ބައެއް ކަހަލަ ކޮންޓޭނަރުތައް ކްލިއަރކުރުމުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކޮށްފިއެވެ.
އެމް.ޕީ.އެލް އިން މިއަދު ބުނީ ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ "ފުލް ކޮންޓޭނަރ ލޯޑް" (FCL) ކޮންޓޭނަރުތައް ކްލިއަރކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލް (ޓީ.ސީ.ޓީ) އަށް ބަދަލުކޮށް، ތިލަފުށީގައި އެ ޚިދުމަތް ފެށީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައި ކަމަށެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިލަފުއްޓަށް ބަދަލުކުރި ފުރަތަމަ އޮޕަރޭޝަނެވެ.
"އެންމެ ފުރަތަމަ މި ފެށީ "ޑައިރެކްޓް ޑެލިވަރީ" (ޑީ.އާރް)ގެ ގޮތުގައި "FCL" ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ޚިދުމަތެވެ. އެހެން ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީ.އާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލް އިން ކްލިއަރކުރެވޭނެއެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރުގެ ތެރެއިން، ބޮޑުބައެއް ކްލިއަރކުރަނީ ކަނޑުމަގުންނެވެ. އަދި މީގެ ތެރޭގައި ގިނައީ “FCL” ކޮންޓޭނަރެވެ. މި ވަގުތު ޑީ.އާރްގެ ގިނަ ކޮންޓޭނަރުތައް ކަނޑުމަގުން ކްލިއަރކުރަނީ ހުޅުމާލެ ޓަރމިނަލް އިންނެވެ. މި އޮޕަރޭޝަންސްތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެކެވެ."

އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ ކާގޯ ކްލިއަރަންސްގެ ޚިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެމް.ޕީ.އެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތެއް ކުރި ކަމަށެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.
ޝަފީގް ވިދާޅުވީ ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި "ލެސް ދެން ކޮންޓޭނަރ ލޯޑް" (LCL)ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރެޭގައި މުޅިން ނިންމާލެވޭނެއެވެ.
އަދި މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށައިފައެވެ.



advertisment

