Support Us

ތާރީހް:

ލިބެންވީ: ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް

ފޮނުވީ: މ.ޝ
ގުޅޭ: ޗާގޯސް މައްސަލައިގައި ދެބައިމީހުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމަކަށް ވަޑައިގަތުން

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި، ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އެޕްރީލްގައި ނިންމުމާ ގުޅިގެން، އެ ނިންމުމަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި މަނިކުފާނާއި އެހެނިހެން ވަޒީރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެން ނަމަވެސް، ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ގިނަ ވަކީލުންނާއި ރައްޔިތުންގެ މަޖިލިސްގެ އެމް.ޑީ.ޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ސީދާ އެއާ އިދިކޮޅަށެވެ. އެބައިމީހުން ބުނަނީ އެ ނިންމުމުގެ ސަބަބުން، ރާއްޖޭގެ އިގްސާދީ ސަރަހައްދުގެ 200 މޭލުން ބޮޑުބައެއް ގެއްލިފައިވާ ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުން ދައްކާ ވާހަކަތަކުގައިވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުރިހެން، ކެބިނެޓުގެ އެންމެހައި ވަޒީރުންނާއެކު މަނިކުފާނު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިން ހީވިއެވެ. އެހެން ނަމަވެސް، އެއާ ވިދިގެން، އަނެއް ފަޅިން ދެއްކި ވާހަކަތައް އިވުމުން، ސަރުކާރު ފަޅިން ދެއްކި ވާހަކަތަކާމެދު ސުވާލު އުފެދޭ ގޮތްވެއެވެ. ވާނުވާއެއް އާންމު ރައްޔިތުންނަކަށް ނޭނގެއެވެ.

އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، އަދި ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ހުންނަވައިގެން، ގައުމުގެ ސަރަހައްދުން އަކަ އިންޗިއެއްގެ މިންވަރު ވެސް މަނިކުފާނު ދޫކޮށެއް ނުލައްވާނެއެވެ. އެހެން ނަމަވެސް، ސަރުކާރު ފަޅި ނޫން ފަޅިން އެ ދައްކާ ވާހަކަތަކަށް ބަލާއިރު، އިޓްލޮސްގެ ނިންމުމުގެ ސަބަބުން އެތައް މޭލެއް ވަނީ ރާއްޖެއިން ގެއްލިފައެވެ. އެ ކަންކަމަށް މަގުފަހިވާން މެދުވެރި މައިގަނޑު އެއް ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަނީ މޮރިޝަސްގެ ބޮޑު ވަޒީރަށް، މާ ނުވަގުތަކު، މަނިކުފާނު ފޮނުއްވި ސިޓީފުޅެވެ. އެ ސިޓީފުޅު ދިވެހިންނަށް ސިއްރު ކުރެއްވި ނަމަވެސް، އިޓްލޮސްގެ ނިންމުމުގައި އެ ސިޓީފުޅުގެ މައްޗަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

މި މައްސަލައިގައި ޓީވީތަކާއި ނޫސްތަކުން އަޅުގަނޑުމެންނަށް މި ފެންނަނީ އެއް ފަހަރު މަނިކުފާނު، ނޫނީ ކޮންމެވެސް ވަޒީރެއް ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ވާހަކަ ދައްކަވާތަނެވެ. ދެން އަނެއްކާ މި ފެންނަނީ އަނެއްބައިމީހުން ނޫސްވެރިންނާ ބައްދަލުކުރާ ތަނެވެ. ހަގީގަތުގައި މީގައި ވާނުވާ ގޮތެއް، ނޫނީ ވެގެން އުޅޭ ގޮތެއް އާންމުންގެ ގިނަ މީހުންނަކަށް ކަށަވަރުކޮށެއް ނޭނގެއެވެ. ފަހަރަކު ފަރާތަކުން އަޑު އުވޭތީއެވެ.

ޗާގޯސް މައްސަލައަކީ މި ގައުމުގައި މިފަހަކަށް އައިސް އުފެދުނު އެންމެ ބޮޑު، އެންމެ ހައްސާސް މައްސަލަކަމުގައި މަނިކުފާނުވެސް މިހާރު ގަބޫލްކުރައްވާނެ ކަމަށް ދެކެމެވެ. ވީމާ، މި މައްސަލައިގައި މަނިކުފާނާއި ސަރުކާރުގެ އިހްލާސްތެރިކަން ދައްކަވަން ބޭނުންފުޅު ނަމަ، އިސްވެ ދެންނެވި ފުންނާބު އުސް ގާނޫނީ ވަކީލުންނާއެކު، ދައުލަތުގެ ބަންޑާރަ ނައިބާއި ސަރުކާރުގެ ލީގަލް ޓީމުން އެއް މޭޒެއްދޮށުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ޓީވީތަކުން ލައިވްކުރާ އިލްމީ ބަހުސަކަށް ފުރުސަތު ހުޅުއްވާލަދެއްވުން އެދެމެވެ. އަދި ސަރުކާރުން ސިއްރުކޮށްގެން އުޅުއްވާ މޮރިޝަސްގެ ބޮޑު ވަޒީރަށް މަނިކުފާނު ފޮނުއްވި ސިޓީފުޅު ވެސް އާންމުކުރެއްވުން އެދެމެވެ. އެ ސިޓީފުޅަކީ ވެސް އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބޮޑު ބައެއް އިތުރުވި ސިޓީފުޅަކަށް ވާނަމަ، އެ ސިޓީފުޅު ކޮންމެހެން ސިއްރުކުރެއްވުމުގެ ބޭނުމެއް ނެތެއްނޫންތޯއެވެ؟

މި ކަމުގައި އަޅުގަނޑު އިސްވެ މި ވާހަކަ މި ދެންނެވީ، ޗާގޯސް މައްސަލައިގައި ދިވެހިން ބޯގޯސްވާ ހިސާބަށް މިހާރު ކަންތައް ދިއުމުން، މި ކަމުގައި ވެގެން އުޅޭ ގޮތް އާންމު ރައްޔިތުންނަށް ވެސް އެނގޭނީ ދެ ފަރާތުން އެކުގައި އެއް މޭޒެއްދޮށުގައި ތިއްބަވައިގެން ވާހަކަ ދެއްކެވީމާ ކަމަށް އަޅުގަނޑަށް ގަބޫލްކުރެވޭތީއެވެ. އެ ބައްދަލުވުމުގައި ކުރެވޭ ބަހުސެއްގެ ނަތީޖާއަށް ބަލައި، ރާއްޖެއަށް އިތުރު ބައެއް ލިބުނީތޯ ނޫނީ ރާއްޖެއިން ބައެއް އުނިވެގެންދިޔައީތޯ ނިންމަން ރައްޔިތުންނަށް ފަސޭހަވާނެއެވެ.

އިއްޒަތްތެރި ރައީސްއެވެ. ޗާގޯސް މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް ވަރަށް ތަފްސީލުކޮށް ބަލަން ދިވެހި ހުރިހައި ރައްޔިތުން ވެސް މިއަދު ތިބީ އިންތިހާއަށް ބޭނުންވެފައެވެ. ސަބަބަކީ މަނިކުފާނާއެކު ދިވެހި ރައްޔިތުން ވެސް ކެއްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަނީ ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅަށް ކަމަށްވާތީއެވެ. އެ ވޯޓަށް ވަޑައިގަތުމުގެ ކުރިން، ޗާގޯސް މައްސަލައިގައި މަނިކުފާނާއި ދިވެހި ސަރުކާރުގެ މައުސޫމުކަން ދެއްކެވުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ވީމާ، އިޓްލޮސް އިން 28 އެޕްރީލްގައި ނިންމި ނިންމުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހިޔާޅުތަފާތުވުންތަކަށް ހައްލެއް ގެނެސް މަންޒަރު ސާފުކޮށްދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މަނިކުފާނަށް މިއަދު ކުރެއްވޭނެ އެންމެ ބޮޑު ކަމަކީ، ސަރުކާރުގެ ގާނޫނީ ވަކީލުންގެ ޓީމާއެކު އެއް މޭޒެއްދޮށުގައި ނޫސްވެރިންނާ ބައްދަލުކޮށްލަން އިސްވެ ދެންނެވި ފުންނާބު އުސް ދިވެހި ގާނޫނީ ވަކީލުންގެ ޓީމަށް ދައުވަތު ދެއްވުން ކަމުގައި އަޅުގަނޑަށް ފެންނާތީ އެ ވާހަކަ ދަންނަވާލުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ.

މި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވުން ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ފެންނަ ބޭފުޅުންގެ ލިސްޓެއްވެސް މަނިކުފާނަށް އަރިސްކޮށްލާނަމެވެ.

  1. ޑރ. މުހައްމަދު މުނައްވަރު، ގާނޫނީ ވަކީލް
  2. އޒއ. އާއިޝަތު އާޒިމާ ޝަކޫރު، ގާނޫނީ ވަކީލް
  3. ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް/ ރައްޔިތުންގެ މަޖިލިސްގެ ރައީސް
  4. އޒ. އަލީ ހުސެއިން، ގާނޫނީ ވަކީލް/ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު

 

މި ލިސްޓުގައި އަޅުގަނޑު މި ހިމެނީ މި ކަމުގައި އެންމެ އަޑުހަރުކޮށް ވަކާލާތު ކުރައްވާ ބައެއް ބޭފުޅުންނާއި، މި މައްސަލައާ ސީދާ ގޮތުން ގުޅުން ހުރި ބައެއް ބޭފުޅުންނެވެ. ސިޔާސީ ނަންތަކެއް ނަމަވެސް، އެއީ ސިޔާސީ ޓީމެއް ނޫން ކަމުގައި ގަބޫލްކުރެއްވުން އެދެމެވެ. އެ މައްސަލައިގައި ހެއްކާއި ގަރީނާ ދައްކަވަމުން އެންމެ އިލްމީ ގޮތުން ވާހަކަ ދެއްކެވޭނީ އެ ބޭފުޅުންނަށް ކަމުގައި އަޅުގަނޑަށް ގަބޫލްކުރެއެވެ.

ސަރުކާރުގެ ޓީމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަތުން ކޮންމެހެން ވެސް މުހިންމު ކަމުގައި ދަންނަވަމެވެ.

މި ނިއުސް ކޮންފަރެންސްގެ މޮޑަރޭޓަރަކަށް، ވަކި ފަރާތަކަށް ނުޖެހޭ މީހަކު އިންނަން މަނިކުފާނު ބޭނުންފުޅުނަމަ، އެ ކަމަށްވެސް އެކަށީގެންވާ ބޭފުޅެއްގެ ނަން އަޅުގަނޑު ހުށަހަޅާފާނަން ކަމުގައި ދަންނަވަމެވެ.

މި ސިޓީއަށް މަނިކުފާނުގެ ފަރާތްޕުޅުން ފުރިހަމަ އިޖާބައެއް އަވަސް ފުރުސަތެއްގެ ތެރޭގައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށާއި އަޅުގަނޑަށް އޮތް ވާހަކަ ދަންނަވާލަމުން މި ސިޓީ ކުރުކޮށްލަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.