ލުއިފަސޭހަ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބުމުގެ އިތުރުން ހަކަތައިގެ އުމްރާނީ ތަރައްޤީއަށް ވުނަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި ހަލުވިކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ގޮވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅުދެއްކެވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނަރޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިންގ ދަ ފިއުޗަރ"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ސާފު ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އޭގެ އިތުރުން މިއީ ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދު ހިމާޔަތްކޮށް ރައްކާތެރިކުރުމާއެކު، އިތުބާރު ހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުން ކަށަވަރުކުރުމަށްވެސް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޭރުން އެތެރެކުރާ ތެލަށް ދިވެހިރާއްޖެއިން ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި، މި ބަރޯސާވުން ކުޑަކުރުމަކީ ޤައުމީ ފެންވަރުގައި އިސްކަންދެވޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ، އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ވަނަ އަހަރު ކަނޑައަޅައިފައިވާ އަމާޒަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ރަށްރަށުގައި މި ނިޒާމު ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް މަގުފަހިކުރުމަށްޓަކައި އެނަރޖީ ސްޓޯރޭޖް ސިސްޓަމްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްރަށަކީ ޖިއޮގުރަފީ ގޮތުން އެކަހެރިކޮށް އުފެދިފައިވާ ރަށްތަކަކަށް ވުމުގެ ސަބަބުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ ޚަރަދު، ވަރަށް ބޮޑުތަން އިތުރުވެގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އެނަރޖީ ރޯޑްމެޕް 2024–2033 އިފްތިތާޙްކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. މި ރޯޑްމެޕަކީ ތެލަށް ބަރޯސާވެފައިވާ ހަކަތައިގެ ނިޒާމުތަކުން، ދެމެހެއްޓެނިވި، ޚަރަދު ކުޑަ އަދި ވިލުންތެރި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކަށް ބަދަލުވުމުގެ އޮނިގަނޑަށް އެކުލަވައިލައިފައިވާ މަގުޗާޓެކެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުނިޔޭގެ ހަކަތައިގެ ނިޒާމު ބަދަލުކުރުމުގެ ކާމިޔާބީ ބިނާވެފައިވަނީ ވެވޭ ވަޢުދުތައް އަމަލީ މަސައްކަތަށް ބަދަލުކުރެވޭ މިންވަރެއްގެ މައްޗަށް ކަމުގައި ފާހަގަކުރެއްވިއެވެ. ސާފު އަދި ވިލުންތެރި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ޢަޒުމް ތަކުރާރުކުރައްވަމުން، މި އަމާޒު ހާސިލުކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.



advertisment