އީރާނަށް ތާއީދުކުރާ ޔަމަންގެ ހޫތީން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގެ އެއާޕޯޓަށް ދެމުންދާ ހަމަލާތައް ތިން ވަނަ ދުވަހަކަށް ދަންމައިލައިފިއެވެ.
ހޫތީން ބުނީ އިއްޔެގެ ހަމަލާ އަމާޒުކުރީ ރަސްގެފާނު ހާލިދަށް ނިސްބަތްވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށްކަމަށެވެ. ސައޫދީން ބުނީ އެ ބެލިސްޓިކް މިސައިލް އިންޓަސެޕްޓްކުރިކަމަށެވެ.
އެއާޕޯޓް މިއަދު އޮތީ ބަންދުކޮށްފައެވެ. އަދި ބައެއް އެއާލައިންތަކުންވަނީ ފްލައިޓްތައް ކެންސަލްކޮށްފައެވެ.
އަލްޖަޒީރާ އާއި ރޮއިޓާސް ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން ދުވަހުގެ ހަމަލާތަކުގައި 14 މީހުން މަރުވެއްޖެއެވެ.
ހަކަތައާ ބެހޭ ސައުދީގެ މުހިންމު އިންވެސްޓްމެންޓް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައޫދީގެ ހަކަތައާ ބެހޭ ވަޒީރު ޝެހެޒާދު އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ ހޫތީންނަށް ހަރުކަށި ރައްދެއް ދޭނެކަމަށެވެ.
"އަހަރެމެން ދޭ ޖަވާބުވެސް ވަރުގަދަވާން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޑިޕްލޮމެސީގެ މަގު އިހްތިޔާރުކުރުމަށް އީރާނުން އިލްތިމާސްކުރިއެވެ.
"ސިޔާސީ ހައްލެއްގެ ބަދަލުގައި އަސްކަރީ ގޮތުން ފިޔަވަޅު އަޅައިފިނަމަ މަސްރަހު އިތުރު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓޭނެ،" އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވިއެވެ.
އީރާނުން ބުނީ ސައޫދީ އާއި ހޫތީންގެ ދެމެދުގައި މަޝްވަރާތައް ބާއްވަން މަގުފަހިކޮށްދީފާނެކަމަށެވެ.
ސައޫދީގެ އަމާޒުފަތްގަނޑުތަކަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލައި، ހޫތީންވަނީ އެ ޖަމާއަތުގެ އަސްކަރީ ހަރަކާތްތަކުގެ ދިފާއުގައި ވާހަކަދައްކައިފައެވެ. ނަމަވެސް ހޫތީން ދައްކާ ސަބަބުތައް މިނިވަން ގޮތެއްގައި ކަށަވަރުކުރެވިފައެއް ނުވެއެވެ.
ސައޫދީ އާއި ސަރަހައްދީ އިއްތިހާދީންވަނީ މި ހަމަލާތަކަކީ މަސްރަހު ނުރައްކާތެރި ދަރަޖައަކަށް ގޯސްކުރުންކަމަށް ސިފަކޮށް، ހަމަލާތައް ކުށްވެރިކޮށްފައެވެ.



advertisment