ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރުން މިހާރަށް ގެންދަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލީޝަނުން މި ކަމަށް ގޮވާލީ މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތައް ސަރުކާރުން ފްރީޒްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދުކުރި ހުކުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ބެހޭ ގޮތުން މި ސަރުކާރުން އެކިއިރު އެކި ގޮތަށް ވާހަކަތައް ދައްކާފައިވާ ކަމަށާއި މިހާރު ހަމަ ގައިމުވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ބޮޑު ވަޒީރު މޯދީއަށް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފައެވެ.
"ސިފައިން ތިބިކަން މިހާރު އެބަ ޔަގީންވޭ. ފުރަތަމަ އަޅުގަނޑުމެންނަށް އަޑުއިވުނީ ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިންނެއް ނެތޭ. ދެން އަޑުއިވުނީ ހަތިޔާރާއެކީގައި ތިބި ސިފައިންނެއް ނެތޭ. މިހާރު މި އަޑު އިވެނީ ސިފައިން ތިބި އަދަދު ހާމަކޮށްފިއްޔާ ގައުމީ ސަލާމަތަށް ނުރައްކާވާނޭ. އެހެންވީމަ ސިފައިން ތިބިކަން އެބަ އެނގޭ. އެތިބި ގައުމެއްގެ ސަރުކާރަށް އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ދިވެހި ރާއްޖޭގައި ތިބި އެގައުމެއްގެ ސިފައިން އަނބުރާ ގެންދަން. އެއީ ކޮންމެ ގައުމެއް ސިފައިން ކަމުގައި ވިޔަސް އެގައުމެއްގެ ސަރުކާރަށް، އެގައުމެއްގެ ބޮޑު ވަޒީރަށް ގޮވާލަން އަޅުގަނޑުމެންގެ ގައުމު އަޅުވެތިކުރަން ނޫޅޭށޭ. އަޅުގަނޑުމެންގެ ގައުމު ކުޑަވެފައި މަނިކުފާނުގެ ގައުމު ބޮޑުވުމަކީ އަޅުގަނޑުމެންގެ ގައުމު ހިސޯރުކުރަން މަނިކުފާނަށް ލިބޭ ލައިސަންސެއް ނޫނޭ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް މިވާހަކަ މި ދަންނަވަނީ،" މޯދީގެ ނަންނުގަންނަން ވަރަށް މަސައްކަތް ކުރެއްވުމަށްފަހު އަބްދުއްރަހީމް އެންމެފަހުން ވިދާޅުވި އެވެ. "އެ ނަންނަ ނުކިޔަން މިހާއިރު މި މަސައްކަތް ކުރީ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މި އިންޑިއާ ކަނޑުގެ ތެރޭގައި ދިވެހިރާއްޖެ އޮތުން އެއީ މޯދީގެ މިލްކަކަށް މި ރާއްޖޭ ވާންޖެހޭ ސަބަބެއް ނޫނޭ."
ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމު އަދިވެސް މޯދީ އަށް މެސެޖުތަކެއް ދެެއްވިއެވެ. "މިއީ އަޅުގަނޑުމެންގެ އަމިއްލަ ގައުމޭ. މިއީ އަޅުގަނޑުމެންގެ ކާބަފައިން ލެއާއި ދާ އޮހޮރުވައިގެން މިހާ ހިސާބަށް ދެމެހެއްޓި މިނިވަން މުސްތަގިއްލު ގައުމެކޭ. ސައްތައިން ސައްތަ މުސްލިމު ގައުމެކޭ. މި ގައުމުގައި ބުދަށް އަޅުކަންކުރަން ޖާގަދޭކަށް ބޭނުމެއް ނޫނޭ. މި ގައުމުގައި އޮތް ސުލްހަވެރިކަން ނާގާލާކަށް ބޭނުމެއް ނޫނޭ. މި ގައުމުގައި އޮތް އެކުވެރިކަން ގެއްލުވާލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫނޭ. އެ ހުރިހައި ކަމެއް ދަމަހައްޓަން، ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި މި ގައުމު ބާއްވަން، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މި ގައުމު ބާއްވަން، އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި މި ގައުމު ކުރިއަށް ގެންދަން، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން، އަޅުގަނޑުމެން މިތިބީ ކެރިގެން ނުކުންނަން ތައްޔާރަށޭ. ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނީ ވަރަށް ކެރިގެން ސާބިތުކަމާއެކީގައި."



advertisment
One Response
200 މ. ޑޮލަރަށް އައްޑޫ ވިއްކާފައި.. އަދިޔަސް އަފިރިން ތިބެ އައްޖަހަނީ..؟ ނާސިރު ރާއްޖެ ވިއްކީމަ އެއީ ބޮޑުކަމަކަށް ވެގެން އަފިރިން މުޒާހަރާކެޑެއި..! މިކޯ އަމިއްލަ ރަށް ވިއްކިމެޔަސް މިތިބީ ހެވިފައި.؟
ކޮބާ އައްޑޫ މީހުންގެ ގައުމިއްޔަތު އަމިއްލަ ވަންތަކަން މިނިވަންކަން ؟ މިހާދުވަހު މާލޭ މީހުންނަށް އަޅުދާސް ނުވާން ކުރި މަސަތްކަތް؟ މިހާރު އިންޑިޔާގެ ތައްޕާހަށް މިވައްޓާލީ ! އެވެސް ރަށާއި އަތޮޅު ވިއްކީ ބުދައް އަޅުކަން ކުރާ ބޮޑު ހަރުބީ ކާފަރުންތަކަކަށް.. ދުވަސް ކެޑަކުން މިތަނިޔަސް ބުދު ބަތިބާށިޔެ.
މިކަމަށް މިހާރު ބަސްނުބުނެ ފިއްޔާ އެމީހުން ހަތިޔާރާއި އެކު އެރީމަ ދެން ކުރާނެ ކަމެއް ނޯންނާނެ. އައްޑޫގައި ޓްރޭނިންސުކޫލޭ ކިޔާފައި ދޮގު ހަދާ އެއީ ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ..ރާއްޖޭ ގެ މައި ސިފައިންގެ މަރުކަޒަށްވުރެން ވަރުގަދަ ކޮށް ކޮންކްރީޓް ކޮށް އެހަދަނީ ހަމަ ޓްރޭންނިން ސްކޫލެކޭ މޮޔަވާހަކަ ނުދައްކާ.. އަފިރިން މީ ގަމާރުންނަށް ނަހަދާ.. އަދިޔަސް މިކަމާއި ވޭޑިގައްފެހޭ ހުއްޓުވޭހެއް.
ހިގާ އެންމެ އުޅެމާ.. މީގެ އެމްޑީޕީއެއް.. ޕީޕީއެމް އެއް ޖޭޕީ އެއް ނޯންނާނެ.. "#އައްޑޫ މިނިވަން ކުރޭ"