ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯނިން 130 ކިލޯގްރާމުގެ ޑްރަގު މިދިޔަ ހޯމަ ދުވަހު އަތުލައިގަތް މައްސަލައިގައި ކުޑަ ކުއްޖަކާއި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މި މަހު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ހަ މީހުންނާއި 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
މިއީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެ ދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން 100 ކިލޯގްރާމަށްވުރެ ބަރުދަން ހުރި ޑްރަގު އަތުލައިގަތްކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
DED, supported by Drug Intelligence & Marine Police have seized over 100 kgs of heroin & methamphetamine from a boat nearby HulhuMale’ this morning. The social and economic impact from narcotic drug trafficking is high. We will continue efforts to disrupt the drug trade. pic.twitter.com/1A6iSNwEfh
— Mohamed Hameed (@M_Hameedh) October 12, 2020
މި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 130 ކިލޯގެ މަސްތުވާތަކެތި ހޯދައިފައި ކަމަށާއި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބި ފަރާތްތަކަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހިމް، 42، އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ، 48، ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރެއިން ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އަދި އަޙްމަދު މުސާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ މުގުލުގައި ހުރި ޝަހީބް އިބްރާހިމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނުވެފައިވާ މީހާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމައްސަލާގައި ޝަހީބް އިބްރާހިމާއި އީރާން ހަތް މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.



advertisment