...

Support Us

ތާރީހް:

ލިބެންވީ: ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް،

ފޮނުވީ: ރަޝީދު ހަސަން/ ހިތަދޫ
ގުޅޭ: ސުމައިދު ގެއްލުނުތާ 4 އަހަރު، އިންސާފުގެ ކުޑަވެސް އުންމީދެއް ނުފެނޭ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް އައްޑޫ ގަން ކަނޑަށް ޑިންގީ "ބަންޑުން ޖަހައިލައިގެން" ސ.ހިތަދޫ، އާބިން، މުހައްމަދު ސުމައިދު، 27، ގެއްލުނީ، މީގެ ހަތަރު އަހަރު ކުރިން، 4 ޖޫން 2017 ވަނަ ދުވަހުގެ ހަވީރުއެވެ. އޭރު އޭނާ އަކީ ހިތަދޫ ޕޮލިސްގައި މަސައްކަތްކުރާ ކޯޕްރަލްއެކެވެ.

ސުމައިދު މަހަށް ދިޔައީ އޭނާގެ ދެ ރައްޓެހިން ކަމަށްވާ އައްޑޫ ފޭދޫ، ހުސައިން ސައީދާއި އަހުމަދު ނާއިފާއެކުއެވެ. އެ ހާދިސާގައި އެ ދެ މީހުން ސަލާމަތްވީ، ޑިންގީ "ބަންޑުން ޖަހައިލުމުން" ފަތައިފައި ގޮސް އޮމެހެރަ ކިޔާ ފަޅުރަށަކަށް އަރައިގެން ކަމަށް އެ ދެ މީހުން ބުނެފައިވެއެވެ. ސުމައިދު ގެއްލުނީ އެމީހުން ތިބި ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ވާހަކަ ދެކެވުނަސް، އެ ޑިންގީ ބަންޑުން ޖަހައިލިކަން ކަށަވަރުނުވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. ސުމައިދު ހޯދުމަށްޓަކައި ފުލުހުންނާއި ސިފައިން ޑައިވްކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. އަދި ޑިންގީ ބަންޑުން ޖަހައިލިތާ ކަނޑު އަޑިން ސުމައިދުގެ ފޯނު ވެސް ވަނީ ފެނިފައެވެ.

މިއަދު މިއީ ސުމައިދު ގެއްލުނުތާ ހަތަރު އަހަރު ފުރޭ ދުވަހެވެ. ނަމަވެސް، ސުމައިދުގެ ހަށިގަނޑެއް ވެސް، އަދި އޭނާ އަށް ވީނުވީއެއް ވެސް މިހާތަނަށް ވަނީ ނުހޯދިފައެވެ. އަދި ހިތާމަވެރި އެ ހާދިސާއާ ގުޅޭ ޖަވާބު ނުލިބި ހުރި އެތައް ސުވާލެއްގެ ޖަވާބު ދެއްވާނެ މުއައްސަސާއެއް، އެ ވާހަކަ ދައްކާނެ ވެރިއެއް، މަޖިލީހުގެ މެމްބަރެއް ވެސް ނެތުމީ ވަރަށް ހިތާމަކުރާ ކަމެކެވެ. ހަމަ ޔަގީނުން ވެސް އައްޑު އަތޮޅަށް ނިސްބަތްވާ އެތައް މެމްބަރުންނެއް ރައްޔިތުންގެ މަޖިލީހުގައި އޭރުވެސް، މިހާރު ވެސް އެބަތިއްބެވެ. މަޖިލިސް މެމްބަރުންނަށް ވެސް ރައްޔިތުން ފެންނަނީ ހަމައެކަނި ވޯޓު ކައިރިވީމައެވެ. ގޮނޑި ލިބުނީމާ އެހެން ހުރިހައި ކަމެއް ހަނދާންނެތެއެވެ.

ސުމައިދު ގެއްލުނު ހާދިސާއާ ގުޅިގެން ނޫސްތަކުގައި ހުރި ބައެއް ސުރުޚީތައް

ސުމައިދު ގެއްލުނު އިރު އޭނާ މަސައްކަތް ކުރަމުންދިޔައީ، އައްޑޫގައި ފުޅާވެފައި އޮތް ޑްރަގް ނެޓްވޯކުތައް އަތުލައިގަތުމުގެ އެކިއެކި އޮޕަރޭޝަންތަކުގައެވެ. ވަރަށް ގިނަ ގޭންގުތައް އަތުލައިގަތުމުގައި އޭނާ މަސައްކަތްކޮށްފައިވެއެވެ. އަދި ސުމައިދު ގެއްލުނީ ތިން މީހުން ތިބި ޑިންގީއެއް "ބަންޑުން ޖަހައިލައިގެން" ކަމަށް ބުނާއިރު، އަދި އެކަމަށް ފުލުހުން އިންކާރުކުރާއިރު، ދެން ތިބި ދެ މީހުންގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ހިންގިއްޖެ ނަމަ، ކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ހަމަ ކޮންމެ މީހަކު ވެސް ގަބޫލްކުރާނެއެވެ.

ސުމައިދުގެ ތަހުގީގު ހިންގަން ދެ ފަހަރު މަތިން ދެ ޓީމަކުން އައްޑޫ އަށް އައިސްގެން އުޅުނެވެ. އެކަމަކު ދެ ޓީމުން ވެސް ނިންމީ އެއީ "ގުދުރަތީ ހާދިސާއެއް" ކަމަށެވެ. އެކަމަކު އެހެން ވާނީ ކިހިނެއްތޯއެވެ؟

ސުމައިދު އޭނާގެ ތުއްތުތުއްތު އަންހެން ދަރިފުޅާއެކު

އިއްޒަތްތެރި ރައީސެވެ. 2018 ގައި މަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބައްލަވާނެކަމުގެ ވައުދާއެކުގައެވެ. ނަމަވެސް، މަނިކުފާނުގެ ރައީސް ކަމަށް ތިން އަހަރުވާން ދާއިރު، ސުމައިދު ގެއްލުނު މައްސަލައަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިފައެއް ނުވެއެވެ. މަރު ކޮމިޝަނުން އައްޑުއަށް އައިސް ބަޔާންތަކެއް ނެގި ނަމަވެސް، ފަހުން ވީނުވީއެއް ނޭނގުނެވެ. އިންސާފުގެ އުންމީދެއް ނުފެނެއެވެ.

ސުމައިދު ގެއްލުނު މައްސަލަ އަށް އެއްވެސް އިސްކަމެއް މަނިކުފާނު ނުދެއްވާ ސަބަބަކީ ސުމައިދަކީ ސިޔާސީ މީހަކަށް ނުވާތީތޯއެވެ؟ ނޫނީ ގާތް ތިމާގެ މީހުންނާއި ރައްޓެހިން، ފޮތިތައް ހިފައިގެން މުޒާހަރާއަށް ނުނިކުންނާތީތޯއެވެ؟ ނޫނީ އޭނާގެ އާއިލާއަކީ ތަންކޮޅެއް ނިކަމެތި އާއިލާއަކަށް ވީމަތޯއެވެ؟ ދަންނަވަންތޯއެވެ؟ ސުމައިދަކީ ސިޔާސީ މީހަކަށް ނުވިޔަސް، އަދި އޭނާގެ އާއިލާ ކިތަންމެ ނިކަމެއްޗަސް، އިންސާނާގެ ފުރާނައަކީ ވަރަށް ވެސް ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި ހައްގާއި އަދުލް އިންސާފުގެ ކުރިމަތީގައި އެންމެން ވެސް ވާންޖެހޭނީ ހަމަހަމައެވެ. އެ ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ވަލިއްޔުލްއަމްރުގެ މަގާމުގައި މިއަދު ތިޔަ ހުންނެވީ މަނިކުފާނެވެ. މި ކަމުގައި މަނިކުފާނުގެ ދައުރު ބޮޑު ކުރައްވައި، ސުމައިދުގެ އާއިލާ އަށް އިންސާފު ހޯދައިދޭން މަނިކުފާނަށް ދަންނަވަންޖެހެނީ އެހެންވެގެންނެވެ.

ވަކި މީހަކު ގެއްލުނީމާ ނޫނީ ވަކި މީހަކަށް ހަމަލާއެއް ދިނީމާ، ދައުލަތުން އެތައް ޚަރަދެއް ކޮށްގެން، ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން، ނޫނީ ބޭރަށް ފޮނުވައިގެން ހެކިތައް ހޯދަން މަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރުމަކީ ވަކި ބަޔަކަށް ވަކި ގޮތެއް މަނިކުފާނު ހެއްދެވުން ނޫން ދެން ކޮން ގޮތެއްތޯއެވެ؟ އަދި ވަކި ހާދިސާއަކާ ގުޅުވައިގެން "ކައިރިން ބަލާ" ޚާއްސަ މަންދޫބެއް މަނިކުފާނު އައްޔަންކުރެއްވުމަކީ ކޮން ކަހަލަ އިންސާފެއްތޯއެވެ؟ 2018ގެ ކެމްޕޭނުގައި މަނިކުފާނު އެންމެ އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ "އިންސާފު ގާއިމްކުރަން" މަނިކުފާނަށް ވޯޓު ދިނުމަށެވެ. އެކަމަކު މަނިކުފާނުގެ ސަރުކާރުން އިންސާފު ހޯއްދަވައިދެއްވަން ތިޔަ މަސައްކަތްކުރައްވަނީ ވަކި ބަޔަކަށް ނޫންތޯއެވެ؟ މަނިކުފާނު ވެސް ގޮނޑީގައި ރައީސް އޮފީހުގެ ރަނގަޅަށް އިށީނދެވަޑައިގެންނެވުނީމާ ހަމަ ތިޔަ ގެންގުޅުއްވަނީ ކުޑަކެކުރި، ބޮޑުކެކުރި އުސޫލު ނޫންތޯއެވެ؟

އިއްޒަތްތެރި ރައީސެވެ. އަޅުގަނޑުމެން ވަރަށް އާދޭހާއެކު މަނިކުފާނުގެ އަރިހުން މި އެދި ދަންނަވަނީ ސުމައިދު ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އިސްކަން ދެއްވައި، އެކަމުގެ އަޑީގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެނެސްދެއްވުމަށެވެ. އެކަމުގައި އަޅުއްވާ ފިޔަވަޅުތައް އަވަސްކުރެއްވުމަށެވެ.

ސުމައިދު އޭނާގެ ތުއްތުތުއްތު އަންހެން ދަރިފުޅާއެކު

އިއްޒަތްތެރި ރައީސެވެ. ސުމައިދާއި އޭނާގެ ހަމައެކަނި ދަރިފުޅުގެ މި ފޮޓޯ މަނިކުފާނު ބައްލަވައިލެއްވުމުން، އާއިލާއަށް މިއަދު ކުރާނެ ހިތްދަތި އިހުސާސްތައް މަނިކުފާނަށް ވެސް ތަސައްވަރު ކުރެއްވޭނެ ކަމަށް ހީކުރަމެވެ. ސުމައިދު ގެއްލުނުތާ ހަތަރު އަހަރު ފުރުން، ކަރުނައިން ފޯވެފައިވާ ހާލު އާއިލާއިން މިއަދު ފާހަގަކުރާއިރު، މާދަމާ، 5 ޖޫން މިއީ ސުމައިދުގެ 31 ވަނަ އުފަންދުވަހެވެ. ސުމައިދުގެ ތުއްތުތުއްތު އަންހެން ދަރިފުޅާއި އަންހެނުންނާއި އާއިލާ އާއި ގާތް ތިމާގެ އެންމެން ވެސް މިއަދު ތިބީ ބޮޑު ހިތްދަތިކަމެއްގެ ތެރޭގައެވެ.

ސުމައިދު ގެއްލުވާލުމާ ގުޅޭ މީހުންތައް އަދިވެސް އުފަލާއި އަރާމުގައި، މިނިވަންކަންމަތީ އުޅޭތަން ފެނުމަކީ އާއިލާއިންނާއި ސުމައިދުގެ ރައްޓެހިން ވެސް ވަރަށް ދެރަވެ، އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. އެކަމަކު އެމީހުންނަށް އުފަލާއި އަރާމާއި މިނިވަންކަންމަތީ އުޅެވޭނީ މި ދުނިޔެމަތީގައެވެ. އޭގެ ފަހުން އެކަމުގެ ހައްގު އަދަބު ލިބުމުގެ ދުނިޔެއަށް ވާސިލްވާނެކަން އެއީ ޔަގީން ކަށަވަރު ކަމެކެވެ.

ސުމައިދު ވީ ހިސާބެއްގައި މާތް ރަސްކަލާނގެ ހަޒުރަތުގައި، ރައްކާތެރިކަމުގައި ލަހައްޓަވައި، ސުމައިދުގެ ފާފަތައް ފުއްސަވައި ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް ދުއާކުރަމެވެ. ސުމައިދުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި ސުމައިދު ގެއްލުވާލި ހާދިސާގައި ޒައްރެއްގެ މިންވަރަށް ވެސް ޝާމިލްވީ ފަރާތްތައް ފަލީހަތް ކުރައްވައި އެ މީހުން އަވަހަށް ހާމަކުރައްވައި، އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވުން އެދި މާތް ރަސްކަލާނގެ ހަޒުރަތުގައި ދުއާ ދަންނަވަމުން މި ސިޓީ ކުރުކޮށްލަމެވެ.

ސުމައިދު ގެއްލުނު ހާދިސާއާ ގުޅިގެން ނޫސްތަކުގައި ހުރި ބައެއް ސުރުޚީތައް މަނިކުފާނުގެ މައުލޫމާތަށްޓަކައި އަރިސްކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.