މައްޗަންގޮޅީ ގެއެއްގެ ކުޑަ ކެޔޮފީންޏެއްގައި އެޅި ފުރަތަމަ ކެޔޮގަނޑު، ސަދަގާތަށް ބަހަން ނިންމާފައި އޮއްވައި، ވަގަކު ގޮސް ކެޔޮގަނޑު ކަނޑާލައިގެން ގެންގޮސްފިއެވެ. އުސް ފާރުމަތިން، މަގުމައްޗަށް ފެންނަން އޮތް ބޮޑު ބޮންތިރަތް ކެޔޮގަނޑު، ވަގުކަލޭގެ ކޮނޑަށް ލައިގެންްދާ ވީޑިއޯ ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިސްކަންދަރު މަގުގައި، އަހިމާ ސަރވިސް ގަރާޖް ކައިރީގައި ހުންނަ "މއ. އުދަރެސް" ގޭގައި އޮތް މި ކެޔޮގަނޑު ކަނޑާލައިގެން މީހަކު ގެންދިޔަކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހެނދުނު، ގަސްތަކަށް ފެން ދޭންވެގެން އުޅެނިކޮށެވެ.
އަލަތު ކެޔޮގަނޑު ކަމަށް ވާތީ، އެ ގޭގެ މީހުން ދިޔައީ އެކި ދުވަސްމަތިން ކެޔޮގަނޑު ފޮޓޯ ވެސް ނަގަމުންނެވެ.

"ހެނދުނު ތެދުވެ ގަސްތަކަށް ފެންދޭން އުޅެފައި ބެލިއިރު ކެޔޮގަނޑެއް ނެތް. ކެޔޮގަނޑު އޮތީ ކަނޑާލައިފައި،" އެ ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "ދެން މި ހިސާބުގައި ހުރި އެކިއެކި ކެމެރާތައް ބަލަމުން ދަނިކޮށް ފެނުނީ ހެނދުނު 6.22 ގައި މީހަކު ކެޔޮގަނޑު ކޮނޑަށް ލައިގެން ހިފައިގެން ދަނިކޮށް. އެއީ ހަމަ ބޮޑު ކެޔޮގަނޑެއް."
Ma. Udhares geyge keyo gahugai alhaafai, magumachchah fennan oi bodu keyogandeh, 29 Aug 2020 dhuvahu hendhunu kandaalaigen miyoh gendhanee. Mee kaaku kameh adhives neygey. @PoliceMv pic.twitter.com/riOvXYaIkv
— Intey2020 (@intey2020) October 2, 2020
ވަގުކަލޭގެ ކެޔޮގަނޑު ކަނޑާލާ މަންޒަރު އަރާފަށުގައި ކެމެރާއެއް ނެތެވެ. އެ ހިސާބުގައި ހުރި ހަމައެކަނި ކެމެރާއަށް ރެކޯޑު ކުރެވިފައިވާ ވީޑިއޯ އިން ފެންނަނީ، ނޫ ކުލައިގެ ޓީޝާޓެއް ލައި، މާސްކް އަޅައިގެން ހުރި ވަގުކަލޭގެ، ވަރަށް ހަމަޖެހިލައިފައި، ޖެހިގެން އޮތް ގޯޅިތެރެއިން ކެޔޮގަނޑު ހިފައިގެންދާތަނެވެ.
އުދަރެސްގެއިން ވާހަކަ ދެއްކި، ނޫހުގައި ނަން ޖަހަން ބޭނުންނުވާ ޒުވާނާ ބުނީ، އާއިލާ އިން ރާވައިފައި އޮތީ، އެއީ އެ ގޭގައި އިންދި ކެޔޮ ފީނީގައި އެޅި ފުރަތަމަ ކެޔޮގަނޑު ކަމަށް ވާތީ، ސަދަގާތަށް ބަހާލަން ކަމަށެވެ.

"ހަތަރު ވަރަކަށް މަސް ވެއްޖެ ކެޔޮގަނޑު ނުކުމެ، ހަރުވަމުން އަންނަތާ. އެއީ ފުރަތަމަ ކެޔޮގަނޑު ކަމަށްވާތީ ސަދަގާތަށް ބަހާލަން ނިންމައިގެން ތިބީ. ހަފުތާއެއް ފަހުން ކަނޑަން ނިންމައިގެން މިތިބީ،" އޭނާ ބުންޏެވެ.
ވަގުކަލޭގެ ކެޔޮގަނޑު ކަނޑާލައިފައިވާ ކަމަށް ބޮޑަށް ބެލެވެނީ، ފާރުގައި ހުރި ކަރަންޓު ފޮށިމަތިން، ފާރުމައްޗަށް އަރައިގެންނެވެ.
އޭނާ ބުނީ ވަގުކަލޭގެ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ފުލުހުންނަށް ވެސް އެންގި ކަމަށެވެ. ނަމަވެސް، މައްސަލަ ޖައްސަން ބޭނުން ނަމަ ރަސްމީކޮށް ޝަކުވާ ހުށަހަޅަން ފުލުހުން ބުނުމުން، ފަހުން އެކަމާ ނޫޅެވުނު ކަމަށް އޭނާ ބުންޏެވެ.
"އަދި އެބަހުރި ދެ ގަސް. އެ ދެގަހުން ކެޔޮގަނޑެއް ލިބޭނެ ކަމަށް މި ބަލަނީ،" އޭނާ ބުންޏެވެ. "ވަގުކަލޭގެ ކެޔޮގަނޑު ކަނޑާލީމާ މި ގަހުގެ ބޭނުމެއް ދެން ނެތް."



advertisment
One Response
vagukaleyge gendhiyaima baa sadhagaathah bahan nimmee. WA.