Support Us

އެމެރިކާގެ ކެހިވެރިކަމުގެ ދަލުގައި ގައުމު ހަފުސްވާކަށް ދިވެހީން ބޭނުމެއްނޫން

އެމެރިކާގެ ހަހަރު (ލޯބި) އަޅުގަނޑުމެންނަށް މިންވަރު ވަނީ ހެއްޔެވެ؟

އެމީހުން އަޅުގަނޑުމެންގެ ބިމާއި ކަނޑުން ދަހިވެތިވެގެން އުޅެނީ ކޮންއެއްޗަކަށް ހެއްޔެވެ؟

އެމީހުން ބޭނުމީ އިންޑިއާ ކަނޑުން ޗައިނާ ފައްސާލަން ހެއްޔެވެ؟

އެމެރިކާގެ ހާހޫރައިގައި އަޅުގަނޑުމެން ޖެހި ވިދިފައި ތިބެންވީ ކީއްވެގެން ހެއްޔެވެ؟

އެމެރިކާ ބޭނުންހާ ގޮތެއް ޗައިނާއަށް ހެދޭނޭ ހެއްޔެވެ؟

ފަލަސްތީނުގެ މައުސޫމު މުސްލިމުން ބޮލަށް ބޮން އަޅަން ޔަހޫދީންނަށް ހަތިޔާރުދެނީ އެމެރިކާއެވެ.

މުސްލިމުންގެ ފުރަތަމަ ގިބުލައަށް ޔަހޫންދީން ވެރިކޮށްދިނީ އެމެރިކާއެވެ.

އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށްބުނެ އެ ތާރާޚީ ގައުމު ސުންނާފަތި ކޮށްލީ އެމެރިކާއެވެ.

އިރާގު ބިމުން ކުވޭތުން ތެޔޮނަގާ ކަމަށްބުނެ ކުވޭތު ހިފަން އިރާގަށް ހިތްވަރު ދިނީ އެމެރިކާއެވެ.

އިރާނު-އިރާގު ހަނގުރާމައިގެ މޭސްތިރިއަކީ އެމެރިކާއެވެ.

ތަރައްގީގެ ކުރިބޯއްޓަށް އަރަމުންދިޔަ ލީބިޔާ ބައިބައިކޮށް ފުނޑުފުނޑުކޮށްލީ އެމެރިކާއެވެ.

އަފުޣާނިސްތާނުގެ ހިތްވަރުގަދަ މުޖާހިދުން ވަނީ އެމެރިކާގެ ބާރުގަދަ ހަތިޔާރުތައް އަޅިޔަށް ހަދައި އެމެރިކާއަށް ވަރުގަދަ ފިލާވަޅެއް ދީފައެވެ.

އެމެރިކާ، އަޅުގަނޑުމެން މުސްލިމުންނަށް ހެއުއެދޭނީ ކޮން އިރަކުން ހެއްޔެވެ؟

އެމެރިކާއާ ގުޅުން ބަދަހި އަރަބި ގައުމުތައް ބަރުބާދުވެއްޖެއެވެ. އެމެރިކާއަށް ދަރައި ވިކިއްޖެއެވެ. ހަލާކުގެތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

ޒަމާނީ ހަތިޔާރުން އެމެރިކާ މުއްސަނދިކޮށްދިން ސައުދީ އަރަބިޔާގެ ރަސްކަމުގެ ކޮއިލުތެރެއަށް ޔަމަނުގެ ފަގީރު ފަގީރު، ނިކަމެތި ނިކަމެތި، ޙޫސީން ވަދެއްޖެއެވެ.

ސައުދީއަރަބިޔާގެ ވަރުގަދަ ރަސްކަމުގެ ތާޖު ރަސްކަލުންނާއި ވަލީއަހުދުންގެ އިސްތަށިފުޅަށް ބަރު ހިލަތަކެއްހެން ވެއްޓެމުން އެބަދެއެވެ.

އަބުރުވެރި، ފަޚުރުވެރި އަރަބީން ޔަހޫދީންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިފިއެވެ.

އަރަބީންނަށް އެމެރިކާ ހޯދައިދިން ސަލާމަތާއި ރައްކައުތެރިކަމަކީ ޔަހޫދީންގެ އަޅުވެތިކަމެވެ.

އެމެރިކާއާއި ގުޅުން ބަދަހި ގައުމުތަކުގެ ތެރެއިން ބިރުވެރިކަމެއް ނެތި އަމާންކަމާއެކު ނިދައި ހޭލަނީ ކޮން ގައުމެއް ހެއްޔެވެ؟

އަރަބި މުސްލިމު ގައުމުގެ މުއްސަނދިކަން ފޭރިގަތީ އެމެރިކާއެވެ.

އަރަބި މުސްލިމު ގައުމުތަކުގެ އެއްބައިވަންތަކަން ނަގާލީ ހަމަ އެމެރިކާއެވެ.

އެމެރިކާއަކީ ފިތުނައެކެވެ. އެމެރިކާއަކީ މުސީބާތެކެވެ.

ބަނޑަށް ހުރި މީހަކަށް އެމެރިކާއިން ޕާންފޮއްޗެއްނުދެއެވެ. ދިނަސްދޭނީ އުންޑައެކެވެ.

އެމެރިކާއިން ދިން ހަރުމުދަލެއް ރާއްޖޭގައިނެތެވެ. އަޅައިދިން މަކުތަބެއް، މަދުރަސާއެއް، ބުރިޖެއް ނެތެވެ.

ގައުމުގެ އާމުދަނީއާއި ފާގަތިކަން ހެއުގޮތުގައި ބޭނުންކުރަން އެމެރިކާއިން ދަސްކޮށްނުދެއެވެ.

ކޮރަޕްޝަނުން ރައްކާތެރިވާނެ ގޮތެއް ދަސްކޮށްދޭކަށް ނޫޅެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަކުރަން ދަސްކޮށްދޭކަށް ނޫޅެއެވެ.

ޖޭއެސްސީއަށް އިންސާފުވެރި ގޮތަކަށް މީހުން އައްޔަންކުރާނެ ގޮތްތައް ދަސްކޮށްދީ، އަދުލު އިންސާފު ގާއިމުކޮށްދޭނޭ ނިޒާމެއް ގާއިމުކޮށްދޭކަށް ނޫޅެއެވެ.

ރާއްޖޭގެ ހަކަތަ އިތުރުކޮށްދޭކަށް ނޫޅެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށްދޭކަށް އެމެރިކާއިން ނޫޅެއެވެ.

ދީން ރައްކައުކޮށްދޭކަށް ނޫޅެއެވެ.

އިންޑިއާ ކަނޑުގައި ބާރުގަދަކުރަމުންދާ ޗައިނާގެ ނުފޫޒުން ރާއްޖެ ސަލާމަތްކޮށްދޭން އެމެރިކާ އުޅެނީ ކީއްވެގެން ހެއްޔެވެ؟

ދިވެހިރާއްޖެ، ޗައިނާގެ ދަރަނި ދަންތުރައިން ނެއްޓިގެން ގޮސް އިންޑިއާގެ އަޅުވެތިކަމުގެ ދަންތުރައިގައި ޖެހެން ބޭނުން ވާންވީ ކީއްވެގެން ހެއްޔެވެ؟

އެމެރިކާގެ ކެހިވެރިކަމުގެ ދަލުގައި ދިވެހި ގައުމު ހަފުސްވާކަށް ވެސް ދިވެހީން ބޭނުމެއްނޫނެވެ.

ހުޅަނގުން އަރަނީ އިރެއްނޫނެވެ. ނާމާންކަމެވެ. އިރުއަރަނީ އިރުމަތީފަރާތުންނެވެ.

އެމެރިކާއަކީ ހައްލެއްނޫނެވެ. އެމެރިކާއަކީ ގެއްލުމެކެވެ.