Support Us

ތާރީހް:

ލިބެންވީ: އެޗް.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އަށް

ފޮނުވީ: ސިރާ
ގުޅޭ: ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނިގެން ފުލް ލޮކްޑައުނަކަށް ގައުމު ދާންޖެހޭތޯ؟

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ މާލެއިން ފެނިގެން މާޗު 15 ގައި މާލެ ލޮކްޑައުންކުރިއިރު އެންމެންގެ ހިތްތަކުގައި ވެސް އޮތީ ބިރުވެރިކަމާއި ހާސްކަމެވެ. އެ ބަލީގައި މިހާތަނަށް ފަނަރަ ވަރަކަށް މީހުން ރާއްޖޭގައި ވަނީ މަރުވެފައެވެ. މީގެ ހަތަރު މަހެއްހާ ކުރިން ފުރަތަމަ ޕޮޒިޓިވްވި މީހާއަށްފަހު، ބަލި ފެތުރުން ވަނީ އިތުރުވެފަ އެވެ. ދުވާލަކު ޕޮޒިޓިވްވި މީހުންގެ އަދަދު ތިން އަކުރަށް ވެސް އަރައިގެންދިޔައެވެ. އަދިވެސް ބަލި ފެތުރުން ކޮންޓްރޯލެއް ނުވެއެވެ. އެކަމަކު، ލޮކްޑައުންގައި ގޭބަންދުވެފައި އެތައް ދުވަހަކު ތިބެން ޖެހުމުން އެކަމުގެ ތަފާތު އުނދަގޫތަކާއި ރުޅިވެރިކަމާއި އަދިވެސް ތަފާތު ސަބަބުތަކާ ހެދި ގިނަ މީހުންގެ ހިތްތައް ވަނީ ބިރު ފަހަނަޅައި ގޮސްފަ އެވެ.

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި، ހުރިހައި ނަމާދެއްގައި ގުނޫތު ކިޔާގޮތަށް ހަމަޖެއްސެވީ ޗައިނާއިން ފެނުނު ކޮވިޑް19 މުޅި ދުނިޔެއަށް ފެތުރެމުންދާތީ އެވެ. ޑިސެއިންފެކްޓް ކުރުމަށް މުޅި މާލެތެރެއަށް ސްޕްރޭކުރީ ކުރެއްދޫ ރިސޯޓުގައި ތިބި ޓޫރިސްޓުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. މާލެ ލޮކްޑައުންކޮށް، އެންމެން ގޭބަންދުކުރީ މާލެއިން އެންމެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.

ލޮކްޑައުން އަށް އެކި ކަހަލަ ލުއިތައް އެކި މަރުހަލާގައި ދެމުން އައިސް، އިހަކަށް ދުވަހު މާލެ މުޅިން ހުޅުވާލިއިރު އިއްޔެ ވެސް މާލެއިން 77 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އިއްޔެއާ ހަމައަށް ޖުމްލަ 3،252 މީހުން ޕޮޒިޓިވްވިއިރު ގިނަ ބަޔަކު ރަނގަޅުވިޔަސް، ފަރުވާދޭ 688 މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިބި ކަމަށް އެޗް.ޕީ.އޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާރު ގުނޫތެއް ވެސް ނުކިޔައެވެ. މާލެތެރެ ޑިސްއިންފެކްޓެއް ވެސް ނުކުރެ އެވެ. ލޮކްޑައުން އުވާލުވުމުން އެންމެން ބޭރަށް ނުކުމެ، މަގުތަކާއި ހޮޓާތަކާއި ފިހާރަތައް ތޮއްޖެހިއްޖެ އެވެ.

އަޅުގަނޑުގެ ސުވާލަކީ ކޮވިޑް ބަލީގެ ޕޮޒިޓިވް 688 މީހުން މިހާރުވެސް ރާއްޖޭގައި ތިބިއިރު، ސްކޫލްތަކާއި އޮފީސްތަކާއި ސައި ހޮޓާތައް ހުޅުވާލައި ނިއު ނޯމަލް އަށް ދޫކޮށްލީ ކޮވިޑް ފެތުރުމުގެ ބިރު މާލެ އާއި ރާއްޖޭގައި މިހާރު ހަމަ އެއްގޮތަކަށް ވެސް ނެތީމަތޯއެވެ؟ އެބަލި ދެން އިތުރަށް ނުފެތުރޭނެތީތޯއެވެ؟

މިކަމުގައި ކަންތައްތައް ވީގޮތުން އަޅުގަނޑަށް ހީވަނީ ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނިގެން ހަގީގަތުގައި ފުލް ލޮކްޑައުނަކަށް ދާންނުޖެހޭ ކަމެވެ. އެކަން ކުރީ ލިބުނު ހާސްކަމުގައި، މާބޮޑު ވިސްނުމެއް، ރޭވުންތެރިކަމެއް ނެތި، ވާނުވާގައި ތިބެގެން ކަމެވެ. އެކަމަކު އޭގެ ސަބަބުން އާންމު ފަރުދުންނަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއްތޯއެވެ؟ ވަޒީފާ ގެއްލި، އާންމުދަނީ ނުލިބި، ބިކަހާލުގައި ޖެހުނީ ކިތައް އާއިލާތޯއެވެ؟ އެ ކަމުގެ ސަބަބުން މުޅި ގައުމުގެ އިގްތިސާދު ވެއްޓިފައި މިވަނީ ކޮން ފަދަ ބޮޑު އަނދަވަޅަކަށްތޯއެވެ؟

އަދި ހަމަ، ލޮކްޑައުންގައި އޮއްވައި، ޒަރޫރީ އެކިއެކި ބޭނުންތަކަށް މަގުމައްޗަށް ނުކުމެ އުޅުނު އެތައް ބަޔަކު ވަނީ ހައްޔަރުކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އަދި ޝަތީއަތަށް ވެސް ފޮނުވައިފަ އެވެ. މިއީ ވެސް، ކުށެއް ނެތް ބަޔަކަށް ދިން ކޮން ފަދަ ބޮޑު އަނިޔާއެއްތޯއެވެ؟ އަނެއްކާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ އެގޮތަށް ހެލްތު މިނިސްޓަރަށް އިއުލާންކުރެއްވޭނެ ހައިސިއްޔަތެއް އޮތް ކަމެއް ނޫން ކަމަށް ވެސް ފުންނާބު އުސް ގާނޫނީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ވީއިރު، މި ހުރިހާ ކަމެއްގައި ޒިންމާ ނަގާނީ ކާކުތޯއެވެ؟ މައިމޫނާއްތަ ވިދާޅުވަނީ ކީކޭތޯއެވެ؟

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.