Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒާހިރަށް،

ފޮނުވީ: އަހުމަދު އަރީފު
ގުޅޭ: ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ނުހެދިގެން މި އުޅެނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުން

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ބަރަހަނާ ވެބްސައިޓްތަކާއި އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުންނަ ވެބްސައިޓްތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް އެފަދަ ވެބްސައިޓުތައް ބަންދުކުރުމަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނަށާއި ހިއްސާދާރުންނަށް ހުކުރު ހުތުބާގައި އިހަށްދުވަހު ވަނީ ގޮވާލައިފައެވެ.

ހުކުރު ހުތުބާގައި މި ވާހަކަ ގެނައީ ކީއްވެގެންބާވައޭ އަޅުގަނޑު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. މިހެން މި ދެންނެވީ ރާއްޖޭގައި، ހުތުބާގައި ކިޔަނީ ހުތުބާ ކިޔަން ހުންނަ ޚަތީބުގެ އަމިއްލަ އިބާރާތެއް ނޫނެވެ. އެއީ އަބަދުވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ލިޔާ އެއްޗެކެވެ. ކިޔަން ޖެހެނީ އޭގައި އޮންނަ އެއްޗެއް އަކުރުން އަކުރަށެވެ. ވީއިރު، ގައުމީ، އިޖުތިމާއީ ބޮޑު ވަބާއެއް ފަދަ މައްސަލައެއްގެ ވާހަކަ ހުކުރު ހުތުބާގައި ލިޔުނީ ކީއްވެގެންބާއޭ ހަމަ ހިތަށްއަރަނީއެވެ.

ގަބޫލްކުރަމެވެ. ހުތުބާގައި ހުންނާނީ ދީނީ، ގައުމީ، އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ ވާހަކައެވެ. އެކަމާ ގުޅޭ ނަސޭހަތާއި އިރުޝާދުތަކުގެ ވާހަކައެވެ. އެކަމަކާ އަޅުގަނޑު ދެކޮޅެއް ނަހަދަމެވެ. އަޅުގަނޑަށް މައްސަލައަކަށް ވެގެން މިއުޅެނީ، އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން މަނިކުފާނު ނަންގަވަންޖެހޭ ޒިންމާއެއް ނުނަންގަވައި، އާންމުނަށް ކަމުގެ ހަގީގަތް އޮޅޭ ކަހަލަ ގޮތަކަށް، މާ ދުރުދުރުން ހުތުބާގައި އެވަހާކަ ގެނައީމައެވެ.

އިސްލާމިކް މިނިސްޓްރީއަކީ ދިވެހިރާއްޖޭގައި އިސްލާމް ދީނާ ގުޅޭ ކުޑަޔަސް، ބޮޑަސް، ހުރިހައި ކަމެއްގެ ޒިންމާ އުފުލަންޖެހޭ، ސަރުކާރުގެ އެންމެ އިސް މުއައްސަސާއެވެ. އެ ހުރިހާ ކަމެއްގެ ޒިންމާއެއް ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން ހަވާލުކުރައްވާފައި މިވަގުތު އޮތީ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން މަނިކުފާނާއެވެ. އަނެއްކާ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތީ މާތްﷲ ގަންދީ ބޮޑު ހުވައެއް ވެސް ކުރައްވައިފައެވެ.

ބަރަހަނާ ވެބްސައިޓްތަކާއި އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުންނަ ވެބްސައިޓްތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް އެފަދަ ވެބްސައިޓުތައް ބަންދުކުރުމަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނަށާއި ހިއްސާދާރުންނަށް ހުކުރު ހުތުބާގައި މަނިކުފާނު ގޮވާލެއްވިއިރު، އެ ނިސްބަތް ވަނީ ކޮން ބަޔަކަށްތޯ މަނިކުފާނު ބައްލަވައިލެއްވިންތޯއެވެ؟ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަކީ ދިރާގާއި އުރީދޫ އާއި ރާއްޖެއޮންލައިން (އާރްއޯއެލް) އެވެ. އެކަމުގެ ހިއްސާދާރުން ކަމަށް ވާނީ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީ އާއި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓްކުރާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އެވެ. އެއީ ސަރުކާރުގެ ދެ މުވައްސަސާއެވެ. މި ކަމުގައި އާންމުނަށް ކުރެވޭނީ ކޮން ކަމެއްތޯއެވެ؟

ޝައްކެއް ނެތް ގޮތުގައި ބަރަހަނާ ވެބްސައިޓްތަކަށް ރާއްޖޭގައި ވަންނަ މީހުންގެ އަދަދު ގިނަވާ ވަރަކަށް އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ލިބޭ ފައިދާ ބޮޑުވާނެއެވެ. އަދި އޭގެން ދައުލަތަށް ވަންނަ ޓެކްސް ފައިސާގެ އަދަދު ވެސް މައްޗަށް ދާނެއެވެ. އަމުދުން، ލޮކްޑައުންވެގެން، ގިނައިރު ގޭގައި ތިބެންޖެހޭ ދުވަސްވަރެއްގައެވެ.

އަޅުގަނޑު މަނިކުފާނަށް ދަންނަވާލަން ބޭނުންވާ ސުވާލަކީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން މަނިކުފާނު އެއްވެސް ކަމެއް މިހާތަނަށް ކުރެއްވިންތޯއެވެ؟ ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓުތަކާ ބެހޭ ދިރާސާއެއް މަނިކުފާނުގެ އޮފީހުން ހެއްދެވިންތޯއެވެ؟ ނޫނީ އެފަދަ ދިރާސާއެއް ހެދުމަށް ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ ނޫނީ ކޭމްއާ މަނިކުފާނު ހަވާލުކުރެއްވިންތޯއެވެ؟ އެ ދިރާސާ ހެއްދެވި ނަމަ އޭގެ ނަތީޖާ ފެންނަނީ ވަރަށް ބިރުވެރިކޮށްތޯއެވެ؟ އެފަދަ ދިރާސާއަކާ ބެހޭ މައުލޫމާތު ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ނުވަތަ ކެބިނެޓާ ހަމައަށް މަނިކުފާނު ގެންދެވިންތޯއެވެ؟ ކެބިނެޓުގައި އެކަމާ މަޝްވަރާކުރިތޯއެވެ؟ ނިމުނީ ކޮންގޮތަކަށްތޯއެވެ؟ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ޒިންމާދާރު ވަޒީރެއްގެ ހައިސިއްޔަތުން މަނިކުފާނު ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާނީ މި ދެންނެވި ކަހަލަ ތަރުތީބަކުންނެވެ.

ރާއްޖޭގައި އުޅޭ މީހުން (ދިވެހިން އެކަންޏެއް ނޫން- ބިދޭސީންނާވެސް އެއްކޮށް) ބަރަހަނާ ވެބްސައިޓްތަކަށް ދެވިހިފައިވާ މިންވަރު ފެންނަ ދިރާސާއެއް ހެއްދެވުމުގެ ޚިޔާލެއް މަނިކުފާނުގެ ވިސްނުންފުޅުގައި ނެތް ކަމަށް ވަނީ ނަމަ، އަޅުގަނޑު މިއަދު ހަދައިފައިވާ ދިރާސާއެއް މަނިކުފާނުގެ މައުލޫމާތަށްޓަކައި މި ސިޓީއާއެކު ފޮނުވަމެވެ.

ވެބްސައިޓްތަކާ ބެހޭ ތަފާސްހިސާބު ދިނުމުގައި ދުނިޔެއަށް މަޝްހޫރު "ސިމިލަރވެބް" އިން ދައްކާ ގޮތުގައި ރާއްޖޭގައި ހަތަރު ވަނަ އަދި ފަސް ވަނަ އަށް އެންމެ ގިނަ މީހުން ވަންނަނީ ބަރަހަނާ ވެބްސައިޓްތަކަށެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަނީ ގޫގްލް އަށެވެ. ދެން ޔޫޓިއުބް އަދި ފޭސްބުކަށެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ 11 ވެބްސައިޓުގެ ތެރޭގައި ބަރަހަނާ ތިން ސައިޓު ހިމެނެއެވެ. މަނިކުފާނު ބޭނުންފުޅު ނަމަ، "ސިމިލަރވެބް" އިން އިތުރު މައުލޫމާތު ހޯއްދެވުން އެދެމެވެ.

ބަރަހަނާ ވެބްސައިޓްތަކުގެ ނަން އެހެރީ ސެންސަރުކޮށްފައެވެ.

ބަރަހަނާ ވެބްސައިޓްތަކާއި އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުންނަ ވެބްސައިޓްތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް އެފަދަ ވެބްސައިޓުތައް ބަންދުކުރުމަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނަށާއި ހިއްސާދާރުންނަށް ހުތުބާގައި މަނިކުފާނު ގޮވާލެއްވުމުގެ ބަދަލުގައި، ސަރުކާރުން ކަނޑައަޅާ އެންމެ ސިޔާސަތަކުން އެކަން ހުއްޓުވިދާނެ ކަމަށް މަނިކުފާނު ގަބޫލުނުކުރައްވަންތޯއެވެ؟ އެހެނީ ރާއްޖޭގައި އިންޓަނެޓް ދިނުމުގެ ސިޔާސަތު ކަނޑައަޅަނީ ސަރުކާރުންނެވެ. އެކަން ތަންފީޒުކުރަނީ ކޭމް އިންނެވެ. ކޭމް އިން އަންގާ ހުރިހާ އެންގުންތަކަކަށް، މުވާސަލާތީ ހިދުމަތް ރާއްޖެއަށް ދޭ ކުންފުނިތަކުން އަބަދުވެސް ތަބާވެއެވެ. ރާއްޖޭގައި އިންޓަނެޓް އަގުހެޔޮ ނުވެގެން މި އުޅެނީ ވެސް ސަރުކާރުން އަގުތައް ފައިނަލް ނުކޮށްގެނެވެ. އިންޓަނެޓް އަގުހެޔޮކުރަން ވެސް ސަރުކާރުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

ބައެއް ގައުމުތަކުން ހުންނަނީ ބައެއް ކަހަލަ ވެބްސައިޓްތަކަށާއި އެޕްލިކޭޝަންސްތަކަށް ނުވަދެވޭ ގޮތަށް ހަދައިފައިކަން މަނިކުފާނަށް އެނގިވަޑައިނުގަނޭތޯއެވެ؟ އެއީ އެގޮތަށް ސަރުކާރުގެ ސިޔާތެއް ކަނޑައަޅައިގެން ތަންފީޒުކުރަމުން އަންނަ ކަމެކެވެ. އިންޑިއާގައި ޓިކްޓޮކާއި ޕަބްޖީއަށް ވަނުން މަނާކުރި ވާހަކަ މަނިކުފާނު ނާއްސަވަންތޯއެވެ؟ އޭގެ އިތުރުން ވެސް ޗައިނާއިން ހަދައިފައިވާ 175 އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުމެއް ނުކުރެވެއެވެ. މީގެ އިތުރުން 3،500 އަށްވުރެ ގިނަ ބަރަހަނާ ވެބްސައިޓްތައް އިންޑިއާގައި ވަނީ ބްލޮކްކޮށްފައެވެ.

ގެރިއަށާއި ގެރިގުޔަށް އަޅުކަންކުރާ މީހުން އުޅޭ ގައުމެއްގައި ބަރަހަނާ ވެބްސައިޓުތައް ބަންދުކޮށްގެން އުޅޭއިރު ސައްތައިން ސައްތަ އިސްލާމީ މުޖުތަމައަކަށް މިކަން ނުވެގެން މިއުޅެނީ ކީއްވެގެންތޯ އެއީ މިއަދު ކުރެވޭ އެންމެ ބޮޑު ސުވާލެވެ.

މަތީގައިވާ އަޅުގަނޑުގެ ދިރާސާއަށް ބަލާއިރު، ބަރަހަނާ ވެބްސައިޓްތަކާއި އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުންނަ ވެބްސައިޓްތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް ނުހެދިގެން މި އުޅެނީ އެކަމުގައި މަނިކުފާނުގެ ވެސް އަދި ސަރުކާރުގެ ވެސް، އެކަން މަނާކުރުމުގެ ސިޔާސަތެއް ނެތުމުން ކަމަށް ގަބޫލްކުރަންޖެހެއެވެ. އެއީކީ ހުތުބާގައި އެ ވާހަކަ ދައްކައިގެން ހައްލުކުރެވެން އޮތް މައްސަލައެއް ނޫނެވެ. ހުރިހާ ބާރެއް އޮތީ ސަރުކާރުގެ އަތްމަތީގައި ކަމަށްވާތީއެވެ.

އާންމު ރައްޔިތުންނަށް ކުރެވިދާނެ ކަންކަމުގައި ހުތުބާގައި ނަސޭހަތާއި އިރުޝާދު ދެއްވިޔަސް، ސަރުކާރުތެރެއިން ކުރަން ހުރި ކަންކަން، ސަރުކާރު ތެރެއިން ކުރައްވާށެވެ. ރާއްޖޭގައި އިސްލާމީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް، މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރުމަށް ސަރުކާރު ތެރެއިން ސިޔާސަތުތައް ތަންފީޒުކުރަން ހުރަސްތަކެއް ހުރި ނަމަ، އެކަން ހާމަކަން ބޮޑު ގޮތެއްގައި ވިދާޅުވާށެވެ. ދެންވެސް އިސްލާހުގެ މަގެއް ނުފެނިއްޖެ ނަމަ، މަނިކުފާނު އިސްތިއުފާ ދެއްވާފައި ގެޔަށް ވަޑައިގަންނަވާށެވެ. މީހުންގެ ލޮލުގައި އަނދުން އަޅުވަން ހުތުބާގައި އެކަހަލަ ވާހަކަ ނުދެއްކެވުން އެދެމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.