ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްތަކެއް ކޮށްދެއްވސެިފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ ހަތަރު މުވައްޒަފަކަށް ރޭ ލިބިވަޑައިގެންފިއެވެ.
މި އިނާމު ހާސިލުކުރެއްވި މުވައްޒަފުންނަކީ ކުންފުނީގެ ތަރައްޤީއަށާއި ދިވެހި ޤައުމަށް ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅުންނެވެ.
އާމިނަތު ރަޝީދާ
އާމިނަތު ރަޝީދާ (މަތީ ފޮޓޯގައި) އަކީ އެމް.ޑަބްލިޔު.އެސް.އޭ އަދި އެމް.ޑަބްލިޔު.އެސް.ސީގައި ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ކަނބަލެކެވެ. ޑިސެންބަރު 1، 1995 ގައި ބިލިންގ އެކައުންޓްސް އެސިސްޓަންޓްގެ މަޤާމުން އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެންނެވި އާމިނަތު ރަޝީދާ، މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހު މި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާއިރު، މިހާރު އަދާކުރައްވަމުން ގެންދަވަނީ އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވްގެ މަޤާމެވެ. ފައިނޭންސް ޑިވިޜަންގައި ސަޕްލަޔަރުންގެ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި، މާލީ ރެކޯޑްތަކާއި ބިލް ރެކޯޑްތައް ސައްހަކަމާއެކު ބެލެހެއްޓުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އާމިނަތު ރަޝީދާގެ ފަރުވާތެރި މަސައްކަތް ފާހަގަކޮށް ކުންފުނިން ވަނީ 2004 ވަނަ އަހަރު "މޯސްޓް ޑެޑިކޭޓެޑް އެމްޕްލޯއީ" އަދި 2010 ވަނަ އަހަރު "މޯސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ" އެވޯޑް ދެއްވާފައެވެ.

މުޞްޠަފާ ޙަސަން
މުޞްޠަފާ ޙަސަނަކީ ދިވެހި ދައުލަތަށާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔު.އެސް.އޭ) އަދި އެމް.ޑަބްލިޔު.އެސް.ސީ އަށް ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޮގަސްޓް 16، 1995 ގައި ވޯޓަރ ޕްރޮޑަކްޝަން އޮފިސަރުގެ މަޤާމުން މި ކުންފުންޏާ ގުޅިވަޑައިގެންނެވި މުޞްޠަފާ މިހާރު ހުންނެވީ ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރުގެ މަޤާމުގައެވެ. ކުންފުނީގެ ބޮޓަލް ފެން ޕްލާންޓް ޤާއިމުކޮށް ހިންގުމުގައާއި، ޕްލާންޓް އަޕްގްރޭޑްކުރުމާއި، އާ މެޝިނަރީ އިންސްޓޯލްކުރުމުގެ އިތުރުން ޕްރީފޯމް ލައިޓްވެއިޓިންގ ފަދަ މުހިންމު ފަންނީ މަޝްރޫޢުތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި 2006 އިން 2008 އަށް މުވައްޒަފުންގެ ކްލަބުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، 1996، 1997 އަދި 2018 ވަނަ އަހަރު ކުންފުނީގެ ފާހަގަކޮށްލެވޭ އެވޯޑުތައް ވެސް ވަނީ ހާސިލުކުރައްވާފައެވެ.

މުޙައްމަދު ޢަލީ
މުޙައްމަދު ޢަލީ އަކީ އެމް.ޑަބްލިޔު.އެސް.އޭ އަދި އެމް.ޑަބްލިޔު.އެސް.ސީގައި ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ހީވާގި މުވައްޒަފެކެވެ. ޖަނަވަރީ 1، 1996 ގައި ރީ-ޑިސްކަނެކްޝަން ޓީމް ލީޑަރުގެ މަޤާމުން އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެން، މެދުނުކެނޑި 30 އަހަރުގެ ޚިދުމަތް ފުރިހަމަކުރައްވާފައިވާ މުޙައްމަދު ޢަލީ މިހާރު ހުންނެވީ ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރުގެ މަޤާމުގައެވެ. ކަސްޓަމަރ ސާރވިސް ޚިދުމަތްތައް ހަރުދަނާކުރުމާއި، އަތޮޅުތެރޭގެ އޮފީސްތައް ބެލެހެއްޓުމާއި، ކުންފުނީގެ ISO އަދި OHSAS ސްޓޭންޑަޑްތައް ހާސިލުކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން 1998 ވަނަ އަހަރު މާލޭގެ ފެން ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމުގައާއި، 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި މެދުނުކެނޑި ޚިދުމަތް ދިނުމުގައި ނަމޫނާ ދެއްކެވި މުޙައްމަދު ޢަލީއަށް ވަނީ 2020 ވަނަ އަހަރު "ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރސް" އެވޯޑް ލިބިވަޑައިގެންފައެވެ.

މުޙައްމަދު އިޔާޟް
މުޙައްމަދު އިޔާޟް އަކީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޮގަސްޓް 10 1987 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ޚިދުމަތް ފައްޓަވައި، 01 ޖަނަވަރީ 1996 ގައި އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެންނެވި މުޙައްމަދު އިޔާޟް ވަނީ މި ކުންފުނީގައި މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. ޓެކްނިކަލް ސަޕޯޓާއި، ޓްރާންސްޕޯޓް އަދި މެނުފެކްޗަރިންގ ދާއިރާގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު މިހާރު އަދާކުރައްވަނީ މީޓަރ ރިޕްލޭސްމަންޓް އޮފިސަރ މަޤާމެވެ. ކުންފުނީގެ ދަތުރުފަތުރާއި އޮޕަރޭޝަނަލް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމުގައި އޭނާ ދައްކަވާފައިވަނީ ޒިންމާދާރު، ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.
"ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފުވެރި ޤައުމީ އިނާމު ހާސިލުކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ މި ހަތަރު މުވައްޒަފުން ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ފަރާތުން ފަށްފަށުން މަރުޙަބާއާއި ޝުކުރު ދަންނަވަމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.



advertisment

