Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް/ ކޮޕީ: ދިރާގުގެ ސީ.އީ އިސްމާއިލް ރަޝީދަށް 

ފޮނުވީ: އަހުމަދު ޝަރީފު
ގުޅޭ: މަގުމަތީގައި ދިރާގުން ޕެލެޓް އަތުރައިގެން ޕާކިން ޒޯނެއް ހިސޯރުކޮށްގެން އުޅޭ މައްސަލަ ހައްލުކުރުން

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެޗަށް ސައިކަލްގައި ދާ އެންމެން ޕާކުކުރަން މިހާރު އޮންނަ ތަންކޮޅަކީ ދިރާގު ބިލްޑިންގުގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން ޒޯނާއި ކަނބާއައިސާރަނި ހިނގުން ނިމޭތަނުގައި އޮންނަ ޕާކިން ޒޯނުކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެކަކީ މަނިކުފާނެވެ. މަނިކުފާނު ތިޔަ ދިރިއުޅުއްވަނީ ވެސް ހަމަ އެތާ ކައިރީގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެޗަށް ދާ މީހުންގެ އިތުރުން ދިރާގުގެ މުވައްޒަފުންނާއި އެ އޮފީހަށް ކަންކަމު ދާ މީހުން ވެސް ޕާކުކުރަންޖެހިފައި ވަނީ ހަމަ އެ ސަރަހައްދުގައެވެ. ނިސްބަތުން އެއީ ވަރަށް ކުޑަ ޖާގައެކެވެ.

އައި.ޖީ.އެޗުގެ ހުޅަނގު ފަރާތުގައި (އަތިރިމަތީ މަގުގައި) ކުރިން ސައިކަލްތައް ޕާކުކުރި ނަމަވެސް، މިހާރު އެ ތަނުގައި ޕާކުކުރުން އޮންނަނީ މަނާކޮށްފައެވެ. އެހެންވެ އެ ސަރަހައްދުގައި ޕާކިންގެ މައްސަލަ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކަންމިހެން އޮތްއިރު، މި ސިޓީއާއެކު މަނިކުފާނަށް މި ފޮނުވާ ފޮޓޯތައް ބެއްލެވީމާ މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައިގެ ސީރިއަސްކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ.

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗާ އިންވެގެން ހުރި ދިރާގު ބިލްޑިންގުގެ އިރުމަތީ ފަރާތެވެ. އެތާ އޮންނަ ޕާކިންޒޯނުގައި ދިރާގުގެ ފަރާތުން ޕެލެޓްތަކެއް އަތުރައިގެން، މުޅި ތަން އޮންނަނީ ޕާކު ނުކުރެވޭ ގޮތަށް ހަދައިފައެވެ. ޕާކުކުރުމުގެ ތިން ލޭނު އެ އޮތީ ދިރާގުން ބަންދުކޮށްފައެވެ. މިއީ ކިހާ ބޮޑު އުނދަގުލެއްތޯއެވެ!

ޕާކުކުރުމަށްޓަކައި އެތަނުން ޕެލެޓެއް ދުރަށް ޖައްސާލީމާ އެތާ އިންނަ ވޮޗަރުކަލޭގެ ފުންމައިގެން އައިސް ބުނަނީ ޕެލެޓްތައް ނަގައިގެން ނުވާނެ ކަމަށާއި އެއީ ދިރާގުން ފައިސާ ދައްކައިގެން، މަގުމަތީގައި ބަހައްޓައިފައި ހުންނަ ޕެލެޓުތަކެއް ކަމަށެވެ. ރޭ ވެސް އެތަނުގައި ޕާކުކުރަން އުޅުމުން ވޮޗަރުކަލޭގެ ވަރަށް ކަންތައް ބޮޑުކޮށް މީހުންނާ ޒުވާބުކުރިއެވެ. އޭނާ ބުނީ އެއީ ދިރާގުގެ ސަރަހައްދެއް ކަމަށެވެ. ދިރާގުން އެތަނަށް ފައިސާ ދައްކާ ކަމަށެވެ. އަދި އެތަނުގައި ސައިކަލް ޕާކުކޮށްފިއްޔާ ސައިކަލު ނަގަން ޖެހޭނީ ޓޯޔާޑުން ކަމަށް ބުނެ މީހުންނަށް ބިރުވެސް ދެއްކިއެވެ. އަޖައިބެކެވެ. މިއީ ކިހިނެއްވެގެން އުޅޭ ދިރާގެއްހެއްޔެވެ؟

އެއީ އާންމުކޮށް އެންމެންވެސް ބޭނުންކުރާ މަގުމަތީ ސަރަހައްދު ކަމަށްވާއިރު، އެތާ ދިރާގުގެ ގުދަނެއް ހުންނާތީއޭ ކިޔައިފައި، މުޅި އެ ސަރަހައްދުގައި ޕެލެޓްތައް އެތުރައިގެން އެތަން 24 ގަޑިއިރު ބަންދުކޮށްގެން ތިބުމަށް ދިރާގަށް އޮތީ ކޮން ބާރެއްތޯއެވެ؟ ދިރާގަށް މަގުމަތި ވިއްކާލީ ކަމަށް އެ ބުނަނީ ކޮން ވާހަކައެއްތޯއެވެ؟ މާލޭގެ މަގުމަތިންވެސް މިހާރު ދިރާގަށް ބިން ވިއްކަނީތޯއެވެ؟ އެއީ ހަމަ ތެދެއްތޯއެވެ؟ ރޭވެސް އަޅުގަނޑު ގުނާލިއިރު މުޅި އެ ސަރަހައްދުގެ މަގުމަތީގައި ދިރާގުގެ 20 ޕެލެޓް އޮތެވެ.

މަގުމަތީގައި މިގޮތަށް ޕެލެޓްތައް އެތުރުމަކީވެސް ސިޓީ ކައުންސިލުން މަނާކޮށްފައި އޮންނަ ކަމަށެވެ. އެކި ސަރަހައްދުތަކުގައި މި ގޮތަށް ހުރި ޕެލެޓްތައް ސިޓީ ކައުންސިލުން ނެގިކަން ވެސް އަޅުގަނޑަށް އެނގެއެވެ.

ވީމާ މި ޕެލެޓްތައް "ވަކްތުންވަކްތަށް" އެތަނުން ނަންގަވައިދެއްވައި، މަގުމަތީގައި ދިރާގުން ޕެލެޓް އަތުރައިގެން ޕާކިން ޒޯނެއް ހިސޯރުކޮށްގެން އުޅޭ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވުން އެދި މަނިކުފާނުގެ އަރިހުގައި ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

މި ސިޓީ ދިރާގުގެ ސީ.އީ އިސްމާއިލް ރަޝީދަށް އަޅުގަނޑު މި ކޮޕީ ކުރަނީ މި ކަމުގައި މަނިކުފާނުވެސް އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވާނެ ކަމުގެ އުންމީދުގައެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.