...

Support Us

ތާރީހް:

ލިބެންވީ: ވެމްކޯގެ މެނޭޖިން ޑައިރެކްޓަރަށް،

ފޮނުވީ: އާސިފު އަލީ
ގުޅޭ: މާލޭ މަގުތައް ކުނޑިގޮނޑަކަށް ބަދަލުވުމުގެ މައްސަލައަށް އަވަސް ހައްލެއް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މާލޭގެ މަގުމަތީގައި ކުނިކޮތަޅެއް ބާއްވައިފިނަމަ އެ މީހެއް ހޯދައި، އެ މީހެއްގެ ވަނަވަރު އާންމުކުރުމުގެ އުސޫލެއް ތައާރަފުކުރުން ވެގެންދިޔައީ ކުނިކޮތަޅުތަކުން މަގުތައް މުޑުދާރުވެ ނަޖިސްވުން ހުއްޓުވުމަށް ލިބުނު ވަަރަށް ބޮޑު ބާރަކަށެވެ. ނަމަވެސް، ކޮވިޑާއެކު މާލޭގެ ހުރިހައި މަގެއް ކަހަލަ ގޮތަކަށް މިހާރު މި ވަނީ ކުނިގޮނޑުތަކަކަށް ބަދަލުވެފައެވެ.

ކުރިން ވިއްޔާ ގޭގެއިން އުކާލާ ހުރިހާ ކުނިބުންޏެއް ހުންނަނީ ޑަސްބިންތަކުގައި، ގޭތެރޭގައެވެ. ވެމްކޯ މީހުން އައިސް ކުނިތައް ހިފައިގެން ދާގޮތަށެވެ. އެކަމަކު ކޮވިޑާ ހެދި ގެނައި ބަދަލުގައި ވެމްކޯ މީހުން ކުނި ނަގަން ގޭތެރެއަކަށް ނުވަދެއެވެ. ހުރިހާ ކުންޏެއް ނެރެން މިޖެހެނީ މަގުމައްޗަށެެވެ. ބުރުބުރިއަށް ނުހަދައި ގެއެއް މާލޭގައި ވަރަށް މަދުވާނެއެވެ. ވީއިރު ދިހަ ބާރަ ބުރީގެ ގެއެއްގެ ހުރިހައި އެޕާޓްމަންޓަކުން މިގޮތަށް ކުނިތައް ނެރުމުން، މުޅި މަގު އޮންނަނީ ބޮޑު ކުނިގޮނޑަކަށްވެފައެވެ.

މެންދުރު ގަޑީގައި މާލޭގެ ކޮންމެ މަގަކުން ދިޔަސް ފެންނަނީ ފާރުބުޑުގައި ބޮޑެތި ކުނިފުނިތައް ޖަހައިފައި ހުންނަ ތަނެވެ. އެ ކުނިތަކުގެ ތެރޭގައި ހުންނަ ކުނިވާ ޒާތުގެ އެއްޗެހީގެ ސަބަބުން މުޅި ހިސާބު އޮންނަނީ މުޅިން ތަގައްޔަރުވެފައެވެ. އަދި ބުޅާވެސް އެ ކޮތަޅުތައް ފަޅައި، އޭގެން ކައިހަދަނީ މަދެއްކޮށެއް ނޫނެވެ. މިތަން ވެމްކޯ އަށާއި ސިޓީ ކައުންސިލާއި ޕަބްލިކް ހެލްތުގެ ބޭފުޅުންނަށް ނުފެންނާތީ އަޅުގަނޑު މި ހުންނަނީ ވަރަށް ހައިރާންވެފައެވެ.

ކޮވިޑް ފެތުރުން އެއްކޮށް ކޮންޓްރޯލްނުވި ނަމަވެސް މި މައްސަލައަށް އަވަސް ހައްލެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ. މިގޮތުން ޑަސްބިންތައް ބަލައި ވެމްކޯ މީހުން ގޭތެރެއަށް މިހާރު ނުވަންނަންވީ ސަބަބެއް ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ވެމްކޯ މީހުން އެއް އިރަކު ވެސް ސިޓީން ރޫމްތަރެއަކަށް ނުވަދެއެވެ. ވީއިރު ކުރިން އޮތް ގޮތަށް އުސޫލު ބަދަލުކޮށް، ވެމްކޯ މީހުން ގޭގެއަށް ވަދެ ޑަސްބިންތައް ގެންދާ ގޮތަށް ހެދުމަކީ ސިއްހީ އެހެން ބަލިމަޑުކަމެއް ފެތުރުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ. ނޫނީ މިގޮތުން ގޭތެރެެއިން ނެރޭ ކުނިބުނިތައް ފާރުބުޑުގައި ބެހެއްޓުމުގެ ބަދަލުގައި ކުނިއަޅަން ޑަސްބިންތަކެއް މަގުމަތީގައި ބެހެއްޓުމުގެ ނިޒާމެއް ނަމަވެސް އެބަ ހަމަޖައްސަންޖެހެއެވެ.

ކުނިގޮނޑަކަށް ވެފައިވާ މާލޭގެ ބައެއް މަގުތަކުގެ ފޮޓޯ، މަނިކުފާނު ބައްލަވައިލެއްވުމަށްޓަކައި، މި ސިޓީއާއެކު ފޮނުވައި، މި ކަމުގައި އަވަސް ހައްލެއް ގެނެސްދެއްވުން އެދި ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.