Support Us

ސީޝެލްސްގެ ޕާލަމަންޓުގެ ނައިބު ރައީސްކަމުގެ ހުވާ އަހުމަދު އަފީފު 2018 މާޗުގައި ކުރައްވަނީ

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އަބްދުﷲ އަފީފުގެ ދަރިކަލުން

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އައްޑޫގެ މަޝްހޫރު ޝަހުސިއްޔަތު އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު މިއަދު އިންތިޚާބުވެއްޖެއެވެ.


ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑޫގައި ވަކި ސަރުކާރެއް ގާއިމުކޮށް، ޔުނައިޓެޑް ސުވާޑައިވް ރިޕަބްލިކްގެ ރައީސްކަން 1959- 1963 އަށް ކުރެއްވި އަބްދުﷲ އަފީފުގެ ހަތަރު ވަނަ ދަރިކަލުން އަހުމަދު އަފީފު، ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ އިއްޔެ އާއި ކުރީ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވި ކުރީގެ އިދިކޮޅު ލީޑަރު ކަމަށްވާ ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލް.ޑީ.އެސް)ގެ ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން، އެ އިންތިހާބު 54.9 ޕަސެންޓުން ކާމިޔާބު ކުރައްވައިގެންނެވެ.

ސީޝެލްސްގެ ރިޔާސީ އިންތިހާބާއި ޕާލަމެންޓު އިންތިހާބުގެ ވޯޓުލުން އޮތީ އިއްޔެ އާއި ކުރީ ދުވަހުއެވެ. މިހާރުގެ ރައީސް ޑެނީ ފޯރޭއާއެކު ސީޝެލްސްްގެ ރިޔާސީ އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 74،634 މީހުންނަށެވެ. ސީޝެލްސްގެ އިދިކޮޅު ޕާޓީއަށް ވެރިކަން މި ލިބުނީ 43 އަހަރުގެ ދިގު މުއްދަތަކަށްފަހުއެވެ.

އަބްދުﷲ އަފީފުގެ އާއިލާގެ ބޭފުޅުން 1963 ގައި ސީޝެލްސަށް ވަޑައިގަތުމުގެ ކުރިން އައްޑޫގައި

މިހާތަނަށް ސީޝެލްސްގެ ޕާލަމެންޓުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަފީފު، 53، އުފަންވެވަޑައިގަތީ 1967 ގައި ސީޝެލްސްއަށެވެ. އެއީ އަބްދުﷲ އަފީފުގެ ސުވައިދީބު ސަރުކާރު އިނގިރޭސީން މެދުވެރިވެގެން ރޫޅާލައި، 1963 ގައި އަފީފާއި އާއިލާ ސީޝެލްސްއަށް ގެންގޮސް، އެ ގައުމުގައި ވަޒަންވެރިކުރުވުމާ ގުޅިގެންނެވެ. އަބްދުﷲ އަފީފު ސީޝެލްސް އަށް ވަޑައިގެންނެވީ އަނބިކަނބަލުން އަނީސާ އަލީ ދީދީ އާއި ދޮށީ ތިން ދަރިކަލުންނާއެކުގައެވެ. އެއީ އިބްރާޙިމް އަފީފާއި މުހައްމަދު އަފީފާއި ޑރ. ހުސެއިން އަފީފެވެ. ސީޝެލްސް އަށް ވަޑައިގެންނެވި ފަހުން ވެސް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ އަމީނާ އަފީފާއި ނައިބު ރައީސް އަހުމަދު އަފީފާއި ސާރާ އަފީފެވެ.


އައްޑޫ ރަދުންގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްދުﷲ އަފީފު ސީޝެލްސް އަށް ވަޑައިގަތުމަށްފަހު އެއް ފަހަރު ރާއްޖެ ޒިޔާރަތް ކުރެއްވިއެވެ. އުމުރުފުޅުން 77 އަހަރުގައި، އަފީފު އަވަހާރަވީ ސީޝެލްސްގައި، 13 ޖުލައި 1993 ގައެވެ.

މުހައްމަދު އަފީފުު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ، (15 ޖުލައި 2019) -ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެން އަހުމަދު އަފީފު މަސައްކަތް ކުރެއްވި ނަމަވެސް، ބޭބެ މުހައްމަދު އަފީފަކީ މިހާރުގެ ރައީސް ޑެނީ ފޯރޭގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒެވެ. އެންމެ ދޮށީ ބޭބެ އިބްރާޙިމް އަފީފު ހުންނެވީ ސީޝެލްސް މީޑިއާ ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ. މުހައްމަދު އަފީފު މިދިޔަ އަހަރު ޖުލައިގައި ވަނީ، ރައީސް ޑެނީ ފޯރޭގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

ދިވެހި ޕާސްޕޯޓު ވެސް ގެންގުޅުއްވާ އަހުމަދު އަފީފު ވެސް ދެ ފަހަރެއްގެ މަތިން ވަނީ ރާއްޖެ ވަޑައިގެންފައެވެ. އާއިލާ ކައިރިއަށް އައްޑޫ އަށް ވަޑައިގެންނެވީ އެންމެ ފަހަރަކުއެވެ. ޑިސެމްބަރު 2004 ގައި ރާއްޖެ އަށް ސުނާމީ އެރިއިރު ވެސް އަހުމަދާއި އަނބިކަނބަލުން ތިއްބެވީ މާލޭ ކައިރި ރިސޯޓެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *