Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް،

ފޮނުވީ: އަލީ ކުޑޭ
ގުޅޭ: ހަމައެކަނި މަޣުރިބު ނަމާދު ވަގުތަށް ސިޓީ ކައުންސިލުން މިހާ ސަމާލުކަމެއް ދޭ މައްސަލަ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ސަލްމާން މިސްކިތާ ހަމައިން ފެށިގެން، ލޮނުޒިޔަރާތް ޕާކާ ހަމައަށް ޖަހައިފައި ހުރި ޗައިނާ ހޮޅިދަނޑިތަކުގެ ކުލަވަރު ކިތަންމެހާ ވެސް ރީއްޗެވެ. ޕީ.ޕީ.އެމާއި ޕީ.އެން.ސީ އަށް ނިސްބަތްވާ ނުލާއި ފިޔާތޮށި ކުލައިން އެ 10 ދަނޑި ދިއްލިލައިފައި ހުންނައިރު ކިތަންމެހާ ވެސް ނަލައެވެ. ފަރިއެވެ. ނަމަވެސް އަޅުގަނޑަށް ކަމުނުގޮސްގެން މި އުޅެނީ ހޮޅިދަނޑީގެ ސްކްރީނަށް އަބަދުމެ މަޣުރިބު ނަމާދު ވަގުތު ބޮޑުކޮށް އަރައިފައި ހުންނާތީއެވެ.

އެ ސްކްރީން ފެނިފައި ފުރަތަމަ އަޅުގަނޑު ހީކުރީ ގަޑި ހަމަނުވެ ހުރީ ކަމަށެވެ. ޗައިނާއިން ދިން ހަދިޔާއެއް ކަމަށްވާތީ، ކިތަންމެ އަވަހަކަށް ވެސް އެބައި ހަލާކުވެދާނެތީއެވެ. ނަމަވެސް ރަނގަޅަށް ބަލައިލުމުން އެނގުނީ އެއަށް އަބަދުވެސް އަރުވާފައި ހުންނަނީ މަޣުރިބު ނަމާދު ވަގުތު ކަމެވެ.

މި ސިޓީއާއެކު މަނިކުފާނަށް މި ފޮނުވާ ފޮޓޯތަކަކީ ރޭގެ ދަމުނަމާދަށްފަހު ދަމުން އަޅުގަނޑު ނަގައިފައިވާ ފޮޓޯތަކެކެވެ. މީގައި ވެސް ދައްކަނީ މިއަދު މަޣުރިބު ނަމާދު ވަގުތު ވާނީ 6:14 ގައި ކަމަށެވެ. އެކަމަކު އޭރު ފަތިސް ނަމާދަކަށް ވެސް ނުގޮވައެވެ. މެންދުރާއި އަސުރު ވެސް އޮތީއެވެ. އަޅުގަނޑުގެ ސުވާލަކީ އެ ހުރިހާ ނަމާދެއް ދޫކޮށްފައި، މަޣުރިބު ނަމާދު ވަގުތަށް މިހާ ސަމާލުކަމެއް ސިޓީ ކައުންސިލުން ދެނީ ކީއްވެތޯއެވެ؟ ދުވާލު ހަތަރުދަމު ކުރަން އޮންނަ ހަމައެކަނި ނަމާދަކީ އެއީ ތޯއެވެ؟ ނޫނީ މިއީ ރޯދަ މަސް ކަމަށް ވާތީ، އެންމެން ތިބެނީ މަޣުރިބު ނަމާދު ވަގުތު ނޭނގިގެން ރޯދަ ނުވީއްލިފައިތޯއެވެ؟ ނޫނީ، ބަންގި ނުގޮވައިގެން އެ ވަގުތަކަށް ކެތްމަދުވެފައިތޯއެވެ؟

އަޅުގަނޑަށް ފެންނަ ގޮތުގައި ތިޔަ ހޮޅިދަނޑިތަކުގައި ވަކި ނަމާދު ވަގުތެއް ޖެހުމުގެ ބަދަލުގައި، ޖެހިގެން އެންމެ އަވަހަށް އަންނަ ނަމާދު ވަގުތެއް ފެންނަން އޮތުން މާ ރަނގަޅެވެ. ނޫނީ ގަޑި ހިނގަމުންދާ ގޮތް އެރުވުން ވެސް މާ މުހިންމެވެ.

ވީމާ، ޗައިނާ ސަރުކާރާ ވާހަކަ ދައްކަވައިގެން ނަމަވެސް، މި ކަމަށް ހައްލެއް ގެނެސްދެއްވުން އެދެމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.