Support Us

ތާރީހް:

ލިބެންވީ: ދިރާގުގެ ސީ.އީ.އޯ އިސްމާއިލް ރަޝީދަށް

ފޮނުވީ: އަހުަމަދު އަލީ
ގުޅޭ: ދިރާގުގެ އޮރިޔާނީ އިޝްތިހާރު... ދިރާގު މިހާ ދަށު ދަރަޖައަކަށް ވެއްޓުނީ ކީއްވެގެންތޯ؟

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ދިރާގުން މިހާރު ދައްކަމުންދާ "އަމިއްލަ ޕޯސްޓްޕެއިޑް" އިޝްތިހާރުގައި ބޭނުންކޮށްފައިވާ ބަސްމަގު ފެނިފައި އަޅުގަނޑު މިހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ދިރާގު ކަހަލަ ގައުމީ، ބޮޑު ކުންފުންޏަކުން، ނުބައި މާނައެއް ހިމެނޭ ގޮތަށް، ދެ މާނަ ނެގޭ ގޮތަށް ބަސްބަސް ބޭނުންކޮށް، ގަސްދުގައި ބޭ އަދަބީ މާނައެއް ދޭހަވާ ގޮތަށް ބަސްމަގު ބޭނުންކޮށްގެން އިޝްތިހާރު ކުޅެފައިވާތީއެވެ.

"ކޯޗު ޓީމު ހަދާލާހެން އަމިއްލައަށް ހަދާލެވޭތީ ދޯ؟" ފޯނު ހިފައިގެން ފާހާނާގައި އުޅެފައި އަންނަ އަންހެން ކުއްޖެއް ކައިރީގައި އޭނާގެ ރައްޓެހި އަނެއް އަންހެން ކުއްޖާ ބުނެއެވެ. މިތާނގައި، ފާޚާނާއިން ނިކުމެގެން އަންނަ ކުއްޖަކާ މުޚާތަބުކޮށްފައި "އަމިއްލައަށް ހަދާލާ" ވާހަކަ ބުނުމުން، ދޭހަވާ މާނައަކީ ކޮބައިތޯއެވެ؟

ދަންނަވަންތޯއެވެ؟ ދިވެހި ބަހުގައި ކަމެއްގެ ގޮތުގައި "ހެދުން" ދެ މާނައެއްގައި ބޭނުންކުރެވެއެވެ. އެއް މާނައަކީ އުފެއްދުމެވެ. މިވެނި ގެއެއްގައި ގުޅަ ބޯކިބާ ހަދައެވެ. އުޑާއި ބިން ހެއްދެވީ މާތްރަސްކަލާނގެއެވެ. އަނެއް މާނައަކީ ބާޒާރުމަތީ ބަހުން "ޖިމާއުވުން" ނުވަތަ ޝަހުވަތުގެ އެދުން އަމިއްލައަށް ފުއްދުން މި މާނައިގައެވެ. ފާޚާނާއަށް ގޮސްފައި އައި ކުއްޖަކާ ދިމާއަށް ފާޚަނައިގައި ހަދާ ވާހަކަ ބުނުމުން އެއިން ދޭހަވަނީ ކޮން މާނައެއްތޯއެވެ؟ މަނިކުފާނުގެ އަމިއްލަ، ހެޔޮ ވިސްނުންފުޅަށް އެކަން ދޫކޮށްލާނަމެވެ. ޝައްކެއް ނެތް ގޮތުގައި ބާޒާރީ ބޭ އަދަބީ މާނައެކެވެ! ދިރާގު ފަދަ ބޮޑު ކުންފުންޏަކުން އެހާ ދަށު ދަރަޖައަށް ވެއްޓިދާނޭކަން ފަހަރެއްގައި ވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

ދެން އޮތީ އެހެން މައްސަލައެކެވެ. ބަހުގެ މައްސަލައެކެވެ. ބަހުގެ ހަމައާއި ގަވާއިދާ ބެހޭ މައްސަލައެކެވެ. "ކޯޗު ޓީމު ހަދާލާހެން"، މިއީ ދިވެހި ބަހުގައި "ހެދުން" މި ލަފްޒު ބޭނުންކުރާ ގޮތެއްތޯއެވެ؟ ކޯޗަކަށް ޓީމެއް ހެދިދާނެތޯއެވެ؟ ބަހުގެ ހަމައިން މިގޮތް ރަނގަޅުކުރަން ބޭނުން ނަމަ، މީގެ މާނައަކަށް ވާނީ ކޯޗު އަންހެނަކާ ޖިމާއުވެގެން ކުދިންގެ ޓީމެއް އުފަންކުރާ ވާހަކައެވެ. ހީވާ ގޮތުގައި ދޭހަކޮށްދޭން ބޭނުންވާ މާނައަކީ ތަމްރީނު ދީގެން، ކޯޗު ޓީމެއް ތައްޔާރުކޮށް ކުޅިވަރުގެ މައިދާނަށް ނޫނީ އެނޫން އެހެންވެސް މައިދާނަށް ނެރޭ ވާހަކައެވެ. އެކަމުގެ ބޭނުމުގައި ޓީމެއް އެކުލަވައިލެވިދާނެއެވެ. މައިދާނުގައި ވަކި ގޮތަކަށް ޓީމުގެ ކަންތައް ހަމަޖައްސާ ނަމަ ބުނެ އުޅޭ ނަމަ ޓީމު ރާވާލާ ވާހަކަ ނުވަތަ ޓީމު އަތުރާލާ ވާހަކަ ބުނެވިދާނެއެވެ. ނަމަވެސް ކޯޗު ޓީމު ހަދާ ވާހަކަ ބުނުމުން ދޭހަވަނީ ބޭ އަދަބީ މާނައެކެވެ. ސުއާލަކީ ދިރާގު ފަދަ ކުންފުންޏެއްގައި ރަނގަޅަށް ދިވެހި ބަހުން ވާހަކަދައްކަން އެނގޭ މީހަކު ވެސް މިހާރު ނެތީތޯއެވެ؟ އަދި، ދިވެހި ބަހުން ލިޔުމެއް ލިޔުމުން އެލިޔުން ބަލައި އެޑިޓުކޮށް އިސްލާހުކޮށްލަން އެނގޭނޭ ވެރިޔަކު ވެސް ނެތީތޯއެވެ؟

ދެން އޮތް މައްސަލައަކީ މިކަމަކީ ދިރާގުން ގަސްދުގައި ކުރި ކަމެކޭ ބުނުމެވެ. "ހަދާލި" ވާހަކަ ބުނީ އޭގެ ބޭ އަދަބީ މާނަ އެނގި އެކަން ދޭހަކޮށް ދިނުމުގެ ގަސްދުގައެވެ. ސުވާލަކީ މިފަދައިން ނިޔަތް ގަނެ، މިހެން ކަންތައް ދިރާގުން ކުރީ ކީއްވެގެންތޯއެވެ؟ ދިރާގު މިހާ ދަށު ދަރަޖައަކަށް ވެއްޓުނީ ކީއްވެގެންތޯއެވެ؟ މި ސުވާލުގެ ދެ ޖަވާބެއް އަޅުގަނޑަށް ލިބެއެވެ. މިއީ އުރީދޫގެ ބައެއް އަގުތައް ތަންކޮޅެއް ހެޔޮވީމާ، އެ ކުންފުނީގެ ޚިދުމަތްތައް މީހުންގެ ކައިރީގައި މަގުބޫލުކަން ހޯދާތީ، އަވަގުރާނަ ގޮވައިގެން އިޝްތިހާރު ހަދައި މީހުންގެ ސަމާލުކަން ދިރާގުން ހޯދުމެވެ. އެ ސުވާލުގެ ދެވަނަ ޖަވާބަކަށް ވިސްނެނީ ދިރާގުގެ ކުރިމަތީ ދިވެހިންގެ ސަމާލުކަން ލިބޭނީ އަވަގުރާނަ ގޮވައި އަޚުލާގީ ގޮތުން ވީހާ ވެސް ދަށު ދަރަޖައަކަށް ދިޔައިމައެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ، ދިވެހިންނަކީ އެއްވެސް މާތް އަޚުލާގީ ސިފަތަކެއް ލިބިގެންވީ ބައެއް ނޫނެވެ. އެ މީހުންނަކީ އަޚުލާގީ ހަމައެއް، ޛައުގެއް ނެތް، ވަހުޝީ ވަލު ޖަނަވާރުން ފަދަ ބައެކެވެ. ދިރާގުގެ ނަޒަރުގައި ދިވެހިންގެ ކުޅު ދިޔާވެ ދަހިވާ ގޮތް ވާނީ ހަމައެކަނި ޖިންސީ ކަންތައްތަކުގެ ވާހަކަ ދެއްކުމުންނެވެ!

އެއީ މައިންބަފައިންނާއި ދަރިން އެކުގައި ތިބިގެން ބަލަން ކިތަންމެ ލަދުވެތި އިޝްތިހާރަކަށް ވިޔަސް، ޔޫރޯ2020 ފުޓުބޯޅަ މުބާރާތް ހިނގަމުންދާ މި ދުވަސްވަރު އެ އިޝްތިހާރު ވަރަށް ގިނަ ފަހަރު އެބަފެނެއެވެ. އަނެއްކާ ސޯޝަލް މީޑިއާގައި ވެސް ދައުރުވެއެވެ. ހައިރާންވާ ކަމަކީ ދިވެހި ކަނބަލުންގެ ހުރުމަތް ކެނޑި، ޒުވާނުންގެ ބަހުރުވަ ހަލާކުކޮށްލާ ކަހަލަ އިޝްތިހާރެއް ދައްކާއިރު ވެސް، އަންހެނުންގެ ހައްގުގައި އަތްފައި އުފުލާ މީހުންނާއި ޖަމިއްޔާތަކުން ވެސް މި ކަމަށް ޗުއްޕުވެސް ނުބުނާތީއެވެ.

މީގެ އިތުރުން މި އަހަރު ކުރީކޮޅު ދިރާގުން ފޮނުވި އެހެން އިޝްތިހާރެއްގައި ބާރުބާރަށް "އަދިވެސް ނުލަންތަ؟" ކިޔައިފައި ގޮވާ އަޑުއިވެއެވެ. އެ ބުނަނީ ފައިބަރ ބްރޯޑްބޭންޑު ނުލަންތޯ ކަމަށް ވެއެވެ. މީގެން ވެސް ފުރަތަމަ އުފައްދައިފައި ވަނީ ވަހުޝީކަން ނޫން ދެން ކޮން ކަމެއްތޯއެވެ؟

ކޮންމެ އަކަސް، އަމިއްލަ ކަސްޓަމަރުންނާއި އަދި އާންމު ދިވެހި ރައްޔިތުންނާ މެދު މިފަދަ ބޭއިހުތިރާމީ ސިފައެއްގައި، ފައިސާގެ އެދުމުގައި، ދިރާގުން ކަންތައް ކޮށްފާނެއެކޭ އަޅުގަނޑު ހިތަކަށް ނާރައެވެ. މިއިން އެނގެނީ ކޮން ކަމެއްތޯއެވެ؟ ދިރާގުގެ އޮރިޔާނީ އިޝްތިހާރު ބުނެދޭ ވާހަކައަކީ ކޮބައިތޯއެވެ؟ ފައިސާ ހޯދުމުގައި ހިފަހައްޓަން ޖެހޭ އަޚުލާގީ މިންގަނޑެއް ދިރާގުން ނުގެންގުޅޭކަމެވެ. އެއީ ދިވެހިންނަކީ އެފަދަ އަޚުލާގީ މިންގަނޑަކަށް ކުފޫހަމަވާ ބައެއް ނޫން ކަމެވެ.

ވީމާ، ދިރާގުގެ އޮރިޔާނީ އިޝްތިހާރުތައް ވަގްތުންވަގްތަށް ހުއްޓަވައިލައްވައި، އިޝްތިހާރު ހަދާއިރު ތިޔަ ދައްކަވާ ޝަހުވާނިއްޔަތު ބައި ނުހިމަނުއްވައި، ކަނބަލުންގެ ހުރުމަތް ނުކެނޑޭނެ ގޮތަށް، މައިންބަފައިންނާއެކު ވެސް ބަލައިލެވޭނެ ކަހަލަ އިޝްތިހާރުތައް ހެއްދެވުމަށް އެދި ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.