...

Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް،

ފޮނުވީ: އަލީ އަހުމަދު
ގުޅޭ: މާލޭގެ މަގުތައް ބަންދުކުރުން ނިމުމަކަށް ގެނެސްދެއްވުން އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މާލޭގައި އެންމެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީމަގު ބަންދުކޮށްގެން އެވިޑް ކޮލެޖުން ކޮންމެވެސް ސަކަރާތެއް މިއަދު ހެނދުނު ވަނީ ޖަހައިފައެވެ. މި ސަރަކާތެއް ޖަހައިފައި ވަނީ ސިޓީ ކައުންސިލުންނާއި ފުލުހުން އެކަމަށް ފުރިހަމައަށް ވާގިވެރިވެގެންނެވެ. މުޅި ހިސާބު ބަންދުކޮށްގެން ފޯރިއަށް ތިބީ ފުލުހުންނެވެ. މަގުމަތީގައި ރަތްދޫލަ އަޅައިގެން އެވިޑް ކޮލެޖުގެ އެންމެން ތިބީ ހެވިފައެވެ.

އެކިއެކި ކަންކަމުގައި މަގުތައް ބަންދުކުރުމަކީ މިހާރު ވަރަށް އާންމު ކަމަކަށް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން، ކަންކުރާ ބަޔަކަށް ކިތަންމެ ފަސޭހަވިޔަސް، ދަތުރުފަތުރުކުރާ އެންމެނަށް ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ.

މާލޭގައި ވަންވޭތައް ގިނަވުމާއި، އަދި އެ ވަންވޭތަކުގައި ގޮތެއްފޮތެއް ނެތި ސައިކަލްތައް ޕާކުކުރުމާއި މުދާ ބާލައި އަރުވާ ޕިކަޕުތަކާއި ފެނާއި ގޭސް ހިފައިގެން ދުއްވާ ޕިކަޕްތަކާއި ކުނި ނަގަން މުޅި މާލޭގައި ދުއްވާ ބޮޑެތި ލޯރިތަކުގެ ސަބަބުން ހަނި މަގުތައް އަބަދުމެ އޮންނަނީ ތޮއްޖެހިފައެވެ. އެހެންވެ ގިނަ ވެހިކަލްތައް ދުއްވަނީ ބޮޑެތި މަގުތަކުންނެވެ. ބޮޑެތި މަގުތަކުގައި މިނީބަސް ދުއްވަން ފެށުމުން އެ މަގުތައްވެސް ތޮއްޖެހި، ދުވެލި ވަނީ މަޑުވެފައެވެ. އަނެއްކާ ބައެއް މަގުތައް އޮންނަނީ ކޮންކްރީޓް ޝީޓް އެޅުމަށްޓަކައި ބަންދުކޮށްފައެވެ. ނޫނީ ޖަންކްޝަނެއް ސާފުކުރުމަށްޓަކައި ބަންދުކޮށްފައެވެ. މި ހުރިހައި ކަމެއް މިހެން އޮއްވާ ކޮންމެވެސް ސްކޫލެއް ނޫނީ ކޮލެޖެއްގެ ފަންކްޝަނަކަށް އެ މަގުތައް ބަންދުކުރުމުން އެއްވެސް ބޭނުމެއްގައި ވެހިކަލެއް ދުއްވޭނެ ގޮތެއް ނޯވެއެވެ.

އަމީނީ މަގު ބަންދުކޮށްފައި

އިންތިހާބެއް ކައިރިވެއްޖެއްޔާ ޖަގަހަ ހުޅުވުމާއި ބޮނޑިބަތް ކެއުމަށްވެސް މަގުތަކާއި ގޯޅިތައް ބަންދުކުރުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. މި ކަންކަމުން ހުރިހާވެސް ތަކުލީފެއް އުފުލަން މިޖެހެނީ އާންމު ރައްޔިތުންނެވެ. އެކަމަކު ފުލުހުންނާއި ދައުލަތުގެ އެހެން ހުރިހައި މުއައްސަސާތަކަކީ ވެސް ރައްޔިތުން ހިމާޔަތްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް، ރައްޔިތުންގެ ފައިސާއިން މުސާރަ ދީގެން ގެންގުޅޭ ބައެކެވެ. 

މަގުތައް ބަންދުކުރަން ހުއްދަ ދެނީ ސިޓީ ކައުންސިލުންނެވެ. ކޯނު ޖަހައި، ފޯރި މަރައި، އެކަން ތަންފީޒުކުރަނީ ފުލުހުންނެވެ.

އެވިޑް ކޮލެޖުން ސަރަކާތެއް ޖަހަން މިއަދު އަމީނީމަގު ބަންދުކުރުމުން، އާންމު ބަސްދަތުރުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ. އަމީނީ މަގުން ނުދުއްވޭތީ ބަސްތައް ގޮސް ވަންނަންޖެހެނީ ހަނިހަނި ގޯޅިތަކަށެވެ. އެއާއެކު އެ ގޯޅިތައް ވެސް އޮންނަނީ ތޮއްޖެހިފައެވެ.

އަމީނީ މަގު ބަންދުކޮށްގެން ފުލުހުން ފޯރި މަރަނީ

އިއްޒަތްތެރި މޭޔަރ އެވެ. މާލޭގެ މަގުތައް ބަންދުކުރުމަކީ އެހާ ފަސޭހައިން ކޮށްލެވޭ ކަމަކަށް ހަދައިފައި އޮތުމަކީ އެކަމުގެ ސަބަބުން އާންމުނަށް ވަރަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވާ ކަމެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މަނިކުފާނަށާއި ސިޓީ ކައުންސިލަށެވެ. ވީއިރު، މިގޮތަށް މަގު ބަންދުކޮށްގެން ސަކަރާތް ޖަހަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެންވާނެ ކަމަކަށް ނިކަމެތި އަޅުގަނޑެއް ނުދެކެމެވެ.

ވީމާ، މި ކަމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލެއް ރާއްވަވައި، މާލޭގެ މަގުތައް ބަންދުކުރުން ނިމުމަކަށް ގެނެސްދެއްވާތޯ އިއްޒަތްތެރި މޭޔަރުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދި ދަންނަވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.