Support Us

ލޯކަލް ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށްފި

ކޮވިޑް19 އާ ގުޅިގެން ބަންދުކޮށްފައިވާ ލޯކަލް ޓޫރިސްޓް ގެސްޓް ހައުސްތައް މާދަމާއިން ފެށިގެން އަލުން ހުޅުވާލާއިރު ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި މާސްކް އަޅަން މަޖުބޫރުކޮށްފިއެވެ.

ކޮވިޑް19 އަށް ފަހު އަލުން ޓޫރިސްޓް ހިދުމަތް ދޭ ގެސްޓް ހައުސްތައް މާދަމާއިން ފެށިގެން އަލުން ހުޅުވާލަން ހުއްދަދީފައިވަނީ ހަ ރަށެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މިހާތަނަށް 15 ގެސްޓް ހައުސެއް ހުޅުވަން ހުއްދަދީފައިވާ ކަމަށެވެ. އެ ރަށްރަށަކީ ކ. ހުރާ ކ. މާފުށި، ވ. ތިނަދޫ އާއި އއ. މަތިވެރި، ނ. ފޮއްދޫ އަދި ތ. ގާދިއްފުއްޓެވެ.

"މިހާތަނަށް ހުއްދަ ދީފައިވަނީ ހަ ރަށަކަށް، އެ އަދަދު އަންނަނީ އިތުރުވަމުން،" އޮފިޝަަލް ވިދާޅުވި އެވެ.

ސަރުކާރުގެ ގެޒެޓްގައި އިއްޔެގެ އަދަދުގައި ބުނެފައި ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން އެ ގާނޫނުގެ ދަށުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް 12 މާޗް 2020 ގައި މިނިސްޓްރީ އޮފް ހެލްތް އިން އިޢުލާންކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން 15 އޮކްޓޯބަރު 2020 ފެށިގެން ވަކި ގޮތެއް އަންގަންދެން ޓޫރިސްޓް ހިދުމަތްދޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކަމަށެވެ.

އެގޮތުން ލޯކަލް ޓޫރިސްޓް ހިދުމަތްދޭ ރަށްރަށުގައި ގޭން ބޭރުގަ އާއި އާއްމު ތަންތަނުގައި އުޅޭއިރު އާނގަޔާއި ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާދަމާއިން ފެށިގެން މާސްކް އެޅުމަށް ވަނީ އަންގާފަ އެވެ. އަދި މާލެއެކޭ އެއްގޮތަށް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރާ ފަރާތްތަކުން ކަސްރަތުކުރާ ވަގުތުތަކުގައާއި އެހެން މީހެއްގެ އެހީއާ ނުލައި މާސްކް އަޅައި ނުނެގޭ މީހުންނާއި ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ހޯދާ ފަރާތްތައް ހިދުމަތް ހޯދާ ވަގުތުތަކުގައި އިސްތިސްނާވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މިގޮތަށް އެ ރަށްރަށުގައި އަމަލް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުންދޭ އިރުޝާދުތަަކަށް އަމަލްކުރުމަށް އެންމެހައި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ އަންގަވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ލޯކަލް ޓޫރިސްޓް ހިދުމަތް އަލުން ހުޅުވާލާ ރަށްރަށުގެ ގެސްޓް ހައުސްތަކަށާއި އެ ރަށްރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ހަމަޖައްސާފައިވާ މާސްކް ބެހުމަށް ކައުންސިލްތަކާ ހަވާލުކުރަން ހަމަޖައްސާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *