔުނިޓީ"ގެ ބައެއް މީހުންނާ އަޅުގަނޑު ކުޑަކޮށް ދުރުވީމެވެ. އަޅުގަނޑު ނޫން އެހެން ބަޔަކަށް އެކަހަލަ ކަމެއް ދިމާވިޔެކޭ، ދިމާވީމާ ކަންކުރީ މިހެންނޭ އެހެންނޭ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. ނޭނގޭ ކަމެއް އޮންނާނީ ހަމަ ނޭނގިއެވެ.

މިދެންނެވި ޒަމާން އައުމާ ވިދިގެން، މިދަންނަވާ ބިދޭސީންގެ ޢަދަދަށާއި، އޭގެ ތެރެއިން ބައެއް މީސްމީހުންގެ ދިރިއުޅުމާއި އަޚުލާޤާއި ސުލޫކަށާއި، މިދެންނެވި "ކޮމިޔުނިޓީ" ގެ ބައެއް މީހުން ރާއްޖޭގެ މީހުން ދެކޭ ނަޒަރަށާއި، މިހުރިހާ ކަމަކަށް މަޑުމަޑުން ބަދަލު އަންނަން ފަށައިފި ކަމަށް އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑަށް އެކަން ވަރަށް ސާފުކޮށް ފެނުނެއެވެ. އެ ބައެއްގެ ތެރޭގައި އުޅެ، އެ ބައެއްގެ ކަންކަމުގައި އުޅެވި، އެބައެއްގެ ބަސްވެސް ކޮންމެވެސް ވަރަކަށް އެނގި، އެބައެއްގެ ޤައުމަށް އެތަކެއް ފަހަރުގޮސް، އެބައެއްގެ ތެރޭގައި އުޅޭ ބާރުވެރީންނާއި މުއްސަނދިންނާއި ޢިލުމުވެރިންނާއެކި ޖަލްސާތަކާއި ޙަފުލާ ތަކުގައި ބައިވެރިވެ، އެބައެއްގެ ތާރީޚާއި ޘަޤާފަތާއި ދުނިޔެ ދެކޭގޮތް ލޮލުުން ދެކެ އަތުން ހިފައި، މިހެން އުޅެވިފައި ހުރި މީހަކަށް އެކަހަލަ ކަންކަން ތަންކޮޅެއް އަލި އައިނަކުން ފެންނާނެ ދެއްްތޯއެވެ؟ އެހެން ކަމާއެކު، ރާއްޖެއާއި އެޤައުމާއި ދެޤައުމުގެ ކަމުވޮށިގެންވާ ބައެއް ބޭބޭފުޅުންގެ އަރިހުގައި އަޅުގަނޑަށް އެވާހަކަ ދެއްކިފައި ނުހުންނާއެކޭ ނުދަންނަވާނަމަވެ. އަދި އެކަން ކުރީމާ ނިކުތް ނަތީޖާގެ ވާހަކަ ދައްކާ ހިތް ނެތީ އެކަމުގެ ހަނދާން އެހައި ބޮޑަށް ނެތީމާ ކަމަށްވެސް ވެދާނެއެވެ.

މިއެޅުނީ ހަަމަ ކުޑަކުޑަ ސުރުޚީއެކެވެ. ކުރިފުޅުމައްޗަށް ހުށައަޅައި މިލެވުނީ ފަސްމަންޒަރުން ބައެކެވެ. އިރާދަކުރެއްވިއްޔާ އެހެން ޢަދަދެއްގައި މިވާހަކަޔައިގެން ކުރިޔަށް ދާނަމެވެ. 'ދަންބެރަށްވުރެ ތަގުޑި ދިގުކޮށް' ނަމަވެސް އަޅައިލަން މަޖުބޫރުވި މިސުރުޚީޔަށް ފަހު، ކުރިމަތިވެގެން މިއުޅޭ މައްސަލަޔަކީ އެހައި ފަސޭހައިން ވަކި މިންގަނޑަކަށް ފައްތައިލެވެން އޮތް މައްސަލަޔެއް ނޫންކަން އަޅުގަނޑުގެ މިވާހަކަ ނިންމައިލެވެންދެން ދަންނަވަމުން ގެންދެވޭތޯ ބަލާނަމެވެ. އިރާދަކުރެއްވިއްޔާ އެހެން ޢަދަދެއްގައި އަޅުގަނޑުގެ ވާހަކަ ފަށާނީ ކޮންމެވެސް ޤައުމެއްގައި އަޅުގަނޑަށް ފޯނުން 'ވަރުގަދަ އިންޒާރެއް' ދެވުނު ހިސާބުންނެވެ. އިންތިޒާރު ކޮށްލައްވާށެވެ!