Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް އިސްލަމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރަށް

ފޮނުވީ: ހުސެއިން އަލީ
ގުޅޭ: ޒިކުރާ މިސްކިތް ހުރި ތަނުގައި ވިޔާނުދާ އަމަލްތައް ހިންގަމުންދިއުން ހުއްޓުވައިދެއްވުން އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މަސްޖިދުލް ޒިކުރާ އަލުން ބިނާކުރުމަށް، އެ މިސްކިތް ރޫޅާލައިފައި ހުންނަތާ މިހާރު ލައްކަ ދުވަސްވެއްޖެއެވެ. ފުރާޅުގެ ޓިނުތަކާއި ދޮރުތައް ނަގައިފައި ހުރި ނަމަވެސް، މިސްކިތުގެ މިހުރާބުގެ އާއި ގިބްލަ ފަރާތުގައި، ބިއްލޫރީގައި ލިޔެފައި ހުރި އާޔަތްތައް އަދިވެސް އެތަނުގައި އެބަހުއްޓެވެ. އަދި މިސްކިތް ވަށައިގެން ބިތް ޖަހައި ބަންދުކޮށްފައި ހުރި ނަމަވެސް، ރޭގަނޑުގެ އެކި ގަޑިގަޑީގައި މީހުންތައް އެތަނަށް ވަދެނުކުމެ އުޅެތެވެ. ޖޯޑުޖޯޑަށްވެސް ވަދެ އުޅޭތަން ފެނެއެވެ. މިހާރު އެއީ މިސްކިތެއް ނޫނެއް ކަމަކު އެތަނަށް ވަންނަ ބަޔަކު ވަރަށް ވިޔާނުދާކޮށް އެތަނުގައި އުޅެމުން އެ ދަނީ، ގުރުއާނުގެ އާޔަތްތައް ވެސް އެތާ ހުއްޓައެވެ.

ވީމާ، ވިޔާނުދާ ކަންކަން ކުރުމަށް އެ ތަނަށް މީހުންނަށް ނުވަދެވޭނެ ގޮތެއް ހައްދަވައިދެއްވައި، އަދި އެ ތަނުގައި ހުރި އާޔަތްތައް ރައްކާތެރިކަމާއެކު ނަންގަވައި، ރައްކާކުރެއްވުން އެދޭ ވާހަކަ ދަންނަވަމެވެ. ނޫން ނަމަ ނީލަން ކިއުއްވިޔަސް އެންމެ ރަނގަޅެވެ. މިހެން މި ދެންނެވީ އާސާރީ އެއްޗެއްގެ ގޮތުގައި ރައްކާކުރަން، ނުވަތަ މިސްކިތު ވަކަރުގެ ގޮތުގައި، އެ ބިއްލޫރިތައް މީހަކު ނެގިޔަސް، އެކަން ވެސް ބަދަލުވެގެން ދާނީ ވައްކަމަކަށްކަން ވެސް ޔަގީނެވެ.

އޮފީހުގެ ފިނި ކޮޓަރިކޮޅުގައި މަނިކުފާނު އިންނަވާއިރު ބައްލަވާލައްވަން، އެ ތަނުގެ ހާލަތު މިހާރު އޮތް ގޮތުގެ ދެ ފޮޓޯ މި ސިޓީއާއެކު މަނިކުފާނަށް އަރިސްކޮށްލަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.