Support Us

ކެރެފާ ނަސީމަށް ހެލްތު މިނިސްޓަރުކަމުގެ ފަތްކޮޅު މިއަދު ދެއްވަނީ  -ފޮޓޯ: ރައީސް އޮފީސް

ގާސިމް ފަސް ނަމެއް ފޮނުއްވާފައި ވަނިކޮށް ހެލްތު މިނިސްޓަރުކަން ކެރަފާ ނަސީމަށް

ހުސްވެފައި އޮތް ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭ.ޕީގެ ލީޑަރު ގާސިމް އިބްރާޙިމް، ފަސް ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައި ވަނިކޮށް، އެ މަގާމަށް ހ. ހިކިފިނިފެންމާގޭ އަޙްމަދު ނަސީމް އިސްކުރައްވައި، މިއަދު ފަތްކޮޅު ދެއްވައިފިއެވެ.

ކެރަފާ ނަސީމަކީ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމު އަބްދުﷲ އަމީން މިހާތަނަށް ފުރުއްވީ، ކޯލީޝަން ޕާޓްނަރު ޖޭ.ޕީގެ ސްލޮޓެއްގައެވެ. ނަމަވެސް، ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެގެން، އެ މައްސަލަ ވަރަށް ހޫނުވެފައި ވަނިކޮށް އަމީން ވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު އިސްތިއުފާ ދެއްވައިފައެވެ.

"އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައި، ގާސިމް މިއަދު ވިދާޅުވީ އަމީން އިސްތިއުފާ ދެއްވުމުން ޖޭޕީގެ އެ ސްލޮޓަށް ޝައުގުވެރިކަން ފާޅުކުރެއްވި ޖޭޕީގެ އިސް ފަސް ބޭފުޅެއްގެ ނަންފުޅު ރައީސަށް ފޮނުއްވި ކަމަށާއި ނަމަވެސް އެ މަގާމަށް ވަކި ބޭފުޅަކު އައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެއް ކަމަށެވެ. ނަމަވެސް ގާސިމް ފޮނުއްވި ނަންފުޅުތަކެއް އޭނާ ވިދާޅެއްނުވިއެވެ.

"އަޅުގަނޑު ފޮނުވި ނަންފުޅުތަކަށް ވުރެ ގާބިލް، ޚިދުމަތްތެރި ބޭފުޅަކު ހުންނެވިއްޔާ އެ ބޭފުޅަކަށް އެ މަގާމު ދެއްވުން އެއީ އަޅުގަނޑު އެހާ ނުރުހޭނެ ކަމެއް ނޫން. އެކަމަކު ރުހޭނެ ކަމެކޭ ވެސް ނޫން މި ދެންނެވީ،" ގާސިމް މިއަދު ވިދާޅުވިއެވެ. "މި ވަގުތު ބޭނުންވަނީ ގައުމަށް ހިދުމަތްކޮށްދެވޭނެ، ވަރަށް ކެޕޭސިޓީ ހުރި ބޭފުޅެއް އެ މަގާމަށް. އެ ބޭފުޅެއްގެ ޕާފޯމަންސް ޕްރޫވް ކުރެވެން ޖެހޭނެ ބޭފުޅެއް."

ކެރަފާ ނަސީމު މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

ހެލްތު މިނިސްޓަރު ކަމަށް ކެރެފާ ނަސީމު އައްޔަން ކުރެއްވުމުން ރައީސް ނަޝީދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފައެވެ.


އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.

ހެލްތު މިނިސްޓަރ ނަސީމަށް މިއަދު ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައިކުރެއްވުމަށްފަހު، ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރައީސް ޔާމީންގެ ދައުރުގައި ސަރުކާރުން ބައިކުޅަބައި ނުދީގެން ފާޅުގައި ރައީސް ޔާމީނާ ދިމާލަށް އެއްޗެތިގޮވާ ބަހުގެ ޙަމަލަދީ ހެދި މީހާގެ ފުށުން މިއަދު މިފެންނަނީ "އެޅިހާބަތަކަށް ރިހަ" ވެފައި ހުންނަ މަންޒަރެވެ. މިއަދު ޞޯލިޙު ޖޭޕީ އަށް ނިސްބަތްވާ ހުރިހާ ވަޒީރުން ވަކި ކުރިޔަސް ހަމަ ޗުއްޕު ވެސް ބުނާކަށް ޤާސިމަކަށް ނުކެރޭނެއެވެ. ޙަގީގަތުގައި މިއީ ޤާސިމްގެ ރިއެކްޝަން ހުރިގޮތެއް ބަލާލަން ކުރި "ވަކަރަށްޖަހާލުން" ފަދަ ކަމެކެވެ. ޤާސިމަށް މިކަމާމެދު އެއްޗެއް ބުނަން ނުކެރިއްޖެ ނަމަ ޖޭޕީއަށް ނިސްބަތްވާ ދެންތިބި ވަޒީރުންވެސް ލަހެއްނުވެ ބުރުއްސާލާނެއެވެ….!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް