Support Us

ސޭޓު ޝާބޯދަނީ

އަޅުގަނޑު މިފަހަރު ދަންނަވަން މި އުޅޭ ވާހަކަ ފެށެން އޮތީވެސް ދިވެހީންގެ ތާރީޚޭ އާދަކާދަޔޭ ޘަޤާފަތޭ ކިޔައިފައެވެ. އަޅުގަނޑު މި ދެންނެވި ތިން ބަހާގެ ތެރެއިން ބައެއް ބާވަތުން ވަރަށް މަދު މިންވަރެއް ނޫނީ އަޅުގަނޑަށް ލިބިފައެއް ނޯންނާނެޔޭ ވިދާޅުވާނޭ ބައެއް ބޭބޭފުޅުން ތިއްބަވާނެ ކަން އަޅުގަނޑަށް އެނގެއެވެ. އަދި އެއިން އެއްވެސް ބާވަތަކާ ބެހޭ ގޮތުން ޢަމުދުން އެއްޗެއް ބުނުމަކީ އަޅުގަނޑާ އަރައި އަރަފޯދިގެން ވާނޭ ކަމެއް ނޫނޭ ވިދާޅުވާނޭ ބައެއް ބޭފުޅުންވެސް ތިއްބަވާނެ މެއެވެ.  އެފަދަ ބާވަތް ތަކުގެ މިލްކުވެރިކަމަކީ އެފަދަ ބޭބޭފުޅުންގެ އަތްޕުޅުގައި އޮންނަން ޖެހޭ އެއްޗެއް ކަމަށް އެބޭބޭފުޅުން ދެކެވަޑައިގަތަސް، އާދައިގެ މީހަކަށްވެސް އެނގިފައި އޮންނަ އެއްޗެއް އެނގިފައި އޮވެދާނެ، ދެއްތޯއެވެ!

އާދެ! ކަށްޑެވި، ބުއްޑެވި، މުޅަދެވި، ބޭރި، އިފިރިންފަރާ، އޮޑިތާން ކަލޭގެ، ކަފިކޮޅު،…. މިކަހަލަ މިތަންމެ ނަމެއް މިހާރުގެ ބައެއް މީހުންނަށް ކުޑަކޮށް ބީރައްޓެހި ވިޔަސް، ހަންޑިޔާއި ހާމުންޑިޔާއި ސަފަރު ކަތްދަޔާއި ސަންތި މަރިޔަނބަކީ މިހާރުވެސް ބައެއް ކަހަލަ މާޙައުލުތަކުގައި، ނުވަތަ ވަކި ކަހަލަ ވާހަކަ ކިޔައިއުޅޭއިރު އިވޭ ނަންނަމެވެ. މި ނަންތައް އިވޭ އިރު، އެ ނަންތައް ނިސްބަތްވަނީ ހެއްދެވުމަށް ވުރެ ނުހެއްދެވުމާ ގާތް، ވަހުމީ ނުވަތަ ޚިޔާލީ އެއްޗިހިތަކަކަށް ކަން އެންމެނަށް ޤަބޫލު ކުރެވޭއިރުވެސް، ވަލު އޮންނަ ރަށްރަށުގެ ވަލުތެރެޔަށް ކަޅުފޮައި ރޭރޭ ބައެއް މީހުން ނުވަންނަނީ ހަމަ ޒާތްޒާތުގެ އެއްޗިހި ހިތަށް އަރާތީއޭ ދެންނެވުމަކީ ގޯހަކަށްވެސް ނުވާނެއެވެ.

ދެން އޮތީ ބަޑިއެދުރުކަލޭގެ ވާހަކައެވެ. އެއީވެސް ހެއްދެވުމަށް ވުރެ ނުހެއްދެވުުގެ ތެރެއިން އައިސްފައިވާ އެއްޗެއް ކަން އެންމެވެސް ދަނެއެވެ. އެކަމަކު، ރޭގަނޑުގެ އަނދިރިކަމާ ލައިގެން އަތުގައި ހުންނަ ތަށްޓެއް ފަދަ އެއްޗެއްގައި ހުންނަ ދިޔާ އެއްޗެއް ގަޔާ ދުރަށް، އަދި ވަކިން ޚާއްޞަކޮށް އަނދިރިގަނޑެއްގެ ތެރެޔަށް އުކައިލަންޏާ “ގައިކޮޅު ގައިގާ ދުރު” ކިޔައިލަން ބޭނުންވާ މީހުންވެސް އަދި އެބައުޅެއެވެ. ބަޑިއެދުރުކަލޭގެ ހަމަލޮލުން ދުށް ކަމަށް ހުވައިކުރަން ކެރޭނޭ މީހަކާ ދިމާނުވިޔަސް، ތިމަންގެ ގާތް ތިމާގެ، ނުވަތަ ޅިޔަން ފަހަވެރި، ނުވަތަ ރަށްޓެހި ރަޙުމަތްތެރި މިވެނި މީހަކަށް އެކަލޭގެ ފެނުނޭ ބުނާނޭ މީހުން އަދިވެސް އެބައުޅެއެވެ. ބުނެ އުޅެނީ އެކަލޭގެ އަދި ނުފެނުނަސް، ހުންނާނެ ކަމަށެވެ.

ދާދި މިދާކަށް ދުވަހަކު އަޅުގަނޑަށްވެސް އެކަހަލަ މީހެއްގެ ވާހަކަ އިވިއްޖެއެވެ. ހަމަލޮލަށް ފެންނަން ނެތަސް، އޭނާޔަކީ ދުނިޔޭގައި ހުންނަށް ކޮންމެހެން ޖެހޭ މީހެއްކަމަށް ހުވައިކުރާނެ އެތަކެއް ބަޔަކުވެސް ވެއްޖެއެވެ. އާދެ! އައްސަވާށެވެ.

ދުވަހަކީ އަހަރުގެ ދުވަސްތަކަށް ބަލާއިރު އެއްވެސް ތަނެއްގައި ޚާއްޞަގޮތަކަށް ފާހަގަ ކުރާ ދުވަހެއް ކަން އަޅުގަނޑަށް ނޭނގުނަސް، މޫސުމުގެ ގޮތުން ވަކި ޚާއްޞަ ގޮތެއް ލިބިގެން ނުވާ ދުވަހަކަށް އަދި ނުވިޔަސް، ދުވަސް ވެގެން ދިޔައީ އަޅުގަނޑުގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ދުވަހަކަށެވެ. ކަން އެހެން އޮތަސް، ދުވަސް ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހެނދުނު ހޭލައިގެން ގޭތެރެއިން ފުއްދައި، ނިންމައި، ތައްޔާރުވެ، ހަދަންޖެހޭ އެންމެހައި ކަމެއް ނިންމައިގެން އަޅުގަނޑު ނިކުތީ ފައިމަގުގައި ކޮންމެވެސް ތާކަށް ދާާށެވެ. އެ ތަނަކީވެސް މިހައިރު މިކިޔާ ގޮތަށް އަނެއްހެން އެހައި ޚާއްޞަ ތަނެއްވެސް ނޫނެވެ.

ކޮންމެއަކަސް، އަޅުގަނޑު އެ ދާ ތާކަށް ދިޔަ މަގުމަތީގައި އަޅުގަނޑުގެ ސަމާލުކަން އެ ދަމައިގަތީ ހަމަ އެ މަގުމަތީގައި ހުރި ފިހާރައެއްގެ ކުޑަދޮރުގައި މާ ލޯބި ގޮތަކަށް އަޅުވައިލައިފައި ހުރި ކުޑަވަރެއްގެ ހެދުމެކެވެ. ޢުމުރުން ގާތްގަނޑަކަށް ތިން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ވަރަށް ރީތި ކޮށް ހެޔޮވަރު ވާވަރުގެ، ދަނބު ކުލަޔަކަށް ދާ ހެދުމެކެވެ. އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވަރަށް ރީތި ވާނެކަމަށްވެސް ފެނުނު ހެދުމެކެވެ. އެހެން ކަމުން، އަޅުގަނޑު އެ ފިހާރަކަށް ވަނީ ހެދުން ގަންނަން ކަމަށެވެ.

ފިހާރަޔަށް ވަދެ އަޅުގަނޑު ސަލާމް ގޮވައިލީމެވެ. ނަސީބު ރަނގަޅުކަމުން ފިހާރައިގެ ތެރެއިން ކޮންމެވެސް މީހަކު ސަލާން ބަލައިގަތެވެ. އެކަމާ އަޅުގަނޑު ވަރަށް އުފާކުރީމެވެ. އެއީ އެހައިވަރު ނުވާ ތަންތަންވެސް މިފަހަކަށް އައިސް މި ރާއްޖޭގެ މިރަށުގައި ހުންނާތީއެވެ.

"ކުޑަ ދޮރުގައި އެހެރަ ދަނބުކުލައިގެ ހެދުން ބަލައިލަން ދައްކަވަ ފާނަންތޯ؟" ފިހާރައިގައި ތިބި މީހުންކުރެ އަޅުގަނޑަށް އެންމެ ބޮޑު ސަމާލުކަމެއް ދިިންކަމަށް ފެނުނު މީހާ ގާތު އަޅުގަނޑު އަހައިލީމެވެ.

"ދަނބު ކަލަރު ނެތީ، ބޭބޭ!" އެމީހާ ޖަވާބު ދިނެވެ. އަދި ހެދުމުގެ އަސްލު ކުލަ އަޅުގަނޑަށް ބުނެދިނެވެ. "އެ ހެދުން ޕޯޕަލް ކަލަރު!"

"މައްސަލައެއް ނެތް. ޕޯޕަލް ކަލަރު." އަޅުގަނޑު ކުޑަކޮށް ހިނިއަންނަ ގޮތް ވިޔަސް، އޭނާޔަށް އެހައިވަރު ދޫކޮށްލީމެވެ. ރާއްޖޭން ބޭރު ބޭރު ބޭބޭކަލުންނަށް އިޙްތިރާމް ކުރަން އެކި މަންސަތަކުގައި ގޮވައިލެވޭ ގޮވައިލުމަށް ތަރުޙީބު ދިނުމުގެ ގޮތުންނާވެސް އެކުގައެވެ. އަަދި އަޅުގަނޑު ބުނާ އެއްޗެއް ދޭހަވާނޭ ކަހަލަ ގޮތެއް ހަދައިލެވޭތޯވެސް އުޅުނީމެވެ. “ދެން ހެދުން އަހަރެން ބަލަނީ؟”

"ޝޮރީ ބޭބޭ! ވިންޑޯ ހުންނަނީ ޑިޝްޕިލޭ. އޭތި ނުނަގަނީ. ބޭބެ ބަލަނީ މިތަނުގައި ހުރި ހެދުން. ބޭބެ ބަލަނީ މިތާ ހުންނަނީ ގިރީން ކަލަރު، ބުލޫ ކަލަރު…" އިނގިރޭސި ރަހައެއް ހިފައިފައިވާ ލަފުޒުތަކަކުން އޭނާ އެ އަމުނައިލި ކުލަތަކުގެ ލިސްޓު ކިޔައި ނިމުނު އިރު އެއިން ދަނބުކުލަ ދޭހަވާ ކަހަލަ އެންމެ ލަފުޒެއްވެސް އަޅުގަނޑަކަށް ހަމަ ނުއިވުނެވެ. އަދި އޭނާ  އެ ދެއްކި ތަނުގައި ހަރެއްގައި އަޅުވައިފައި އެހުރީވެސް މާބޮޑެތި ހެދުން ތަކެކެވެ.

ކުޑަދޮރުގައި އެހުރި ހެދުން އަތުޖެހޭތޯ އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތް ކޮޅެއް މެދެއްގައި ނުޖެހި، އަޅުގަނޑާއި އަޅުގަނޑު ކުރިމަތީގައި ހުރި މީހާޔާ ދެމެދު ދެކެވެމުން ދިޔަ ވާހަކަ، ވަކި މީހެއްގެ އަތުގައި ޖެހުނު ފަށުއި ބޮޅަށް ވުރެވެސް ބޮޑަށް އޮޅި، ގޮށްޖެހެން ފެށީމައި، އަޅުގަނޑު ގޮތްހުސްވާ ގޮތް ވެއްޖެއެވެ. އަދި ސަލާމަތުގެ އައްސޭރިޔަކާ ދިމާޔަށް ދެވޭތޯ ބަލަން   ބޭނުންވެއްޖެއެވެ. އަދި ތަނުގައި ހުންނަންޖެހޭ ފައިސާ ބަލައިގަންނަ ކޮށިގަނޑުގައި ކޮންމެހެން އިންނަންޖެހޭ ސޭޓުގެ އެހީ ހޯދަން ކަމަށް އޭނާ ކޮބައިތޯ އަހައިފީމެވެ.

އާދެ! ތިޔަ ހީފުޅު ކުރެއްވުނީ ހަމަ ރަނގަޅަށެވެ. ދިވެހިރާއްޖޭގައި ގަވައިދުން ނަގަންޖެހޭ އެންމެހައި ހުއްދައެއް ނަގައިގެން، ޔަޢުނީ ޤާނޫނާއި ޤަޥާއިދަށް ޙުރުމަތްތެރިކޮށް ހިތައިގެން ހިންގާ ކޮންމެ ފިހާރައެއްގެ ކޮށިގަނޑުގައި ސޭޓެއް އިންނަން ޖެހޭނެއެވެ. އަދި އެ ސޭޓަކީ ދިވެހި ރައްޔިތަކަށްވެސް ވާން ޖެހޭނެއެވެ. އަޅުގަނޑަށް ވަދެވިގެން މިއުޅެނީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ މާލޭގެ ބޮޑު މަގެއްގައި ދިމާޔަށް ހުރި ފިހާރަޔަށެވެ. ލިޔަން ކިޔަން ދަންނަ، ފެނުމުގެ ޙިއްޞު ސަލާމަތުން ހުރި ކޮންމެ މީހަކަށްމެ މާ ދުރުންވެސް ސާފުކޮށް ކިޔަން އެނގޭހައި ބޮޑު އަކުރުން، މަދުވެގެން ދެ ވައްތަރުގެ އަކުރުން ތަނުގެ ނަން ބޮޑުކޮށް ލިޔެފައިވާ ނަންބޯޑެއް ބޭރުގައި ބަހައްޓައިފައި ހުރި ފިހާރަޔަކަށެވެ. އެހެން ކަމާއެކު އެތަނުގައި ދިވެހިބަސް ދަންނަ ދިވެހި ރައްޔިތަކު ސޭޓުކަން ކުރަން އިނުމަކީ ލާޒިމު ކަމަކަށް ވާތީ، އެހެރަ ޒާތުގެ ކަންކަމަކީ ނުލާހިކު ރަނގަޅަށް ބެލެހެއްޓޭވެސް ކަންކަމަށް ވާތީ، އަޅުގަނޑު އެބުނާ އެއްޗެއް ސާފުކޮށް ދޭހަވާނޭ މީހަކު އެތަނުން ފެންނާނެ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ނަމަވެސް…

"ޝޭޓު ޝާބޯދަނީ!" އަޅުގަނޑުގެ ކުރިމަތީގައި ހުރި މީހާ އަޅުގަނޑަށް ބުނެދިނެވެ.

އަޅުގަނޑުމެން ކުޑައިރު ދިވެހީންނަށް ކިޔައި އުޅެން ބޭނުންކޮށް އުޅުނު ނަމުގެ ޚަޒާނާޔަކީ މިހައިރާ އަޅައިބަލާއިރު ތަންކޮޅެއް ފަޤީރު އެއްޗެކެވެ. ކޮންމެވެސް ސީދީއެއް، ދީދީއެއް، މަނިކެއް، ފުޅެއް، ނުވަތަ ހުއްތު އެކެވެ. ނުވަތަ މުހަންމަދެއް އަހަންމަދެއް އައިމިނަޔެއް ފާތުމަޔެއް ދަލޭކަޔެއް ކިޔައިފައި ހުއްޓައިލިޔަސް، މިހައިރު އެހެނެއް ނޫނެވެ. އެކަކު ދަރިފުޅަށް ލޯބިން ކިޔައިލާ ރީތި ނަން އަނެކެއްގެ ދަރިފުޅަށް ނުކިޔައި ވޭތޯ ބަލާނެއެވެ. ތަދު އެކަމަކު ރީތި، ނުފަރިތަ އެކަމަކު ކަންފަތަށް ޚާއްޞަ ގުގުމެއް ގެނެސްދޭ ނަމެއް އަތުޖެހޭތޯ ބަސްބަހުގެ މާހިރުން ގާތަށް މީހުން ހިނގާނެއެވެ. އެހެން ކަމުން، އަޅުގަނޑު ހީކުރީ ޝާބޯދަނީ އެއީ އެކަހަލަ ނަމެއް ކަމަށެވެ.

"އާނ، ތިޔަ ސޭޓު ކައިރި ބުނަނީ އޭނާ މި ކޮޅަށް އަންނަނީ." އަޅުގަނޑު ބިދޭސީ ގޮތަކަށް އެދުނީމެވެ.

"ބޭބޭ، ޝޭޓު ނެތީ. ޝޭޓު ޝާބޯދަނީ،" ބިދޭސީ މީހާ ބުނެލިއެވެ.

ކޮންމެއަކަސް، އެ ދުވަހުގެ އެގަޑީގައި އެ ފިހާރަޔަކުން އަޅުގަނޑަކަށް ކުރިޔެއް ނުލިބުނެވެ. އެހެން ކަމުން އަޅުގަނޑު އެތަނުން ނިކުތީއެވެ. އަދި ކުޑަދޮރުގައި ހުރި ރީތިރީތި ހެދުމަށް ވަގުތީ ވަދާޢީ ސަލާމެއް ކޮށްފައި އަޅުގަނޑުގެ މަންޒިލް މަޤްޞޫދާ ދިމާޔަށް ބަހައްޓައިފީމެވެ.

އެކަމަކުވެސް، އެއީ ހާދަހައި ރީތި ހެެދުމެކެވެ. އެހެންކަމުން، ދިގު ވާހަކަ ކުރުކޮށްލައިފައި އެއްޗެއް ދަންނަވާނަމެވެ. އެ ދުވަހު އެކި ފަހަރު މަތިން ތިން ހަތަރު ފަހަރު އަޅުގަނޑު އެ ފިހާރަޔަށް ވަނީމެވެ. އެ ހެދުން ލިބޭތޯއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ނިކުންނަން ޖެހުނީ ހުސްއަތާއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އަޅުގަނޑަށް އެތަނަށް ވަދެވޭ ކޮންމެ ފަހަރަކު ސޭޓު ޝާބޯދަނީ އުޅެނީ ބޭރުގައި ކަމަށް ވެއެވެ!

އެދުވަހު އަޅުގަނޑަށް ލިބުނު ލަނޑުގެ ޙަޤީޤަތް އަޅުގަނޑަށް އެނގި، ވީގޮތް ވިސްނުނީ ބޭރުން ނިންމަން ޖެހޭ އެންމެހައި ކަމެއް ނިންމައިފައި ގެޔަށް އައިސް، ގޭގައި ތިބި މީހުންނަށް އެ ހެދުމުގެ ވާހަކަ ކިޔައިދިނީމައެވެ. ގޭގައި ތިބި މީހުން ހޭން ފެށީމައެވެ. އަޅުގަނޑަށް ދޭހަ ނުވި އެއްޗެއް އެމީހުންނަށް ދޭހަވީމައެވެ. ސޭޓު ޝާބޯދަނީ އެއީ އުޅޭ މީހެއް ނޫން ކަމާއި އެއީ ސޭޓު ސައިބޯން ގޮސް ވީ ވާހަކަ ބުނާ ގޮތްކަން އެމީހުން އަޅުގަނޑަށް ބުނެދިނީމައެވެ.

އެހެންނަމަވެސް، އެވަރުންވެސް އަޅުގަނޑަށް ހަމަ ނުވިސްނުނު ކަމެއް އޮތެވެ. ދުވާލަކު ހައެއްކަ ފަހަރު ވަޒީފާ ދޫކޮށްފައި ފަހަރަކު ބައިގަޑިއެއްހައި އިރަށް ސައިބޯން ބޭރަށް ދާ ސޭޓަކަށް ވަޒީފާ ދީގެން ފިހާރަ ހިންގަން އުޅޭ މީހެއްގެ ވިޔަފާރިޔަށް ވާނީ ކިހިނެއް ބާވައެވެ؟

ދެން އަޅުގަނޑުގެ ހިތަށް އެ އެރީ ހިތަށް އަރައިގެން ނުވާނެ ޚިޔާލެކެވެ. އެއީ، ސޭޓު ޝާބޯދަނީގެ މާއްދިއްޔަތާ ބެހޭ ޚިޔާލެކެވެ. ސޭޓު ޝާބޯދަނީ އަކީ ކަށްޑެވި، ބުއްޑެވި، މުޅަދެވި، ބޭރި، އިފިރިންފަރާ، އޮޑިތާން ކަލޭގެ، ކަފިކޮޅު،ހަންޑި، ހާމުންޑި، ސަފަރު ކަތްދަ، ނުވަތަ ސަންތި މަރިޔަނބު ކަހަލަ،  ހެއްދެވުމަށް ވުރެ ނުހެއްދެވުމުގެ ތެރޭގައި ހިމެނޭ، ވަހުމީ ނުވަތަ ޚިޔާލީ މީހަކަށް ވެއްޖިއްޔާ، އެވަނީ ކިހިނެއްތޯއޭ އަހައިލަން މަޖުބޫރު ވާކަހަލަ ޚިޔާލެކެވެ. ޤާނޫނާ ޤަވާޢިދަށް މުޅިން ނުފެތޭ ތަންތާނގައި ކޮންމެހެން ބަހައްޓަން ޖެހޭ މީހަކަށް ވެއްޖިއްޔާ އެ ވަނީ ކިހިނެއްތޯ ކުރެވޭ ޚިޔާލެވެ.

ބަޑިއެދުރުކަލޭގެ އަދި ނެތަސް، އަނދިރިގަނޑެއްގެ ތެރެޔަށް ތަށިވަރެއް އުކައި ނުލިޔަސް، ސޭޓު ޝާބޯދަނީއާ އަޅުގަނޑާ ގައިކޮޅުގައިގާ ދުރެވެ!