Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އަށް،

ފޮނުވީ: އަހުމަދު މުހައްމަދު
ގުޅޭ: މިއީ ޓްރާންސްޕޯޓް މިނިސްޓްރީގެ ނާގާބިލްކަންތޯ ނޫނީ އެނގި ތިބެ ކުރާ ޖެއްސުމެއްތޯ؟

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ކުރީ ސަރުކާރުގެ ވަކި ހިސާބަކުން، ރާއްޖޭގެ ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ކަމެއް ކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން އުފައްދައިފައިވާ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ. ޓްރާންސްޕޯޓު އޮތޯރިޓީގެ ދަށުން ބަލަހައްޓަމުން ދިޔަ މި މަސައްކަތްތަކަށް ފުޅާ ނަޒަރެއްދީ މި ހުރިހާ މަސައްކަތެއް މިނިސްޓްރީއެއްގެ ބެލުމުގެ ދަށަށް ބަދަލުކޮށް، މިނިސްޓަރު ކަމަށް ކަމަނާ އައްޔަން ކުރެއްވީ 18 ނޮވެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޓްރާސްޕޯޓް މިނިސްޓްރީއަކީ މި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކުގެ ތެރެއިންވެސް އެންމެ ބުރަ ޒިންމާއެއް އޮންނަ އެއް މިނިސްޓްރީއެވެ. އަދި ތިޔަ މިނިސްޓްރީއަކީ އާންމުންނާ އެންމެ ގާތުން މަސައްކަތްކުރަން ޖެހޭވެސް މިނިސްޓްރީއެވެ. އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރަކާ ބެހޭ ހުރިހާ ކަމެއް ހިންގާ ބަލަހައްޓަން ޖެހެނީ ތިޔަ މިނިސްޓްރީންނެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކުގެ ސްޕީޑާއި، ދެމުން އަންނަ ހިދުމަތްތަކަށް ގިނަ ބަޔަކު ދަނީ ނުރުހުމުގެ އިނގިލި ދިއްކުރަމުންނެވެ. ލައިސަންސް ހެއްދުން ފަދަ މުހިންމު މަސައްކަތްތަކާއި ތިޔަ މިނިސްޓްރީން ދެމުން އަންނަ އެހެނިހެން ގިނަ ހިދުމަތްތަކެއް ދިގުލައިގެން އެތައް ބައެއްގެ ހިތުގައި ޓްރާސްޕޯޓް މިނިސްޓްރީއާ މެދު އުފެދޭ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މީސްމީޑިއާގައިވެސް މިހާތަނަށް ގިނަ ބަޔަކު ވަނީ ތިޔަ މިނިސްޓްރީގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހި ގިނަ ވާހަކަތަކެއް ދައްކައިފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝަކުވާކުރާ އެއް ކަމަކީ އެއްގަމު ވެހިކަލްތަކުގެ ރަޖިސްޓްރީ ފަދަ މުހިންމު ލިއެކިއުންތައް ގެއްލިގެން އަލުން ހެއްދުމަށް އެދުމުން މި މަސައްކަތް އިންތިހާއަށް ދިގުލައިގެންދާ މައްސަލައެވެ.

ދެކެވޭ ވާހަކަތަކަށް ބަލާއިރު ހިދުމަތް ހޯދާ އާންމު ރައްޔިތަކު މިފަދަ ޝަކުވާއެއް ހުށަހަޅައިފި ނަމަ، ޓްރާންސްޕޯޓް މިނިސްޓްރީން އެ މައްސަލަ ކޮންމެވެސް މުވައްޒަފެއްގެ "ބޮލަށް ޖެހުމަށް" މަސައްކަތްކޮށްފައި އެބަހުއްޓެވެ. އެގޮތުން މަސައްކަތްތައް ލަސްވަނީ މުވައްޒަފުންގެ ފަރުވާކުޑަކަމުން ކަމަށް ޖަވާބު ދީފައި ވެސް އެބަހުއްޓެވެ.

މި ފެންވަރުގައި ހިދުމަތްތައް ދެމުން އައި ތިޔަ މިނިސްޓްރީއަށް އިތުރު ބަހަނާއަކަށްވީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އެވެ. ހިދުމަތް ދެމުން އައި ގޮތަށް، ކޮވިޑާ ގުޅިގެން މުޅި ސަރުކާރުން ގެންނަން ނިންމި ބަދަލާ އެކު ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ހިދުމަތް ދޭން ފަށައިފައެވެ. އެހެން ނަމަވެސް އެ ޕޯޓަލްގެ ފެންވަރު ދަށްވުމުގެ ސަބަބުން ގިނަ ދަތިތަކެއް އާންމުންނަށް ވަނީ ކުރިމަތިވެފައެވެ. އަދި އެ ޕޯޓަލުން ހިދުމަތް ދެމުން އަންނަ ވަގުތުތައް އާންމުނުކުރުމާއި، އެތައް އުނދަގުލަކާ އެކު ބައެއް ފަރާތްތަކުން ފުރިހަމަކޮށްފައި ހުންނަ ފޯމުތައް އަލުން ފުރަންޖެހުން ފަދަ ސަރުކާރުގެ މިނިސްޓްރީއަކުން ކުރިމަތިވެގެން ނުވާނެ "ހަރުދަނާކަމެއް ނެތް" އެތައް މައްސަލަތަކެއް މި ޕޯޓަލުން ދަނީ ދިމާވަމުންނެވެ. އަދި ދާދި ފަހުން ވަނީ އެއްވެސް ރަސްމީ އެންގުމަކާ ނުލައި، މި ޕޯޓަލުގެ ހިދުމަތްވެސް ދެ ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލައިފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އުނދަގުލާ ކުރިމަތިލާން ޖެހިފައެވެ.

މި ދަންނަވާލެވުނީ އަދި ބައެއް ކަންކަމެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ދެމުން އަންނަ މިފަދަ ހުރިހާ ހިދުމަތެއްވެސް ވެފައިވަނީ އާންމުންނާ މެދު ވިސްނާލުމެއް ނެތް ފަރުވާކުޑަކުރާ ހިދުމަތްތަކަކަށެވެ.

ޕޯޓަލް މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ތިޔަ މިނިސްޓްރީގެ ކޮންސަލްޓެންޓް ޑރ. ޝިޔާމް ތައްޔާރުކޮށްފައިވާ ޕޯޓަލުގެ ފެންވަރު ދަށްކަމުން ކަމަށް މިކަމާމެދު ނުރުހުން ފާޅުކުރާ ބައެއް މީހުން ބުނެއެވެ.

މި މައްސަލަތަކުގެ އިތުރުން ދެން ފާހަގަކުރެވެނީ ތިޔަ މިނިސްޓްރީން އާންމު ބައެއް ފަރާތްތަކާ މެދު ޒާތީ ހަސަދަވެރިކަމެއް ގެންގުޅެމުން އަންނަ މައްސަލައެވެ. އެގޮތުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުވެސް ބައެއް މީހުން ހުއްދަތަކަށް އެދުމުން ހުއްދަ ދޫކުރަމުން ނުދާ މައްސަލައާއި، ވަކި މީހެއްގެ ނުވަތަ ކުންފުންޏެއްގެ ފޯމުތައް އެއްވެސް ސަބަބަކާ ނުލައި ހިފަހައްޓަމުން ދިއުމަކީ މިކަން ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މިއީ ރައްޔިތުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މިނިސްޓްރީއަކުން ފެނިގެންވާނެ ކަންކަމެއް ނޫންކަން ކަމަނާ ވެސް ގަބޫލްކުރައްވާނެއެވެ. މި ކަންކަމުގެ ސަބަބުން އާންމުންނަށް ދަނީ ފޫބެއްދުމަށް ދަތި އުނދަގޫތައް ކުރިމަތިވަމުންނެވެ. މިއީ ގިނަ ބަޔަކު ތަހައްމަލުކުރާ، އަވަސް ހައްލެއް ބޭނުންވާ މައްސަލަތަކެއް ކަމަށް ވާތީ، މި ކަންކަން ރަނގަޅަށް ބައްލަވައި، އިސްލާހީ އަވަސް ފިޔަވަޅު އެޅުއްވުމަށް އެދި ކަމަނާގެ އަރިހުގައި ދަންނަވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.