Support Us

ތާރީހް:

ލިބެންވީ: މާލޭގެ މޭޔަރ ޝިފާ މުހައްމަދަށް

ފޮނުވީ: އަހުމަދު ހަމީދު
ގުޅޭ: ސަލްޓަންޕާކު ސަރަހައްދު ޓްރެފިކަށް ހުޅުވާލަދެއްވުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މި ސަރުކާރު އައި ފަހުން މާލޭގެ މަގުތަކަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އުފަލާއެކު ފާހަގަކޮށް، އެކަމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށް ހާސް ފަށުން ޝުކުރު ދަންނަވަމެވެ. އެ މަސައްކަތްތައް މާލޭގެ ކޮންމެ ދިމާލަކުން ބަލައިލިޔަސް، ހަމަ ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. އެތައް ތަނެއްގައި ޕާކިން ޒޯންތައް ހަދައި، މަގުމަތީގައި ތޮއްޖެހިފައި ހުރި އުޅަނދުފަހަރު ވަނީ އެ ޒޯންތަކަށް ވައްދައިފައެވެ. އޭގެ އިތުރުން ކުރީގެ ސަރުކާރުން މާބޮޑު ސަބަބުތަކެއް ނެތި ބަންދުކޮށްފައި އޮތް އެތައް މަގެއް ހުޅުވާލުމުން ވެސް ތޮއްޖެހިފައި އޮތް މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފައެވެ. މިއީ ހަގީގަތެވެ.

އިއްޒަތްތެރި މޭޔަރ އެވެ. އަޅުގަނޑު ހަނދާންވާ ގޮތުން، މާލޭގެ ޓްރެފިކަށް އެންމެ ފުރަތަމަ ލުއި ލިބެންފެށީ މި ސަރުކާރު އައުމާއެކު، ނަސަންދުރަ ކުރިމަތިން ދެކޮޅަށް ދުއްވޭގޮތް ހެދުމުންނެވެ. އެއީ ކުރިން އެއާޕޯޓު ފެރީއާ ހެދި އެ މަގު ތޮއްޖެހިފައި އޮތް އޮތުމަށް ހުއްޓުމެއް ގެެނެސް، ހުޅުމާލެ ފެރީ ޓާމިނަލް ތެރެއަށް އެއާޕޯޓު ފެރީ ވެސް ލުމުންނެވެ. ދެވަނަ ލުޔަކީ ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން، އެމް.ޕީ.އެލް ސަރަހައްދުގައި މަގު ހުރަހަށް ކަހަލަ ގޮތަށް ޕާކުކޮށްފައި ހުރި ބޮޑެތި ލޮރީފަހަރު، މަގަށް ވަޑިފަތިކޮށް، އެތެރެއަށް ޖެއްސުމުން މަގަށް ލިބުނު ތަނަވަސްކަމެވެ. ކުރިން މަގުގެ ބޮޑު ބައެއް އޮންނަނީ ބޮޑެތި ލޮރީފަހަރަށް ނަގައިފައެވެ. އަނެއްކާ ލޮރީގެ ފޮށިގަނޑުތައް މަގަށް ނުކުމެފައި ހުންނާތީ އެ ހިސާބުން ދުއްވުން ވެސް އޮންނަނީ ވަރަށް ނުރައްކާތެރި ކަމަކަށް ވެފައެވެ. މިހާރު އެ ހިސާބު ވަރަށް އަމާނެވެ.

މާލޭގެ ޓެރްފިކަށް ލިބުނު ތިން ވަނަ ލުޔެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ އަމީރު އަހުމަދުމަގުގެ ހުޅަނގުކޮޅުން، އިސްލާމީ މަރުކަޒުގެ އުތުރު ފަރާތުން، ނުވަތަ ބަންޑާރަ ކޮށި ކުރިމަތިން ދުއްވޭ ގޮތަށް ހުޅުވާލުމުންނެވެ. ކުރިން މާފަންނުން ހެންވޭރަށް އަންނަން ޖެހިއްޖެ ނަމަ، ވަރަށް ބޮޑު ތަކުލީފުތަކާ ކުރިމަތިލާންޖެހެއެވެ. މިހާރު އޯކިޑް މަގުން އައިސް، އަމީރުު އަހުމަދު މަގުގެ އިރަށް ދަތުރުކުރެވޭތީ ވަރަށް ބޮޑަށް ފަސޭހައެވެ.

ކުރީގެ ކޮނިކޮށި ކައިރި ނުވަތަ ޖަޕާން މާރުކޭޓު ސަރަހައްދު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ކުރުމަކީ ވެސް އެ ހިސާބުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔަ ކަމެއް ކަމުގައި ފާހަގަކުރަމެވެ.

ކުރިން ވެސްޓްޕާކު ހުރި ސަރަހައްދުގައި މަގެއް ހަދައި، ޓްރެފިކަށް ހުޅުވާލައިފައި

މާލޭގެ ޓެރްފިކަށް އެންމެ ފަހުން ލިބުނު ފަސޭހައަކީ ރަސްފަންނު ކައިރީގައި އޮތް އުސް މަގު ބިމާ ހަމަކޮށް، އަލުން ޓްރެފިކަށް ހުޅުވާލައި، އަދި ވެސްޓްޕާކު ވެސް ނަގައި، ބޮޑުތަކުރުފާނު މަގަށް އެބައި ގުޅުވާލުމުންނެވެ. ބިރުވެރި ހޮހަޅައެއްހެން ކުރިން އޮތް ވެސްޓްޕާކު ނަގައި، ކުޑަ ބުރަކާއެކު އެ ތަނުގައި މަގެއް ހެދުމުން މުޅި އެ ހިސާބު މިހާރު ވަނީ ތަނަވަސްވެ ދިރުން ލިބިފައެވެ. އެއީ އެ ހިސާބުގެ ޓްރެފިކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބުނު ކަމެކެވެ.

ލިލީމަގުގެ ޓްރެފިކް: މެދުޒިޔާރަތްމަގު ބަންދުކުރުމުން ހަނިހަނި ލިލީ މަގަށް ވަރަށް ބާރު ބޮޑުވޭ

އިއްޒަތްތެރި މޭޔަރ އެވެ. މާލޭ ސިޓީ ކައުންސިލުން ހެޔޮ ބަދަލުތައް ގެންނަމުންދާއިރު، މާލޭ ޓްރެފިކުގައި މިހާރު  ކުރިމަތިވާ އެންމެ ބޮޑު މައްސަލަ ވެސް މި ފުރުސަތުގައި ދަންނަވާލަން ބޭނުމެވެ. އެއީ މެދުޒިޔާރަތްމަގު، ސަލްޓަންޕާކު ކުރިމަތިން އަދިވެސް ވެހިކަލްތަކަށް ބަންދުކޮށްފައި އޮންނަ މައްސަލައެވެ. އެ މަގު ވެސް ކުރިން ވެސް އޮތް ގޮތަށް، އެއްކޮޅަށް ދުއްވޭ ގޮތަށް ނަމަވެސް އަލުން ހުޅުވާލައިފިނަމަ، ހަނިހަނި ލިލީމަގާއި ޗާންދަނީ މަގުގެ ޓްރެފިކަށް ކުރިމަތިވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. އަމުދުން ސްކޫލްތައް އޮންނަ ދުވަސްވަރު މިއީ ވަރަށް ވެސް ބޮޑު މައްސަލައެކެވެ.

މެދުޒިޔާރަތްމަގު، ސަލްޓަންޕާކު ސަރަހައްދު ބަންދުކޮށްފައި އޮތުމުން ލިލީ މަގަށް ވަރަށް ބާރުބޮޑުވޭ

މެދުޒިޔާރަތްމަގު، ސަލްޓަންޕާކު ސަރަހައްދުން ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ފަހަރުގައި ހުކުރު ނަމާދުގެ ޖަމާއަތަށްދާ މީހުންނަށް ނުވަތަ އިސްލާމީ މަރުކަޒުގެ ބޭރުގައި ޖަލްސާއެއް ބާއްވަން ބޭނުންވާތީ އެ ސަރަހައްދު ހުސްކޮށް ބާއްވަން ބޭނުންވަނީތޯއެވެ؟ އެހެން ކަމަށް ވާނަމަ، އެ ކަމެއްގެ ވަގުތު ޖެހުމުން އެ ސަރަހައްދެއް ބަންދުކޮށްލަންވީ ނޫންތޯއެވެ؟ ގަލޮޅު ދަނޑު ސަރަހައްދު ބަންދުކޮށްގެން ވެސް ރަސްމީ މުނާސަބަތުތައް ބާއްވައެވެ. ނަމަވެސް އެ ހިސާބު ބަންދުކުރަނީ އެ ވަގުތެއް ޖެހުމުންނެވެ. ޖުމްހޫރީ މައިދާނުގައި ރަސްމީޔާތުތައް ބާއްވަން ވެސް ދޭތެރެދޭތެރެއިން އެ ސަރަހައްދު ބަންދުކޮށްލައެވެ. އެންމެ ފަހުން ގައުމީ ދުވަހު ދިދަ ނަގަން ވެގެން ވެސް އަދި އެކަމަށް ރިހާސަލް ބާއްވަން ވެސް ގިނަ ރޭތަކަކު މުޅި އެ ހިސާބު ބަންދުކޮށްލިއެވެ. އެހެންވެ މެދުޒިޔާރަތްމަގު ހުޅުވާލިޔަސް ވެސް، ހުކުރު ވަގުތަށާއި އެހެނިހެން ރަސްމީޔާތު ތަކަށް ވަގުތީ ގޮތުން ބަންދުކޮށްލަން ޖެހިއްޖެ ނަމަ، ބަންދުކޮށްލުމުގެ ފުރުސަތު އޮންނާނެނޫންތޯއެވެ؟

ވީމާ، ކަމަނާގެ ރިޔާސަތުގައި މާލޭ ސިޓީ ކައުންސިލްގެ މި ދައުރުގައި މާލޭގެ ޓްރެފިކަށް ތިޔަ ހޯއްދަވައިދެއްވި ލުޔަށް ޝުކުރާއި ތައުރީފު އޮއްސާ ހާލު، މެދުޒިޔާރަތްމަގުގެ ޓްރެފިކްގެ މައްސަލަ އަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދި ދަންނަވަމުން، މާލޭގެ ޓްރެފިކާ ގުޅޭ ބައެއް ފޮޓޯތައް މި ސިޓީއާއެކު އަރިސްކޮށްލަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.