Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް ފައްޔާޒު އިސްމާއީލަށް،

ފޮނުވީ: މުހައްމަދު
ގުޅޭ: "އިންކަމް ސަޕޯޓް އެލަވަންސް" ދެނީ ވަކި ބަޔަކަށްތޯ؟

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” އަށް އެދި ހުށަހަޅައިގެން އުޅޭތާ ކިތަންމެ ދުވަހެއްވެއްޖެ އެވެ. އެއީ އާމްދަނީ އަށް އަސަރުކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާއިން ވަކިކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނަށް ދޭ 5000ރ. އެލަވެންސެއް ކަމަށްވާތީ، އެކަމަށް އެދި އަޅުގަނޑު ހުށަހެޅީ ހުރިހާ ގޮތަކުން ވެސް ޝަރުތު ހަމަވާތީ އެވެ.

ހުރިހައި ލިޔެކިއުންތައް ތިޔަ މިނިސްޓްރީން ބުނި ތަނަކަށް މެއިލް ކުރީމާ، ލިޔެކިއުންތައް ބަލަމުންދާ ކަމަށް ބުނެ ޖަވާބު ލިބުނެވެ. އޭގެ ފަހުން މެސެޖެއް ލިބުނީ މޭމަހުގެ އެލަވަންސް ހޯދަން އެހެން ފޯމެއް ފުރަންޖެހޭ ކަމަށް ބުނެ އެވެ. އެ ފޯމު ވެސް ފުރައިފައި ފޮނުވީމެވެ. ނަމަވެސް، އެޕްރީލް ވެސް، މޭ ވެސް، ޖޫން ވެސް ނިމުނީ އެވެ. ކޮވިޑްގެ ކަންތައް ވެސް ގާތްގަނޑަކަށް ނިމެނީ އެވެ. ހަބަރެއް ނެތެވެ.

“އިންކަމް ސަޕޯޓް އެލަވެންސް” އާއި “ސްޓިމިއުލަސް ޕެކޭޖް”ގެ ފައިސާ ބައެއް ފަރާތްތަކަށް ދޫކުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ވާހަކައެއް ވެސް އަޑުއެހީމެވެ. އެހެންވެ އަޅުގަނޑަށް ޔަގީންވީ އެކަމެއް އެބަ ހިނގާކަމާއި އަދި އެ ކަމެއް އެ ހިނގަނީ ފާޑަކަށް ކަމެވެ. ހީވާ ގޮތުން “އިންކަމް ސަޕޯޓް އެލަވެންސް” އާއި “ސްޓިމިއުލަސް ޕެކޭޖް” އަށް އެދެން އާންމުކޮށް ހުޅުވާލެއްވި ނަމަވެސް، “ޝަރުތު ހަމަވެގެން” އެ ފައިސާ ދެނީ ވަކި ކަހަލަ ބަޔަކަށެވެ. އެ މީހުންގެ ހަމަވާންޖެހެނީ “ވަކި ކަހަލަ” ޝަރުތު ތަކެކެވެ.

މި ފައިސާ ދޫކުރި ގޮތުގެ ތަފްސީލް ލިސްޓް ހޯދަން މަޖިލީހުގެ މެމްބަރަކު ވެސް މަޖިލީހަށް ސިޓީއެއް ވަނީ ފޮނުއްވައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އަދިވެސް އެއްވެސް ހަބަރެއް ނުވެ އެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، “އިންކަމް ސަޕޯޓް އެލަވެންސް” ބޭނުންވެގެން އަޅުގަނޑު ހުށަހެޅީ ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި، ހާލުގައި ޖެހި، ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން އުޅުނުއިރު ކަމަށެވެ. ނަމަވެސް، ކޮވިޑަށްފަހު އާ އާންމު ހާލަތަކަށް ބަދަލުވެ، ވަޒީފާއެއް ވެސް އަލުން ލިބިފައިވުމުން، އެ ފައިސާ ދެން ބޭނުންނުވާ ވާހަކަ ދަންނަވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.