...

Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއަށް

ފޮނުވީ: ކޯފީ މުހައްމަދު މިހާދު
ގުޅޭ: މިސްކިތްތަކަށް އަރާ ބައެއް ބަންގާޅީންގެ ގައިން ދުވާ ނުބައިވަހުގެ ސަބަބުން ބޮޑު އުނދަގުލަކަށްވެފައި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މިސްކިތްތަކަށް އަރާ ބައެއް ބަންގާޅީން ތިބޭލެއް ނުތާހިރުކަމާއި ގައިން ދުވާ ނުބައިވަހުގެ ސަބަބުން، އެ މީހުންނާއެކު ޖަމާއަތުގައި ނަމާދުކުރުން މިއީ އަބަދުވެސް ބޮޑު އުނދަގުލަކަށްވެފައި އޮންނަ ކަމެކެވެ. ސަފަށް އަރާއިރު އޭގެން މީހެއް ކައިރީ ނުހުރެވޭތޯ ކިތަންމެ ބެލި ނަމަވެސް، ހަށަން ބަންނަ ފަހުން އޭގެން މީހަކު އައިސް ކައިރީގައި މަޑުކޮށްލައިފި ނަމަ ދެން ހެދޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ދާހިތްލާ ތެމިފޯވެގެން މަސައްކަތުގައި އުޅެފައި މިސްކިތަށް އެރުމުން ދުވާ ކުނި ބަބުރު ވަހުން ނޯއް ދަމާލާކަށް ނުކެރެއެވެ. ސިކުނޑިއަށް އެ ވަސްގަނޑު އަރައިގެން ދިއުމުން މީހާގެ ވިސްނުން މުޅިން ބަދަލުވެ، ނަމާދުގައި ބަހައްޓަންޖެހޭ ހުޝޫއަތްތެރިކަން ވެސް ގެއްލިގެންދެއެވެ. މިއީ ހަމަ ހަގީތަކެވެ. ޖަމާއަތަށް މިސްކިތްތަކަށް އަރާވަޑައިގަންނަވާނަމަ މަނިކުފާނަށް ވެސް މިކަން ތަޖުރިބާކުރެއްވޭނެއެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ކުރީ ސަފަކުން ނޫނެވެ. ފަހަތު ސަފުތަކުގައެވެ. 

ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިސްކިތްތަކުގެ ދޫލަތައް ނަގަން ނިންމުން އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަމެވެ. އޭގެ ބަދަލުގައި ތަރަފާލު ނުވަތަ ނޮވިލޯން އެޅުމުން، އަބަދުމެ ސާފުކޮށް ބަލަހައްޓަން ވަރަށް ފަސޭހަވެއެވެ. ދޫލަ އަކީ ޖަރާސީމުތައް ސާފުކުރަން ވަރަށް އުނދަގޫ އެއްޗެއްކަން އެންމެނަށް ވެސް ގަބޫލްކުރެވެއެެވެ. ނަމަވެސް ޗާންދަނީމަގު ދެކުނުކޮޅުގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ މަތީ ބައިގައި އަދިވެސް ދޫލައެއް ނުނަގައެވެ. ނަގައިފައި ވަނީ ތިރީ ބައިގެ ދޫލަ އެކަންޏެވެ. މިއީ ކިހިނެއްވެގެން ވާކަމެއްތޯއެވެ؟

ކިލާތަކާއި ފާރުގަނޑަކާއެކު ޖަލާލުއްދީން މިސްކިތުގެ ދޫލަމަތީގައި ނަމާދުކުރަން އިން ބަންގާޅީއެއް. -ފޮޓޯ: ކޯފީ މުހައްމަދު މިހާދު

މި ސިޓީއާއެކު މަނިކުފާނަށް މި ފޮނުވާ ފޮޓޯގައި އެއިން ބަންގާޅީ އަކީ ޖަލާލުއްދީން މިސްކިތުގައި ނަމާދުކުރަން އިން މީހެކެވެ. އޭނާގެ ފައިތިލަ ރަނގަޅަށް ބައްލަވާލަބައްލަވާށެވެ. ފައިގައި ހުރި ކިލާތަކުގެ އިތުރުން، ބޮޑު ފާރުގަނޑުގެ ހުރިހާ ޖަރާސީމެއް ހުންނާނީ ދޫލަމަތީގައި ތަތްލާފައި ނޫންތޯއެވެ؟ އެހެން ހުއްޓާ އެހެން މީހަކު ގޮސް މި ޖެހެނީ އެ ދޫލަމަތީގައި ސަޖިދަ ޖަހާށެވެ. މިހެންވުމުން އެ ހުރިހާ ކިލައަކާއި ޖަރާސީމެއް އެ މީހެއްގެ މޫނުގައާއި އަތުގައި އުނގުޅި، އިތުރު ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކިހާ ބޮޑުވާނެތޯއެވެ؟ މިއީ ސިއްހީ ކިހާ ބޮޑު މައްސަލައެއްތޯއެވެ؟

ކިލާތަކާއި ފާރުގަނޑަކާއެކު ޖަލާލުއްދީން މިސްކިތުގެ ދޫލަމަތީގައި ނަމާދުކުރަން އިން ބަންގާޅީއެއް. -ފޮޓޯ: ކޯފީ މުހައްމަދު މިހާދު

ގަބޫލްކުރަމެވެ. ބަންގާޅީން ވެސް، އަދި ބަލި މީހުން ވެސް ނަމާދުކުރަންޖެހޭނެއެވެ. އެ މީހުންނަށް އަޅުގަނޑު ހަމްދަރުދީ ވަމެވެ. އެކަމަކު ޖަމާއަތަށް މިސްކިތަށް އަރާއިރު އެ މީހުންގެ ކިބައިގައިވެސް އެކަށީގެންވާ ސާފުތާހިރުކަމެއް ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލްކުރަމެވެ. ދީނުގައި ވެސް އެކަން އޮންނަނީ އެހެންނެވެ. ކީރިތި ރަސޫލާ ވެސް އިރުޝާދު ދެއްވައިފައި އޮތީ އެގޮތަށެވެ.

އިއްޒަތްތެރި މޭޔަރ އެވެ. ފަހަރުގައި ވެސް އަޅުގަނޑު މި ދަންނަވަނީ މިސްކިތަށް އަރާ ކޮންމެ މީހެއްގެ ސާފުތާހިރުކަން ބަލަހައްޓަން ކޮންމެ މިސްކިތެއްގައި މީހަކު ބަހައްޓާށެކޭ ނޫނެވެ. އެއީ ކުރެވޭނޭ ކަމެއް ވެސް ނޫނެވެ. އެކަން އޮޅުވާނުލައްވައްޗެވެ. ނަމަވެސް، ބިދޭސީ އާބާދީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވެގެންދާއިރު، މި މައްސަލައަކީ ވެސް ހައްލެއް ހޯދަންޖެހިފައިވާ މައްސަލައަކަށް ވާތީ، މިސްކިތަށް އަރާ ބިދޭސީން މި ފަދަ ކަންކަމަށް ހޭލުންތެރިކުރުވުމަށް ވެސް ކޮންމެވެސް މަސައްކަތެއް ކުރންޖެހިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލްކުރެވެއެވެ.

ޖަލާލުއްދީނު މިސްކިތުން އަދިވެސް ދޫލަ ނުނަގާ މައްސަލަ އާއި މިސްކިތްތަކަށް އަރާ ބަންގާޅީންގެ ނުތާހިރުކަމުގެ ވާހަކައަކީ މިސްކިތަށް އަރާ އެތައް ބައެއްގެ ބޮޑު ޝަކުވާއަކަށް ވީ ނަމަވެސް، މި ވާހަކަ ދަންނަވާނީވެސް އަދި މި ކަމަށް ހައްލު ގެނެސްދެއްވާނީ ވެސް ކޮން މުވައްސަސާއަކުން ކަމެއް އެކަކަށް ވެސް ނޭނގުނެވެ. މިހާރު މިސްކިތްތަކުގައި ޖަމާއަތް ނުހެދި ނަމަވެސް، ޖަމާއަތް ހަދަން ފެށީމާ މި މައްސަލަ އަނެއްކާ ވެސް ނުކުންނާނެއެވެ. އެހެންވެ، މާލޭގެ މިސްކިތްތަކުގެ ބެލެނިވެރި ފަރާތަކީ މާލޭ ސިޓީ ކައުންސިލް ކަމަށް ވާތީ، މި ސިޓީ މަނިކުފާނަށް ފޮނުވީއެވެ. ކަމާ ބެހޭ ފަރާތްތަކާއެކު މަނިކުފާނު މަޝްވަރާ ކުރައްވައިގެން މި ކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމުގެ އުންމީދުގައި ހުރީމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.