Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމަށް

ފޮނުވީ: ތޮލާލް މުހައްމަދު
ފޮނުވީ: އަހަރެން
ގުޅޭ: ތިލަމާލެ ބުރިޖް ސާމާނު ޓީޖީ ސަރަހައްދުގައި ބެހެއްޓުމުގެ ވިސްނުން ގެންގުޅުމުގެ މައްސަލަ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މާލޭ ޓީ.ޖެޓީ ސަރަހައްދަކީ ވިޔަފާރީގެ ވަރަށް ކާރޫބާރޫ ބޮޑު ސަރަހައްދެއްކަން އެންމެން ވެސް ގަބޫލްކުރެއެވެ. މި ސިޓީއާއެކު މި ފޮނުވާ ފޮޓޯތަކުން ވެސް އެކަން މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެ ސަރަހައްދުގައި ހިނގަމުންދާ މުހިއްމު ކަންކަމުގެ ތެރޭގައި، ޢިމާރާތް ކުރުމަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ގެންދާ ސިމެންތިއާއި ޓިނާއި ދަގަނޑާއި ލަކުޑީގެ ބާވަތްތައް ބަރުކުރުމާއި ރައްޔިތުންގެ ކެއިންބުއިމަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ފެނާއި އެނޫންވެސް ތަކެތި ބޭލުމާއި އެރުވުން ހިމެނެއެވެ. މިތަކެތި ދޯނިފަހަރަށް ބަރުކުރަމުން ގެންދަނީ އެ ސަރަހައްދަށް ޖަމާކުރުމަށްފަހުގައެވެ. މީގެ އިތުރުން ރިސޯޓްތަކަށް ގެންނަ މެޝިންތަކާއި އިންޖީނުތަކާއި ވެހިކަލް ފަދަ ތަކެތި ދޯނިފަހަރަށް އަރުވާ ހަދަނީވެސް ޓީޖެޓީ ސަރަހައްދުންނެވެ. ބައެއް ފަހަރު ޓީޖެޓީގެ ވަކި ސަރަހައްދަކުން ދޯނިފަހަރަށާއި ލޯންޗުފަހަރަށް ތެޔޮ އެޅުން ފަދަ ކަންތައްތައްވެސް ކުރަމުން ގެންދެއެވެ. އެހެންކަމުން މި ހުރިހާ ކަންކަމަކީ، ޓީ.ޖެޓީ ސަރަހައްދުގެ މުހިއްމުކަން އެނގިގެންދާ ކަންކަމެވެ. ނަމަވެސް މި މަސައްކަތްތަކަށް އެންމެ އެކަށީގެންވާ މާހައުލެއް ޓީ.ޖެޓީއަކު ނެތެވެ.

ޓީޖެޓީ ސަރަހައްދު ވަށައިގެން ކެފޭތައް އެކަނި ބެހެއްޓުމަކުން ނުފުދެއެވެ. ޓީޖެޓީ މިހާރަށްވުރެ ބޮޑަށް ތަރައްޤީކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލްކުރެވެއެވެ. ދޯނިފަހަރުގެ އިންޖީނަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި ޔަންމާ ކުންފުނީގެ ތަކެތި ގަންނަން ލިބޭގޮތަށް އެމް.ޓީސީސީގެ ފިހާރައެއް ހުރުން ވަރަށްވެސް މުހިއްމެވެ.

އިއްޒަތްތެރި މިނިސްޓަރެވެ. މިހާރު އަޑުއިވޭ ގޮތުން ވިއްޔާ ތިލަމާލެ ބުރިޖް އަޅަން ގެންނަ ތަކެތި ޓީޖެޓީ ސަރަހައްދުގައި ބަހައްޓަން ތިޔަ މިނިސްޓްރީން އުޅެނީ ބޭނުންވެގެންނެވެ. މިއީ ކިހިނެއްވާ ކަމެއްތޯއެވެ؟ އެހެނީ ޓީޖެޓީ ސަރަހައްދަކީ މާލޭގައި އޮތް މިބާވަތުގެ މުދާ ޖަމާކުރާ ހަމައެކަނި ބަނދަރަށް ވީއިރު މިފަދަ މުހިއްމު ސަރަހައްދެއް ބަންދުކޮށް ބުރިޖު އަޅާ ތަކެތި ބަހައްޓަން އެ ސަރަހައްދު ދީފިނަމަ، އެކަމުގެ ދަތި އުނދަގޫ ވަރަށް ގިނަ ބަޔަކަށް ކުރާނެއެވެ. އޭގެ ހިތްހަމަނުޖެހުން ރައްދުވާނީ ހަމަ ސަރުކާރަށެވެ. މިފަދަ ދެއުޅި އެއްނުވާ ކަންކުރަން މިއޮއް ފަދަ ޒަމާނުގައި ކުރަން ހެޔޮވާނެތޯއެވެ؟ ޓީޖެޓީ ސަރަހައްދުގައި ބުރިޖްގެ ތަކެތި ބަހައްޓަން ނިންމައިފިނަމަ، ސަރުކާރަށް ރައްޔިތުންގެ ފާޑުކިޔުންތައް މަތިމައްޗަށް އޮހެމުންދާނެއެވެ. މަނިކުފާނުގެ މިނިސްޓްރީގައި ތިއްބަވާ ބޭފުޅުންގެ ވިސްނުން މިނިސްޓްރީގެ ތަޅުމުން ފެށިގެން ސީލިންގާ ދެމެދު ބަހައްޓަން ހެޔޮވާނެތޯއެވެ؟ އެއަށްވުރެ މާ ފުޅާކޮށް، ރައްޔިތުންގެ މުހްތާދުތަކަށް ޖާގަދީ، ހެޔޮ ނިޔަތުގައި ކަންކަން ކުރުމުގެ ވިސްނުން ގެންގުޅުން ބުއްދިވެރި ކަމުގައި އަޅުގަނޑު ދެކެމެވެ.

ތިލަމާލެ ބުރިޖް އަޅަން ގެންނަ ތަކެއްޗަކީވެސް މުހިއްމު ތަކެއްޗެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖް އެއްކޮށް ކަހަލަ ގޮތަކަށް މިހާރު ވެސް އެ ވަނީ ބްރިޖުގެ ކަންކަމަށް ނަގައިފައެވެ. ނިމޭނެ ދުވަހެއް، ކޮޅެއް މެދެއް ނޭނގޭ މިފަދަ ބޮޑު ޕްރޮޖެކްޓަކަށް ބޭނުންވާ ތަކެތި ބެހެއްޓުން އެންމެ ރަނގަޅުވާނީ ތިލަފުށި، ގުޅީފަޅު ފަދަ ރައްޔިތުންގެ ޢާންމު ދިރިއުޅުމާ ގުޅުން ނެތް ތަންތަން ނޫންތޯއެވެ. އެއްގޮތަކަށްވެސް އެތަކެތި ޓީޖީ ސަރަހައްދުގައި ބަހައްޓަން ވިސްނުން ގެންގުޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. 

އަޅުގަނޑު ގަބޫލުކުރަނީ، ޓީ.ޖެޓީ ސަރަހައްދު ބަންދުވެގެން ހިނގައްޖެނަމަ، ރައްޔިތުންގެ އެތައް ބަޔަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެކަން ސަރުކާރަށް މާރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެކަމާ މެދު މަނިކުފާނު ފުންކޮށް ވިސްނަވާނެ ކަމަށެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.