ތުރުކީވިލާތުގައި ކުރިއަށްދާ އަންތާލިޔާ ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ތުރުކީވިލާތުގެ އަންތާލިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި މަހުގެ 10 އިން 14 އަށް އެޤައުމުގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވާހަކަފުޅު ދެއްކެވިއެވެ. "ޓުވަރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއެންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެވަޑައިގަންނަވާ ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާ ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވުމާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަމާއި، އަރބަން އެޑެޕްޓޭޝަން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



advertisment