...

Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރަށް،

ފޮނުވީ: މުހައްމަދު
ގުޅޭ: ސަލްމާން މިސްކިތާ ދޭތެރޭ މާ ބޮޑަށް ފަރުވާކުޑަކުރާ މައްސަލަ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މި ސިޓީ މި ލިޔަނީ ކިންގް ސަލްމާނު މިސްކިތާ ދޭތެރޭ މާ ބޮޑަށް ފަރުވާކުޑަކުރެވިފައިވާ މައްސަލަ މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށްޓަކައެވެ.

ދިހަ ހާހަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ބިނާކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތާ ދޭތެރޭ އެކަށީގެންވާ ސަމާލުކަމެއް މަނިކުފާނުގެ މިނިސްޓްރީ އަށް ނުދެވުމުގެ ސަބަބުން ވަރަށް ގިނަ ކަންކަން ވަނީ ބޮއްސުންލައިފައެވެ. މަނިކުފާނު އެ މިސްކިތަށް އަރާވަޑައިނުގަންނަވާތީ އެ ކަންކަމަކީ މަނިކުފާނަށް އެނގިވަޑައިގެންފައިނުވާ ކަންކަން ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ، މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި އެ މިސްކިތަށް ހަމަޖައްސަވައިފައިވާ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޮޑެތި އިމާމުންނާއި ތިޔަ މިނިސްޓްރީގެ އެހެނިހެން ވެރިންގެ ފަރާތުން ވެސް އެ ކަންކަން މަނިކުފާނާ ހަމައަށް ގެންގޮސްފައިވާނުވާތީ ކަމަށް ވެސް ވެދާނެއެވެ. އެއީ ރައީސް ޔާމީންގެ ޒައާމަތުގައި، ސައުދީ ރަސްގެފާނު ދެއްވި އެހީއެއްގެ ދަށުން ބިނާކުރި މިސްކިތެއް ކަމުގައި ވީ ނަމަވެސް، މަނިކުފާނަށް އެނގިވަޑައިގަންނަވާ ނަމަ އެފަދަ ކަންކަން އެގޮތަށް ދޫކޮށްލައްވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. މަނިކުފާނަކީ އެއަށްވުރެ މާ ހިންގުންތެރި ބޭފުޅެއް ކަމުގައި ހަމަ ގައިމުވެސް އަޅުގަނޑު ގަބޫލްކުރަމެވެ. މަނިކުފާނުގެ ނާގާބިލްކަމާ ދޭތެރޭ މީހުން ދައްކާހާ ވާހަކައެއް އަޅުގަނޑު އަޑެއް ނާހާނަމެވެ.

ސަލްމާނު މިސްކިތާ ގުޅިގެން އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންކަން ހިމަނައިގެން ލިޔެލާ މި ސިޓީއާއެކު، ކަމާ ގުޅުން ހުރި ބައެއް ފޮޓޯވެސް މަނިކުފާނަށް އަރިސްކޮށްލާނަމެވެ. މަނިކުފާނު ބައްލަވައިލެއްވުމަށް ފަސޭހައަކަށްޓަކައެވެ.

އަހަރެއް ވެގެންދިޔައިރު ވެސް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވުން

ކުރިން ދެންނެވި ފަދައިން ރައީސް ޔާމީންގެ ޒައާމަތުގައި ބިނާކުރި ނަމަވެސް، ސަލްމާން މިސްކިތުގައި ވަގުތީ ގޮތުން ނަމާދުކުރަން ފެށީ މިދިޔަ އަހަރުގެ މުލަ ރޯދަ ދުވަހުއެވެ. އޭގެ ފަހުން މިހާރު އަހަރަކަށްވުރެ ގިނަވީއެވެ. އަދިވެސް މިސްކިތުގެ ނަން ބޯޑު ކާހަލައި، މިސްކިތް ރަސްމީ ގޮތުން ހުޅުވޭ ގޮތެއް ނުވެއެވެ. މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ މިސްކިތް ހުޅުވުމަށް ސައުދީ އަރަބިއްޔާ އިން ވަޑައިގަންނަވާ ވަފުދަށް ވަޑައިނުގެންނެވިގެން، މިސްކިތް ރަސްމީކޮށް ހުޅުވުން ދިގުލަމުން ދަނީ ކަމަށެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ސައުދީގެ ވަފުދަށް ރާއްޖެ ވަޑައިނުގެންނެވިގެން އުޅެނީ ކީއްވެގެންތޯއެވެ؟ ކުރިން ހީކުރީ ކޮވިޑްގެ ކަންތައްގަނޑާ ހެދި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ވަބާގެ ސަބަބުން ބަންދުކޮށްފައިވާ ހުރިހާ ކަމެއް ވެސް މިހާރު މިވަނީ ހުޅުވިފައެވެ. ދަތުރުފަތުރުވެސް މި ވަނީ އިހުނާ އެއްވަރުވެފައެވެ. މައްކާގެ ދެ ހަރަމްފުޅުވެސް ބަންދުކުރުމަށްފަހު، ފަހުން ލިމިޓްކުރުމަށްފަހު، މިހާރު އެއްކޮށް ހުޅުވާލުމުން، އިހަށް ރޭ، ރަމްޟާން 27 ވިލޭރޭ، ވެސް ދޮޅު މިލިއަނަށްވުރެ ގިނަ މީހުން މައްކާގެ ހަރަމްފުޅުގައި ނަމާދުކުރިއެވެ. ވީއިރު ސައުދީ އަރަބިއްޔާ އަށް މިލިއަނުން މީހުން ގޮސް އައިސްވާއިރު ސައުދީގެ ވަފުދުގެ ދޮޅަހަކަށް ބޭފުޅުންނަށް އަދިވެސް ސަލްމާން މިސްކިތް ހުޅުވަން ރާއްޖެ ވަޑައިގެންނެވޭ ގޮތް ނުވުން އެއީ ބޮޑު އަރަތެއް ނޫންތޯއެވެ؟ އެ އެ ބޭފުޅުންނަށް ރާއްޖެ ވަޑައިގެންނެވެން ދަރިފުޅުނަމަ، ވަރޗުއަލްކޮށް (އޮންލައިންކޮށް) ރަސްމީޔާތެއް ބާއްވަވައިގެން ނަމަވެސް މިސްކިތް ހުޅުވިދާނެ ކަމަށް ފެނެއެވެ. މިހެން މި ދެންނެވީ މި ސަރުކާރުގެ ބޮޑެތި ބައެއް މަޝްރޫއުތައް ވެސް ވަރޗުއަލްކޮށް އިފުތިހާހުކޮށްފައިވާތީއެވެ. އޭގެން އެންމެ ބޮޑު މަޝްރޫއަކީ ތިލަމާލެ ބްރިޖު މަޝްރޫއެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ނުހުޅުވުން އެއީ އަޅުގަނޑުމެން، އެ މިސްކިތަށް ދާ މީހުންނަށް އެހާ މުހިންމު ކަމެއް ނޫނެވެ. އެކަމަކު އެ ތަނުގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބޭ ނަމަ އަޅުގަނޑުމެންގެ ޝަކުވާއެއް ނެތެވެ. ރައީސް ޔާމީން ބިނާކުރެއްވި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވެސް ރަސްމީކޮށް ނުހުޅުވި އެތައް އަހަރެއް ވެގެންދާ ނަމަވެސް، އެތަނުގެ ހިދުމަތްތައް އެ ދަނީ ދެމުންނެވެ. ނަން ބޯޑު ވެސް ހުރީ ކަހާލައިފައެވެ. އެހެންވެ ޝަކުވާއެއް ނެތެވެ.

ސަލްމާން މިސްކިތުގެ ނަން ބޯޑު ފޮރުވުމަށްޓަކައި ސަތަރި އަޅައިފައި… އަދިވެސް ފޮޓޯ:

ނަން ބޯޑުވެސް ފޮރުވާފައި

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވޭތީ އެ ތަނުގެ ނަން ބޯޑުގައި އަދިވެސް ހުރީ ސަތަރި އަޅައި ފޮރުވައިފައެވެ. މަތީގައި އެ ވަނީ މާ ކުރީގެ ފޮޓޯއެއް ނޫނެވެ. މިއަދު ހެނދުނު ނަގައިފައިވާ ފޮޓޯއެކެވެ. މިހެން ހުރުމުން ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާ ހަގީގީ ނަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަމުދުން ފޮޓޯއެއް ނަގާ ބިދޭސީއަކަށް ތަނެއް ދޮރެއް ނޭނގޭނެއެވެ. ފޮޓޯއަށް ވެސް ހުތުރެވެ.

ސަލްމާން މިސްކިތުގެ ބައެއް މުންނާރުތަކާއި ސަތަރި އަޅައި ފޮރުވާފައިވާ ނަން ބޯޑު… އަދިވެސް ފޮޓޯ:

މުންނާރުތަކުން ބަންގިއެއް ނުގޮވާ

ސަލްމާނު މިސްކިތުގެ ބިޔަ ބޮޑު ފަސް މުންނާރުން ބަންގިއެއް ވެސް ނުގޮވައެވެ. ސަލްމާން މިސްކިތު މުންނާރެއް ކައިރީގައި ހުންނަ މީހަކަށް، އެ ތަނާ ދުއިސައްތައެއްހާ ފޫޓު ދުރުގައި ހުންނަ ނޫރު މިސްކިތުން ގޮވާ ބަންގީގެ އަޑު މާ ގަދަޔަށް އިވޭނެއެވެ.

ސަލްމާން މިސްކިތާއި މުންނާރު (ކ) އަދި ސަލްމާނު މިސްކިތާ ދުއިސައްތައެއްހާ ފޫޓު ދުރުގައި ހުރި ނޫރު މިސްކިތް (ވ) އަދިވެސް ފޮޓޯ:

ސަލްމާނު މިސްކިތުގެ މުންނާރުން އެއް ދުވަސްކޮޅެއްގައި ބަންގީގެ އަޑު މަޑުން ނަމަވެސް އިވުނެވެ. އެކަމަކު މިހާރު ހަމަ އެއްގޮތަކަށް ވެސް ނީވެއެވެ. ހަލާކުވީ ނަމަ ހަދައިގެން ވެސް މުންނާރުން ބަންގީގެ އަޑު އިވެންޖެހޭނެ ކަމަށް ގަބޫލްކުރެވެއެވެ. ނޫން ނަމަ ބަންގިއާއި ނަމާދު ކުރާއިރު، މުންނާރުތަކަށް އަޑު ނުދެނީ ވެސް މިސްކިތް ރަސްމީކޮށް ނުހުޅުވާތީތޯއޭ ހިތަށް އަރައެވެ.

އޭސީގެ މާ ބޮޑު ފިނިކަމެއް ނެތި އުދާސްވެ ތިބެގެން ސަލްމާން މިސްކިތުގައި ރޭ ދަމުނަމާދު ކުރަނީ.. އަދިވެސް ފޮޓޯ:

އޭ.ސީގެ މައްސަލަ އަށް ހައްލެއް ނުލިބުނު

ސަލްމާން މިސްކިތަށް ނަމާދަށް ދާ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިސްކިތުގެ އޭ.ސީގެ މައްސަލައެވެ. ހުޅުވިތާ އަހަރެއް ނުވަނީސް އޭ.ސީ ސިސްޓަމް އެއްކޮށް ފޭލިވެ، އެއްވެސް ފިނިކަމެއް ނެތި، ގަދަ ހޫނާއި ހާސްކަމުގައި ތިބެގެން އެތައް މަހެއް ވަންދެން ނަމާދުކުރަންޖެހުނެވެ. ސަލްމާން މިސްކިތަކީ ފަންކާ ހަރުކޮށްފައި ހުންނަ ތަނަކަށް ނުވާތީ، ކުރީ ސަފުގައި، އެ ދުވަސްވަރު، ދެތިން ފަންކާ ބެހެއްޓިއެއް ކަމަކު މިސްކިތުގެ ބޮޑު ޖަމާއަތުގެ މީހުން ތިބެންޖެހެނީ އަވަނެއްގެ ތެރޭގައި ކަހަލަ ގޮތަކަށެވެ.

މި ފަހަކުން އޭ.ސީ މަރާމާތުކުރިއެއް ކަމަކު މިހާރުވެސް އެކަށީގެންވާ ވަރަކަށް ފިންޏެއް ނުވެއެވެ. އަދިވެސް އުޅެނީ ޓެސްޓިން މަރުހަލާގައެވެ. ޓެސްޓިން މަރުހަލާއަށް ކިތައް މަސް ނަގާނެތޯއެވެ؟ މި ރޯދަ މަހު ތަރާވީހަށާއި ދަމުނަމާދަށް ދާ މީހުން ވެސް ތިބެނީ ދާހިތްލާ ފޯވެފައެވެ. ކޮންމެ ރެއަކު ތަރާވީހަށާއި ދަމުނަމާދަށް ދާ މީހުން ވެސް ގަޑި ދެގަޑިއިރުވަންދެން ތިބެންޖެހެނީ ދާހިތްލާ ފޯވެގެންނެވެ. އަދި އަންހެންވެރިން ނަމާދުކުރާ ތަޅުމުގެ ހޫނުކަން މާ ގަދައެވެ. އެތަނުގައި އެއްގޮތަކަށް ވެސް އޭ.ސީ ޖައްސައިފައި ހުންނަހެނެއް ހިޔެއްނުވެއެވެ. އެހެންވެ ކޮންމެ ދެ ރަކުއަތަކަށްފަހު ކޮންމެވެސް އެހެން ދިމާލަކަށް ބައެއް އަންހެން ވެރިން ދުވެ ހަދައެވެ. ފިނިވާ ތަނެއް ފެނޭތޯއެވެ. ބޮޑު ހެދުން ލައި، ބުރުގާ ނޫނީ ދޮޅި އަޅައިގެން ތިބޭއިރު، ފިނިކަމެއް ނެތީމާ ކަނބަލުންނަށް ވާނެ ވަރު މަނިކުފާނުގެ ހިތްޕުޅަށް ނިކަން ގެންނަވަބައްލަވާށެވެ. އެންމެ ފަހުން ރޭގެ ތަރާވީހާއި ދަމު ނަމާދުގެ ހާލަކީ މިއީއެވެ.

މިއީ ހޫނު ގަދަ ދުވަސްވަރެއް ވީމާ ވާ ގޮތެއް ކަމަށް ގަބޫލްކުރެވޭނީ ވެސް ދުވާލު ގަޑީގައި އެކަނި ހޫނުވާ ނަމަ ނޫންތޯއެވެ؟ ދުވާލަކަސް، ރޭގަނޑަކަސް، މެންދަމަކަސް، ސަލްމާން މިސްކިތަކަށް ފިންޏެއް ނުވެއެވެ. އޭ.ސީ އަދިވެސް ރަނގަޅެއް ނޫނެވެ. ޓެސްޓިން މަރުހަލާ ނިމޭނީ ކޮން އިރަކުންތޯއެވެ؟

ސަލްމާން މިސްކިތުގެ އޭ.ސީ ރަނގަޅުނުކުރެވިގެން އުޅެނީ އެއީ ކޮން ތަނަކުން ހަދައިފައި ހުރި އޭ.ސީ ސިސްޓަމަކަށް ވެގެންތޯއެވެ؟ އަނެއްކާ މޮޅު އޭ.ސީ ސިސްޓަމެއް ބަހައްޓަން ބަޖެޓުކޮށްފައި، (އެ ލާރިއަށް ކޮންމެވެސް ގޮތެއް ހަދައިފައި) ކުރީ ސަރުކާރުން ބަހައްޓައިފައި ހުރީ ޗައިނާގެ ފޭކު އޭ.ސީ ސިސްޓަމެއްތޯއެވެ؟ އެކަން ވެސް ރަނގަޅަށް ބައްލަވަންވީނޫންތޯއެވެ؟ މޫދާ ކައިރީގައި އޭ.ސީ ސިސްޓަމް ހުރުމުން، އެހާ އަވަހަށް އެ ސިސްޓަމް ދަބަރަށްވެ، ހަލާކުވާންވީ ކީއްވެގެންތޯއެވެ؟ ނޫނީ ލޮނުގެ އަސަރު ނުކުރާނެ ގޮތަކަށް އޭ.ސީ ސިސްޓަމް ރައްކާތެރި ކުރެވޭނެ ވިސްނުމެއް، ޚިޔާލެއް ނެތީތޯއެވެ؟

މައިކް ސްޓޭންޑުގައި ހުރި މައިކް އަތުން ހިފައިގެން މިދިޔަ ހުކުރު ދުވަހު ހުކުރު ކުރުމަށްފަހު އިމާމު އިށީނދެލައިގެން… އަދިވެސް ފޮޓޯ:

މިސްކިތުގެ ސައުންޑް ސިސްޓަމްގެ މައްސަލަ

ސަލްމާން މިސްކިތުގެ ސައުންޑް ސިސްޓަމްގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. ދެއިރު އެއް އަޑެއް ނުހުރެއެވެ. އެތެރޭގެ އަޑު ވަރަށް ނަލަވެ ހިތްގައިމުވެފައި އެއް އިރެއްގައި ހުރެފައި، އަނެއް ދުވަހު ހުންނަނީ ދަޅު އަޑެކެވެ. ގަބޫލްކުރެވޭ ގޮތުގައި ސަލްމާން މިސްކިތުގެ ސައުންޑް ސިސްޓަމަކީ އެންމެ ޒަމާނީ ސައުންޑް ސިސްޓަމެކެވެ. ނަމަވެސް އެ ސިސްޓަމް ރަނގަޅަށް އޮޕަރޭޓްކުރަން ނޭނގުމުގެ ސަބަބުން، އެކަށީގެންވާ ރީތި އަޑެއް ނުހުންނަނީއެވެ. ކަންފަތަށް އަރާމެއް ލިބޭ ކަހަލަ ހިތްގައިމު ސައުންޑެއް ދާއިމީކޮށެއް ނުހުރެއެވެ. އެހެން އެ ވަނީ އަނެއްކާ އެއީ ވެސް ޗައިނާގެ ފޭކު ސައުންޑް ސިސްޓަމަކަށްވީމާތޯއޭ ދަންނަވާލުން އެއީ ކުށެއް ކަމުގައި ނުބެއްލެވުން އެދެމެވެ.

މައިކް އަތުން ހިފައިގެން ހުރެ މިދިޔަ ހުކުރު ދުވަހު ސަލްމާން މިސްކިތުގައި ހުތުބާ ކިޔަނީ… އަދިވެސް ފޮޓޯ:

ސައުންޑް ސިސްޓަމްގެ މައްސަލައިގެ ތެރެއަށް އިތުރުވާ އަނެއް މައްސަލައަކީ ނަމާދުކުރަން އިމާމާ ބޭނުންކުރާ ކޯޑްލެސް ހެޑްސެޓް މައިކުގެ މައްސަލައެވެ. ދޭތެރެއަކުން އޭގެ ވެސް އަޑު ކެނޑެއެވެ. މި ރޯދަ މަހުގެ ތެރޭގައި ވެސް އެ މައްސަލަ ޖެހެއެވެ. މައިކުން އަޑު ކެނޑުމުން، ބޮޑު ޖަމާއަތުގައި ތިބޭ މީހުންނަށް ވާނުވާއެއް ނޭނގެއެވެ. ނަމާދުކުރަން ޖެހެނީ އެހެން މީހުންނަށް ބަލައިގެންނެވެ. އެހެންވެސް ނުބެލޭނީ، މަތީ ބުރީގައި ތިބޭ އަންހެން ވެރީންނަށެވެ. އިމާމާގެ އަޑު ނީވި އެ މީހުން ނަމާދުކުރީ ކިހިނެއް ކަމެއް ނޭނގެއެވެ.

މައިކް އަތުން ހިފައިގެން ހުރެ މިދިޔަ ހުކުރު ދުވަހު ސަލްމާން މިސްކިތުގައި ހުތުބާ ކިޔަނީ… އަދިވެސް ފޮޓޯ:

މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އެންމެފަހުން މިދިޔަ ހުކުރު ދުވަހު ހުތުބާ ގަޑީގައި ވެސް ކޯޑުލެސް ހެޑްސެޓް މައިކް މަސައްކަތެއް ނުކުރިއެވެ. އެހެންވެ ހުތުބާ ކީވެސް ވާގަނޑު ލީ މައިކެއް އިމާމާ އަތުން ހިފަހައްޓައިގެން ހުރެއެވެ. އެވަރަކުން ނިމުނީކީ ނޫނެވެ. ނަމާދުކުރި އިރުވެސް އިމާމާ ހުރީ މައިކު އަތުން ހިފަހައްޓައިގެންނެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް އަޅުގަނޑުމެން ދުށްތަނެއް ނޫނެވެ.

މަތީގައި އެ ވަނީ މިދިޔަ ހުކުރު ދުވަހުގެ ތިން ފޮޓޯއެކެވެ. ހީވަނީ މިމްބަރުގައި ހުރެ ލަވައެއްކިޔަން އިމާމު އުޅޭހެން ދޮގެއްތޯއެވެ؟ (މާފު ކުރައްވައްޗެވެ. މިހެން ދެންނެވިޔަސް އެއްޗެއް ހީފުޅުނުކުރައްވައްޗެވެ.)

ސަލްމާން މިސްކިތުގެ ހުޅަނގު ދެކުނު ދޮރު ބަންދުކޮށްފައި… އަދިވެސް ފޮޓޯ:

ދޮރެއް ބަންދުކުރުމުން، ވަދެ ނުކުމެ އުޅުމަށް ދަތިތަކެއް

ސަލްމާން މިސްކިތުގެ އޭ.ސީ ސިސްޓަމް ރަނގަޅުކޮށްފައި ޓެސްޓު މަރުހަލާއަށް ހުޅުވި ފަހުން، މިސްކިތުގެ ދެކުނު ފަރާތުގެ އެއް ދޮރު ހުރީ ބަންދުކޮށްފައެވެ. އެހެންވެ ފިރިހެން ވެރިން މިސްކިތަށް ވަދެނުކުމެ އުޅުމަށް ވަނީ ވަރަށް ދަތިވެފައެވެ. އަމުދުން މި ރޯދަމަސް ނިމި މިދިޔައީ މިފަދަ ބޮޑު ދަތިކަމެއްގައެވެ.

މިސްކިތަށް މީހުން ވަންނަނީ ބައިބަޔަށް ކަމަށް ވިޔަސް، ނުކުންނަން ދިމާކުރަނީ އެންމެން އެއްފަހަރާއެވެ. މިކަން އެންމެ ބޮޑީ ތަރާވީހާއި ދަމު ނަމާދާއި ހުކުރު ނަމާދުގައެވެ. އެތައް ސަތޭކަ ބައެއް އެއް ފަހަރާ އެއް ދޮރަކަށް ދިމާކުރީމާ، ދެންވާ ގޮތް ތިރީގައި މިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީއެވެ. އެއީ ރޭ ދަމުނަމާދަށްފަހު މީހުން ފައިބާ ތަނެވެ. އަޅުގަނޑު ހިތަށް އަރަނީ މިސްކިތުގައި ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތެއްގައި އެންމެން އެއް ފަހަރާ ނުކުންނަން ދުއްވައިގެންފި ނަމަ ދެން ވާނީ ކިހިނެއްބާވައެވެ؟ (އެފަދަ ހާދިސާއެއް ނުހިނގާށިއެވެ. އާމީން!)

ސަލްމާން މިސްކިތުގެ ހުޅަނގު ދެކުނު ދޮރު ބަންދުކޮށްފައި ހުރުމުން އެންމެން އިރުމަތީ ދޮރު ކައިރީގައި… އަދިވެސް ފޮޓޯ:

އަދި ދަންނަވަންތޯއެވެ؟ އެ ދޮރުން އެންމެން ބޮނޑިވެގެން ނުކުމެ، ތިިރިޔަށް ދާންޖެހެނީ ބިރުވެރި ހޮހަޅައެއް ކަހަލަ އަނދިރި ސިޑިއަކުންނެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އެ ސިޑީގައި ވެސް ބޮކި ހަރުކޮށްފައި ހުންނާނެއެވެ. މިސްކިތުގެ އެހެން ހުރިހައި ބޮތްކެއް ދިއްލިފައި، އެ ސިޑީގެ ބޮކިިތައް އެކަނި އަބަދު ނިވިފައި ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިސްކިތުގެ އެހެން ބޮކިތައް ހުންނަނީ ހަރަކާތް ކުރީމާ އަމިއްލައަށް ދިއްލޭ ގޮތަށެވެ. މި ސިޑީގެ ބޮކިތަކަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.

ތިރީގައި މިވަނީ މި ދެންނެވި ސިޑިން ރޭ ދަމުނަމާދަށްފަހު މީހުން ފައިބާ ތަނެވެ. މިއީ އަބަދުގެވެސް ހާލަތެވެ.

ސަލްމާން މިސްކިތުގެ ހުޅަނގު ދެކުނު ސިޑިން މިސްކިތަށް ވަނުމަށް ކުރިން ބޭނުންކުރި ދޮރު، އޭ.ސީ މަރާމާތު ކުރި ފަހުން، މިހާރު ހުންނަނީ ތަޅުލައިފައެވެ. ދޮރުގައި ހުރީ ބޮޑު ލިޔުމެއް ވެސް ތަތްކޮށްފައެވެ. އެ ލިއުމުގައި ވަނީ މިހެންނެވެ. "މިސްކިތުގެ އޭ.ސީ ޓެސްޓިން މަރުހަލާ ކުރިއަށްދާތީވެ، މި ސިޑިން މިސްކިތަށް ވަދެވޭ ދޮރު ބަންދުކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ."

ސަލްމާން މިސްކިތުގެ ހުޅަނގު ދެކުނު ދޮރު ބަންދުކުރުމަށްފަހު ޖަހައިފައިވާ އިއުލާން… އަދިވެސް ފޮޓޯ:

އަނެއްކާ ވެސް އަޅުގަނޑުގެ ސުވާލަކީ މިއީއެވެ. އޭ.ސީތަކުގެ ޓެސްޓިން މަރުހަލާ ނިމޭނީ ކޮން އިރަކުންތޯއެވެ؟

އަޅުގަނޑު ހިތަށް އަރަނީ އެ ދޮރު ހުޅުވާލައިގެން އޭ.ސީ ސިސްޓަމަށް ބުރޫ އަރާނީ އެއީ ހާދަ ފެންވަރު ދަށް ސިސްޓަމަކަށް ވާތީތާއެވެ!

ނަމާދު ވަގުތު އަންގައިދޭ ބޯޑެއް ނެތުން

ރާއްޖޭގެ ހުރިހައި މިސްކިތެއްގައި ވެސް ނަމާދު ވަގުތު އަންގައިދޭ ޑިޖިޓަލް ބޯޑެއް ހުރެއެވެ. އޭގައި، ބަންގި ދޭ ވަގުތާއި ގަމަތް ދޭ ވަގުތު އޮންނާތީ ވަރަށް ފަސޭހަވެއެވެ. ނަމަވެސް ސަލްމާން މިސްކިތަކު އޭގެ ބޯޑެއް ނެތެވެ. އެހެންކަމުން ބަންގި ގޮވާ ފަހުން މިސްކިތަށް އަރާ މީހާ، ސުންނަތް ކޮށްލާނެ ވަގުތު އޮތް ކަމެއް ވެސް ނޭނގެއެވެ. ހަރަމް ބަންނަ ތަނުން ގަމަތް ދީފާނެއެވެ. އަނެއްކާ ސަލްމާން މިސްކިތަކީ ބަންގި ގޮވުމަށްފަހު މުދިމު ގެއްލޭ ތަނެކެވެ. އޭނާ ދެން ފެންނާނީ ގަމަތް ދޭންވީމަ އެވެ. ސަލްމާން މިސްކިތަށް ހޯދި އޭގެ ވަގުތު ބޯޑަށް ވެސް ކުރީ ސަރުކާރުން އިހުމާލުވީތޯ ދަންނަވާލާހިތްވެއެވެ.

ސަލްމާން މިސްކިތުގެ ދަރަޖަ

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތާއި ތަފާސްހިސާބުތަކުން ކަށަވަރުވާ ގޮތުގައި ސަލްމާނު މިސްކިތުގައި ނުވަ ހާހަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވެއެވެ. އެހެންކަމުން މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު މިސްކިތެވެ. ޒަމާނީ ފެންވަރުގެ ވަސީލަތްތައް ވެސް އެންމެ ގިނަ އަދި ތަނަވަސް މިސްކިތެވެ. ސަލްމާނު މިސްކިތް ބިނާކުރުމުން، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ރެކޯޑު އޮތް، އިސްލާމީ މަރުކަޒު ވަނީ ދެވަނަ އަށް ވެއްޓިފައެވެ. ރައީސް މައުމޫނުގެ ޒައާމަތުގައި 1984 ގައި ބިނާކުރި އިސްލާމީ މަރުކަޒުގައި އެއްފަހަރާ ނަމާދުކުރެވެނީ ފަސް ހާސް މީހުންނަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އެންމެ އިސް މިސްކިތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން އަދިވެސް ބަލަނީ އިސްލާމީ މަރުކަޒެވެ. މަތީގައި އެވާ އިއުލާނުން ވެސް އެކަން އެނގެއެވެ. އެއީ ކީއްވެގެންތޯއެވެ؟ މި ސުވާލު މި ދެންނެވީ މާލޭގެ އެންމެ އިސް މިސްކިތެއްގެ ގޮތުގައި އެންމެ ފުރަތަމައިނުއްސުރެ ބަލަމުން އައީ ހުކުރު މިސްކިތެވެ. އެއީ މީގެ 375 އަހަރު ކުރިން، 1648 ވަނަ އަހަރު އިބްރާހިމް އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ތާރީހީ އެއް މިސްކިތެވެ. ނަމަވެސް 1984 ގައި އިސްލާމީ މަރުކަޒު ބިނާކުރުމުން، ރާއްޖޭގެ އެންމެ އިސް މިސްކިތަކަށް ބަދަލުވީ އިސްލާމީ މަރުކަޒެވެ.

ރާއްޖޭގެ އެންމެ އިސް މިސްކިތުގެ ގޮތުގައި ބިޔަބޮޑު ސަލްމާން މިސްކިތް ބަލައިގަންނަން މި ސަރުކާރަށް ނުކެރިގެން އުޅެނީ ރައީސް ޔާމީން ބިނާކުރެއްވި މިސްކިތަކަށްވާތީއޭ ކިޔައިގެން މީހުން ދައްކާ ވާހަކަތައް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުރިހާ ރޯދަ މަހެއްގައި، އާދަވެގެން ކޮންމެ ރެއެއްގެ ތަރާވީހަށް ހުކުރު މިސްކިތަށް އަދި ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަށް ވަޑައިގެންނެވި ނަމަވެސް، އަދި މިހާތަނަށް ސަލްމާން މިސްކިތަށް އަރާވަޑައިނުގަންނަވަނީ ލަދުފުޅުންނޭ ކިޔައިގެން މީހުން ދައްކާ ވާހަކަތައް ވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ. ސަބަބަކީ އެ މަނިކުފާނަކީ އެއަށްވުރެ މާ ދީނީ، މާ ހިތްތިރި، ކެއްތެރި ބޭފުޅަކަށްވާތީއެވެ. އެކަން މުޅި ގައުމު ވެސް މިއަދު ގަބޫލްކުރެއެވެ. ރައީސް ސޯލިހުގެ ޒައާމަތުގައި ހުޅުވި މިސްކިތްތަކުގެ އަދަދަށް އެކަނި ބަލައިލި ނަމަވެސް އެކަން އެނގޭނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިސްލާމް ދީން ފެތުރުއްވުމަށް އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން މަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅުވެސް އެންމެންހެން ދެކެ، ފެނި، ގަބޫލްކުރެއެވެ.

އަޅުގަނޑު ގަބޫލްކުރާ ގޮތުގައި، ސަލްމާން މިސްކިތުގައި ހުރި، އިސްވެ ދެންނެވި ކުދިކުދި މައްސަލަތައް ވެސް މަނިކުފާނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގެންފައި އޮތް ނަމަ، އެކަން މިހާރު އޮންނާނީ ރަނގަޅުކުރައްވައިފައެވެ. އެހެނީ ރައީސް ސޯލިހަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވައި ތަރައްގީ ކުރައްވަމުން ގެންދާ ވިޝަނަރީ ލީޑަރެކެވެ. ވީއިރު، ކުޑަ މިސްކިތެއް ބޮޑު މިސްކިތެއް، ކުރީ ސަރުކާރުގެ މިސްކިތެއް، މި ސަރުކާރުގެ މިސްކިތެއް ނުބައްލަވައި، ހަމަހަމަ އުސޫލުން ކަންކަން ތަރައްގީ ކުރައްވާނެކަން ކަށަވަރެވެ.

އަޅުގަނޑުގެ މި ސިޓީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް ވެސް މި ކޮޕީކޮށްލަނީ، މިއީ އެ މަނިކުފާނަށް ވެސް އެނގިވަޑައިނުގަނެ ހުރި މައްސަލަތަކެއް ކަމަށް ގަބޫލްކުރެވޭތީ އާއި ސަލްމާނު މިސްކިތާ ދޭތެރޭ މި ސަރުކާރުން ފަރުވާ ކުޑަކޮށް، އިހުމާލެއް ވުމަކީ އެ މަނިކުފާނު އެއްގޮތަކަށް ވެސް ބޭނުންފުޅުވާނެ ކަމަކަށް ނުވާނެކަން އަޅުގަނޑަށް ރަނގަޅަށް އެނގޭތީ އެ މަނިކުފާނުގެ މައުލޫމާތަށްޓަކައެވެ. އަދި މި ކަމުގައި އަވަސް ހައްލެއް އެދި ދެންނެވުމުގެ މާތް ނިޔަތުގައެވެ. އެކަމާ މަނިކުފާނު އަޅުގަނޑާ ދޭތެރޭ ބަރު ހިތެއް ނުބޭއްވެވުން އެދެމެވެ.

ވީމާ، ސަލްމާނު މިސްކިތާ ގުޅޭ އިސްވެ ދެންނެވި ކަންކަން ރަނގަޅަށް ބައްލަވައި، އެދެވޭ އަވަސް ހައްލެއް ގެނެސްދެއްވުން އެދެމެވެ.

ނިންމާލުމުގެ ކުރިން ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އަށާއި މަނިކުފާނަށާއި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރިސްކުރަމެވެ. އީދު މުބާރިކް!

ކޮޕީ: ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް

 

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.