ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)އާ ދެކޮޅަށް އެމެރިކާއިން ހިންގާ ހަރަކާތްތައް ވަރުގަދަކޮށް، ސީދާ އެ ކޯޓާ ދެކޮޅަށް މި ފަހަރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، ބައިނަލްއަގުވާމީ އިންސާފުގެ ކުރިމަގާމެދު މި މަހުވަނީ ކަންބޮޑުވުންތައް އުފެދިފައެވެ.
މި މަހު ނުވައެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއުލާނުކުރެއްވި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ، ހަނގުރައިމައިގެ ކުށްތަކާއި ނަސްލު ނައްތައިލުމާއި އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރުމަށް 2002 ގައި އުފެއްދި މި ބައިނަލްއަގުވާމީ ކޯޓަށެވެ.
"އަހަރެމެން މި ބާތިލު ކޯޓާއެކުކުރާ މުއާމަލާތްތައް މަނާކޮށް، އެ ކޯޓަށް ލިބޭ ވަސީލަތްތަކަށް ހުރަސް އަޅައި، އަހަރެމެންނާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ނައްތައިލައިނަން. އަހަރެމެންގެ މެސެޖު ސާފު: އެމެރިކާއާއި އެމެރިކާގެ ރައްޔިތުންނަކީ މި ނަކަލީ އައި.ސީ.ސީގެ އިހްތިސާސް ހިނގާނެ ބައެއް ނޫން،" ރޫބިއޯ ވިދާޅުވިއެވެ.
އެމެރިކާއިން ބުނާ ގޮތުގައި އަފްގާނިސްތާނުގައި ކުރިން ތިބި އެމެރިކާގެ ސިފައިންނާ ގުޅޭ ގޮތުންކުރާ ތުހުމަތުތައް ތަހްގީގުކުރުމާއި އަދި ގައްޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުމުން އައި.ސީ.ސީންވަނީ އެ ކޯޓުގެ ބާރުތަކުގެ އިމުން ބޭރުވެފައެވެ.
އެމެރިކާ އަދި އިސްރާއީލަކީވެސް އައި.ސީ.ސީ އުފެއްދި މުއާހަދާކަމަށްވާ ރޯމް ސްޓެޓްޔޫޓްގެ ބައިވެރިންނެއް ނޫނެވެ. އެހެންނަމަވެސް ކޯޓުން ދަމަހައްޓާ އުސޫލަކީ ތުހުމަތުކުރެވޭ މީހުން، މުއާހަދާގައި ބައިވެރިނުވާ ގައުމުތަކަށް ނިސްބަތްވީ ނަމަވެސް، މެންބަރު ގައުމުތަކުގެ ސަރަހައްދުތަކުގައި ހިންގާ ޖަރީމާތަކަށް ދައުވާކުރެވޭނެކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައިވާ އައި.ސީ.ސީގެ މުދާތައް ފްރީޒްކޮށް، އެމެރިކާގެ ކުންފުނިތަކާއި އަމިއްލަ ފަރުދުން ކޯޓާއެކު މުއާމަލާތްކުރުން މަނާކުރެއެވެ. ނަމަވެސް ބައެއް އިސްތިސްނާތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ހަ މަހުގެ އިންތިގާލީ މުއްދަތެއް ދީފައިވެއެވެ.
އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ މިޑްލްސެކްސް ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ގާނޫނާ ބެހޭ ޕްރޮފެސަރު ވިލިއަމް ޝަބާސް ބުނީ ޔޫރަޕުގެ ސޮފްޓްވެއާތައް ހިޔާރުކުރުމާއި އެމެރިކާއާ ގުޅުންހުރި ހިދުމަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެމެރިކާއިން އަޅައިފައިނެ މި ފަދަ ފިޔަވަޅުތަކަށް ކޯޓުން ތައްޔާރުވަމުންދިޔަކަމަށެވެ.
"މީގެ އަސަރުކުރާނެ މިންވަރު ފެންނަން އަދި އޮތީ. އަދި ފެންނާނެ. ޔަގީނުންވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޯޓަށް ކަންކަންކުރަން ވަރަށް ބޮޑަށް ދަތިވެގެންދާނެ،" އޭނާ ބުންޏެވެ.
އައި.ސީ.ސީންވަނީ މި ފިޔަވަޅުތަކަކީ "އިންސާފުގެ މަގަށް ހުރަސް އެޅުމަށް"ކުރާ މަސައްކަތެއްކަމަށް ބުނެ އެ ފިޔަވަޅުތައް ކުށްވެރިކޮށް، އެ ކޯޓުގެ މަސައްކަތްތައް ހިމާޔަތްކުރަން އެހީތެރިވުމަށް އެ ކޯޓުގެ 125 މެންބަރު ގައުމަށް ގޮވައިލައިފައެވެ.
"ތާރީހު މި ވަގުތުގެ މައްޗަށް ހުކުމްކުރާނެ. އަންނަން އޮތް ޖީލުތަކާއި، ހާއްސަކޮށް ބޮޑެތި ޖަރީމާތަކުގެ ޝިކާރައަކަށްވި މީހުން، އެ މީހުން ހިމާޔަތްކުރަން އުފެއްދި މުއައްސަސާއަކަށް ހަމަލާ އަމާޒުވުމުން އަހަރެމެން ކަންތައްކުރި ގޮތާމެދު ސުވާލުކުރާނެ،" ކޯޓުން ބުންޏެވެ.
އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރޭސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ސިފަކުރެއްވީ "ބައިނަލްއަގުވާމީ ޖިނާއީ އިންސާފު ހޯދުމަށް އަހަރެމެން އެންމެންކުރާ މަސައްކަތަށް ލިބުނު ބޮޑު ގެއްލުމެއް"ގެ ގޮތުގައެވެ.
އިނގިރޭސި ވިލާތް، ފްރާންސް، ޖަރުމަނު، ކެނެޑާ އަދި ޖަޕާން ހިމެނޭހެން އެމެރިކާގެ ބައެއް ބައިވެރިންވެސްވަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔައި، މީގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށާއި މުވައްޒަފުންނަށް ބޮޑެތި އަސަރުތަކެއްކޮށްފާނެކަމުގެ އިންޒާރުދީފައެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އިއުލާނުކުރީ ބައިނަލްއަގުވާމީ ގާނޫނީ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، އައި.ސީ.ސީގެ ކުރީގެ ގާޒީ، ނާވީ ޕިއްލޭއަށް މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު އަރުވައިފައިވަނިކޮށް، އޭގެ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައެވެ.
މިހާރު އުފެދޭ މައިގަނޑު ސުވާލަކީ ބާރުގަދަ ސަރުކާރުތަކުގެ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކޯޓަށް ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރުމަށްޓަކައި، އައި.ސީ.ސީގެ މެންބަރު ގައުމުތަކުން އެކަށީގެންވާ މިންވަރަކަށް މާލީ، ޓެކްނޮލޮޖީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން އެ ކޯޓަށް ފޯރުކޮށްދޭނެތޯ ނުވަތަ ނޫންތޯއެވެ.



advertisment