Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް ހެލްތު ކެރެފާ އަހުމަދު ނަސީމަށް

ފޮނުވީ: އަލީ ސުލެއިމާން
ގުޅޭ: ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސް ރައްޔިތުން ބިކަވާ މައްސަލަ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ކޯވިޑް-19 ފެށުނުތާ ދޮޅު އަހަރުވީއެވެ. ކޯވިޑަށް ދައުލަތުގެ ބަޖެޓުން ކުރެވުނު ޚަރަދު 4 ބިލިޔަނަށް ވުރެ މައްޗަށް ހިނގައްޖެއެވެ. ނެރެވުނު ނަތީޖާއަކީ ކޮބައިތޯއެވެ؟ އާއެނކެވެ. ނިކަމެތި ރައްޔިތުން ނިކަމެތިވެ ބޭސަހާރޯވެ ދިޔަޔަސް، މުއްސަނދީން އިތުރަށް މުއްސަނދިވެއްޖެއެވެ. މުއްސަނދީންނަށް ކޯވިޑަކީ ޚަޒާނާއެކެވެ. ނިކަމެތީންނަށް އެއީ ނިހާއީ ނިކަމެތިކަމާއި މުސީބާތެކެވެ.

ކޯވިޑް-19 އަށް ދޮޅު އަހަރު ވީއިރުވެސް، ބައްޔާއެކު މުސްތަޤުބަލުގެ ޕްލޭނެއް ނެތެވެ. މަންޒިލެއް ނެތި ދަތުރު ފެށި އޮޑިޔެއް ފަދައިން ދައުލަތް މިސްރާބެއް ނެތި ލާ ހޫރެނީއެވެ. އަމާޒެއް، މަންޒިލެއް ނެތެވެ. ތަރުތީބެއް، އިންތިޒާމެއް ނެތެވެ. އެންމެ ބޮޑު ހިތާމައަކީ ދަރީންގެ ކިޔެވުން ހަލާކުވެ ގެއްލިދާ ކަމެކެވެ.

ކޯވިޑް-19 ފުރަތަމަ ފެށުނުކޮޅު އެއްބަޔަކަށް އެކަންވީ އީދަކަށެވެ. މަހުޖަނުންގެ ރިޒޯޓުތައް ކަރަންޓީން ފެސިލިޓީތަކަށް ނަގައިގެން އެމީހުންނަށް އެތައް ބައިވަރެއް ދިނެވެ. އެހެނިހެން ޚަރަދުގެ ގޮތުގައި އެތައް މިލޔަނެއް ބަލައިނުލައި ޚަރަދުކޮށްލިއެވެ. ރައްޔިތުންގެ ފައިސާ މެނޭޖުކޮށް މިބައްޔާއެކު އުޅެން ޖެހޭނީ ކިހައި ދުވަހަކަށް ކަމެއް ނުވިސްނައެވެ. ސަޅިބައިސާ ކެނޑި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ކުރީގެ ހެލްތު މިނިސްޓަރު އަމީނާއި އެނޫންވެސް ވެރިން ހާލަތު އެންމެ ގޯސްވި ވަގުތު އެތިބީ ދުރުގައެވެ. އެމީހުންނަށް ކުރެވުނު ވަރެއް ކޮށްގެންނެވެ.

ބަލިފެތުރިގެން ދިޔައިރު ބަލަން ފެށި މައްސަލަތައް ކޮބައިހެއްޔެވެ؟ ކުރެއްދޫ މައްސަލަ ނިމިއްޖެހެއްޔެވެ؟ ކަނޑިންމަ ރިޒޯޓުން މަރުވި މުވައްޒަފުގެ އާއިލާއަށް އިންސާފު ލިބިއްޖެހެއްޔެވެ؟ ލަދުގަނެއެވެ. ވަރަށް ލަދުގަނެއެވެ. މި ދައުލަތް އޮތީ ހަތަރުފަސް މަހުޖަނެއްގެ މުއްޕަތުގެ ތެރޭގައެވެ. އިއްޔެވެސް އަދި މިއަދުވެސް ކަންއޮތީ އެހެންމެއެވެ. އިންސާފަކީ އެމީހުންގެ ކާމޭޒުމަތިން ނިންމައިލެވޭ ކަމެކެވެ. ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެނީ އެމީހުންގެ ޕަޕެޓުންނެވެ. މަޖިލީހުގައި ތިބޭނީ އެމީހުން ގަނެފައި ތިބި ކުދިންނެވެ. ބުނީމާ ބުނިގޮތެއް ޖެހޭނީ ހަދާށެވެ.

ކޯވިޑާ ގުޅިގެން ދައުލަތުން އާއްމު ރައްޔިތުންނަށް ދިން ލުއިތައް ކޮބައިހެއްޔެވެ؟ މިއަދަކީ ފުރަބަންދުގައި ތިބި އިރަށް ވުރެ ރައްޔިތުން މާ ހާލުގައި ތިބި ދުވަސްވަރެކެވެ. ކުއްޔާއި ލޯނުތަކާއި ޔުޓިލިޓީޒް ބިލްތަކުން ރައްޔިތުންނަށް ލުޔެއް ލިބެންވީ މިހާރުއެވެ. ވަޒީފާއަށް ނުނުކުމެވި އާމުދަނީގެ މަގުތައް ބަންދުވެފައި ތިބީ މިހާރުއެވެ. ޑެލިވަރީގެ ރަނގަޅު ނިޒާމަކަށް ރައްޔިތުން ބޭނުންވެފައި ވަނީ މިހާރުއެވެ.

ކޯވިޑަށް ޕޮޒިޓިވްވެ ކިތައް މީހުން ދުނިޔެ ދޫކޮށްފިހެއްޔެވެ؟ ކިތައް ދަރީން ޔަތީމުވެއްޖެ ހެއްޔެވެ؟ ކިތައް އަނބީން ހުވަފަތްވެ މިސްކީނު ވެއްޖެހެއްޔެވެ؟ އާއިލާއަށް އާމުދަނީ ހޯދަން ހުރި މީހާ ކުއްލިއަކަށް ބަލި އެނދަށް ވެއްޓުނީމާ ނުވަތަ ދުނިޔެ އަޅައިދިޔައިމާ އެ އާއިލާއަށް ވީ ކިހިނެއްހެއްޔެވެ؟ މި ދައުލަތުން އެ އާއިލާގެ ހާލު ބަލައިލިހެއްޔެވެ؟ ދެ ދަރީން ގޮވައިގެން އުޅުނު ޒުވާން ދެމަފިރީންގެ ތެރެއިން އަނބިމީހާ ކުއްލިއަކަށް ކޯވިޑް ބަލީގައި މަރުވެ ދިޔައިމާ، ފިރިމީހާ ދިރިއުޅުން ފޫބައްދާނީ ކިހިނެއްހެއްޔެވެ؟ މި ދައުލަތުން އެކަން ބަލައިލި ހެއްޔެވެ؟ އެންމެ އާއިލާއަކަށްވެސް ދެންވާނެ ގޮތެއް އޮޅުންފިލުވައިނުލި ތާނގައި ތައުޒިޔާގެ މެސެޖްގަނޑެއް ނަމަވެސް ފޮނުވިހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. އެއީ ދެރަ ނިކަމެތީންގެ ހާލެއް ދެކޭނެ ލޮލެއް ނެތީމައެވެ. އެމީހުންގެ ހާލަށް އަސަރުކުރާނެ ހިތެއް ނެތީމައެވެ.

ކޯވިޑޭ ހަމަ ބުނާއިރަށް ތިޔަ ބުނަނީ ފަރުދީ ޒިންމާގެ ވާހަކައެވެ. ދައުލަތުގެ މަޤާމުތަކުގައި ތިބި މީހުންނަށް ރައްޔިތުން ހަވާލުކުރި ޒިންމާ ކޮބައިހެއްޔެވެ؟ ކަންކަން ހައްލުކުރުމުގައި ޒިންމާއަކީ ދެފަރާތަށްވެސް އޮންނަ އެއްޗެކެވެ. ހަމައެކަނި ނިކަމެތި ރައްޔިތު މީހާއަށް އޮންނަ އެއްޗެއް ނޫނެވެ.

ކޯވިޑަށް ދޮޅު އަހަރު ވީއިރުވެސް، ވެންޓިލޭޓަރުތައް ނުލިބުނީ ރައްޔިތުން ޒިންމާ ނުއުފުލައިގެނެއް ނޫނެވެ. ކޮންމެ ރަށެއްގައި ޓެސްޓް ހެދޭނެ ގޮތް ނެތަސް އެންމެ ކުޑަމިނުން ކޮންމެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުގައި ޓެސްޓް ކުރެވޭނެ ގޮތް ނުހެދުނީ ރައްޔިތުން ޒިންމާ ނުއުފުލައިގެނެއް ނޫނެވެ. ދޮޅު އަހަރާއި 4 ބިލިޔަން ރުފިޔާއަކީ އެކަމަށް މަދު މިންވަރެއް ނޫނެވެ. ދޮޅު އަހަރު ވާންދެން ރާއްޖޭގެ ހާލަތު މި ދަރަޖައަށް ނުވެއްޓި އޮތީވެސް ރައްޔިތުން ޒިންމާ އުފުލިޔަތީއެވެ. އެހެން ނޫންމަ ހާލަތު މި މިންވަރަށް ގޯސްވާނެތާ ކިތަންމެ ދުވަހެކެވެ.

ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަރުބަލިވެއްޖެއެވެ. ވަސީލަތްތަކާއި ޖާގަނެތި މަސައްކަތް ކޮށްކޮށް ހޭހުސްވާވަރުވެއްޖެއެވެ. އެކަމަކު ފްރޮންޓްލައިން އެލަވަންސް ނުދެވުނަސް މަހުޖަނުންނަށް މިލިޔަން މިލިޔަން ރުފިޔާއިން ދައުލަތުން އެބަ ބަދަލު ދެވެއެވެ.

ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ދައުލަތުން ދިން ލުއި އޮތީ އަދިވެސް ރިޒޯޓު ހިންގާ މަހުޖަނުންނަށެވެ. ރިޒޯޓުތައް ހިންގަމުން ދިޔަޔަސް ކުއްޔާއި ޖޫރިމަނާތަކުން ލުއި އޮތީ އެމީހުންނަށެވެ. ކޯވިޑާ ގުޅޭ ލޯނުތަކާއި އެނޫންވެސް ކަންކަމުން ފައިދާ އޮތީ އެމީހުންނަށެވެ. މުވައްޒަފުންގެ ހައްޤުތައް މިދަތި ދަނޑިވަޅުގައިވެސް ފޭރެމުން ނަފާ އިތުރުކުރަމުން ދަނީ އެ މީހުންނެވެ. ދެކޭނެ ލޮލެއް، އަހާނެ ކަންފަތެއް ނެތެވެ.

ރާއްޖޭގައި ރިޒޯޓުތައް ގިނައެވެ. އެމީހުން ރިޒޯޓުތަކުން ފައިދާ ހޯދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު މިދަތި ހާލުގައި އެމީހުންވީ ކޮން އެހީއެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ޓެސްޓް ހަދައިލާނެ ޕީސީއާރް މެޝިނެއް ނުވަތަ ހައެއްކަ ޓެސްޓް ކިޓް ނަމަވެސް ޖެހިގެން އޮތް ރަށަށް ހަދިޔާކުރި ހެއްޔެވެ؟ ނުވަތަ ބަލިފެތުރި ރަށްރަށް ބަންދުވެފައި އޮތްއިރު ރައްޔިތަކަށް އޮރެންޖް ފަޅިއެއް ނަމަވެސް ދިއްކޮށްލިހެއްޔެވެ؟ ނޫނެކެވެ. އެކަމަކު މިޤައުމުގެ ގޮނޑުދޮށްތަކާއި ފަޅުތަކާއި ގިރިހާތަކަށް ދާންދެން އެމީހުންގެ ތަރިކަ މުދާކަމުގައި ދެކިގެން އެއިން ނަފާ ހޯދުމުގައި އެތިބަ އުމުރު ހުސް ކުރަނީއެވެ.

މިޤައުމުގެ އާބާދީގައި ގިނައީ ފަޤީރު، ދެރަ ނިކަމެތިންނެވެ. މުއްސަނދި ފޯރާ މީހުންނަކީ މަދު ބައެކެވެ. އެކަމަކު ދައުލަތުގެ ކޮންޓްރޯލް އޮތީ އެމީހުންނަށެވެ. ސިޔާސަތުތައް ކަނޑައެޅިފައިވަނީ އެމީހުންނަށް ފަހިވާ ގޮތަށެވެ. އެކަމަކު ހަޤީޤަތަކީ، ހަތަރު ފަސް މަހުޖަނުންނަކީ މުޅި ޤައުމު ނޫންކަމެވެ. ވެރިކަމެއް ހިންގުމަށާއި ދެމެހެއްޓުމަށް ރައްޔިތެއް ބޭނުންވެއެވެ. ރައްޔިތަކު ނެތްތާކު ވެރިކަމެއް ނޯންނާނެއެވެ.

މި ކަމުގައި އެއްޗެއް ނުބުނެ ހުރެވޭތޯ ވަރަށް ކެތްކޮށްފީމެވެ. ނަމަވެސް ކެއްތެރިކަން ކޮޅުންލުމުން މަނިކުފާނުގެ ސަމާލު ކަމަށް މި ވާހަކަ ގެނައުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.